[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިޠުރު ޒަކާތް 2

ނެރެން ޖެހޭ މިންވަރު:

* އެއީ ނަބަވީ ޞާޢެއްގެ މިންވަރަށެވެ. މިޘްޤާލުން ބަލާއިރު އެއީ 480 މިޘްޤާލެވެ. އަދި ކިލޯއިން އެއީ 2.040 ކިލޯއެވެ. [1]

 

ނެރެން ޖެހޭ ވަގުތު:

* މޮޅުއިތުރު ވަގުތު:

އެއީ ޢީދު ނަމާދުގެ ކުރިން، ޢީދު ދުވަހުގެ ހެނދުނު ވަގުތެވެ. އަބޫ ސަޢީދުލް ޚުދްރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ.

«كُنَّا نُخْرِجُ فِي عَهْدِ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الفِطْرِ صَاعًا مِنْ طَعَامٍ» [البخاري (1510)]

މާނައީ: “ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރު، ޢީދު ދުވަހުގައި (ފިޠުރު ޒަކާތުގެ ގޮތުގައި) ކާބޯތަކެތީގެ ޞާޢެއްގެ މިންވަރު ތިމަންބޭކަލުން ނެރުއްވަމެވެ.”

 

* ހުއްދަ ވަގުތު:

ޢީދު ދުވަހުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން ފިޠުރު ޒަކާތް ނެރުން ހުއްދައެވެ. އެއީ ނާފިޢުގެ އަރިހުން ރިވާވެގެންވެއެވެ.

فَكَانَ ابْنُ عُمَرَ «يُعْطِي عَنِ الصَّغِيرِ، وَالكَبِيرِ، حَتَّى إِنْ كَانَ لِيُعْطِي عَنْ بَنِيَّ»، وَكَانَ ابْنُ عُمَرَ رَضِيَ اللَّهُ عَنْهُمَا «يُعْطِيهَا الَّذِينَ يَقْبَلُونَهَا، وَكَانُوا يُعْطُونَ قَبْلَ الفِطْرِ بِيَوْمٍ أَوْ يَوْمَيْنِ» [رواه البخاري (1511)]

މާނައީ: ކުޑަކުދިންނާއި ބޮޑެތި މީހުންގެ ފަރާތުންވެސް އިބްނު ޢުމަރު رَضِيَ اللَّهُ عَنْهُمَا ފިޠުރު ޒަކާތްދެއްވައެވެ. އަދި ތިމަންގެ ދަރިންގެ ފަރާތުންވެސް އެކަލޭގެފާނު ފިޠުރު ޒަކާތް ދެއްވައެވެ. އަދި އެ ޤަބޫލުކުރާ (ފަޤީރުންނަށް) އެ ދެއްވައެވެ. އަދި ފިޠުރު ޢީދުގެ އެއް ދުވަސް ނުވަތަ ދެ ދުވަސް ކުރިން އެ ނެރުއްވައެވެ.”

 

ނެރެން ޖެހޭ ތަން:

ޒަކާތް ނެރޭނީ، ޒަކާތް ނެރެންޖެހޭ ވަގުތު އެމީހަކު ހުރި ތަނެއްގައެވެ. އެއީ އެމީހާ ދާއިމަށް އުޅޭ ރަށްކަމުގައިވިޔަސް ނުވަތަ ވަގުތީ ގޮތުން އުޅޭ ތަންކަމުގައިވިޔަސް މެއެވެ. އަދި ވަކިން ޚާއްޞަކޮށް މައްކާ ނުވަތަ މަދީނާފަދަ މާތް ބިމެއްގައި ހުރިނަމަ ޒަކާތް ނެރޭނީ އެތަނުގައެވެ. އަދި އެ އުޅޭ ތަނުގައި ފަޤީރުންގެ ޙާޖަތްބޮޑުވެފައިވާނަމަވެސް އެ ހުރި ތަނެއްގައެވެ. ފަހެ ޒަކާތް ޤަބޫލުކުރާނޭ މީހުން ނޫޅޭ ރަށެއްގައި ނަމަ ނުވަތަ އެ ރަށުގައި ޒަކާތް ޙައްޤުވާ މީހުން އޭނާއަށް ނޭނގޭނަމަ، ޒަކާތް ޙައްޤުވާ މީހުން ތިބި ރަށެއްގައި ޒަކާތް ނެރުމަށް މީހަކާ ހަވާލުކުރާނީއެވެ.


