[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝިޔަޢީންގެ ޙަޤީޤަތް (3)

ލުޣަވީގޮތުން “ޝިޔަޢީން” ގެ ޙަޤީގަތް:

“الشِّيعَةُ” މިލަފްޒަކީ ޢަރަބި ލަފްޒެކެވެ. މިލަފްޒުގެ އަސްލަކީ “المُشَايَعَةُ” އެވެ. މިލަފްޒުގެ ގިނަ ގޮތުގެ ތެރޭގައި “شِيَعٌ” އަދި “أَشْيَاعٌ” ހިމެނެއެވެ.         ކީރިތި ޤުރުއާނުގެ ބާރަ އާޔަތެއްގައި މިލަފްޒު އޭގެ ލުޣަވީ އެކިއެކި ހަމަތަކުގައި، އެކިއެކި މާނަތަކުގައި ވާރިދުވެފައިވެއެވެ. އެފަދަ ބައެއް އާޔަތްތަކަށް ރުޖޫޢަވެ އޭގެ މާނައާއިމެދު ވިސްނުން ހިންގާލުމަކީ ލަފްޒުގެ މާނަ ދޭހަވުމަށް ފަސޭހަވާނެކަމެކެވެ.

  • ﴿إِنَّ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا لَّسْتَ مِنْهُمْ فِي شَيْءٍ﴾ سورة الأنعام: 159

މާނައީ: “ހަމަކަށަވަރުން، އެއުރެންގެ ދީން ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން، އެއްވެސް ކަމެއްގައި، ކަލޭގެފާނު ނުވަމުއެވެ”.

މިއާޔަތުގައި މިލަފްޒު އައިސްފައިވަނީ ދީން ބައިބައިކުރި ބައެއްގެ މާނައިގައެވެ.

  • ﴿ثُمَّ لَنَنزِعَنَّ مِن كُلِّ شِيعَةٍ أَيُّهُمْ أَشَدُّ عَلَى الرَّحْمَـٰنِ عِتِيًّا﴾ سورة مريم: 69

މާނައީ: “ދެން ތިމަންރަސްކަލާނގެ ކޮންމެ ބަޔެއްގެ ތެރެއިންވެސް އެއުރެންކުރެ رحمن ވަންތަ ރަސްކަލާނގެއަށް އެންމެ ދެކޮޅުވެރިކަން ބޮޑު މީހުން ވަކިކޮށް ނެރުއްވާހުށީމެވެ”.

މިއާޔަތުގައި މިލަފްޒު އައިސްފައިވަނީ ދެކޮޅުވެރިކަން ބޮޑު ވަކި ޖަމާޢަތެއްގެ ބައެއްގެ މާނައިގައެވެ.

  • ﴿وَدَخَلَ الْمَدِينَةَ عَلَىٰ حِينِ غَفْلَةٍ مِّنْ أَهْلِهَا فَوَجَدَ فِيهَا رَجُلَيْنِ يَقْتَتِلَانِ هَـٰذَا مِن شِيعَتِهِ وَهَـٰذَا مِنْ عَدُوِّهِ ۖ فَاسْتَغَاثَهُ الَّذِي مِن شِيعَتِهِ عَلَى الَّذِي مِنْ عَدُوِّهِ فَوَكَزَهُ مُوسَىٰ فَقَضَىٰ عَلَيْهِ ۖ قَالَ هَـٰذَا مِنْ عَمَلِ الشَّيْطَانِ ۖ إِنَّهُ عَدُوٌّ مُّضِلٌّ مُّبِينٌ﴾ سورة القصص: 15

