[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިބާގެ ޙަޔާތް ބައްޓަންކޮށްފައިވަނީ ކޮންކަމެއް ހާޞިލްކުރުމަށްތޯ ބަލާހުށިކަމެވެ!

ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތާއެވެ! ތިބާ އެދެނީ ކޮންކަމަކަށް، ކޮން އެއްޗަކަށް ހެއްޔެވެ! ތިބާ ވާޞިލުވުމަށް އެދެނީ ކޮންތަނަކަށް ހެއްޔެވެ! ތިބާ ގަދައަޅައި މަސައްކަތްކުރަނީ ކޮންކަންތަކެއް ޙާޞިލްކުރުމަށް ހެއްޔެވެ! ތިބާގެ ދިރިއުޅުމުގެ މަޤްޞަދަކީ ފަހެ ކޮބައި ހެއްޔެވެ!

ތިބާ ބޭނުންވަނީ ރީތި އަންބެތް ނުވަތަ ރީތި ފިރިއެއްހެއްޔެވެ! ނުވަތަ މީސްތަކުން ތިބާއަށް ބަލަބަލައި ތިބޭނެފަދަ މަޝްހޫރުކަމެއްހެއްޔެވެ! ނުވަތަ މީސްތަކުން ތިބާގެ ނަން ކިޔާނެފަދަ މުއްސަނދިކަމެއް ހެއްޔެވެ! ނުވަތަ ދިގު މުއްދަތަކަށް ދެމިގެންދާނޭ ކެރިއަރއެއް ބިނާކުރުން ހެއްޔެވެ! ފަހެ ތިބާގެ ޙަޔާތް ބައްޓަންކޮށްފައިވަނީ ކޮންކަމެއް ހާޞިލްކުރުމަށްތޯ ބަލާހުށިކަމެވެ!

މިދުނިޔެމަތިން ފެންނަމުންދާ މަންޒަރުތަކަކީ ނުވަތަ މިދުނިޔޭގެ އަރާމާއި އުފަލަކީ އެއްވެސް އެއްޗެއް ނޫންކަން ތިބާ ދަންނާށެވެ! މިދުނިޔޭގެ ދިރިއުޅުން الله سبحانه وتعالى ސިފަކޮށްދެއްވާފައިވަނީ މިފަދައިންނެވެ. اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرًّا ثُمَّ يَكُونُ حُطَامًا (سورة الحديد: 20) “ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުންގެ މެދުގައި އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި، ދަރިންތަކާމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭފެނެއްގެ މިޘާލުގައެވެ. އެފެނުން ފެންލިބިގެން ފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބުކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައި ވަނިކޮށް ތިބާއަށް ފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ.”

އޭ ލޮބުވެތި އަޚާއެވެ! އޭ ލޮބުވެތި އުޚްތާއެވެ! ތިބާ އެދެނީ މިފަދަ ކަންތައްތަކެއް ކަމުގައި ވަނީނަމަ، ހަމަކަށަވަރުންވެސް ތިބާ ތިޔަވަނީ ޣާފިލުކަމެއްގެ ތެރޭގައެވެ. ގެއްލުމެއްގެ ތެރޭގައެވެ. އެހެނީ ތިބާވެސް މަރުވެގެންދާނެއެވެ. މަރުވުމަށްފަހު ތިބާ ސަލާމަތްކޮށް ރައްކާތެރިކުރާކަށް މިއިން އެއްވެސް އެއްޗެއް ނުގެންދެވޭނެތެވެ. އަދި ތިބާޔާއެކު މިތަކެތި ވަޅުވެސް ނުމެލާނެމެއެވެ. ކޮންމެ މީހަކާ އެކުވެސް ކަށްވަޅާއި ހަމައަށް ދާނީ ތިނެއްޗެކެވެ. އެތަނުން 2 އެއްޗެއް އެނބުރި އަންނާނެތެވެ. އަދި އޭނާއާއި އެކު ވާނީ އެންމެ އެއްޗެކެވެ. رسول الله صلى الله عليه وسلم ހަދީޘްކުރައްވަނީ މިފަދައިންނެވެ. يَتْبَعُ الْمَيِّتَ ثَلاَثَةٌ فَيَرْجِعُ اثْنَانِ وَيَبْقَى مَعَهُ وَاحِدٌ يَتْبَعُهُ أَهْلُهُ وَمَالُهُ وَعَمَلُهُ فَيَرْجِعُ أَهْلُهُ وَمَالُهُ وَيَبْقَى عَمَلُهُ. متفق عليه ” މައްޔިތާއާއެކު 3 އެއްޗެއް (ކަށްވަޅާހަމަޔަށް) ދެއެވެ. 2 އެއްޗެއް އޭނަ ދޫކޮށްފައި އެނބުރި އާދެއެވެ. އޭނާއާއިއެކު ވާނީ އެންމެ އެއްޗެކެވެ. އޭނާގެ އަހުލުންނާއި މުދާ އެނބުރި އާދެއެވެ. އަދި އޭނައާއެކު ވާނީ ހަމައެކަނި އޭނާގެ ޢަމަލުތަކެވެ.”