= ނިމުނީ =

މަޞްދަރު: مجالس شهر رمضان للعثيمين

 

ފިޠުރު ޒަކާތް 1

 

[1] ޞާޢަކަށް ވާވަރު ކިލޯއިން ބަލާއިރު، އެ ބަލާ މިންގަނޑުގައި ޢިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ޚިލާފައެއް ވެއެވެ. ރާއްޖޭގައި ރަސްމީކޮށް ބަލަމުން އަންނަނީ 2.4 ކިލޯ ކަމުގައެވެ.

– ޝާފިޢީ މަޛްހަބާއި ޙަންބަލީ މަޛުހަބުގައި ބަޔާންކޮށްފައިވާ މިންގަނޑުން ބަލާއިރު އެއީ 2.036 ކިލޯއެވެ.

– މާލިކީ މަޛްހަބުގައި ބަޔާންކޮށްފައިވާ މިންގަނޑުން އެއީ 2.028 ކިލޯއެވެ.

– އަދި ޙަނަފީ މަޛްހަބުގައި ބަޔާންކޮށްފައިވާ މިންގަނޑުން އެއީ 3.013 ކިލޯއެވެ.

އެއީ ރަނގަޅު ގޮދަން ކިރުމުން އޭގައި ހުންނަ ބުރަދަނެވެ. (ބައްލަވާ: الإطعام في الكفارات بالمقادير المعاصرة لد. فهد بن عبد الرحمن المشعل (ص: 214)).

ޞާޢަކީ މިނުމަށް ބޭނުންކުރާ މިންގަނޑަކަށް ވެފައި، ކިލޯއަކީ ކިރަން ބޭނުންކުރާ މިންގަނޑަކަށް ވާތީ އެ މިނާ އެއްޗެހީގެ ބުރަދަން ތަފާތުވެއްޖެނަމަ، ޞާޢެއްގެ އެހެން ބާވަތަކާ އަޅާކިޔާއިރު ކިލޯގެ ގޮތުން ތަފާތުވުން އެކަށީގެންވެއެވެ. އެހެންކަމުން ހަނޑުލުގެ ބައެއް ބާވަތްތައް ކިރުމުން 2.1 ކިލޯ ހުންނަކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. (ބައްލަވާ: مجموع فتاوى العثيمين (18/274) (20/295)).

މި ޒަމާނުގައި ގިނަ ޤައުމުތަކުގައި ޞާޢުގެ ބަދަލުގައި ކިލޯ ބޭނުންކުރަނީ އެ ބޭނުންކުރަން ގިނަ މީހުންނަށް ފަސޭހަވީމައެވެ. އެހެންކަމުން ކިލޯއިން ނެރެން ބަޔާންކޮށްފައި ހުންނަ މިންގަނޑުގައި ރައްކާތެރިކަމުގެ ގޮތުން ކޮންމެވެސް މިންވަރެއް އިތުރުކޮށްފައި ހުރުން އެކަށީގެންވެއެވެ. އެއީ އެކި ބާވަތުގެ ގޮވާމުގެ ބާވަތްތަކުގެ ބަރުދަން ތަފާތުވުމުން، ކޮންމެ ބާވަތަކުން ޒަކާތް ނެރުނަސް މަދުނުވާނެ ވަރު ލަފާކޮށްފައެވެ. އެގޮތުން ކޮންމެ ޤައުމެއްގައިވެސް ޢާންމުކޮށް ގެންގުޅޭ ބާވަތްތައް ދިރާސާކޮށް، ޒަކާތް ބެހުމަށް ހަވާލުވާ ފަރާތްތަކުން މިކަން ކަށަވަރުކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ޞާޢެއްގެ މިންވަރު މިނައިގެން ނެރެން އެނގޭ މީހަކަށް އެންމެ ރަނގަޅު ގޮތަކީ އަދި ރައްކާތެރި ގޮތަކީ އެއީއެވެ.