މާނައީ: “އަދި އެރަށުގެ أهل ވެރިން، غافل ކަމުގައިތިބި ތަންވަޅެއްގައި އެކަލޭގެފާނު ރަށުތެރެއަށް ވަދެވަޑައިގަތެވެ. ދެން އެކަލޭގެފާނަށް ފެނިވަޑައިގަތީ، ތަޅާފޮޅާ ދެމީހެކެވެ. އެތަނުން އެކަކީ، އެކަލޭގެފާނުގެ ބައިގެ މީހެކެވެ. އަނެކަކީ އެކަލޭގެފާނުގެ عدوّ ންގެ ތެރެއިންވާ މީހެކެވެ. ފަހެ، އެކަލޭގެފާނުގެ عدوّ ންގެ ތެރެއިންވާ މީހާއާ ދެކޮޅަށް އެކަލޭގެފާނުގެ ބައިގެ މީހާއަށް ވާގިދެއްވުން އެދި އެކަލޭގެފާނަށް އޭނާ ގޮވައިލިއެވެ. އެހިނދު موسى ގެފާނު އޭނާގެ ގައިގައި މުށްކަވާފައި ޖެއްސެވިއެވެ. ފަހެ (އެހިނދު) އޭނާގެ ކަންތައް ނިންމަވައިލެއްވިއެވެ. (އެބަހީ: އޭނާގެ ގައިގައި ޖެއްސެވުމުން، އޭނާ މަރުވީއެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. މިކަންތައްމިވީ شيطان އާގެ عمل ގެ ތެރެއިންނެވެ. ހަމަކަށަވަރުން، އެ شيطان އާއީ، ބަޔާންވެގެންހުރި މަގުފުރައްދާ عداوة ތެރިޔެކެވެ”.

މިއާޔަތުގައި މިލަފްޒު އައިސްފައިވަނީ އެއްނަސަބެއްގެ (އެބަހީ ބަނީ އިސްރާއީލު ނަސަބުގެ) ބައެއްގެ މާނައިގައެވެ.

  • ﴿وَإِنَّ مِن شِيعَتِهِ لَإِبْرَاهِيمَ﴾ سورة الصافات: 83

މާނައީ: “ހަމަކަށަވަރުން، އެކަލޭގެފާނުންގެ (އެބަހީ ނޫޙްގެފާނުންގެ) ގޮތަށް تبع ވެގެންވާ މީހުންގެ ތެރެއިން إبراهيم ގެފާނުވެއެވެ”.

މިއާޔަތުގައި މިލަފްޒު އައިސްފައިވަނީ އެއްމިއްލަތެއްގެ އެއްފަދަ އެއްމިޘާލެއްގެ މަންހަޖެއްގެ ބައެއްގެ މާނައިގައެވެ.

މިލަފްޒު ވާރިދުވެފައިވާ މިފަދަ އާޔަތްތަކާއިމެދު ވިސްނުން ހިނގާލުމުން، އަދި ބަހުގެ އަސްލަށް ރުޖޫޢަވެ ޢަރަބި ރަދީފްތަކަށް ރުޖޫޢަވެ ދިރާސާކުރުމުން އެނގިގެންދަނީ، މިލަފްޒުގެ މާނަތަކުގެ ތެރޭގައި މީހަކަށް ނުވަތަ ބަޔަކަށް ތަބާވާމީހުންނާއި، އެހީތެރިވާމީހުންނާއި، ވާގިވެރިވެރިވާމީހުންނާއި ނަސްރުދޭމީހުން ޝާމިލުވާކަމެވެ. އަދި ކަމެއްގެ މައްޗަށް ނުވަތަ ފިކުރެއްގެ މައްޗަށް އެއްބައިވާމީހުންނާއި، އެއްނަސަބެއްގެ މީހުންނަށްވެސް މިލަފްޒު ބޭނުންކުރެވެއެވެ.

– ނުނިމޭ –

މަޞްދަރުތައް:

تهذيب اللغة – الأزهري

الصحاح تاج اللغة – الجوهري

لسان العرب – ابن منظور

تاج العروس – الزبيدي

فرق معاصرة تنتسب إلى الإسلام وبيان موقف الإسلام منها – د. غالب بن علي عواجي                                          موسوعة الفرق المنتسبة للإسلام                                                                                                                        الشيعة والتشيع – إحسان إلهي ظهير                                                                                                                    أصول مذهب الشيعة الإمامية الإثني عشرية – ناصر بن عبد الله بن علي القفاري