[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝައިޠާނާގެ ބައިވެރިންގެ ތެރެއިން ނުވަމާތޯއެވެ!

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިދުނިޔޭގެ ހަޔާތަކީ އަޅުގަނޑުމެންނަށް ހުރި ބޮޑު އިމްތިޙާނެކެވެ. މިއިމްތިޙާނުން ފާސްވެ ސުވަރުގޭގެނިޢުމަތް ލިބޭ މީހުންނަކީ ކާމިޔާބުގެ އަހުލުވެރިންނެވެ. އެބައިމީހުންނީ ހަވާނަފުސާއި ޝައިތާނާގެ މައްޗަށް ކާމިޔާބު ހޯދި މީހުންނެވެ.

ދަންނާށެވެ! ޝައިޠާނާ ރެޔާއިދުވާލު މަސައްކަތް ކުރަމުންދަނީ އޭނާގެ ވަޢުދާ އެއްގޮތަށް މީސްތަކުން މަގުފުރެއްދުމުގައެވެ. ނުބައިކަންތަކަށް ގޮވައިލާ އެކަންތަކަށް މީސްތަކުން ލެންބުވުމުގައެވެ. ﷲ ލައުނަތް ލައްވާފައިވާ ޝައިޠާނާގެ ބަސް ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވާ އާޔަތް ނިކަން އަޑުއައްސަވާށެވެ! ޤުރުޢާނުގައި ﷲ ތަޢާލާ ވަހީކުރައްވަނީ.  لَّعَنَهُ اللَّـهُ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا (އައްނިސާ: 118) “ﷲ ވަނީ، ޝައިޠާނާއަށް ލަޢުނަތް ލައްވާފައެވެ. އެ ޝައިޠާނާ ބުންޏެވެ. އިބަރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ކަނޑައެޅިގެންވާ ބަޔެއް، ހަމަކަށަވަރުން، ތިމަން މަގުފުރައްދާ ހުށީމެވެ.”  قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ ﴿١٦﴾ ثُمَّ لَآتِيَنَّهُم مِّن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَن شَمَائِلِهِمْ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ ﴿١٧﴾ “އެކަލޭގެ(ޝައިތާނާ) ދެންނެވިއެވެ. އިބަރަސްކަލާނގެ ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެއުރެން އިބަރަސްކަލާނގެ ތެދުމަގަށް ވާޞިލުވުމަށް ހުރަސް އަޅާހުށީމެވެ.(16)ދެން އެއުރެންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެއުރެންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެއުރެންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރުކުރާ މީހުން ކަމުގައި އިބަރަސްކަލާނގެ ދެކެވޮޑިއެއް ނުގަންނަވާނޫއެވެ.(17)”- (އަލްޢަޢްރާފް)

.ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ޝައިޠާނާގެ މަޤްޞަދު އަޅުގަނޑުމެންނަށް އެނގޭ އިރުވެސް އޭނާއަށް އަޅުގަނޑުމެން އެއްބާރުލުން ދެނީ ކީއްވެ ހެއްޔެވެ؟ ހަމަކަށަވަރުން އޭނާގެ ގޮވުންތަކަށް ބޯލަނބާމީހުންނަކީ،  އެބައިމީހުންގެ ނަފްސު ހަލާކުގެ ތެރެއަށް އެއްލާލާ މީހުންނެވެ. އެކަންބަޔާންކުރައްވައި ޤުރުއާނުގައި ﷲ ތަޢާލާ ވަހީކުރަޢްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ وَمَن يَتَّبِعْ خُطُوَاتِ الشَّيْطَانِ فَإِنَّهُ يَأْمُرُ بِالْفَحْشَاءِ وَالْمُنكَرِ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ مَا زَكَىٰ مِنكُم مِّنْ أَحَدٍ أَبَدًا وَلَـٰكِنَّ اللَّـهَ يُزَكِّي مَن يَشَاءُ وَاللَّـهُ سَمِيعٌ عَلِيمٌ ﴿٢١﴾ “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަނުވާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތަބަޢަވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ ޝައިޠާނާ ހުތުރުކަންބޮޑު ފާފައާއި، ނުބައިކަންތަކަށް އަމުރުކުރެތެވެ. އަދި ﷲ ގެ ފަޟްލަވަންތަކަމާއި، އެކަލާނގެ ރަޙުމަތްވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމަ، ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް، ދުވަހަކުވެސް ފާފަތަކުން ޠާހިރުވެ ސާފެއްނުވީހެވެ. އެހެނެއްކަމަކު، ﷲ، އެކަލާނގެ އިރާދަކުރައްވާ މީހަކު ޠާހިރު ކުރައްވައި، ސާފުކުރައްވަތެވެ. ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” (އައްނޫރު: 21) لَّمَن تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنكُمْ أَجْمَعِينَ “އެއުރެންގެ ތެރެއިން ކަލެޔަށް ތަބަޢަވީ މީހުންނާއި، ތިޔަ އެންމެން އަޅުއްވައި، ތިމަންރަސްކަލާނގެ ނަރަކަ ފުރުއްވާހުށީމެވެ.(އަލް އަޢްރާފް: 18)

ޝައިތާނާގެ އެއްމެބޮޑު މަޤްޞަދަކީ ތައުހީދުގެ އަހުލުވެރިން، އެތައުހީދުން އެއްކިބާކޮށް ޝިރުކުގެ ތެރެއަށް ވެއްދުމެވެ. އެހެނީ ޝިރުކަކީ މީހާ ނަރަކަވަންތަވެރިއެއް ކަމުގައި ވުމުގެ އަޞްލެވެ. ޝިރުކުގެ ފާފަތައްނޫން ހުރިހާފާފަތަކެއް ﷲ ތަޢާލާ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ފުއްސަވާދެއްވާނެކަމަށް ޤުރުޢާނުގައި އަންގަވާފައިވެއެވެ. إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا﴿٤٨﴾ “ހަމަކަށަވަރުން، ﷲ، އެކަލާނގެއަށް ޝަރީކު ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. އަދި، ﷲ އަށް ޝަރީކު  ކުރާމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ބޮޑުވެގެންވާ ފާފައަކަށް އަރައިގެންފިކަން ކަށަވަރެވެ.(އައްނިސާ: 48)

ލޮބުވެތި އަޚުންނާއި އުޚްތުނޭވެ! ޝައިޠާނާއާމެދު ސަމާލުވެ، އޭނާގެ ބައިވެރިންތަކެއް ކަމުގައި ނުވުމަށް އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވަމާ ހިނގާށެވެ! ފާހިޝްކަންތަކާއި ނުބައިކަންތަކަށް ގޮވައި، އެކަންތަކަށް ބާރުދޭނީ ޝައިޠާނާގެ ބައިވެރިން ކަމުގައި މެނުވީ ނުވާނެއެވެ. އަދި ރާއްޖެ މިފަދަ ނާޒުކު ޙާލަތަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި، ތައުހީދާއި ޝިރުކާއި ބެހޭގޮތުން އިތުރަށް މަޢުލޫމާތު ހޯދައި އަޅުގަނޑުމެންގެ ނަފްސުތަކާއި، މި ދިވެހި މުޖުތަމަޢު އެކަންތަކުން ޠާހިރުކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމާ ހިނގާށެވެ!