[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރޯދަވެރިޔާގެ އަދަބުތައް (1)

 

  • އިޚްލާޞްތެރި ތައުބާވުމަކުން ތައުބާވެ، ސަލާމަތްތެރި ހިތަކާއިގެން ރަމަޟާންމަހަށް އިސްތިޤްބާލުކުރުން.

ކޮންމެ އަޅުކަމުގެ މޫސުމަކާވެސް ބައްދަލުކުރަންވާނީ ފާފައިގެ ދަމިލައިން ނަފްސުތައް ތޯހިރުކޮށްގެންނެވެ. އަދި ހަމައެއާއި އެކީ ރުޅިވެރިކަމާއި، ޢަދާވާތްތެރިކަމާއި، ޙަސަދަވެރިކަމާއި، ބަދަލުހިފުމުގެ ރޫޙުން ހިތްތައްވެސް ތޯހިރުކޮށްގެންނެވެ. ތައުބާވުމާއި އެކީ މީސްތަކުންނަށް މާފުކޮށް ޢަފޫކުރުމަކީ ރޯދަވެރިޔާ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ.

  • ރަމަޟާން މަހުގެ ރޯދައަކީ އިސްލާމްކަމުގެ ހަތަރުވަނަ ރުކުންކަމުގައި ދަނެގަތުން.

މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު ރުކުނަކަށް ރަމަޟާން މަހުގެ ރޯދަ ވީހިނދު، އިސްލާމްދީނުގެ އެހެނިހެން ރުކުންތަކެކޭ އެއްފަދައިން މިރުކުންވެސް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ރޯދަވެރިޔާ ޚާއްސަ ސަމާލުކަމެއްދޭންވާނެއެވެ. ރޯދައިގެ ފަރުޟިއްޔަތަށް އިންކާރުކޮށްފިމީހަކީ ދީނުންބޭރުވާނެ މީހެކެވެ. ރޯދައިގެ ފަރުޟިއްޔަތު ޤަބޫލުކުރާ ޙާލު ރޯދަ ނުހިފުމަކީ ބޮޑުވެގެންވާ ފާފައެކެވެ.

  • އިސްލާމްކަމާއި، ބާލިޣުވުމާއި، ބުއްދި ސަލާމަތުންހުރުމާއި، ކުޅަދާނަކަން ލިބިގެންވުމާއި، މުޤީމަކުކަމުގައިވުމަކީ ރޯދާ ވާޖިބުވުމުގެ ޝަރުތުތައްކަން ދަނެގަތުން.
  • ރޯދަ ހިފުމުގައި ﷲ ތަޢާލާއަށް އިޚްލާޞްތެރިވުން.

އެބަހީ ހަމައެކަނި ﷲ ގެ ވަޖުހުފުޅު އަދައިގެން، ދެއްކުންތެރިކަމެއް، މީހުންގެ ޘަނާއާއި މަދަޙަ ލިބުމުގެ އެދުމެއްނެތި، ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދިގެން ރޯދައަށް ހުރުމެވެ.

  • ރޯދައަށް ހުރުމުގައި ތަޤުވާގެ ފޭރާމުން ޒީނަތްތެރިވުން.

ﷲ ތަޢާލާ ރޯދަ ފަރުޟުކުރެއްވި މަޤްސަދަކީވެސް ރޯދައިން ތަޤްވާވެރިކަން ހާސިލުކޮށްގަތުމެވެ. އެހެންކަމުން ރޯދައަށް ހުރުމުގައި ތަޤްވާވެރިކަން ޙާސިލުވާނެފަދަ ޞާލިޙު ޢަމަލުތައް އިތުރުކުރުމަށް ސަމާލުކަންދޭންވާނެއެވެ.

  • ރޯދައަށް ހުރުމަށް ޚާއްސަ ވަގުތެއް ކަނޑައެޅިފައިވާކަން ދަނެގަތުން.

އެއީ ފަޖުރުއްޞާދިގުގެ އަލިކަން ފާޅުވުމާއި ހަމައިންފެށިގެން އިރުއޮއްސުމާއި ހަމައަށެވެ.

  • ރޯދަގެއްލޭ އެންމެހައި ކަންތައްތަކުން ދުރުހެލިވެހުރުން.

ރޯދަވެރިޔާ ރޯދައަށް ހުންނަ ހުރުމުގައި ހުންނަންޖެހޭނީ ކެއުން ބުއިމުންނާއި އެނޫންވެސް ރޯދަގެއްލޭ އެންމެހައި ކަމަކުން ދުރުހެލިވެގެންނެވެ.

  • ރޯދަވެރިޔާ ބަނޑަށް ރައްކާތެރިވާ ފަދައިން ދުލާއި އަތްފައިގެ ގުނަވަންތަކަށްވެސް ރައްކާތެރިވުން.

މިގޮތުން ދުލާއި ލޮލާއި ކަންފަތާއި އަތްފައިގެ ގުނަވަންތައްވެސް ރޯދަވެރިޔާގެ ރޯދައިގައި ބައިވެރިކުރަންޖެހޭނެއެވެ. އެހެންނުވެއްޖެނަމަ ރޯދައިން ޙާސިލުވާނީ ހަމައެކަނި ބަނޑުހައިހޫނުކަމެކެވެ.

-ނުނިމޭ-