ޙަރާމް ގަހަނާއިން ޒަކާތްދިނުން
ފިރިހެނުން އަޅާ ރަންފަދަ ޙަރާމްގޮތެއްގައި ބޭނުންކުރާ ގަހަނާއިން ޒަކާތްދޭންޖެހޭނެއެވެ. މިކަމުގެ ދަލީލަކީ އިޖްމާޢުއެވެ. އައްޝާފިޢީ([1]) އާއި، އައްރާފިޢީ([2]) މިގޮތަށް އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ.
ވިޔަފާރި ކުރުމަށްޓަކައި ގެންގުޅޭ ގަހަނާއިން ޒަކާތްދިނުން
ވިޔަފާރިކުރުމުގެ ނިޔަތުގައި ގެންގުޅޭ ގަހަނާއިން ޒަކާތް ވާޖިބުވާނެއެވެ. އެ ވިޔަފާރިކުރާމީހަކީ ފިރިހެނެއްކަމުގައިވީނަމަވެސް، އަދި އަންހެނެއްކަމުގައިވީނަމަވެސްމެއެވެ. މިކަމުގެ ދަލީލަކީ އިޖްމާޢުއެވެ. އިބްނު ޖުޒިއްޔު([3]) އާއި، އަލްޚަރަޝީ([4]) މިގޮތަށް އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ.
ހުދު ރަނުން ޒަކާތްދިނުން
ފުރަތަމަ މަޠްލަބު؛ ހުދު ރަނުގެ ތަޢުރީފު
ހުދު ރަނަކީ: ރަނާއި ޕުލޭޑިއަމް([5]) އެއްކޮށްގެން ހަދާ ރަނެވެ. މިގޮތުން 21 ކެރެޓުގެ ރަނުގެ ހަބައިކުޅަ އެއްބަޔަށް ވާވަރަށް ރިހި، ނުވަތަ ޕުލޭޑިއަމް ނުވަތަ ރޯޑިއަމް،([6]) ނުވަތަ މީގެ ދެ ވައްތަރެއްގެ މަޢުދަން އެކުގައި އެއްކޮށްގެން ހަދާ ރަނެވެ. މި އެއްކުރުންތަކުން 18 ކެރެޓުގެ ހުދު ރަން ނުކުންނާނެއެވެ.([7])
ދެވަނަ މަޠްލަބު؛ ހުދު ރަނުން ޒަކާތްދިނުމުގެ ޙުކުމް
ހުދު ރަނާމެދު ޝަރުޢީ އެންމެހާ ޙުކުމްތަކެއްގައި ޢަމަލުކުރާނީ؛ ޢާއްމުކޮށް ބޭނުންކުރާ ރަންކުލައިގެ ރަނާ މުޢާމަލާތުކުރާ ފަދައިންނެވެ. އެއީ ޒަކާތުގައި ކަމަށްވީނަމަވެސް، ނުވަތަ އެނޫން ކަމެއްގައި ވީނަމަވެސްމެއެވެ. (ކުވައިތުގެ ޒާކާތުގެ ޙުކުމްތައް ކަނޑައަޅުއްވާ) “الهَيْئَةُ الشَّرْعِيَّةُ لِبَيْتِ الزَّكَاةِ الكُوَيْتِي”([8]) އިން މިގޮތަށް ޤަރާރު ނެރުއްވާފައިވެއެވެ. އަދި (ސަޢޫދިޢަރަބިއްޔާގެ ފަތުވާ ކޮމެޓީ) “اللَّجْنَةُ الدَّائِمَةُ بِالسُّعُوْدِيَّةِ”([9]) އިންވެސް މިގޮތަށް ޤަރާރު ނެރުއްވާފައިވެއެވެ.
މިގޮތަށް ޤަރާރު ނެރުއްވާފައި އެވަނީ؛ ރަންކުލައިގެ ރަނަށް އެހެން މަޢުދަނެއް މަސްހުނިކޮށްފައި ވާތީއެވެ. މިކަމުގެ ސަބަބުން އެއަށް ހުދުކުލަ އަންނަނީއެވެ. އަދި އެ ރަނުގެ ނަން ހުދު ރަނުގެ ގޮތަށް ކިޔަނީއެވެ. ޙުކުމުގައި އެއްވެސް ތަފާތެއް ނުހުންނާނެއެވެ.([10])
ރަނާއި ރިހީގެ ކަންވާރުން ޒަކާތްދިނުން
ނިޞާބު ހަމަވެއްޖެނަމަ، ރަނާއި ރިހީގެ ކަންވާރުން ޒަކާތްދިނުން ވާޖިބުވެގެންވެއެވެ. މިކަމުގެ ދަލީލަކީ އިޖްމާޢުއެވެ. އިބްނު ޢަބްދުލްބައްރު([11]) އާއި، އަންނަވަވީ([12]) އާއި، އަލްޚަރަޝީ([13]) މިގޮތަށް އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ.
