[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އުފަންވާ ކުއްޖާގެ ޙުކުމްތަކާ ގުޅޭ 43 ފައިދާ – 13

(40) އެއްވެސް އެއްޗެއް ނުކައި ހަމައެކަނި ގާތުންދޭ ތުއްތު ފިރިހެން ކުއްޖާގެ ކުޑަކަމުދާ އެއްޗެހީގެ (ޙުކުމް) ޝަރީޢަތުގައި ލުއިކުރައްވާފައިވެއެވެ. އެ ކުއްޖާ ކުޑަކަމުދިޔަ ތަނަށް ފެންފޮދެއް ވިއްސައިލުމުން ފުދޭނެއެވެ. ދޮންނާކަށް ނުޖެހޭނެއެވެ.

ގާތުންދޭ (އެއްވެސް އެއްޗެއް ނުކައި) ތުއްތުފިރިހެން ކުއްޖާގެ ކުޑަކަމުދާ އެއްޗެއްސާއި ބެހޭގޮތުން ރަސޫލާ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ.

((يُنْضَحُ بَوْلُ الْغُلَامِ، وَيُغْسَلُ بَوْلُ الْجَارِيَةِ))

މާނަ: “ތުއްތު ފިރިހެން ކުއްޖާ ކުޑަކަމުދިޔަ ތަނަށް ފެން ފޮދެއް ވިއްސައިލާށެވެ. އަދި ތުއްތު އަންހެން ކުއްޖާ ކުޑަކަމުދިޔަ ތަން ދޮންނާށެވެ.”

ޤަތާދާ ރަޙިމަހުﷲ ވިދާޅުވިއެވެ. “މިއީ (ކިރުނޫން) އެއްވެސް އެއްޗެއް ކައިބޮއި ނޫޅޭ ނަމައެވެ. ކައިބޮއި ހަދާނަމަ އެކުދިން (އެބަހީ: ފިރިހެން ކުއްޖެއްވިޔަސް އަދި އަންހެން ކުއްޖެއް ވިޔަސް) ކުޑަކަމުދިޔަ ތަން ދޮންނަން ޖެހޭނެއެވެ.” [1]

 

(41) ތުއްތުކުއްޖާގެ ހޮޑު:

ހޮޑުލާއިރު ތަޣައްޔަރުވެފައިވާނަމަ: ކިރާއެކު ރީނދޫކޮށް އައިސްފައިވާނަމަ އަދި އޭގައިވާ މާއްދާތަކާއި ވަސް ތަޣައްޔަރުވެފައިވާނަމަ އެއީ ނަޖިހެކެވެ. [2]

ނަމަވެސް ހޮޑުލެވޭއިރު އޭގެ ޞިފަ ބަދަލުނުވާނަމަ: ކިރުދިނުމުގެ ފުރަތަމަ ދުވަސްތަކުގައި ހޮޑުގޮތަށް ހުރެއްޖެނަމަ އެއީ ގާތުންދޭ ކުއްޖެއްގެ ބަނޑުފުރި ކަރުހިއްކުން ފިލުމުން ނުކުންނަ އެއްޗެކެވެ. އަދި އެއީ ޠާހިރު އެއްޗެކެވެ.

 

(42) ތުއްތު ކުއްޖާގެ ކުޅާއި ސޮންޏަކީ ޠާހިރު އެއްޗެކެވެ. އެއީ ހޮޑުގެ ސަބަބުން އެ ކުއްޖާގެ އަނގަ ނަޖިސްވުމުން ތާހިރުކޮށްދޭ އެއްޗެކެވެ.

“ތުއްތުކުދިންނަށް ގިނައިން ހޮޑުލެވޭނެކަމާއި އެކުއްޖާގެ އަނގަ ދޮވުމަށް (މީސްތަކުންނަށް) ކުޅަދާނަވެގެން ނުވާނެކަންވެސް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. އެ ކުއްޖާގެ އަނގައިގައިވާ ކުޅާއި ސޮނިތައް އެކުއްޖާގެ ބެލެނިވެރިންނާއި އުރާމީހުންގެ ގަޔަށް އެޅޭކަމީ އެންމެންވެސް ދަންނަ ކަމެކެވެ. އެހެންނަމަވެސް ޝަރުޢުކުރައްވާ ފަރާތް (ﷲ ތަޢާލާ) އޭގެ ސަބަބުން އެމީހުންގެ ހެދުންތައް ދޮންނަން އަމުރު ނުކުރައްވައެވެ. އަދި އެހެދުންތަކުގައި ނަމާދުކުރުން މަނައެއްވެސް ނުކުރައްވައެވެ. އަދި އެކުއްޖާގެ ކުޅުން ރައްކާތެރިވުމަށްވެސް އަމުރުނުކުރައްވައެވެ.” [3]