އެންމެހައި އަޚުންނާއި އުޚްތުންނޭވެ! ކީރިތި رسول الله صلى الله عليه وسلم މިދުނިޔޭގައި މުސްލިމުންގެ ޙާލަތު ބަޔާންކުރައްވަމުން ޙަދީޘްކުރެއްވިއެވެ. “الدُّنْيَا سِجْنُ الْمُؤْمِنِ وَجَنَّةُ الْكَافِرِ”. “ދުނިޔެއަކީ މުއުމިނުންނަށްވާ ހުރަގެއެކެވެ. އަދި ކާފަރުންނަށްވާ ސުވަރުގެއެކެވެ.” އެހެނީ ކާފަރުން ދެކެނީ ޙަޔާތަކީ، ހަމައެކަނި މިދުނިޔޭގެ ޙަޔާތްކަމެވެ. އެހެންކަމުން އެބައިމީހުންނަށް މިއީ ސުވަރުގެއެކެވެ. އެބައިމީހުން އެދެނީ ވީހާވެސް ގިނައެއްޗެއް މިތަނުން ހޯދައިގަތުމެވެ. އެކަކު އަނެކަކަށް ވާދަކޮށް އުޅެނީ ދުނިޔަވީ ބޭނުންތައް ޙާޞިލްކުރުމުގައެވެ. އެކަންކަން ޙާޞިލްކުރުމުގައި މުޅި ހަށިގަނޑާއި މުދާ ޤުރުބާން ކުރެއެވެ. އަދި ފޭރިގަނެގެން ނަމަވެސް އެކަންކަން ޙާޞިލްކުރުމަށް މަސައްކަތް ކުރެތެވެ. އެހެންނަމަވެސް މުސްލިމުން ގަބޫލުކުރާ ގޮތުން މަރުވުމަށްފަހު އަލުން އައު ޙަޔާތެއް އެބައޮތެވެ. މިދުނިޔޭގެ ޙަޔާތަކީ ކުރު ވަގުތުކޮޅެކެވެ. ދުނިޔެއިން މިފެންނަ ކަންތައްތަކަކީ އެބައިމީހުން ކާމިޔާބުގެ މަގުން އެއްކިބާކޮށް، ގެއްލުމާއި ހަލާކުގެ ތެރެއަށް ވަށްޓާލާނެފަދަ ކަންކަން ކަމުގައި ދެކެއެވެ. އެބައިމީހުން މިކަންކަމަށް ބިރުވެތިވެ، އަބަދުވެސް މިކަންކަމުން ސަލާމަތްވާނޭ ގޮތްތަކާމެދު ވިސްނައެވެ. ﷲއަށް އިޚްލާޞްތެރިކަމާއެކު، ފުރިހަމައަށް އަޅުކަންކުރުމަށް ހުރަސްއަޅާ އެއްޗެހިތަކެއް ކަމުގައިމެނުވީ މިތަކެތި ނުވާކަން، އެބައިމީހުން ޤަބޫލުކުރެއެވެ. ޚާއްޞަކޮށް މިޒަމާނުގައެވެ. އެހެންކަމުން ތިބާވެސް ހުށިޔާރުވާށެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. “ޒަމާނެއް އަންނާނެއެވެ! އެވަގުތު އިސްލާމްދީނުގައި ފުރިހަމައަށް ހިފަހައްޓައިފި މީހާގެ މިސާލީ އޭނާގެ އަތުން އަނގުރުއަލިފާނުގައި ހިފައިގެން ހުންނަ މީހެއްގެ މިސާލެވެ.”