އެހެން މަޢުދަނަކާ އެއްކޮށްފައި ހުންނަ ރަނާއި ރިހިން ޒަކާތް ދެއްކުން
ދިރުހަމް، ނުވަތަ ދީނާރު، ނުވަތަ ގަހަނާ؛ ލޮއިފަދަ އެއްޗަކާ އެއްކޮށްފައިވާނަމަ، އެ އެއްޗެއްގައި ހިމެނޭ ރިއްސާއި ރަނުގެ މިންވަރުގައި ޒަކާތްދިނުމުގެ ނިޞާބު ހަމަވެއްޖެނަމަ، އެފަދަ އެއްޗަކުން ޒަކާތް ވާޖިބުވާނެއެވެ. މިކަމުގެ ދަލީލަކީ އިޖްމާޢުއެވެ. އިބްނުލް މުންޛިރު([14]) އާއި، އިބްނު ޙަޒްމް([15]) މިގޮތަށް އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ.
ޖަވާހިރުފަދަ އަގުބޮޑެތި އެހެން މަޢުދަންތަކުން ޒަކާތް ދެއްކުން
އަގުބޮޑެތި ޖަވާހިރުގެ ތެރޭގައި ހިމެނޭ ޔަޤޫތާއި، އިތާމުތާއި، އަގުބޮޑެތި ހިލައިން، އެތަކެތި ވިޔަފާރީގެ ގޮތުގައި ބޭނުންނުކުރާނަމަ، ޒަކާތް ދިނުމެއް ނެތެވެ. އެތަކެތި ކިތަންމެ ރީތިވެފައި، އަގުބޮޑުވިނަމަވެސްމެއެވެ.
ދަލީލުތައް؛
ފުރަތަމައީ؛ އިޖްމާޢުން
އަގުބޮޑެތި ޖަވާހިރުގެ ތެރޭގައި ހިމެނޭ ތަކެތިން ޒަކާތްދޭންނުޖެހޭކަމަށް، އިބްނު ޢަބްދުލްބައްރު([16]) އާއި، އިބްނު ޤުދާމާ([17]) އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ.
ދެވަނައީ؛ (ވިޔަފާރީގެގޮތުން ފިޔަވައި) އެގޮތަށް ހަދާފައި ހުންނަ ތަކެއްޗެއް ވާނީ އަމިއްލަ ބޭނުންކުރުމަށްޓަކައި ވާ އެއްޗެއްގެ ގޮތުގައެވެ. އެއީ؛ މަސައްކަތްކުރުމަށް ބޭނުންކުރާ ޖަމަލު އަދި ގެރިފަދަ ތަކެތީގެ ޙުކުމުގައެވެ.([18])
______________________________
([1]) އަންނަވަވީ ވިދާޅުވިއެވެ. “އައްޝާފިޢީ އާއި އެކަލޭގެފާނުގެ އަޞްޙާބުންވިދާޅުވިއެވެ. ފަހެ، ރަނާއިން ރިހިން ހަދާފައިވާ ގަހަނާއާއި އެނޫންވެސް (ރަނާއި ރިހިން ހަދާފައިވާ) އެހެން އެއްޗެއްނަމަވެސް، އިސްތިޢުމާލުކުރުން ޙަރާމް ނުވަތަ މަކްރޫހަ ޙުކުމެއްގައިވާ އެއްޗެއްކަމުގައިވާނަމަ، އެ އެއްޗަކުން ޒަކާތް ވާޖިބުވުމާމެދަކު ޚިލާފެއްނެތެވެ. އަދި އެކަމުގެ މައްޗަށް އެބޭފުޅުން މުސްލިމުންގެ އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ.” ((المجموع)) (6/35)
([2]) އައްރާފިޢީ ވިދާޅުވިއެވެ. “(ރަނާއި ރިހީގެ ތެރެއިން ބޭނުންކުރުން) ޙަރާމް އެއްޗެހި ދަންނައެވެ. ފަހެ، އިޖްމާޢުން (ސާބިތުވާގޮތުން) އެ އެއްޗަކުން ޒަކާތް ނެރުން ވާޖިބުވާނެއެވެ.” ((الشرح الكبير)) (6/23)
([3]) އިބްނު ޖުޒިއްޔު ވިދާޅުވެފައިވެއެވެ. “ރަނާއި ރިހީގެ ގަހަނާ ހަތަރު ބަޔަކަށް ބެހެއެވެ… ދެވަނައީ: ވިޔަފާރިއަށް ގެންގުޅޭ ގަހަނާއެވެ. ފަހެ، އިޖުމާޢުން (ސާބިތުވާގޮތުގައި) މި ގަހަނާއިން ޒަކާތް ދައްކަންޖެހޭނެއެވެ.” ((القوانين الفقهية)) (ص: 69)
([4]) ((شرح مختصر خليل)) للخرشي (2/183).