 

(43) އުފަންވާ ކުއްޖާ ރައްކާތެރިކޮށްދެއްވުމަށް (ﷲގެ ހަޟްރަތުގައި) ދެންނެވުމާއި އެކުއްޖާ ރުޤްޔާކުރުމަކީ ސުންނަތެކެވެ. – އަދި  މިކަމުގައި ހުރިހާ ކުޑަކުދިން ޢާންމުވެގެންވެއެވެ. – ރަސޫލާ صلى الله عليه وسلم ޙަސަނުގެފާނާއި ޙުސައިނުގެފާނު ރައްކާތެރިކޮށްދެއްވުމަށް އެދި ދުޢާކުރައްވައެވެ.

އެކަލޭގެފާނު މިފަދައިން ދުޢާކުރައްވައެވެ. ((أَعُوذُ بِكَلِمَاتِ اللَّهِ التَّامَّةِ مِنْ كُلِّ شَيْطَانٍ وَهَامَّةٍ، وَمِنْ كُلِّ عَيْنٍ لَامَّةٍ ))[4]

މާނަ: “ﷲ ތަޢާލާގެ ފުރިހަމަ ކަލިމަތައް މެދުވެރިކޮށް ކޮންމެ ޝައިތާނެއްގެ ކިބައިންނާއި، ދިރޭއެއްޗެއްގެ ނުވަތަ ވިހައެއްގެ ކިބައިންނާއި، ކޮންމެ ގެއްލުންދޭ ލޮލަކުން (އެސްފީނާއަކުން) ރައްކާތެރިކޮއްދެއްވުން އެދެމެވެ. (ބައެއް ރިވާޔަތްތަކުގައިވަނީ: މި ދެކުދިން ރައްކާތެރިކޮށްދެއްވުން އެދި ދަންނަވަމެވެ.)

كًلِمَات اللهِ التَّامَّة ( ޤުރުއާން ނުވަތަ އެކަލާނގެ އެންމެހާ ކަލާމްފުޅު ނުވަތަ އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތައް)

الهَامَّة: (ދިރުންހުރި ކޮންމެ އެއްޗެއް ނުވަތަ ވިހަލާ ކޮންމެ އެއްޗެއް)

كُلِّ عَينٍ لآمَّة: (އިންސާނާގެ ގާތަށް އަތުވެއްޖެނަމަ އޭނާއަށް އެސްފީނާ ޖައްސާ ކޮންމެ ލޮލެކެވެ.

ﷲ ތަޢާލާގެ ހަޟްރަތުން އެދި ދަންނަވަނީ އެކަލާނގެ ލޯބިވާ ކަންތަކާ އަދި ރުއްސަވާ ކަންތައް ކުރުމަށް ތައުފީޤުދެއްވުމެވެ. އަދި އަޅަމެންގެ ދަރިފަސްކޮޅުގައި ބަރަކާތްލެއްވުމެވެ.

(رَبَّنَا هَبۡ لَنَا مِنۡ أَزۡوَ ٰ⁠جِنَا وَذُرِّیَّـٰتِنَا قُرَّةَ أَعۡیُنࣲ وَٱجۡعَلۡنَا لِلۡمُتَّقِینَ إِمَامًا)(ސޫރަތުލް ފުރުޤާން 84)

މާނަ: “އަޅަމެންގެ ރައްބު! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!”

 

والحمد لله رب العالمين

 


 

މިލިޔުމުގެ އެހެންބައިތައް

 

[1]  رواه أبو داود (377) , والترمذي (610) , وابن ماجة (525) , وصححه الألباني.

[2] ގިނަ ޢިލްމުވެރިން ދެކިލައްވާގޮތުގައި ހޮޑަކީ ނަޖިހެކެވެ. އެހެނަސް އެމާނާގައި ވާރިދުވެފައިވާ ޙަދީޘަކީ ޞައްޙަ ޙަދީޘެއް ނޫނެވެ. އެހެންކަމުން އެކަމުގައި ޞައްޙަ ބަސްފުޅަކީ ހޮޑަކީ ނަޖިހެއް ނޫންކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅެވެ. ބައްލަވާ: الموسوعة الفقهية (34 / 86 – 87) والسلسلة الضعيفة للألباني (4849) (މުތަރުޖިމު)

[3]  ينظر : تحفة المولود بأحكام المولود لإبن القيم (ص321)

[4]  رواه البخاري (3371) , وأبو داود (4737)