(37) ޢަޤީޤާ ކަތިލުމަށް ފަހު 7 ވަނަ ދުވަހު ފިރިހެން ކުއްޖާގެ ބޯބޭލުން ސުންނަތްވެގެންވެއެވެ. –އަންހެންކުދިންގެ އެއް ނޫނެވެ. [1] – އަދި ކުއްޖާގެ ބޮލުގެ އިސްތަށީގެ ބަރުދަނަށް ރިހިން ޞަދަޤާތްކުރެވިދާނެއެވެ.
ބޯ ބޭލުމުގައި ޞިއްޙީ ފައިދާތަކެއް ވެއެވެ. އަދި އެއީ (ބޮލުގެ އިސްތަށިތަކުން) ހަޑިތައް ފިލުވާލުމެކެވެ. ރިވާވެގެންވެއެވެ.
((عَقَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنِ الْحَسَنِ بِشَاةٍ، وَقَالَ : يَا فَاطِمَةُ، احْلِقِي رَأْسَهُ، وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً))[2]
މާނަ: “ރަސޫލާ صلى الله عليه وسلم ޙަސަންގެފާނަށް ޢަޤީޤާ ކަތިލެއްވިއެވެ. އަދި ފާތިމަތުގެފާނަށް ޙަދީޘްކުރެއްވިއެވެ. އޭ ފާޠިމާއެވެ! އެކުއްޖާގެ ބޯ ބާލާށެވެ. އަދި އިސްތަށީގެ ބަރުދަނަށް ރިހިން ޞަދަޤާތްކުރާށެވެ.”
ނަމަވެސް މި ޙަދީޘަކީ (ބައެއް ޢިލްމުވެރިންގެ އަރިހުގައި) ޞައްޙަ ޙަދީޘެއް ނޫނެވެ.
(38) ޚިތާނަކުރުމަކީ ފިޠުރީ ސުންނަތެކެވެ. އަދި އިސްލާމްކަމުގެ ޝިޢާރެކެވެ. އެއީ ފިރިހެނުންނަށް ވާޖިބެކެވެ. އަދި އަންހެނުންނަށްވާ މާތްކަމެކެވެ. (މާނައަކީ: ވާޖިބުކަމެއް ނޫނެވެ. ނަމަވެސް ކުރުމަކުން މައްސަލައެއް ނެތެވެ.)
ޙަދީޘެއްގައި އައިސްފައިވެއެވެ.
(( الْفِطْرَةُ خَمْسٌ – أَوْ خَمْسٌ مِنَ الْفِطْرَةِ – الْخِتَانُ وَالِاسْتِحْدَادُ، وَنَتْفُ الْإِبْطِ وَتَقْلِيمُ الْأَظْفَارِ، وَقَصُّ الشَّارِبِ))[3]
މާނަ: ފިޠުރަތަކީ ފަސްކަމެކެވެ. – ނުވަތަ ފިތުރަތުގެ ތެރެއިންވާ ފަސްކަމެއް ވެއެވެ. – ޚިތާނުކުރުމާއި، ފޫޅުންތިރީގެ އިސްތަށިތައް ބޭލުމާއި، ކިހިލިފަތުގެ އިސްތަށިތައް އުފުރުމާއި، ނިޔަފަތި ކެނޑުމާ އަދި މަތިމަސް ކުރުކޮށް ކޮށުމެވެ.”
(39) (ކަންފަތުލާ މުދި އެޅުވުމަށްޓަކައި) އަންހެން ކުއްޖާގެ ކަންފަތުފޫޅު ތޮރުފުން ހުއްދަވެގެންވެއެވެ. އެއީ އެކުދީންގެ ޙައްޤުގައި އެކުއްޖާގެ މަޞްލަޙަތު ހިމެނޭކަމެކެވެ. އަދި އަންހެން ކުދިންނަކީ ޒީނަތްތެރިކަމަށް ބޭނުންވާ ބައެކެވެ. [4]
[1] މިއީ ޙަންބަލީ މަޒްހަބުގެ ބަހެވެ. މިފަދައިން ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ ބޯބޭލުމަށް ވާރިދުވެފައިވާ ޙަދީޘްގައި (17 ވަނަ ފައިދާގައިވާ ޙަދީޘް) މުޚާތަބުކުރެވެނީ ފިރިހެން ކުއްޖާއަށެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިންގެ ރައުޔަކީ ފިރިހެން ކުއްޖާގެ ބޯބާލައި ފަދައިން އަންހެން ކުއްޖާގެ ބޯބޭލުމެވެ. އެއީ ޙަދީޘްގެ ލަފްޒުގައިވާ غلام ތުއްތު އަންހެންކުއްޖާއަށްވެސް އަދި ފިރިހެންކުއްޖާއަށްވެސް ބޭނުންކުރެވެއެވެ. އަދިވެސް މީގެ އިތުރުން ވިހާކުއްޖާގެ ބޮލުގައިވާ ހަޑި ފިލުވައިލުމަށް ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވާފައިވެއެވެ. (މުތަރްޖިމް)
[2] رواه الترمذي (1519) މި ޙަދީޘް ތިރްމިޒީ ރަޙިމަހު ﷲ ޟަޢީފްކުރައްވައެވެ. ނަމަވެސް އަލްބާނީ ރަޙިމަހުﷲ ދެކިވަޑައިގަންނަވަނީ މިއީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައެވެ.
[3] رواه البخاري (5779)، ومسلم (257)
[4] ينظر : تحفة المولود بأحكام المولود لابن القيم (ص: 307)