[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދީނީ ހައްދުފަހަނައެޅުމުގެ ތާރީޙު – 2

   އަޅުގަނޑުމެންގެ މިކުޑަކުޑަ ދިވެހިރާއްޖެއިން ދީނީ ހައްދުފަހަނައެޅުމުގެ ފިކުރުގެ އަޘަރުތައް ފެންނަން ފެށީ ދާދި ފަހުންނެވެ. ނަމަވެސް ދީނީ ހައްދުފަހަނައެޅުމުގެ ފިކުރަކީ ވަރަށް ޤަދީމީ ފިކުރެކެވެ.  ދީނީ ހައްދުފަހަނައަޅައި ދިއުމަކީ ﷲ ތަޢާލާ ބާއްވައިލެއްވި ސަމާވީ އެހެނިހެން ޝަރީޢަތްތަކުގެ އަހުލުވެރިންގެ ތެރޭގައިވެސް އޮތް ކަމެކެވެ. މިގޮތުން ބައެއް ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އިންސާނީ ތާރީޚުގައި ހިނގައިދިޔަ ހައްދުފަހަނައެޅުމުގެ އެންމެ ފުރަތަމަ ޙާދިޘާއަކީ އާދަމް ޢަލައިހިއްސަލާމްގެ ދަރިކަލުން ޤާބީލު ހާބީލު ޤަތުލުކުރި ޙާދިޘާއެވެ. އަނެއްބައި ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ހައްދުފަހަނައެޅުމުގެ ފުރަތަމަ ޙާދިޘާއަކީ ނޫޙުގެފާނުގެ ޤައުމުގެ މީސްތަކުން ބިންމަތީގައި އެންމެ ފުރަތަމަ ޝިރުކުކުރަން ފެށި ޙާދިޘާއެވެ. ދީނީ ހައްދުފަހަނައެޅުން އެންމެ ބޮޑަށް ފާޅުވީ އަހުލުކިތާބީންގެ ތެރެއިންނެވެ. ﷲ ތަޢާލާ އެބައިމީހުންނާ ބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ:

﴿يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ وَلَا تَقُولُوا عَلَى اللَّهِ إِلَّا الْحَقَّ ۚ إِنَّمَا الْمَسِيحُ عِيسَى ابْنُ مَرْيَمَ رَسُولُ اللَّهِ وَكَلِمَتُهُ أَلْقَاهَا إِلَىٰ مَرْيَمَ وَرُوحٌ مِّنْهُ﴾ [النساء: 171]

މާނައީ: “އޭ ފޮތުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ދީނާއި މެދު ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި، اللَّه އާމެދު ޙައްޤު ބަސްމެނުވީ، ތިޔަބައިމީހުން ނުބުނާށެވެ! މަރްޔަމްގެފާނުންގެ ދަރިކަލުން އަލްމަސީޙު ޢީސާގެފާނު ވާކަން ކަށަވަރީ، اللَّه ގެ ރަސޫލާ ކަމުގައެވެ. އަދި، އެކަލާނގެ ކަލިމަފުޅު ކަމުގައެވެ. އެކަލިމަފުޅު އެކަލާނގެ، މަރްޔަމްގެފާނާ ހަމަޔަށް ފޮނުއްވައި އެކަމަނާގައި، އެ ކަލިމަފުޅު ލެއްވިއެވެ. އަދި، އެކަލާނގެ ޙަޟްރަތުން ލެއްވި ރޫޙުފުޅެކެވެ”.

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ﴾[المائدة: 77]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އޭ ފޮތުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހުންގެ ދީނާއި މެދު ޙައްޤު ނޫންގޮތުގައި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! އަދި ހަމަކަށަވަރުން، ކުރިން މަގުފުރެދިފައިވާ، އަދި ގިނަބަޔަކު މަގުފުރައްދާފައިވާ، އަދި ހަމަމަގުން އެއްކިބާވެ، މަގުފުރެދިފައިވާ ބަޔެއްގެ އެދުންތަކަށް، ތިޔަބައިމީހުން ތަބަޢަ ނުވާށެވެ!”. މިއާޔަތްތަކުގައި ބަޔާންވެގެންވާ ފަދައިން ﷲ އާއި މެދު ޙައްޤުނޫން ބަސްތައް ބުނުމާއި، މަގުފުރެދިފައިވާ މީހުންގެ މަގަށް ތަބާވުމަކީ ހައްދުފަހަނައަޅައިދިއުމުގެ ކަންތައްތަކެވެ. މީގެ އިތުރަށްވެސް އަހުލުކިތާބީންގެ ފަރާތުން ހައްދުފަހަނައެޅުމުގެ ކަންތައްތަކެއް ފާޅުވެގެން ގޮސްފައިވެއެވެ. މިގޮތުން ޢުޒައިރުގެފާނަކީ ﷲ ތަޢާލާގެ ދަރިކަލެއްކަމަށް ޔަހޫދީން ބުނުމާއި، ޢީސާގެފާނަކީ ﷲ ތަޢާލާގެ ދަރިކަލެއްކަމަށް ނަޞާރާއިން ބުނުމާއި، ޔަހޫދީންނާއި ނަޞާރާއިން އެއްބަޔަކު އަނެއްބަޔަކު ކާފިރުކުރުމާއި، ޔަހޫދީންނާއި، ނަޞާރާއިން ތިމަންމެންނީ، اللَّه ގެ ދަރިން ކަމަށާއި، އަދި އެކަލާނގެ ލޯބިވެވޮޑިގެންވާ މީހުންކަމަށް ބުނި ބުނުމާއި، ﷲ ތަޢާލާ އަކީ ފަޤީރެއް ކަމަށާއި، ﷲ ތަޢާލާގެ އަތްޕުޅުވަނީ ބަންދުވެގެންކަމަށް ޔަހޫދީން ބުނި ބުނުމާއި، ޔަހޫދީން ނަބިއްޔުން ޤަތުލުކުރި ކުރުމާއި، ހަނގުރާމައިގެ އަލިފާންގަނޑުތައް ޔަހޫދީން އެކިފަހަރުމަތިން ރޯކުރާ ކުރުމާއި، ޔަހޫދީންނާއި ނަޞާރާއިންގެ ޢިލްމުވެރިންނާއި ފާދިރީންނަކީ ﷲ ތަޢާލާ ފިޔަވައި އިލާހުން ކަމުގައި ބުނި ބުނުމަކީ އަހުލު ކިތާބީންގެ ފަރާތުން ފެނިގެން ގޮސްފައިވާ ހައްދުފަހަނައެޅުމުގެ ކަންތައްތަކެވެ.