ތިބާ ސުވަރުގެއަށް އެދޭނަމަ، އެސުވަރުގެ ޙާޞިލްކުރުމަށްޓަކައި މަސައްކަތް ކުރަންޖެހެއެވެ. ބައެއްމީހުން ދެކޭ ގޮތުގައި އިސްލާމްވުމުން އެނިމުނީއެވެ. ނަމަވެސް މުސްލިމުންގެ ވިސްނުމަކަށް ވާންވާނީ، ސުވަރުގެ އެދިގެން އެތަނަށް ވާޞިލްވުމަށްޓަކައި ކުރަންޖެހުނު ހުރިހާކަމެއް ކުރާ ބަޔެއް ކަމުގައިވުމެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَالسَّابِقُونَ السَّابِقُونَ (10) أُولَئِكَ الْمُقَرَّبُونَ (11) فِي جَنَّاتِ النَّعِيمِ (12) ثُلَّةٌ مِنَ الْأَوَّلِينَ (13) وَقَلِيلٌ مِنَ الْآَخِرِينَ (14) “އަދި ކުރިއަރައިދިޔަ މީހުންނީ، (ދަރަޖައިގެގޮތުން) ކުރިއަރައިދިޔަ މީހުންނެވެ.(10) ކުއްތަންކުރައްވާފައިވާ މީހުންނީ، އެއުރެންނެވެ.(11) ނިޢުމަތުގެ ސުވަރުގެތަކުގައެވެ.(12) އިސްވެދިޔަމީހުންގެ ތެރެއިން ގިނަބަޔެކެވެ.(13) އަދި ފަހުގެ މީހުންގެ ތެރެއިން މަދުބަޔެކެވެ.(14)”

އެހެންކަމުން ކުރީގެ އުއްމަތްތަކުގެ މީސްތަކުންގެ ތެރެއިން މިދުނިޔެއަކީ ކޮންފަދަތަނެއްކަން ރަނގަޅަށް ދެނެގަތް މީހުން އެދުނީ ކޮންއެއްޗަކަށްކަން، ނުވަތަ ވާދަކޮށް އުޅުނީ ކޮންކަންތަކެއް ޙާޞިލްކުރުމަށްކަން ތިބާ ބަލާހުށިކަމެވެ! އަދި އެބައިމީހުންގެ ޙަޔާތުން ޢިބުރަތް ޙާޞިލުކުރާ މީހަކު ކަމުގައި ތިބާ ވާހުށިކަމެވެ!

