
* ޞިރާޠުމަގުގައި މުނާފިޤުން
ކާފިރުން ފިޔަވާ އެހެން އެންމެންވެސް ޞިރާޠުމަގު ހުރަސްކުރަން ޖެހޭނެއެވެ. މީސްތަކުން ޞިރާޠުމަގަށް ގެންދެވުމުގެ ކުރިން ކާފިރުން ނަރަކައަށް ވެއްދޭނެއެވެ. މުސްލިމުންގެ ތެރެއިން މުރުތައްދުވީ މީހުންވެސް ކާފިރުންނާއެކު ނަރަކައަށް ވެއްދޭނެއެވެ. ޞިރާޠުމަގަށް ގެންދެވޭނީ މުސްލިމުންނާއި މުނާފިޤުންނެވެ. މުސްލިމުންގެ ތެރޭގައި ކިޔަމަންތެރިންނާއި ފާފަވެރިންނާއި ފާޖިރުންނާއި ފާސިޤުން ހިމެނެއެވެ. މިމަގު ހުރަސްކުރާއިރު މީސްތަކުންގެ ޙާލު ވަރަށް ތަފާތުވާނެއެވެ. އެކަން ބިނާވެގެންވަނީ އެމީހެއްގެ ޢަމަލުތަކުގެ މައްޗަށެވެ. ހެޔޮ ޢަމަލުތައް ގިނަވާ ވަރަކުން އެކަން ފަސޭހަވާނެއެވެ.
ﷲ ތަޢާލާ ކޮންމެ މީހަކަށްވެސް އެމީހެއްގެ ހެޔޮ ޢަމަލުތަކުގެ މިންވަރުން ނޫރެއް ލައްވާނެއެވެ. ޞިރާޠުމަގު ހުރަސްކުރާއިރު އެމީހެއްގެ ނޫރު އެމީހަކާ ތަބާވާނެއެވެ. އިސްވެ، ބަޔާންވެ ދިޔަ ފަދައިން ޞިރާޠުމަގަކީ އަނދިރި މަގެކެވެ. އަދި އެއީ ކައްސާ މަގެކެވެ. އެމަގުގެ ދެފަރާތުގައި ބުޅިތަކެއްފަދަ ކަށިތަކެއްވެއެވެ. އަދި އެއީ ކަނޑީގެ މިޔަފަދަ ހަނި މަގެކެވެ. ކޮންމެ މީހެއްގެ ނޫރު ލެއްވޭނީ އެމީހެއްގެ ހެޔޮ ޢަމަލުތަކުގެ މިންވަރަށެވެ. އެޙާލަތު ތަޞައްވަރު ކޮށްލައްވާށެވެ.
ދުނިޔެ މަތީގައި، ބޭރުފުށުން އިސްލާމުކަން ފާޅުކޮށް، މުސްލިމުންގެ ތެރޭގައި އުޅުނު މުނާފިޤުންނަށްވެސް ނޫރު ދެއްވޭނެއެވެ. އެއަށްފަހު، އެބައިމީހުންގެ ނޫރުގެ އަލީގައި އެމަގުން ހިނގައިގަންނާނެއެވެ. ދެން، ﷲ ތަޢާލާ މުނާފިޤުންގެ ނޫރު ނިވައިލައްވާނެއެވެ. ހަމަކަށަވަރުން ދުނިޔެ މަތީގައި މުނާފިޤުން ﷲ އަށް އޮޅުވައިލުމުން، އެއިލާހު އެބައިމީހުންނަށްވެސް އޮޅުވައިލައްވައެވެ. އެބައިމީހުންގެ ނޫރު ނިވައިލެއްވުމުން އެބައިމީހުން ނަރަކައަށް ވެއްޓޭނެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«وَيُعْطَى كُلُّ إِنْسَانٍ مِنْهُمْ مُنَافِقًا، أَوْ مُؤْمِنًا نُورًا، ثُمَّ يَتَّبِعُونَهُ وَعَلَى جِسْرِ جَهَنَّمَ كَلَالِيبُ وَحَسَكٌ، تَأْخُذُ مَنْ شَاءَ اللهُ، ثُمَّ يُطْفَأُ نُورُ الْمُنَافِقِينَ، ثُمَّ يَنْجُو الْمُؤْمِنُونَ» [رواه مسلم برقم: 329 – (195)]
މާނައީ: “އެބައިމީހުންގެ ތެރެއިން ކޮންމެ އިންސާނަކަށް ނޫރެއް ލެއްވޭނެއެވެ. އޭގެ ތެރޭގައިވަނީ މުއުމިނުންނާއި މުނާފިޤުންނެވެ. ދެން އެއަށްފަހު ނަރަކައިގެ މަތީގައިވާ މަގުން (އެބަހީ: ޞިރާޠުމަގުން) އެނޫރު އެބައިމީހުންނާ ތަބާވާނެއެވެ. އަދި އެމަގުގައި ބުޅިތަކަކާއި ކަށިތަކެއް ވެއެވެ. ﷲ އިރާދަކުރެއްވި މީހަކު އެއިން ހިފައެވެ. ދެން ފަހެ، މުނާފިޤުންގެ ނޫރު ނިވޭނެއެވެ. އެއަށްފަހު މުއުމިނުން ސަލާމަތްވާނެއެވެ.”
______________________________