ތިރީގައި މިބަޔާންކުރެވެނީ މިޖީލުގެ ކުދިން މައިންބަފައިންގެ ކިޔަމަންތެރިކަމުގެ ދަށުން ވީއްލިގެން ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބުގެ ތެރެއިން ތިންވަނަ ސަބަބެވެ. އެއީ:
3- ދަރިންގެ މައްޗަށް މައިންބަފައިންގެ ބާރު ނުހިނގުން
ބައެއް މައިންބަފައިން އެމީހުންގެ ދަރިންގެ އުޅުން އިޞްލާޙުކުރުން ދޫކޮށް، އެކުދިންގެ އަމިއްލަ ޚިޔާލަށް އަދި ބޭނުންގޮތަކަށް ނިންމުންތައް ނިންމަން ދޫކޮށްލައެވެ. މިގޮތަށް އެބައިމީހުން ކަންކުރަން މެދުވެރިވާ ސަބަބުތަކަށް އަލިއަޅުވާލާނަމެވެ.
(1) ކުޑަކުދިންނަށް އަމިއްލަ މިނިވަންކަން ދިނުމަކީ މަތިވެރި މޮޅު ގޮތެއް ކަމުގައި ދުށުން! ފަހުގެ ނަޒަރިއްޔާތަކުން މިވަނީ މިފަދަ ޝިޢާރުތައް ފަތުރަން ފަށާފައެވެ. “ކުއްޖާއަށްވެސް ވަކި ޝަޚުޞިއްޔަތަކާއި މިނިވަންކަން ލިބިގެންވެއެވެ. އޭނާގެ ޙައްޤުތަކަށް އަރައި ނުގަންނާށެވެ.” މި ޢިބާރާތްތައް ދަނީ ތަކުރާރުވަމުންނެވެ. މިފަދަ ގޮވެލިތައް ގޮވާ މީހުންވަނީ އިތުރެވެ. އަދި މިފަދަ ޢިބާރާތްތަކަށް ވަކާލާތުކުރާ މީހުންގެ އަޑުގަދައެވެ. އެމީހުން މަޝްވަރާތައް ކޮށް، މިފަތުރަން މަސައްކަތް ކުރެއެވެ. ދެން އެހެންވީމާ އަޅުގަނޑާ އެކީ ވިސްނާލަމާ ހިނގާށެވެ: ކުޑަކުޑަ ތުއްތުކުދިން އެކުދިންގެ މިނިވަންކަމަށް އެދި ގޮވަނީއެވެ! އަހަރެމެންގެ ކިޔަމަންތެރިކަމުގެ ދަށުން ނިކުންނަށް އެދޭއިރު، އެކުދިންނަށް ދުނިޔެއާއި މެދު އެނގެނީ ކޮން އެއްޗެއް ހެއްޔެވެ؟ އަހަރެމެން އެކުދިން ދޫކޮށްލައިފިނަމަ، ދުނިޔޭގެ ހެއްލުންތަކުގެ މަޅީގައި އެކުދިން ޖެހިދާނެއެވެ. އަދި މި ފަސާދަވެރި ޒަމާނުގައި އެކުދިން ހަލާކުވެދާނެއެވެ.