رسول الله صلى الله عليه وسلم ގެ ޒަމާނުގައި އުޅުއްވި 2 މީހެއްގެ ވާހަކަ އެކަލޭގެފާނު ބަޔާންކުރެއްވިއެވެ. މިދެމީހުންނީ ﷲއަށްޓަކައި ހެޔޮކަންކަމުގައި އެކަކު އަނެކަކާއި ވާދަކުރަމުންދާ ދެމީހުންނެވެ. ރޭއަޅުކަންކުރުމާއި ރޯދަ ހިފުމުގައެވެ. މުދަލުން  ހޭދަކުރުމުގައެވެ. އަދި އެހެނިހެން ސުންނަތް ކަންތައްތަކުގައެވެ. ކޮންމެކަމެއްގައިވެސް އަނެކާއަށްވުރެ ކުރިހޯދުމުގައި ވާދަކުރަމުންދަނީއެވެ. އެއްދުވަހަކު ޖިހާދަށް ދިއުމަށް މި ދެމީހުން ނިންމިއެވެ. އެމީހުން ބުންޏެވެ! މިއީ ސުވަރުގޭގެ އެންމެމަތީ މަޤާމަށް ވާޞިލްވުމަށްޓަކައި ރަނގަޅު ފުރުޞަތެކެވެ. ދެން އެއަށްފަހު ހަނގުރާމައިގެ ތެރޭގައި އެކަކު އަނެކަކަށް ވީނުވީއެއް ނޭނގި ގެއްލިދާންދެން މަޝްޣޫލުވެއްޖެއެވެ. ޢަދުއްވުން، އޭގެތެރެއިން އެކަކު ހިފައި އަސީރުކޮށްފިއެވެ. އަދި އޭނާއަށް އަޛާބު ދައްކަމުން ގެންދިޔައެވެ. އަޛާބު ދެވޭ  ކޮންމެފަހަރަކު އޭނާ އުފަލުން ހިނިތުންވެލައެވެ. އެހިނދު އެ މުޝްރިކުން ހައިރާންކަމާއެކު އަހައެވެ. ތިބާ ތިޔަ ހެނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ޖަވާބުދެއެވެ. الحمد لله އެވެ. އަހަރެން އަހަރެންގެ އަޚާއާއި ވާދަކޮށް ޖަންނަތުލް ފިރްދައުސަށް ޝަހީދެއްގެ ގޮތުގައި ވާޞިލްވާކަމުގެ އުފަލާއި ހިތްހަމަ ޖެހުމުގައެވެ. އެ މުޝްރިކުން ބުންޏެވެ! މުސްލިމުންނަށް ތިޔަތިބީ ކިހިނެއްވެފައި ހެއްޔެވެ! ކުރިން އެދިޔަ މީހާވެސް ބުނީ ހަމަ ތިފަދަ ބަސްތަކެކެވެ. އެކަލޭގެފާނަށް ކީރިތިކުރެއްވުނެވެ. ނަމަވެސް މަރާއި ބައްދަލުކުރިއެވެ. ކީރިތި ކުރެއްވުނީ އެކަލޭގެފާނުގެ އަޚް ކުރިއަރައި ދިޔުމުންނެވެ. إن شاء الله އެދެމީހުން ސުވަރުގޭގައި ބައްދަލުކުރާނެއެވެ.

ކުރިއަރައި ދިޔަ މީހުންނަކީ އެއީއެވެ. އެބައިމީހުން ވަނީ ސުވަރުގެ ޙާޞިލްކުރުމަށްޓަކައި، މިފަނާވެދަނިވި ދުނިޔެ ޤުރުބާންކޮށްފައެވެ. ފަހެ އަހަރުމެން އާޚިރަތް ވިއްކާލައިފައި މިދުނިޔެ ގަންނާނީ ކޮންފަދައަކުން ހެއްޔެވެ. މިއަދު، ގިނަ މުސްލިމުން އެބައިމީހުންގެ ބޮލުގައިވާ ތާޖެއްފަދައިން ދުނިޔެ ދެކެމުންދާއިރު، ޞަޙާބީން އެބޭކަލުންގެ ބޮލުގައިވާ ތާޖެށްފަދައިން ދެކިލެއްވީ ދީނެވެ. އެ ތާޖަށް އުނިކަމެއް އަތުވެދާނެކަމަށް ހީވުމާއެކު، އެބޭކަލުންގެ އަތުގައިވާ ދުނިޔެ ބިމުގައި ބާއްވަތެވެ. މައްސަލައެއް ދިމާވެއްޖެނަމަ ދުނިޔެ އެއްފަރާތްކޮށް، އާޚިރަތަށް އިސްކަންދެއެވެ. މުދާ ޤުރުބާން ކުރިއެވެ. ކޮންކަމަކަށް ތޯއެވެ. ދުނިޔޭގެ ބޭނުމަކަށް ނޫނެކެވެ. އާޚިރަތުގެ ގޮވަތި ބިނާކުރުމަށެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ މީގެ އިދިކޮޅެވެ.