([5]) ޕުލޭޑިއަމް (Palladium) އަކީ: އެޓޮމިކް ނަންބަރު 46 ގައި ވާ، ރިހި ހުދުކުލައިގެ، މަދުން ނޫނީ ނުފެންނަ، ޕުލެޓިނަމް މަޢުދަނާ ވައްތަރުގެ މަޢުދަނެކެވެ. (މުތަރުޖިމު)
([6]) ރޯޑިއަމް (Rhodium) އަކީ: އެޓޮމިކް ނަންބަރު 45 ގައި ވާ، ރިހި ހުދުކުލައިގެ ހަރު މަޢުދަނެކެވެ. މި ވައްތަރުގެ މަޢުދަން ޢާއްމުކޮށް ފެންނަނީ ޕުލެޓިނަމްއާއެކުގައެވެ. (މުތަރުޖިމު)
([7]) ((الذهب)) لصلاح يحياوي (ص: 80)، ((أحكام وفتاوى الزَّكاة والصدقات والنذور والكفارات)) ((فتاوى الهيئة الشرعية)) (ص: 29).
([8]) ((أحكام وفتاوى الزَّكاة والصدقات والنذور والكفارات)) ص29، ((قضايا الزَّكاة المعاصرة – الندوة السادسة)) (ص 301).
([9]) اللَّجْنَةُ الدَّائِمَةُ ގެ ފަތުވާގައިވެއެވެ. “ރަން އެހެން މާއްދާއަކާ އެއްކުރެވުނުނަމަވެސް އޭގެ ޙުކުމަކަށް ބަދަލެއް ނާންނާނެއެވެ. މިގޮތުން؛ ރަނާއި ރަން ބަދަލުކުރާއިރު ތަފާތުކުރުން ޙަރާމްވާނެއެވެ. އަދި ރަނާއި ރަން ބަދަލުކުރާއިރު، ނުވަތަ ރަނާއި ރިއްސާ ބަދަލުކުރާއިރު، ނުވަތަ ރަނާއި ފައިސާއާ ބަދަލުކުރާއިރު؛ އެއް މަޖިލީހެއްގައި އެކަން ކުރުން ވާޖިބުވެގެންވެއެވެ. އަދި އެފަދަ ރަނެއް އެޅުން ފިރިހެނުންނަށް ޙަރާމްވާނެއެވެ. އަދި އެފަދަ ރަނަކުން ކާބޯތަށިތައް ހެދުންވެސް ހުއްދައެއް ނުވާނެއެވެ. ހުދު ރަނޭ ކީކަމުގައިވީނަމަވެސް ރަނުގެ ޙުކުމަކުން ބޭރެއް ނުވާނެއެވެ.” ((فتاوى اللجنة الدائمة- المجموعة الأولى)) (24/61).
([10]) ينظر: ((فتاوى اللجنة الدائمة- المجموعة الأولى)) (24/60).