އަޅުގަނޑު ތިޔަ މައިންބަފައިންނާ ސުވާލުކޮށްލާނަމެވެ. ކުޑަ ދަރިފުޅަށް މިނިވަންކަން ލިބިގެންވަނީ ކޮން މިންވަރަކަށްތޯއެވެ؟ މިނިވަންކަމޭ މިބުނެވެނީ އޭނާގެ ސުލޫކުގެ މިނިވަންކަން ހެއްޔެވެ؟ ނުވަތަ އޭނާ ކުރާ ކަންކަމުގެ މިނިވަންކަން ހެއްޔެވެ؟ ނުވަތަ އޭނާގެ އެކި ގުޅުންތަކާބެހޭ މިނިވަންކަން ހެއްޔެވެ؟ އެ ދަރިފުޅަށް އޭނާ ބޭނުން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން އޮންނާނެ ހެއްޔެވެ؟ ފުރިހަމަ މިނިވަންކަން ދިނުމަށް އަހަރެމެން ގޮވާލާނަމަ، ޤުރުބާންވުމުގެ އަގަކީ ކޮބައި ހެއްޔެވެ؟ އަނެކުންނާ ދޭތެރޭ ވިސްނުން ކޮބައި ހެއްޔެވެ؟ މައިންބަފައިންނާއި ދަރިންނާ ދޭތެރޭ އޮންނަން ޖެހޭ ލޯބި ކޮބައި ހެއްޔެވެ؟ “ތިބާގެ އަމިއްލަ ނަފްސަށް ލޯބި ކުރާ ކަންތައް ތިބާގެ އަޚާއަށް ވުމަށް ލޯބިކުރާށެވެ.” މިޙަދީޘަށް ޢަމަލުކުރުން ކޮބައި ހެއްޔެވެ؟ އިޖުތިމާޢީ ގުޅުންތައް ބިނާވެފައި އޮންނަނީ ދެމީހެއްގެ ދެމެދުގައި އޮންނަ ގުޅުންތަކުގެ މައްޗަށް ކަމުގައިވާއިރު، ކުޑަ ކުއްޖާއަށް ފުރިހަމަ މިނިވަންކަން ލިބޭނީ ކިހިނެތް ހެއްޔެވެ؟ ކޮންމެ ފަރުދެއްގެ މިނިވަންކަން ނިމޭ ހިސާބަކީ އަނެކާގެ މިނިވަންކަން ފެށޭ ހިސާބެވެ.
ފުރިހަމަ މިނިވަންކަމެއް ލިބިފައިވަނީ ދުނިޔޭގައި ވާ ކޮން އިންސާނަކަށް ހެއްޔެވެ؟ އަހަރެމެން އެންމެންވެސް ދީނާއި، ރިވެތި އަދަބު އަޚުލާގާއި ސުލޫކާއި، އެމީހެއްގެ ޝައުޤުވެރިކަން ހުންނަ ކަންކަމުގައި ވަކި ޤަވާޢިދުތަކަކަށް އުޅެމެވެ. “އިލާހީ އަމުރުފުޅުތައް އަހަރެމެންގެ އުޅުން ވަކި ގޮތަކަށް ބައްޓަންކުރުވައެވެ. ރިވެތި އާދަތައް އަހަރެމެންގެ އުޅުން ވަކި ގޮތަކަށް ބައްޓަންކުރުވައެވެ. ބައެއްކުދިން ދީނީކަންކަމުގައި ހިފަހައްޓާކަށް، އަދި އެއްވެސް ރިވެތި އުސޫލެއްގައި ހިފަހައްޓާކަށް ބޭނުމެއް ނުވެއެވެ. އެކުދިން އެހުރިހާ ކަމެއް ދޫކޮށްލައެވެ.
މިނިވަންކަމުގައި އުޅޭ މީހާ އޭނާއަށް ކުރެވޭ ގޯސް ކަންތައްތަކުގެ ސަބަބުން ނިކުންނަ ނަތީޖާއާ ކުރިމަތިލާން ޖެހޭނެއެވެ. އަދި އޭނާގެ އަތުން ގެއްލުން ލިބުނު އެއްޗެއްނަމަ މަރާމާތުކުރަން ޖެހޭނެއެވެ. އަދި ހަލާކުވި އެއްޗަކަށް އަގު ދައްކަންޖެހޭނެއެވެ. މުހިއްމުކަމަކީ އޭނާގެ ނަފްސު، އެވޭން ތަޙައްމަލުކުރާނެއެވެ. އަދި އަރައިގަނެވުނު ކުށްތަކާމެދު ހިތާމަކުރާނެއެވެ. ކުޑަ ދަރިފުޅަށް މިފަދަ ކަންކަމާ ކުރިމަތިލުމުގެ ޤާބިލުކަން ލިބިފައިވޭތޯއެވެ؟! ކުޑަ ކުއްޖަކު ގޯސް ކަމެއް ކޮށްފިނަމަ، އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާއާއި ކުރިމަތި ލާންޖެހެނީ އޭނާގެ އަހުލުންނެވެ. އަދި މީހުން އެއްޗެހި ކިޔައި ހަދާނީވެސް އެމީހުންނަށެވެ. އޭގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާއި، އަދި ވޭނާ ކުރިމަތިލާނީވެސް އެމީހުންނެވެ. އެއީ މީހުންގެ ނަޒަރުގައި އެދަރިފުޅު ގޯސް މަގުން ދިޔައީ މައިންބަފައިންގެ ސަބަބުންނެވެ. އެހެންކަމުން، އެކުއްޖާ އެފަދަ ކުށްތަކަށް އަރައިގަތުން މަނާކުރުމަށްޓަކައި މަސައްކަތްކުރުމަކީ މައިންބަފައިންގެ ޙައްޤެއް ނޫންތޯއެވެ؟!