އަބޫބަކުރު رضي الله عنه އާއި ޢުމަރު رضي الله عنه ގެ ޙާލަތަށް ބަލައިލާއިރުވެސް ފެނިގެންދަނީ ހަމަ މިފަދަ މިސާލެކެވެ. ޢުމަރު رضي الله عنه އަބަދުވެސް އަބޫބަކުރު رضي الله عنه އަށްވުރެން ކޮންމެކަމެއްގައިވެސް ކުރިއަރައި ދެވޭތޯ މަސައްކަތްކުރެއެވެ. އެހެނީ ހެޔޮކަންކަމުގައި އެކަކު އަނެކަކާއި ވާދަކޮށް ކުރިއަރައި ދިއުމަކީ އެބޭކަލުންގެ ސިފައެވެ. رسول الله صلى الله عليه وسلم ގެ ޒަމާނުގައި މުސްލިމުންނަށް ވަރަށް ބޮޑު ތަނދު މަޑުކަމެއް ކުރިމަތިވިއެވެ. އަދި رسول الله صلى الله عليه وسلم އެންމެހައި މުސްލިމުންނަށް އެބައިމީހުންގެ އަތުގައި ހުރި މުދަލުން އެމީހަކަށް ދޭން ކެރުނު އެއްޗެއް އެކަލޭގެފާނުގެ އަރިހަށް ގެނައުމަށް އެދުނެވެ. އެދުވަހު ޢުމަރު رضي الله عنه ވިދާޅުވިއެވެ. މިއަދު އަބޫބަކުރު رضي الله عنه އާއި ވާދަކޮށް ކުރިއަރައި ދާނަމެވެ. އެއަށްފަހު އެކަލޭގެފާނުގެ ގެކޮޅަށްވަދެވަޑައިގެން މުދަލުގެ ދެބައިކުޅަ އެއްބައި އެކަލޭގެފާނުގެ ކޮނޑުމައްޗަށް ލައިގެން ރަސޫލާ صلى الله عليه وسلمގެ އަރިހަށް ދިއުމަށް ހިނގައި ގަތެވެ. رسول الله صلى الله عليه وسلم ގެ އަރިހަށް އާދެވުމުން، ކަލޭގެފާނުގެ އަހުލުންނަށް ބެހެއްޓީ ކޮންއެއްޗެއްތޯއޭ ސުވާލު ދެންނެވުމުން ޢުމަރު رضي الله عنه  ވިދާޅުވިއެވެ. މުދަލުގެ ދެބައި ކުޅަ އެއްބައެވެ. ރަސޫލާ صلى الله عليه وسلم ޙާދީޘްކުރެއްވިއެވެ. بارك الله فيك يا عمر (އޭ ޢުމަރެވެ! ތިބާއަށް ﷲ ބަރަކާތް ލައްވާށިއެވެ). ދެން އެއަށްފަހު އަބޫބަކުރު رضي الله عنه އަށް ވިދާޅުވިއެވެ. ކަލޭގެފާނުގެ އަހުލުންނަށް ދޫކުރީ ކޮންއެއްޗެއްތޯއެވެ. އަބޫބަކުރު رضي الله عنه ވިދާޅުވިއެވެ. ތިމަން ދޫކުރީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ. سبحان الله! މިލްކުގައިވީ އެންމެހައި މުދާތަކެއް ﷲ ގެ މަގުގައި ހޭދަކުރެއްވީއެވެ.

