“އައްޝީޢާ” މިލަފްޒުގެ މަހުފޫމުގެ މަރުޙަލާތައް:
“އައްޝީޢާ” މިލަފްޒު އެންމެ ފުރަތަމަ ބޭނުންކުރެވެމުން އައީ އޭގެ ލަފްޒީ މާނަތަކުގައެވެ. މިގޮތުން ކީރިތި ޤުރުއާނުގައިވެސް މިލަފްޒު އޭގެ ލުޣަވީ އެކިއެކި މާނަތަކުގައި ވާރިދުވެގެން އައިސްފައިވެއެވެ.
މިމަރުޙަލާއަށް ފަހުގައި އިސްލާމީ ތާރީޚުން ދެންފެނިގެންދިޔައީ “އައްޝީޢާ” މިލަފްޒު ވަކި ފިކުރެއްގެ ބަޔަކަށް ނިސްބަތްކުރެވި ބޭނުންކުރަންފެށުނު މަރުޙަލާއެވެ. އެއީ ޢަލީގެފާނުގެ ޚިލާފަތުގައި ހިނގައިދިޔަ ފިތުނައިގެ ތެރޭގައި، ލަފްޒުގެ ލުޣަވީ މާނަތައްކަމުގައިވާ ނަސްރުދިނުމާއި ތަބާވުމާއި އެހީތެރިވުމުގެ މާނައިގައި ވަކިބަޔަކަށް ނިސްބަތްކޮށް ބޭނުންކުރެވެން ފެށުމެވެ. އެޒަމާނުގައި އުފެދުނު ފިތުނައިގެ ތެރޭގައި ޞަޙާބީންވެސް ދެބަޔަކަށް ބެހިގެންދިޔައެވެ. ޢަލީގެފާނަށް ނަސްރުވެރިވުމުގައި ގިނަ ޞަޙާބީންތަކެއް ތިއްބެވިއިރު މުޢާވިޔަތުގެފާނާއި އެކީގައިވެސް ބައެއް ޞަޙާބީން ތިއްބެވިއެވެ. މިދެބަޔަށް ނިސްބަތްކޮށް މިލަފްޒު މިމަރުޙަލާގައި ބޭނުންކުރެވެމުން ދިޔައެވެ.
މިމަރުޙަލާއަށްފަހު ދެންއައި މަރުޙަލާއަކީ އެހެނިހެން ޞަޙާބީންގެ މައްޗަށް ޢަލީގެފާނު މާތްކުރުމުގެ ފިކުރެއް ފާޅުވާންފެށި މަރުޙަލާއެވެ. މިގޮތުން އަބޫބަކުރުގެފާނާއި ޢުމަރުގެފާނާއި ޢުޘްމާނުގެފާނަށްވުރެ މާތްކަމުގައިޔާއި، ޚިލާފަތަށް އިސްވުމުގައި، ޢަލީގެފާނު ޙައްޤުކަންބޮޑު ކަމުގެ ނުބައިފިކުރެއް ޢަލީގެފާނަށް ތަބާވެގެންތިބި މީހުންގެ ތެރެއިން މިމަރުޙަލާގައި ފާޅުވާންފެށިއެވެ. މިފިކުރަކީ އިސްލާމީ އުންމަތަށް ކުރިމަތިވި ބޮޑު ފިތުނައިގެ ތެރޭގައި މުސްލިމުންގެ ސަފުތައް ބައިބައިކުރުމަށް އިސްލާމްދީނުގެ ޢަދާވާތްތެރިން މުސްލިމުންގެ ތެރެއަށް ފާކުރި ފިކުރެކެވެ. މިނުބައި ފިކުރުގައި އެއްވެސް ސަޙާބީއަކު ޝާމިލުނުވެއެވެ. މިފިކުރުގެ ޚަބަރު ޢަލީގެފާނަށް ލިބިވަޑައިގަތުމުން އެކަމާއި ކޯފާއިސްކުރައްވާ، އެފިކުރަށް އިންކާރުކުރައްވާ، އެފަދައިން ދެކޭބަޔަކު ތަޢުޒީރު ކުރައްވާނެ ކަމުގެ އިންޒާރު އެކަލޭގެފާނު ދެއްވިއެވެ. މިމަރުޙަލާގައި ޝިޔަޢީންވީ މެދުމިނެއްގައެވެ. މިގޮތުން ޞަޙާބީން ކާފިރުކުރުމާއި، ޞަޙާބީންނަށް ބަދުބަސްބުނުންފަދަ ހައްދުފަހަނައެޅުމުގެ ފިކުރެއް ނެތެވެ. މިފިކުރުގެ އަޑީގައި ހުރީ ޢަބްދު ﷲ ބުން ސަބާކަން އެނގިވަޑައިގަތުމުން ޢަލީގެފާނު އޭނާ އަލްމަދާއިނަށް އަރުއްވާލެއްވިއެވެ.