ކުޑަކުދިންނަށް މިނިވަންކަން ދިނުމުގެ ފިކުރަކީ ގޯސް ފިކުރެކެވެ. މިޢިބާރާތާމެދު ހިތްރުހިގެން ނުތިބޭށެވެ. އަދި މިތަކުރާރުވެސް ނުކުރާށެވެ. އެހެނީ، ކޮންމެ ކުއްޖަކަށް ރަނގަޅު ގޮތް ބުނެދީ، ހެޔޮމަގަށް އެޅުވުމަކީ ކޮންމެ މަންމައަކަށް ލިބިގެންވާ ޙައްޤެކެވެ. ޖާހިލު މީހާއަކީ ދޫކޮށް މިނިވަންކޮށްލެވިފައިވާންޖެހޭނެ މީހެއް ނޫނެވެ. ކުޑަކުއްޖާގެ އަމިއްލަނަފްސާމެދު އޭނާއާ ސުވާލު ނުކުރެވޭނެއެވެ. އަދި ބާލިޣު ނުވަނީސް ހިސާބު ނުބެއްލެވޭނެއެވެ. އެދަރިފުޅުގެ އުޅުމާއިމެދު، ﷲގެ ޙަޟްރަތުގައި އަދި މީސްތަކުންގެ ކުރިމަތީގައިވެސް ސުވާލުކުރެވޭނޭ ފަރާތަކީ ބެލެނިވެރިންނެވެ. އެހެންކަމުން، އެދަރިފުޅަށް ކަންކަން އުނގަންނައިދީ، އޭނާގެ އުޅުން އިޞްލާޙުކުރުމަކީ މައިންބަފައިންގެ ވާޖިބެކެވެ. އަދި ދަރިފުޅަށް އޮތީ މައިންބަފައިންނަށް ކިޔަމަންވުމެވެ. ﷲ އަހަރެމެން ލައްވާފައިވަނީ އެކުދިން ބަލައި ބޮޑުކޮށް، އެކުދިންނަށް އަޅާލުންދޭ ބައެއްގެ ގޮތުގައެވެ. އަހަރެމެންނަށްވެސް އަދި އެކުދިންނަށްވެސް މިކަމުގައި މިނޫން ގޮތަކަށް ކަންތައްކުރުމުގެ އިޚްތިޔާރެއް ނެތެވެ.
ކުޑައިރު އެކުދިންގެ ކަންކަމާ އަޅާނުލައި ދޫކުރުމުން، އެކުދިން ބޮޑެތިވުމަށްފަހު އެކުދިން ވެފައިވަނީ ކޮންކަހަލަ ބަޔަކަށްތޯ ބަލާށެވެ. އެކުދިން އިސްކަންދޭ ކަންކަމަކީ ބޭކާރު، އެއްވެސް އޮއްޓަރެއް ނެތް ކަންކަމުގައި ވަގުތު ހޭދަކުރުމެވެ. އެކުދިން އިސްކަންދެނީ ބާޒާރު މަތީގައާއި، ފެޝަނުގެ ދުނިޔޭގައި އުޅުމަށެވެ. ޒުވާން ފިރިހެންކުދިންގެ އިސްތަށިގަނޑު ދިގުކޮށްފިއެވެ. އަންހެންކުދިން ޙިޖާބުވުން ދޫކޮށްލައިފިއެވެ. ދެޖިންސުގެ ކުދިންގެ ރަޙުމަތްތެރި ގާތްގުޅުން ބޭއްވުން ގިނަވެއްޖެއެވެ. އަދި ވަރީގެ ނިސްބަތް ބޮޑުވެއްޖެއެވެ. ދޮގު ހެދުމާއި، މަކަރު ހެދުމާއި، އޮޅުވާލުން ފެތުރިއްޖެއެވެ. އަމާނާތްތެރިކަން ގެއްލި، އިތުބާރު ހިފޭ މީހުން މަދުވެއްޖެއެވެ. ދަރިން މިވަނީ އެއްވެސް ރަނގަޅު ތަނެއްގައި ހަރުނުލައި އެގޮތް މިގޮތަށް އުޅެންފަށާފައެވެ. އެއްދުވަހު ތުނބުޅި ދިގުކޮށްފިއްޔާ އަނެއް ދުވަހު ބާލާނެއެވެ. އަނެއް ދުވަހަކު ވީދިފައިވާ ޖިންސު ލާނެއެވެ. ކޮންމެ ދުވަހަކުވެސް އެމީހުން އުޅެނީ މިފަދަ ކަމެއް ތަޖުރިބާކުރުމުގައެވެ.