([11]) އިބްނު ޢަބްދުލްބައްރު ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވާ ގޮތުގައި؛ ރަނާއި ރިހީގެ ކަންވާރުން، އޭގައި ޒަކާތް ވާޖިބުވާ މިންވަރުގެ ބަރުދަންހުރެއްޖެނަމަ، ޒަކާތްދޭންޖެހޭނެއެވެ. އެބޭކަލުންގެ އަރިހުގައި މިޙުކުމުގެ ތެރެއަށް (އެބަހީ؛ މި އިޖުމާޢުގެ ތެރެއަށް)؛ އަންހެނުން ޒީނަތްތެރިވުމަށް ބޭނުންކުރާ ރަނާއި ރިހީގެ ގަހަނާއާއި، ރަނާއި ރިހިން ހަދާފައިވާ ކަނޑިއާއި، ގޭގައި ގެންގުޅޭ މުޞްޙަފުގައި ވާ ރަނާއި ރިހި ނުހިމެނެއެވެ. ފަހެ، މި އަޞްލަށް ހުއްޓޭށެވެ. އަދި ދެނެގަންނާށެވެ! އެބޭކަލުން އިޖުމާޢުވެފައިވާ ކަމަކީ ޝައްކެއްނެތްގޮތުގައި ޙައްޤުގޮތެވެ. އަދި އެންމެހާ ތައުފީޤެއްވަނީ ﷲގެ ޙަޟްރަތުންނެވެ.” ((التمهيد)) (16/109) އަދިވެސް ވިދާޅުވެފައިވެއެވެ. “އަދި އެ އެންމެހާ ބޭކަލުން ވަނީ އޭގެން (އެބަހީ؛ ރަނާއި ރިހީގެ ކަންވާރުން)، ރަން ނުވަތަ ރިހީގެ ނިޞާބުހަމަވެއްޖެނަމަ ޒަކާތްދޭންޖެހޭނެކަމަށް އިޖުމާޢުވެފައެވެ.” ((الاستذكار)) (8/351).
([12]) އަންނަވަވީ ވިދާޅުވިއެވެ. “އައްޝާފިޢީ އާއި އެކަލޭގެފާނުގެ އަޞްޙާބުން ވިދާޅުވިއެވެ. ފަހެ، ރަނާއިން ރިހިން ހަދާފައިވާ ގަހަނާއާއި އެނޫންވެސް (ރަނާއި ރިހިން ހަދާފައިވާ) އެހެން އެއްޗެއްނަމަވެސް، އިސްތިޢުމާލުކުރުން ޙަރާމް ނުވަތަ މަކްރޫހަ ޙުކުމެއްގައިވާ އެއްޗެއްކަމުގައިވާނަމަ، އެ އެއްޗަކުން ޒަކާތް ވާޖިބުވުމާމެދަކު ޚިލާފެއް ނެތެވެ. އަދި އެކަމުގެ މައްޗަށް އެބޭފުޅުން މުސްލިމުންގެ އިޖްމާޢު ނަޤުލުކުރައްވާފައިވެއެވެ.” ((المجموع)) (6/35)
([13]) އަލްޚަރަޝީ ވިދާޅުވިއެވެ. “«إلَّا محرَّمًا» މި ޢިބާރާތުގެ ޝަރަޙައީ؛ އެބަހީ؛ ގަހަނާއަކީ އެ ގަހަނާއެއް އެޅުން ޙަރާމް ގަހަނާއެއްނަމަ، ފަހެ، އެ ގަހަނާއިން ޒަކާތް ވާޖިބުވާނެކަމާމެދަކު އެއްވެސް ޚިލާފެއް އައިސްފައެއްނުވެއެވެ. އެ ގަހަނާއަކީ ފިރިހެނަކު އަޅާ ރަނުގެ އަނގޮޓިއެއް އަދި ތަކަހޮޅިއެއް ނަމަވެސްމެއެވެ. ނުވަތަ ރަނާއި ރިހިން ހަދާފައި ހުންނަ އަނދުންއަޅާ ދަޅާއި، އަނދުންކަށްޓެއް ނަމަވެސްމެއެވެ. ނުވަތަ އެ ދެ މަޢުދަނުން ހަދާފައި ހުންނަ ކަންވާރުން ނަމަވެސްމެއެވެ.” ((شرح مختصر خليل)) للخرشي (2/182).
([14]) އިބްނުލް މުންޛިރު ވިދާޅުވިއެވެ. “ދިރުހަމް، ނުވަތަ ދީނާރު، ނުވަތަ ގަހަނާ ލޮއިފަދަ އެއްޗަކާ އެއްކޮށްފައިވާނަމަ، އެ އެއްޗެއްގައި ހިމެނޭ ރިއްސާއި ރަނުގެ މިންވަރުގައި ޒަކާތްދިނުމުގެ ނިޞާބު ހަމަވެއްޖެނަމަ، އެފަދަ އެއްޗަކުން ޒަކާތް ވާޖިބުވާނެއެވެ.” نقلًا عن ((الإقناع في مسائل الإجماع)) لابن القطان (2/628).