މިމަރުޙަލާއަށްފަހު ދެންފެނިގެންދިޔައީ ޝިޔަޢީ ފިކުރު ހައްދުފަހަނައެޅުމުގެ މަރުޙަލާއަކަށް ބަދަލުވި މަންޒަރެވެ. ޔަހޫދީ ޢަބްދު ﷲ ބުން ސަބާގެ މިނުބައި ފިކުރުގެ މޭވާ ލިބެންފެށީ މިމަރުޙަލާގައެވެ. މިމަރުޙަލާގައި ޝިޔަޢީން ރަސޫލާ ﷺ ގެ މާތް ޞަޙާބީންނަށް ބަދުބަސްބުނެ، ޞަޙާބީންގެ ތެރެއިން މަދު ބޭކަލުންތަކެއް ފިޔަވައި އެންމެން ކާފިރުކޮށް، ޞަޙާބީންގެ ކިބައިން ބަރީއަވެގެންވާކަން ފާޅުގައި ބުނަންފެށިއެވެ.
މިމަރުޙަލާއަށްފަހުގައި ޝިޔަޢީންގެ ތެރެއިން ބައެއް ޖަމާޢަތްތައްވަނީ ހައްދުފަހަނައަޅައި ދިއުމުގެ އެންމެހައި އިންތައް ފަހަނައަޅައި ދިއުމުގެ މަރުޙަލާއަކަށް ގޮސްފައެވެ. މިގޮތުން ޢަލީގެފާނަކީ އިލާހުކަމަށް ބުނާ ބައެއްވެސް ޝިޔަޢީންގެ ތެރެއިން ފާޅުވެގެންދިޔައެވެ. މިފަދައިން ބުނިކަމަށް ޘާބިތުވި މީހުންނަށް ޢަލީގެފާނުވަނީ ހަރުކަށި އަދަބުތައްދެއްވައިފައެވެ.
ޝިޔަޢީ ޢަޤީދާގެ އަސްލު:
ޝިޔަޢީންގެ ތެރޭގައި ފާޅުވެފައިވާ އެކިއެކި ބާތިލު ޢަޤީދާތަކުގެ އަސްލާއިމެދު ތަފާތު ރައުޔުތަކެއް ދަންނަބޭކަލުން ފާޅުކުރައްވާފައިވެއެވެ. މިގޮތުން އިމާމް ޝަޢުބީގެފާނު ވިދާޅުވާގޮތުގައި ޝިޔަޢީންގެ އަސްލަކީ ޔަހޫދީންނާއި ނަޞާރާއިންގެ ފިކުރުތަކެވެ. ޝައިޚުލް އިސްލާމް އިބުނު ތައިމިއްޔާ ވިދާޅުވާ ގޮތުގައި ޝިޔަޢީންނަކީ ޖާހިލުކަމާއި، ހައްދުފަހަނައަޅައިދިއުމާއި، ހަވާނަފްސަށް ތަބާވުމުގައި، ޔަހޫދީންނާއި ނަސާރާއިންނާއި އެއްގޮތް ކަންތައްތަކެއްވާބައެކެވެ.