ދަރިފުޅަށް ރިވެތި ތަރުބިއްޔަތުދީ، އޭނާގެ މައްޗަށް އަމުރު ހިންގޭ ފަރާތެއް ކަމުގައިވެ، އަދި އެދަރިފުޅު ފާފައަށް އަރައިގަތުމުންނާއި ގޯސްކަންކަން ކުރުމުން ދުރުހެލިކުރުމަކީ ތިބާ އެދަރިފުޅަށް އަދާކޮށްދޭންޖެހޭ ޙައްޤެކެވެ. ކުޑަ ދަރިފުޅަށް ރަނގަޅު މަގަށް މަގު ދައްކައިދީ، އޭނާއަށް ރަނގަޅު ތަރުބިއްޔަތު ދިނުމަކީ އިލާހީ އަމުރެކެވެ. އަދި ނަބަވީ އަމުރެއްވެސްމެއެވެ. އަދި ޤާނޫނީ އަމުރެއްވެސް މެއެވެ. އަދި އެންމެހައި މުޖުތަމަޢެއްގައިވެސް އެންމެން އިއްތިފާޤުވާ ކަމެކެވެ. އެހެންކަމުން، 4 މަޞްދަރަކުން އެއްކަމަކަށް އިއްތިފާޤުވެފައިވާތަން ބަލާށެވެ. މިއިން ކޮންމެ މަޞްދަރަކީވެސް ވަރަށް ޤަދަރުހުރި، އަދި އެއެއްމެހާ މަޞްދަރެއްގައި އޭގެ ޒާތުގައިވެސް ބާރުހުރި މަޞްދަރުތަކެކެވެ. އެހެންވީމާ މިހުރިހާ މަޞްދަރުތައް އެއްކަމަކަށް އިއްތިފާޤުވުމުން މިދައްކައިދެނީ ކޮން ކަމެއް ހެއްޔެވެ؟ މި 4 މަޞްދަރަށްވުރެ ދެން ބޮޑީ ދުނިޔޭގެ ކޮން ބާރެއް ހެއްޔެވެ؟
ސްކޫލުގެ ފަރާތުން ދާ ދަތުރަކު ދިއުމަށް، މައިންބަފައިން ދަރިފުޅަށް ހުއްދަ ނުދިނުމުން އެކަމާ އެދަރިފުޅު ނުރުހުން ފާޅުކުރާތީ، އަދި އޭނާގެ މިނިވަންކަމަށް ހުރަސްއަޅަނީ ކަމަށް ދެކޭތީ އަޅުގަނޑު އަޖާއިބުވަމެވެ. އެދަރިފުޅު ގޮވައިގެން ދިއުމަށް ހުއްދައަށްއެދި މައިންބަފައިންނަށް ގަނޑުކޮޅު ފޮނުވަނީވެސް ސްކޫލުން ނޫން ހެއްޔެވެ؟ އެހެންކަމުން، ދުނިޔެއަކީ އަޅާނުލައި ދޫކޮށްލައިގެން ތިބެވޭނެ ތަނެއް ނޫނެވެ. އަދި ދަރިންނަކީވެސް ފުރިހަމަ މިނިވަންކަން ލިބިފައިވާ ބައެއް ނޫނެވެ. ދަރިންގެ ކަންކަމަށް ނޫނެކޭ ނުވަތަ އާއެކޭ ބުނުމުގެ ފުރިހަމަ ޙައްޤު މައިންބަފައިންނަށް ލިބިގެންވެއެވެ. ސްކޫލުން، އެކުއްޖާގެ އަހުލުން ކައިރީ ކުއްޖާ ނުފޮނުވާނަމަ ނުފޮނުވާ ސަބަބުތައް ބުނެދިނުމަށް