   އިސްވެ ބަޔާންކުރެވުނު ކަންތައްތަކުގެ އަލީގައި އެނގިގެންދަނީ ހައްދުފަހަނައެޅުމުގެ ފިކުރަކީ ޒަމާންވީ ފިކުރެއްކަމެވެ. ދާދި ފަހުން ދުނިޔެއަށް ފާވި ފިކުރެއް ނޫންކަމެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ ﷺ އިސްލާމީ ޝަރީޢަތާއިގެން ފޮނުއްވި ހިނދު އެކަލޭގެފާނުގެ އުންމަތުގެ ތެރެއިންވެސް ވަނީ ހައްދުފަހަނައެޅުމުގެ ފިކުރު ފާޅުވެގެންގޮސްފައެވެ. ނަބިއްޔާ ﷺ ގެ ޒަމާނުގައިވެސް ހައްދުފަހަނައެޅުމުގެ އަޘަރުތައްވަނީ ފެނިގެން ގޮސްފައެވެ. މިގޮތުން ޛުލް ޚުވައިޞިރާ އޭ ކިޔުނު މީހަކު ނަބިއްޔާ ﷺ ގެ އަރިހަށް އައިސް، ނަބިއްޔާ ﷺ މުދާތަކެއް ބެއްސެވުމުގައި ޢަދުލުވެރި ނުވާކަމަށް ތުހުމަތުކުރި ކުރުމަކީ މިއުންމަތުގައި ފާޅުވި ހައްދުފަހަނައެޅުމުގެ ފެށެމެވެ. ޛުލް ޚުވައިޞިރާ އެނބުރި ދިއުމުން އޭނާގެ އަސްލުން ކީރިތި ޤުރުއާން ފަރިތަމަކަމާއިއެކު ކިޔަވާ ބަޔަކު ނިކުންނާނެކަމަށާއި، އެޤުރުއާނަކުން އެމީހުންގެ ހިތަކަށް އަޘަރެއް ނުކުރާނެކަމަށާއި، ދުނި އޭގެ އަމާޒުފަތްގަނޑު ފަޅާލާފާއި ދާހާއަވަހަށް އެބައިމީހުން ދީނުން ބޭރުވާނެކަމަށާއި، ތިމަންކަލޭގެފާނާއި އެބަޔަކާއި ބައްދަލުވެއްޖެނަމަ ޘަމޫދު ބާގައިގެ މީހުން އެކީ އެކައްޗަށް ﷲ ތަޢާލާ ހަލާކުކުރެއްވި ގޮތަށް، ތިމަންކަލޭގެފާނު އެބައިމީހުން އެންމެއެކީ ޤަތުލުކުރައްވާނެ ކަމަށް ނަބިއްޔާ ޙަދީޘްކުރެއްވިއެވެ.[ متفق عليه. رواه البخاري 4351، رواه مسلم 1064]  މިޙާދިޘާއަކީ ދަންނަބޭކަލުން ވިދާޅުވާގޮތުގައި  ނަބިއްޔާ ﷺ ގެ އުންމަތުގައި ހައްދުފަހަނައެޅުމުގެ ފެށުމެވެ. އޭގެ ފަހުގައި ނަބިއްޔާ ﷺ ޚަބަރުދެއްވި ފަދައިން ޢަލީގެފާނުގެ ޚިލާފަތުގައި  ޚަވާރިޖުންނާއި، ޙަރޫރިއްޔާގެ ނަމުން ފާޅުވެގެންގޮސް އެބައިމީހުންގެ މުޞީބާތް އުންމަތުގެ ތެރޭގައި ފާޅުވިއެވެ. މިބައިމީހުން މުސްލިމުންގެ ލޭހުއްދަކޮށް ޤަތުލުކުރިއެވެ. މިގޮތުން ނަބިއްޔާ ﷺ ގެ ޞަހާބީ ޢަބްދު ﷲ ޚައްބާބުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންވެސް މިބައިމީހުން ޝަހީދުކުރިއެވެ.

