[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިޠުރު ޒަކާތް 1

ޙުކުމް:

މިއީ މުސްލިމުންގެ ތެރެއިން ބޮޑެތިމީހުންނާއި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނާއި މިނިވަނުންނާއި އަޅުންގެ މައްޗަށް ވާޖިބެކެވެ.

ޢަބްދުﷲ ބުން ޢުމަރު ވިދާޅުވިއެވެ.

«فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ عَلَى العَبْدِ وَالحُرِّ، وَالذَّكَرِ وَالأُنْثَى، وَالصَّغِيرِ وَالكَبِيرِ مِنَ المُسْلِمِينَ». [متفق عليه]

މާނައީ: “މުސްލިމުންގެ ތެރެއިން އަޅުންނާއި މިނިވަނުންނާއި ފިރިހެންނާއި އަންހެނުންނާއި ކުޑަކުދިންނާއި ބޮޑެތިމީހުންގެ މައްޗަށް، ކަދުރުން ޞާޢެއްގެ މިންވަރު ނުވަތަ ހިމަ ގޮދަނުން (ބާރލީއިން) ޞާޢެއްގެ މިންވަރު، [1] ފިޠުރު ޒަކާތުގެ ގޮތުގައި ނެރުމަށް، ﷲ ގެ ރަސޫލާ صلى الله عليه وسلم ފަރުޟުކުރެއްވިއެވެ.”

 

ޙިކުމަތް:

* މިކަމުގައި ފަޤީރުންނަށް އިޙްސާންތެރިވުން ހިމެނެއެވެ. އަދި ޢީދު ދުވަހުގައި ސަލާމް ޖެހުމުން ދުރުހެލިވުމަށް މިކަމުން މަގުފަހިވެގެން ދެއެވެ. އަދި މުއްސަނދިންނެކޭ އެއްފަދައިން ފަޤީރުންވެސް އެދުވަހުގައި އުފަލުގައި ބައިވެރިވެ، އެންމެންގެ ޢީދަކަށް އެދުވަސް ވެގެން ދެއެވެ.

* ދީލަތިކަމުގެ ޞިފައިންނާއި ހެޔޮ ފޯރުކުރުމުގެ ޞިފައިން، ޞިފަ ލިބިގަތުން މިކަމުގައި ވެއެވެ.

* ރޯދަވެރިޔާގެ ރޯދައިގައި މެދުވެރިވެފައިވާ އުނިކަމާއި ފާފަތަކާ އަދި ބޭކާރު ވާހަކަތަކަށް ހުރި ޠާހިރުކަމަކަށް ވެގެން ދެއެވެ.

* ރަމަޟާން މަސް ފުރިހަމަކޮށްދެއްވިކަމަށްޓަކައި ﷲ ތަޢާލާއަށް ޝުކުރުވެރިވުން މިކަމުގައި ހިމެނެއެވެ. އެއީ އެމަހުގައި ރޯދަހިފުމާއި ރޭ އަޅުކަން ކުރުމާއި ހެޔޮ ޢަމަލުތައް ކުރުމުގެ ތައުފީޤުދެއްވިކަމަށްޓަކައެވެ.

 

ނެރުން ވާޖިބުވާ ބާވަތް:

އާދަމުގެ ދަރިން ކެއުމުގެ ގޮތުގައި ބޭނުންކުރާ ތަކެތިން ނެރެވިދާނެއެވެ. އެއީ ކަދުރާއި ރަނގަޅު ގޮދަނާއި ހަނޑުލާއި ހިކިމޭބިސްކަދުރާއި އަޤިއްޠު [2] އަދި އެ ނޫން ބާވަތްތަކުންނެވެ. ޢަބްދުﷲ ބުން ޢުމަރު ވިދާޅުވިއެވެ.

«فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الفِطْرِ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ شَعِيرٍ». [متفق عليه]

މާނައީ: “ކަދުރުން ޞާޢެއްގެ މިންވަރު ނުވަތަ ހިމަ ގޮދަނުން (ބާރލީއިން) ޞާޢެއްގެ މިންވަރު، ފިޠުރު ޒަކާތުގެ ގޮތުގައި ނެރުމަށް، ﷲ ގެ ރަސޫލާ صلى الله عليه وسلم ފަރުޟުކުރެއްވިއެވެ.”

އެދުވަސްވަރު އެބޭކަލުންގެ މައިގަނޑު ކެއުމަކީ ހިމަ ގޮދަނެވެ.


= ނުނިމޭ =

ފިޠުރު ޒަކާތް 2

 

[1] ފިޠުރު ޒަކާތުގެ ގޮތުގައި އެ ޤައުމެއްގައި ޢާންމު ކާނާގެ ގޮތުގައި ބޭނުން ކުރާ، ގިނަދުވަހަށް ރައްކާކުރެވޭ ބާވަތްތަކުން ނެރެވިދާނެއެވެ. (ބައްލަވާ: إعلام الموقعين لابن القيم (3 / 18)]

[2] أَقِطّ (އަޤިއްޠު) އަކީ: ކިރު ހިއްކައިގެން ޢަރަބި ޤައުމުތަކުގައި ހަދާ ކާ އެއްޗެކެވެ.