ނޭދެއެވެ. އަދި އެމީހުންގެ އެދުމަށް، އާނ ބަސް ބުނުމަށް މަޖުބޫރުނުކުރެއެވެ. ވީމާ، އެކުދިންގެ ހަވާނަފްސުގެ ގޮތްތަކަށާއި، އަދި ބޭނުންހާ ގޮތަކަށް އުޅެން ދޫކުރަން މައިންބަފައިންނަށް މަޖުބޫރުވާނެއޭ މިބުނަނީ ކޮން ބައެއް ހެއްޔެވެ؟
އަދި ތިބާއަށް މިއީ ހަމަޖެހޭ ގޮތެއް ކަމަށް ޤަބޫލުކުރެވޭ ހެއްޔެވެ؟ ދަރިފުޅު ތިބާގެ ގޭގައި އުޅެނީ ތިބާގެ ދަރިއެއްގެ ގޮތުގައެވެ. އަދި ކައިބޮއި، ނިދައި ހަދަނީ ތިބާގެ ގޭގައެވެ. އަދި ތިބާގެ ޖީބުން އޭނާއަށް ޚަރަދުކުރެއެވެ. ދެން އެއަށްފަހު، ތަނަކަށް ނުދާން ބުނުމުން، ތިބާގެ އަޑު ނާހައި، އަމިއްލަ މިނިވަންކަމޭ ކިޔާފައި ދެވޭނެ ހެއްޔެވެ؟! ތިބާގެ ގެއަކީ، ތިބާ އެތަނެއްގައި ވެއިޓަރެއްގެ މަޤާމު އަދާކުރާ ހޮޓަލެއް ހެއްޔެވެ؟! އެމީހުންނަށް ޚިދުމަތްކުރުމުގައި ތިބާ ހަލާކުވެގެންދެއެވެ. އެކުދިން ތިބާގެ އަތުން އެއްޗެހި ހޯދައެވެ. އެހެނަސް އެކުދިން ތިބާއަށް އެއްޗެއް އަދި އަގެއް އަދާނުކުރެއެވެ. މިއީ މުރޫއަތްތެރި ގޮތެއް ހެއްޔެވެ؟
ފަހަރެއްގައި ތިބާ ބުނެފާނެއެވެ. އޭގައި މައްސަލައަކީ ކޮބައި ހެއްޔެވެ؟ އެއީ ފިރިހެންކުއްޖެކެވެ. އަދި ޒުވާން ކުދިން އުޅޭނީ އެހެންނެވެ. އެހެންނަމަވެސް، މި ދައުވާއަކީ އެކަމަށް ބާރު ލިބިދޭނެ އިތުރު ހެއްކެއް އޮތް އެއްޗެއް ނޫނެވެ. ސްކޫލުތަކާއި، ޔުނިވާސިޓީތަކުގައިވެސް، ޒުވާންކުދިން އެތާނގެ ޤާނޫނުތަކަށް ތަބާވާން ޖެހެއެވެ. ކުލާހަށް ގަޑިއަށް ނައިސްފިނަމަ، އެކަމާ ސުވާލުކުރެވި އަދަބުވެސް ދެވެއެވެ. މާ ގިނަ ކުލާސްތަކަށް ހާޒިރު ނުވެއްޖެނަމަ، އިމްތިހާނުގައި ބައިވެރިނުވެވެއެވެ. މިހުރިހާ ޤަވާޢިދުތަކަށް ކިޔަމަންތެރިކަމާއެކީ ތިބާގެ ދަރިފުޅު ބޯލަނބައެވެ. އެހެންނަމަވެސް ދެކޮޅުވެރިވަނީ ހަމައެކަނި ތިބާގެ ޤަވާޢިދުތަކަށެވެ!
___________________________