 ދެން އެއަށްފަހު، މުސްލިމުންގެ ފުރަތަމަ ޞަފީރުކޮބައިތޯއެވެ. ރީތިކަމާއި މުއްސަންދިކަމުގައި އަރައި ހުރި މުޞްޢަބު ބުން ޢުމައިރު رضي الله عنه އެވެ. މަދީނާއަށް މީސްތަކުންނަށް ދީނަށް ގޮވައިލުމަށް رسول الله صلى الله عليه وسلم އެކަލޭގެފާނު ހަމަޖައްސަވައި ފޮނުއްވިއެވެ. އެކަލޭގެފާނަކީ އިސްލާމްވުމުގެ ކުރީގައި އެންމެ މުއްސަނދި ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މައްކާގައިވާ އެންމެ ރީތި ޒުވާނާއެވެ. އެންމެ މޮޅު ހެދުންލައި، އެންމެ މީރުވަސްދުވާ އަތަރު ބޭނުން ކުރަމުންދިޔަ ބޭފުޅާއެވެ. އެކަލޭގެފާނު މައްކާގެ މަގުމައްޗަށް ނުކުމެވަޑައިގެންފިނަމަ މައްކާގެ އަންހެނުންތައް މަގުމަތީގައި އެކަލޭގެފާނު ފަހަނައަޅައި ދާންދެން އެކަލޭގެފާނުގެ ހިތް ދަމައިގަތުމަށްޓަކައި އެތުރިގެންތިބޭ ކަމުގައިވެއެވެ. އުޙުދު ހަނގުރާމައިގެ މައިދާނުގައި ކުޅަދާނަކަމާއެކު ހަރަކާތްތެރިވަމުން ދަނިކޮށް ޢަދުއްވުންގެ ފަރާތުން 70 އެތިފަހަރު އެކަލޭގެފާނުގެ ހަށިކޮޅަށް އަރައި މައިދާނަށް ވެއްޓުނެވެ. ހަނގުރާމަ ނިމުމަށް ފަހު رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން މުސްލިމުންގެ ޝަޙީދުންތައް ފަސްދާނު ވެޑުވުމަށްޓަކައި ހަރަކާތްތެރިވިއެވެ. އެހިނދު މުއްޞަބު ބުން ޢުމައިރު رضى الله عنه ޝަޙީދުވެފައި ވަނިކޮށް ފެނިވަޑައިގަތެވެ. އެކަލޭގެފާނު ފަސްދާނު ވެޑުވުމަށްޓަކައި ހަށިކޮޅު ނިވާކުރުމަށް ބެލިއިރު އެކަލޭގެފާނު ހަށިކޮޅުގައިވާ ފޮށާމެނުވީ އެކަލޭގެފާނުގެ މިލްކުގައި އެއްޗެއް ވަނިކޮށެއް ފެނިވަޑައެއް ނުގަތެވެ. އޭގެން އެކަލޭގެފާނުގެ ބޯ ނިވާކޮށްފިނަމަ އެކަލޭގެފާނުގެ ފައި ފާޅުވެދެއެވެ. އަދި ފައި ނިވާކޮށްފިނަމަ ބޯ ހާމަވެގެންދެއެވެ. رسول الله صلى الله عليه وسلم އެހިނދު ޙަދީޘްކުރެއްވިއެވެ. މުޞްޢަބު ބުން ޢުމައިރެވެ. އަހަރުމެންނަށް ކަލޭގެފާނުގެ މުދަލުން ކަލޭގެފާނުގެ މުޅި ހަށިގަނޑު ނިވާކޮށްލާނެ މިންވަރުވެސް ނުފެނުވެ. ކަލޭގެފާނު ވަނީ ހުރިހާ މުދަލެއް މުޙްތާޖުވެގެންވާ މީހުންނަށް ޞަދަޤާތް ކޮށްފައެވެ.

އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިފަދަ ހައިރާންވެ އަޖައިބުވެ އަންތަރީސްވާފަދަ ކަންތައްތައް މިބޭކަލުންގެ ތާރީޚުން ފެންނަން މިހުރީ، މިބޭކަލުން މަސައްކަތް ކުރީ ސުވަރުގެއަށް އެދުންވެރިވެ އެތަނަށް ވާޞިލްވުމަށް ބޭނުންވެގެންކަމަށް ވާތީއެވެ. އެއްވެސް ހާލެއްގައި ފަހުން އަންނާނެ މީހުންނަށް ދެއްކުމަކަށެއްނޫނެވެ. ބޮޑާވެގަތުމަކަށް ނޫނެވެ. އެބައިމީހުންވަނީ ބޮލުގައި ތާޖެއް ނޭޅިކަމުގައި ވިޔަސް ރަސްކަލުން ކަމުގައެވެ. މާތްކަމާއި މަތިވެރި ކަމުގައެވެ. އެބައިމީހުންނީ މުއްސަނދިކަމުގެ ގޮތުން ގިނަ މުދާތަކެއް މިލްކުގައި ނެތް ނަމަވެސް، ސިލްކުން ފަހާފައިވާ ލިބާސްފަދަ ކޯޓުތައް ތުރުނުކުރި ނަމަވެސް، ޤަދަރު ލިބިގެންވާ ރަސްކަލުންނެވެ. މީސްތަކުން އެބައެއްގެ އަތުގައި ހުރުމަށް އެދޭ އާދައިގެ އެއްޗެހިވެސް ނެތް ބައެއްކަމުގައި ވިޔަސް، އެބައިމީހުންނީ އުފަލާއި އަރާމުގައި އުޅުނު މީހުންނެވެ.