   ޢަބްދު ﷲ ބުން ޢުމަރުގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި މިބައިމީހުންނަކީ ﷲ ތަޢާލާގެ އެންމެ ނުބައި މަޚްލޫޤުންނެވެ. އެކަލޭގެފާނު އެބައިމީހުންނާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ: “ކާފިރުންނާއި ބެހޭގޮތުން ބާއްވައިލެއްވުނު އާޔަތްތައް އެބައިމީހުން މުސްލުމުންނަށް ނިސްބަތްކުރެއެވެ”.[ صحيح البخاري، كتاب استتابة المرتدين والمعاندين وقتالهم، باب قتل الخوارج والملحدين بعد إقامة الحجة عليهم 9/16]

   މިބައިމީހުންގެ ނުބައިކަން ބަޔާންކުރައްވަމުން އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ: “އެބައިމީހުން ރަޖަމްގެ ޙުކުމް ބާޠިލުކުރިއެވެ. އަދި ވަގުންގެ އަތް ކޮނޑުހުޅުން ބުރިކުރިއެވެ. އަދި ޙައިޟުވެރިންގެ މައްޗަށް ޙައިޟުގެ ޙާލަތުގައި ނަމާދުކުރުން ވާޖިބު ކުރިއެވެ. އަދި ކުޅަދާނަކަން ލިބިގެންވާ ޙާލު ހެޔޮ ކަންތަކަށް އަމުރުނުކޮށް ނުބައިކަންތައް ނަހީނުކުރާ މީހާ ކާފަރުކުރިއެވެ. އަދި ކުޅަދާނަކަން ލިބިގެން ނުވާތީ އެކަން ނުކުރާ މީހަކީ ބޮޑުފާފައަކަށް އަރައިގަތް މީހަކު ކަމުގައި ކަނޑައަޅައެވެ.  އެބައިމީހުންގެ ގާތުގައި ބޮޑުފާފަތަކަށް އަރިގަންނަ މީހަކީ ކާފިރެކެވެ.[فتح الباري لابن حجر 12/285] ހައްދުފަހަނައަޅާފައިވާ މިބައިގަނޑު ފާޅުވާނެކަމާއި އެބައިމީހުންގެ ސިފަތަށް ނަބިއްޔާ ﷺ ބަޔާންކުރެއްވި ތިރީހަށްވުރެ ގިނަ ޙަދީޘް، ޙަދީޘް ފޮތްތަކުގައި ރިވާވެފައިވެއެވެ.

   ހައްދުފަހަނައަޅާފައިވާ މިބައިގަނޑު ފާޅުވުމާއި ދާދި އެކީގައިހެން އިސްލާމީ އުންމަތުގެ ތެރޭގައި ހައްދުފަހަނައެޅި އެހެން ޖަމާޢަތެއްވެސް ވުޖޫދަށްއައެވެ. އެއީ މާތް ނަބިއްޔާ ﷺ ގެ އާލު ބައިތުންނަށް ނަޞްރު ދިނުމުގެ ނަމުގައި ފާޅުވި ޝިޔަޢީ ޖަމާޢަތެވެ. މިބައިގަނޑުވެސް ވަނީ މާތް ވެގެންވާ އިސްލާމް ދީނުގެ އެތަކެއް އުސޫލުތަކެއް މުގުރާލައި އިންތަކުން ބޭރުވެގެން ގޮސްފައެވެ. މިބައިގަނޑު ތެރޭގައި ހައްދުފަހަނައެޅުން އޮތް މިންވަރަކީ މީގެ ތެރެއިން ބައެއް މީހުން ރަސޫލަކީ އަދި އިލާހަކީ ވެސް ޢަލީގެފާނު ކަމަށް ދަޢުވާކުރާ ދަރަޖައަށް ދިއުމެވެ. ދެން އޭގެ ފަހުގައި ހައްދުފަހަނައެޅި އެކި ޖަމާޢަތްތައް އިސްލާމީ އުންމަތުގެ ތެރޭގައި ފާޅުވާން ފެށިއެވެ. މިގޮތުން ޤަދަރީންނާއި، މުރުޖިޢާއިންނާއި، މުޢުތަޒިލާއިންނާއި، ޞޫފީންގެ ނަމުގައި ހައްދުފަހަނައެޅި އެތައް ޖަމާޢަތެއް އިސްލާމީ އުންމަތުގެ ތެރެއިން ފާޅުވެގެންދިޔައެވެ.

 

[ المصادر: نظرة في مفهوم الإرهاب والموقف منه في الإسلام -عبد الرحمن المطرودي، الجذور التاريخية لحقيقة الغلو والتطرف والإرهاب والعنف-علي بن عبد العزيز بن علي الشبل]