އިސްތިޢާޛާގެ މާނަ
ޢަރަބި ބަހުގައި الاِسْتِعَاذَة ގެ މާނައަކީ: ރައްކާތެރިކަމަށް އެދުމެވެ.
މި ތަނުގައި الاِسْتِعَاذَة ގެ މުރާދަކީ ކީރިތި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން أَعُوْذُ بِاللهِ مِنَ الشّيطَانِ الرَّجِيْمِ މިފަދައިން ކިޔުމެވެ. [1]
މާނައަކީ: ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި، ﷲގެ ރައްކާތެރިކަމަށް އެދި މިއަޅާ ދަންނަވަމެވެ.
ކީރިތި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން أَعُوْذُ بِاللهِ مِنَ الشّيطَانِ الرَّجِيْمِ ކިޔަނީ: ކީރިތި ޤުރުއާން ކިޔަވައި އޭގެ މާނައާ މެދު ވިސްނައި އަދި އެއަށް އަމަލުކުރުމުން އެއްކިބާ ކުރަން ޝައިޠާނާ މަސައްކަތް ކުރާތީ، އޭނާގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމަށެވެ. [2]
އިސްތިޢާޛާ ކިޔުން ޝަރުޢުކުރައްވާފައިވާކަމުގެ ދަލީލު
ކީރިތި ޤުރުއާން ފެށުމުގެ ކުރިން އިސްތިޢާޛާ ކިޔުމަކީ ޝަރުޢުކުރައްވާފައިވާ ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَإِذَا قَرَأْتَ الْقُرْآنَ فَاسْتَعِذْ بِاللَّـهِ مِنَ الشَّيْطَانِ الرَّجِيمِ﴾ [سورة النحل ٩٨]
މާނައީ: “ފަހެ ކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާނަމަ، ރަޙްމަތުން ބޭރުކުރައްވާފައިވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުން އެދި، ﷲގެ ރައްކާތެރިކަމަށް އެދި ދަންނަވާށެވެ.”
އިސްތިޢާޛާގެ ޞީޣާ
އިސްތިޣާޛާގެ މާނަ ދޭހަވާ ޞީޣާތަކެއް އެކި ޤާރީން ޛިކުރުކުރައްވައެވެ. [3]
އިސްތިޢާޛާ ކިޔުމަށް ކީރިތި ޤުރުއާނުގައި އައިސްފައިވާ އަމުރުފުޅާ އެންމެ ގާތް ޞީޣާއަކީ: أَعُوْذُ بِاللهِ مِنَ الشّيطَانِ الرَّجِيْمِ އެވެ. [4]
އިސްތިޢާޛާގެ ޙުކުމް
ކީރިތި ޤުރުއާން ކިޔަވަން ފެށުމުގެ ކުރިން އިސްތިޢާޛާ ކިޔުމަކީ ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މުސްތަޙައްބުކަމެކެވެ.
[1] ބައްލަވާ: شرح تحفة الأطفال للشيخ محمد مصطفى بلال (ص: 13).
[2] ބައްލަވާ: تفسير القرطبي (10/175) وتفسير السعدي (ص: 449).
[3] ބައްލަވާ: آداب حملة القرآن للنووي (ص: 81) وشرح تحفة الأطفال للشيخ محمد مصطفى بلال (ص: 14).
[4] ބައްލަވާ: غاية المريد لعطية قابل نصر (ص: 44).