[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުފަންވާ ކުއްޖާގެ ޙުކުމްތަކާ ގުޅޭ 43 ފައިދާ – 2

3- ތުއްތު ދަރިފުޅު އުފަންވުމުގެ މާކުރިން އިސްލާމްދީންވަނީ އެކުއްޖާގެ ކަންކަމުގައި ޖާމިނުވެފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް އެކުއްޖާއަށް ޞާލިޙު މަންމައެއް ހޯދައިދިނުމަށް އެކުއްޖާގެ ބައްޕައަށް އަމުރުކުރައްވާފައިވެއެވެ. އަދި އެ ކުއްޖާގެ މަންމަ ބަލިވެއިންނަ ދުވަސްތަކުގައިވެސް އަޅާލުމާއި އޯގާތެރިކަން ދިނުމަށް ބާރުއަޅުއްވައެވެ. އަދި އެކުއްޖާގެ ދިރިހުރުމުގެ ޙައްޤަށް ރައްކާތެރިވުމުގެ ގޮތުން ބަނޑުގައިވަނިކޮށް އެކުއްޖާ ވައްޓާލުން ޙަރާމްކުރެއްވިއެވެ. އަދި (ރޯދަ ހިފުމަށް ޢުޛުރުވެރިވާނަމަ) ރަމަޟާން މަހު ރޯދަ ދޫކޮށްލުމުގެ ލުއިކަން މާބަނޑު އަންހެނާއަށް ދެއްވާފައިވެއެވެ. އަދި އެކުއްޖާ މަރާލާ މީހާ، އެކުއްޖާގެ މަރުގެ ދިޔަދިނުން ވާޖިބުކުރެއްވިއެވެ. އަދި އަންހެން މީހާއަކީ ޒިނޭކޮށްގެން މާބަނޑުވެފައިވާ މީހެއްކަމުގައި ވިޔަސް ކުއްޖާ ވިހަންދެން އަދި ކިރުތުބުން ވީއްލެންދެން ޙައްދު ޤާއިމުކުރުން ފަސްކޮށްލައެވެ.

އެއަށްފަހު، ކުއްޖާ އުފަންވުމުން އެކުއްޖާ ދުނިޔެއަށް އައިކަމަށްޓަކައި އުފާކުރުމަށާއި، އެކުއްޖާގެ ކަންފަތްދޮށުގައި ބަންގި ގޮވުމަށް އިރުޝާދު ދެއްވައެވެ. [1] އަދި އެކުއްޖާ ތަޙްނީކުކުރުން ސުންނަތެއްކަމުގައި ލެއްވިއެވެ. އަދި ކުއްޖާގެ ބައްޕައަށް އެކުއްޖާ ނިސްބަތްކުރުމާއި، ރީތި ނަމެއް ކިޔުމަށާއި، ޢަޤީޤާ ކަތިލުމާއި، ބޯބާލައި ބޮލުގެ އިސްތަށީގެ ބަރުދަނަށްވާ ވަރަށް (ރިހިން އަގުކޮށް) ޞަދަޤާތްކުރުމާއި، ޚިތާނަކުރުމާއި، ކިރުދިނުން ފުރިހަމަކުރުމާ އަދި ކުއްޖާގެ ޙަޟާނަތާއި (ބެލެހެއްޓުމާއި) ، ޚަރަދުކުރުމާއި، އެކުއްޖާއާއި އެކުއްޖާގެ އަޚުންނާމެދު ޢަދުލުވެރިވުމާ އަދި ޞިއްޙީގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ ކުއްޖެއްކަމުގައި ހެދުމަށް އިސްލާމްދީނުގައި އަންގަވާފައިވެއެވެ.

ތަރިކައާއި ވަޞިއްޔަތާއި ހިބައާއި ވަޤްފާއި އަދިވެސް މިނޫން ކަންކަން އެކުއްޖާގެ ޙައްޤުގައި (މައިންބަފައިންނާއި ބެލެނިވެރިންނަށް) ހަވާލުކުރައްވާފައިވެއެވެ.

4- މަންމައާއި ބައްޕަގެ މައްޗަށް ތުއްތު ދަރިފުޅަށް އަދާ ކޮށްދޭން ޖެހޭ އެންމެ މަތިވެރި ޙައްޤަކީ: ރިވެތިވެގެންވާ ތަރުބިއްޔަތަކާއެކު ﷲގެ ފޮތާއި ރަސޫލާ صلى الله عليه وسلمގެ ސުންނަތާއި އެއްގޮތަށް ކުއްޖާ ތަރުބިއްޔަތުކުރުމެވެ. އަދި އެކުއްޖާ ބެލެހެއްޓުމާއި އިސްލާމީ ރިވެތި ތަރުބިއްޔަތުން ތަރުބިއްޔަތުކޮށް މަކާރިމުލް އަޚްލާޤާއި ރިވެތި އަދަބުތައް ކުއްޖާއަށް ދަސްކޮށްދިނުމެވެ. އަދި އީމާންތެރިކަން ކުއްޖާގެ ކިބައިގައި އަށަގެންނެވުމާއި ﷲ އަށް އަޅުވެތިވުމާއި އަޚްލާޤީ ގޮތުންނާއި ވިސްނުމުގެ ގޮތުންނާއި ޞިއްޙީ ގޮތުންނާއި ނަފްސާނީ އަދި އިޖްތިމާއީ ގޮތުންވެސް ކުއްޖާ ތަރުބިއްޔަތު ކުރުމެވެ. އަދި ސުވަރުގެ ޙާޞިލުކުރުމަށާއި ނަރަކައިން ކުއްޖާ ސަލާމަތްކުރުމަށްޓަކައި ސީދާވެގެންވާ މަގުގައި ކުއްޖާ ހިފެހެއްޓުމެވެ. ﷲ ތަޢާލާ ވަޙީކުރައްވެއެވެ.

(یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ قُوۤا۟ أَنفُسَكُمۡ وَأَهۡلِیكُمۡ نَارࣰا وَقُودُهَا ٱلنَّاسُ وَٱلۡحِجَارَةُ) (ސޫރަތުއްތަޙްރީމް 6)

މާނަ: “އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ نفس ތަކާއި، ތިޔަބައިމީހުންގެ أهل ވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ.

އާޔަތުގެ މުރާދަކީ:  އެބައިމީހުންނަށް ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން މަނާކުރުމެވެ. އަދި އެބައިމީހުންނަށް އުނގަންނައިދިނުމާއެކު އަދަބުވެރިކުރުވުމެވެ. އަދި (އެ ޢިލްމުގެ ސަބަބުން) ނަރަކައިގެ އަޒާބަށް ބިރުވެތި ކުރުވުމެވެ.[2]


މިލިޔުމުގެ އެހެންބައިތައް

[1] މިމައްސަލާގައި ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ވެއެވެ. މިކަމަކީ ޝަރުޢުކުރައްވާފައިވާކަމެއް ނޫންކަމަށް ބުރަވެވަޑައިގަންނަވާ ޢިލްމުވެރިން ބުރަވެވަޑައިގަންނަވާ ގޮތުގައި މިކަން ކުރުމަށް ޞައްޙަ ޙަދީޘެއް ވާރިދުވެފައި ނުވެއެވެ.

[2]  ينظر: تفسير البغوي  (8/169)