އިސްލާމީ ތާރީޚުގައި “الشِّيعَةُ” މިލަފްޒު ބޭނުންކުރެވެމުން އައިގޮތަށް ބަލާއިރު ތާރީޚުން ހެކިދެނީ ވަކި ޢަޤީދާއަކަށް ނުވަތަ ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްނުވާގޮތަށް ލަފްޒުގެ ލުޣަވީ މާނައިގައި ބޭނުންކުރެވެމުންއައިކަމެވެ. ޢަލީގެފާނާއި މުޢަވިޔާގެފާނާއި ދެމެދު އުފެދުނު ޚިލާފުތަކުގެ ތެރޭގައި މިލަފްޒު އެދެބޭކަލުންނަށް ތަބާވެގެންތިބި މީހުންނަށްވެސް ނިސްބަތްކުރެވިފައިވެއެވެ. މިގޮތުން އެވެނިބަޔަކީ ޢަލީގެފާނުގެ ޝިޔަޢީންނޭ، އަދި މިވެނި ބަޔަކީ މުޢާވިޔާގެފާނުގެ ޝިޔަޢީންނޭ އެޒަމާނުގައި ބުނެއުޅުނެވެ. އެފަދައިން އެޒަމާނުގައި މިލަފްޒު ބޭނުންކުރެވުނީ އެލަފްޒުގެ ލުޣަވީ މާނައިގައި ހިމެނޭ “ތަބާވުން” މިމާނައިގައެވެ. އެހެންކަމުން ލަފްޒުގެ ތާރީޚަށް ބަލާއިރު “އައްޝީޢާ” މިލަފްޒަކީ ޢަލީގެފާނަށް ތަބާވި މީހުންނަށް ޚާއްސަ ލަފްޒެއް ނޫނެވެ.
އިޞްޠިލާޙީގޮތުން “ޝިޔަޢީންގެ” ތަޢުރީފު:
ޝިޔަޢީންނަކީ ޚަލީފާވެރި ތިންބޭކަލުން (އަބޫބަކުރުގެފާނާއި، ޢުމަރުގެފާނާއި، ޢުޘްމާނުގެފާނު) ގެ މައްޗަށް ޢަލީގެފާނު އިސްކޮށް މާތްކުރާ، އަދި ޚިލާފަތު އެންމެ ޙައްޤުކަންބޮޑު ބަޔަކީ އާލުބައިތުންކަމާއި، އެހެންބޭކަލުންގެ ޚިލާފަތަކީ ބާތިލު ޚިލާފަތެއްކަމަށް ޤަބޫލުކުރާބައެކެވެ.
ޝިޔަޢީ ފިކުރު ފާޅުވާންފެށުން:
ޝިޔަޢީ ފިކުރު ފާޅުވާންފެށި ތާރީޚާއިމެދު ތަފާތު ރައުޔުތަކެއްވެއެވެ:
ފުރަތަމަ ރައުޔު: ޝިޔައީ ފިކުރު ފާޅުވާންފެށީ ނަބިއްޔާ صلى الله عليه وسلم ގެ ޒަމާނުގައެވެ.
ނަބިއްޔާ صلى الله عليه وسلم ތައުޙީދަށް ގޮވާލެއްވުމާއިއެކީގައި، ޢަލީގެފާނަށް ތަބާވުމަށާއި، އެކަލޭގެފާނަށް ނަސްރުދިނުމަށާއި، އެކަލޭގެފާނަށް ޚިލާފަތު ޙައްޤުވެގެންވާކަމުގެ މައްޗަށްވެސް ދަޢުވަތު ދެއްވިކަމަށް މިރައުޔުގެ އަހުލުވެރިން ބުނެއެވެ. މިއީ ޝިޔަޢީންގެ ދަންނަބޭކަލުންގެ ރައުޔެކެވެ. ޝިޔަޢީންގެ ދަންނަބޭކަލުން މިފަދައިން ބުނަނީ އެމީހުންގެ ބާތިލު މަޒުހަބަކީ ޙައްޤު މަޒުހަބެއްކަން މީސްތަކުންނަށް ވިސްނައިދިނުމަށް ބޭނުންކުރާ ޙުއްޖަތެއްގެ ގޮތުގައެވެ.
ދެވަނަ ރައުޔު: ޝިޔަޢީ ފިކުރު ފާޅުވާންފެށީ ޞިއްފީން ހަނގުރާމައިގެ ތެރޭގައެވެ.
ތިންވަނަ ރައުޔު: ޝިޔަޢީ ފިކުރު ފާޅުވާންފެށީ ޙުސައިންގެފާނު ޤަތުލުވުމަށްފަހުގައެވެ.
މިރައުޔުތަކުގެ ތެރެއިން އެންމެ ބުރަވެވޭ ރައުޔަކީ ޝިޔަޢީ ފިކުރު އެންމެ ފުރަތަމަ ފާޅުވާން ފެށީ ޞިއްފީން ހަނގުރާމައިގެ ތެރޭގައިކަމަށް ބުނާ ރައުޔެވެ. ޢަލީގެފާނުގެ ލަޝްކަރާއި، މުޢާވިޔަތުގެފާނުގެ ލަޝްކަރާއި ދެމެދު ހިނގައިދިޔަ މިހަނގުރާމައަކީ، ޝިޔަޢީ ފިކުރު ފާޅުވުމަށް މެދުވެރިވި އެންމެ މައިގަނޑު ސަބަބެވެ. އިސްލާމީ އުންމަތުގެ މައްޗަށް ކުރިމަތިވި އިމްތިޙާނުގެ މިބޮޑު ފިތުނައިގެ ވަގުތުގައި، އިސްލާމީ އުންމަތުގެ މައްޗަށް ޙަސަދަވެރި ޢަދާވާތްތެރިން ފުރުސަތުގެ ބޭނުންހިފައި، އާލުބައިތުންނަށް ނަސްރުދިނުމުގެ ނިވާފަތްގަނޑުގައި ތިބެގެން، އިސްލާމީ އުންމަތް ބައިބައި ކުރުމަށްޓަކައި އާލުބައިތުންނަށް ލޯބިކުރާ ބައެއްގެ ޝިޢާރު އުފުލަންފެށިއެވެ. ފިކުރެއްގެ ގޮތުގައި ޝިޔަޢީ ފިކުރު އޮތުމަށްފަހު އެބައިމީހުންގެ އުސޫލުތައް ކަނޑައެޅިގެން ޢަމަލީ ސިފައެއްގައި ޝިޔަޢީ ފިކުރުގެ މަސައްކަތް ފެށިގެންގޮސްފައިވަނީ ޙުސައިންގެފާނު ޤަތުލުވުމަށްފަހުގައެވެ.
– ނުނިމޭ –
މަޞްދަރުތައް:
فرق معاصرة تنتسب إلى الإسلام وبيان موقف الإسلام منها – د. غالب بن علي عواجي
أصول مذهب الشيعة الإمامية الإثني عشرية – ناصر بن عبد الله بن علي القفاري