([15]) އިބްނު ޙަޒްމް ވިދާޅުވިއެވެ. “އެބޭކަލުން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި؛ ދިރުހަމުގައި، ނުވަތަ ކަންވާރުގައި، ނުވަތަ ބޭނުންކުރާ ކަށިގަނޑެއްގައި ލޮޔެ ނުވަތަ އެފަދަ މަޢުދަނަކާ އެއްކުރެވިފައިވާކަމުގައިވާނަމަ، އޭގައިވާ ސާފު ރިހީގެ މިންވަރުގައި އަހަރެމެން ބުނެފައިވާ މިންވަރު ހަމަވެއްޖެނަމަ، އެ އެއްޗަކުން ޒަކާތް ވާޖިބުވާނެއެވެ… އަދި އެބޭފުޅުން އިއްތިފާޤުވެވަޑައިގެންފައިވާ ގޮތުގައި؛ ދީނާރު، ނުވަތަ ރަން އެހެން މަޢުދަނާ އެކުވެފައިވާ މަޢުދަންގަނޑު، ނުވަތަ ޖާޑިއެއްނަމަވެސް، އެހެން މަޢުދަނަކާ އެއްކުރެވިފައިވާކަމުގައިވާނަމަ، އޭގައިވާ ސާފު ރަނުގެ މިންވަރުގައި އަހަރެމެން ބުނެފައިވާ މިންވަރު ހަމަވެއްޖެނަމަ، އެ އެއްޗަކުން ޒަކާތް ވާޖިބުވާނެއެވެ.” ((مراتب الإجماع)) (ص: 35) ولم يتعقبه ابن تيمية. އަދިވެސް ވިދާޅުވެފައިވެއެވެ. “(ރިއްސާއެކު) އެހެން މަޢުދަނެއް އެއްކުރެވިފައިވާނަމަ، އެ އެއްޗެއްގެ ސަބަބުން ރިހީގެ ކުލަ ބަދަލުވެފައިވާނަމަ، ނުވަތަ ރިހީގެ މިންވަރު ދަށްވެފައިވާނަމަ، ނުވަތަ ބަރުދަން އިތުރުވެފައިވާނަމަ، އެ އެއްކުރެވިފައިވާ މަޢުދަނަކަށް ބަލާކަށްނުޖެހޭނެއެވެ. އޭގެ ސާފު ރިހީގެ ނިސްބަތުގައި ފަސް އަވާޤު ހުރެއްޖެނަމަ ޒަކާތް ދޭންޖެހޭނެއެވެ. އެހެންނޫންނަމަ، ދޭކަށް ނުޖެހޭނެއެވެ. އަދި އެއްކޮށްފައިވާ މަޢުދަނުގެ ސަބަބުން، ރިހީގެ ޞިފައަށް ބަދަލު އައިސްފައިނުވާނަމަ، އޭގެ ބަރުދަނަށް ޒަކާތް ދޭނީއެވެ. މިކޮންމެކަމަކީ އިޖްމާޢުވެފައިވާ ކަމެކެވެ.” ((المحلى بالآثار)) (4/164).
([16]) އިބްނު ޢަބްދުލްބައްރު ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން އިޖުމާޢުވެވަޑައިގެންފައިވާ ގޮތުގައި؛ ވިޔަފާރިއަށް ބޭނުންނުކުރާ؛ ރަނާއި ރިހި އޭގައި އެކުލެވިފައިވާނުވާ ގަހަނާގައި ޒަކާތެއް ނުވެއެވެ. އެއީ ޖަވާހިރާއި، ޔަޤޫތުކަމުގައި ވީނަމަވެސްމެއެވެ.” ((الاستذكار)) (3/153).
([17]) އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ. “ރަނާއި ރިހީގެ ގަހަނާގައި ޒަކާތްވެއެވެ. ޖަވާހިރުން ހަދާފައިވާ ގަހަނާ މެނުވީއެވެ. އެހެނީ، އެއްވެސް ޢިލްމުވެރިއެއްގެ އަރިހުގައި އެ ވައްތަރުގެ ގަހަނާގައި (އެބަހީ؛ ޖަވާހިރުން ހަދާފައިވާ ގަހަނާގައި) ޒަކާތެއް ނުވެއެވެ.” ((المغني)) (3/44).