ކުޑަ ކުފުރަކީ ކުފުރުގެ ނަމުން ނަން ދެއްވާފައިވާ ފާފަތަކުގެ ތެރެއިން މިއްލަތުން ބޭރުނުވާ ކުފުރެވެ. އެއީ މިޘާލަކަށް ނިޢުމަތްތަކަށް ކާފިރުވުމެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.
﴿وَضَرَبَ اللَّـهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّـهِ فَأَذَاقَهَا اللَّـهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ﴾ [سورة النحل ١١٢]
މާނައީ: “އަމާންވެ، ހިތްހަމަޖެހިގެންވާ ރަށެއްގެ މިޘާލުން، ﷲ މިޘާލެއް ޖެއްސެވިއެވެ. ކޮންމެ ދިމާޔަކުން ތަނަވަސްވެގެންވާ ގޮތުގައި، އެ ރަށަށް ރިޒުގު އާދެއެވެ. ދެން ﷲ ގެ ނިޢުތްތަކަށް އެ ރަށުގެ މީހުން ކާފިރުވިއެވެ. ދެން އެއުރެން ކޮށްއުޅުނު ކަންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި، ބިރުވެރިކަމުގެ ފޭރާންލައްވައި، އެކަމުގެ ރަހަ އެއުރެންނަށް ﷲ ދެއްކެވިއެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ﴾ [سورة إبراهيم ٣٤]
މާނައީ: ހަމަކަށަވަރުން އިންސާނާއަކީ އަނިޔާވެރިވުން ބޮޑު، (ނިޢުމަތްތަކަށް) ކުފުރުވުން ގިނަ މީހެކެވެ.”
ފިލާވަޅުގެ އިރުޝާދުތައް
* ކުޑަ ކުފުރަކީ ކީރިތި ޤުރުއާނާއި ސުންނަތުގައި އެއީ ކުފުރެއްކަމަށް ނަން ދެއްވާފައިވާ ފާފަތަކުގެ ތެރެއިން، ބޮޑު ކުފުރަށް ނުވާ ކަންތައްތަކެވެ. އޭގެ މިޘާލަކީ ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމާއި ނިޢުމަތްތަކަށް ކާފިރުވުމެވެ.
* ނިޢުމަތްތަކަށް ކާފިރުވުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އަދި އޭގެން ދަލީލު ކުރަނީ އެކަން ކުރާ މީހާގެ އީމާންކަމުގެ ބަލިކަށިކަމަށެވެ. އެހެނަސް އެފަދަ މީހަކު އެކަމުގެ ސަބަބުން އިސްލާމްދީނުން ބޭރު ނުވާނެއެވެ.
ސުވާލުތައް
1- ކުޑަ ކުފުރަކީ ކޮބާ ހެއްޔެވެ؟
2- ކުޑަ ކުފުރަށް އަރައިގަންނަ މީހާ އެކަމުގެ ސަބަބުން އިސްލާމްދީނުން ބޭރު ވާނެ ހެއްޔެވެ؟
3- މުޙައްމަދު صلى الله عليه وسلم ގެ ރިސާލަތް ދޮގުކޮށްފިމީހާގެ ކިބައިގައި އެވަނީ ބޮޑު ކުފުރު ހެއްޔެވެ؟ ނުވަތަ ކުޑަ ކުފުރު ހެއްޔެވެ؟
= ނުނިމޭ =
_____________________________