އިމާމް އިބްނު ޙަޒްމާއި އަލްޙާފިޛުލް މިޤްރީޒީ ވިދާޅުވާ ގޮތުގައި ޝިޔަޢީންގެ އަސްލަކީ އަލިފާނަށް އަޅުކަންކުރަމުންދިޔަ މަޖޫސީ ފާރިސީންގެ ފިކުރުތަކެވެ. ޢަލީގެފާނަށް ޚިލާފަތު ޙައްޤުވެގެންވާކަމަށާއި، ޚިލާފަތު ޙައްޤުކަންބޮޑު ބަޔަކީ އާލުބައިތުންކަމަށް ޝިޔަޢީން ޤަބޫލުކުރާ ޢަޤީދާއަކީ، ފާރިސީންގެ ތެރޭގައި އޮންނަފަދަ ވިރާސީ ރަސްކަމުގެ ޢަޤީދާއެކެވެ. އަދި ފާރިސީންގެ ކިސްރާގެ ރަސްކަން ވެއްޓި، ފާރިސްކަރަ މުސްލިމުން ފަތަޙަކުރިހިނދު ފާރިސީންގެ ތެރެއިން އިސްލާމްވި ގިނަ ބައެއްގެ ތެރޭގައި ޝިޔަޢީ ފިކުރުތައް އޮންނަކަމީވެސް ފާރިސީންގެ އަޘަރު ޝިޔަޢީންނަށް ކުރާނެކަމެކެވެ. އަދި ޢުމަރުގެފާނު ޝަހީދުކޮށްލި ފާރިސީންގެ އަބޫ ލުއުލުއަތުލް މަޖޫސީ މަރުވިދުވަސް ޝިޔަޢީން ޢީދެއްގެ ގޮތުގައި ފާހަނގަކުރުމާއި، ފާރިސީންގެ އާ އަހަރު ފެށޭ ނައިރޫޒް ޢީދުދުވަސް ޝިޔަޢީން ކުލަގަދަކޮށް ފާހަނގަކުރުމަކީވެސް ޝިޔަޢީންގެ ތެރެއަށް ފާރިސީންގެ އަޘަރު ފޯރާފައިވާކަމުގެ ހެކިތަކެކެވެ.
ޝިޔަޢީންގެ މުޅި މަޒުހަބު އެކީއެކަށް ދިރާސާކޮށްފިނަމަ ނެރެވޭ ނަތީޖާއަކީ، ޝިޔަޢީ ޢަޤީދާތަކުގެ ތެރޭގައި ބުދިސްޓުންނާއި ބުރައްމަނުންނާއި މަޖޫސީންނާއި ފާރިސީންނާއި ރޯމަނުންނާއި ޔޫނާނީންނާއި (ގުރީކުންނާއި) ނަސާރާއިންނާއި ޔަހޫދީންނާއި އަދިވެސް އެނޫން ކުފުރާއި ޝިރުކުގެ މިއްލަތްތަކުގެ ޢަޤީދާތަކުގެ އަޘަރުތައްވާކަމެވެ. އެހެންކަމުން ޝިޔަޢީ މަޒްހަބަކީ ބޭރުފުށް އިސްލާމީ ފޭރާމަކުން ނިވާވެގެންވާ، އެތެރެފުށުގައި ކުފުރާއި ޝިރުކާއި ނިފާޤުކަން އެކުލެވޭ ބާތިލު މަޒުހަބެކެވެ.
މަޢުލޫމާތުގެ މަޞްދަރުތައް:
-ނުނިމޭ-
منهاج السنة النبوية في نقض كلام الشيعة القدرية – شيخ الإسلام ابن تيمية
فرق معاصرة تنتسب إلى الإسلام وبيان موقف الإسلام منها – د. غالب بن علي عواجي
أصول مذهب الشيعة الإمامية الإثني عشرية – ناصر بن عبد الله بن علي القفاري