ޤާޟީކަމަށް ޢައްޔަންކުރެވުން
އެއްވެސް ޝައްކެއް ނެތްގޮތުގައި ޤާޟީއެއްގެ މަސައްކަތަކީ ފިޤުހު ޢިލްމުގެ މަތީ ދަރަޖައިގެ މަސައްކަތެކެވެ. އެއީ ހުށަހެޅޭ މައްސަލަތަކުގައި ވަރަށް ކުދި ކުދި ކަންކަމަށްވެސް ޤާޟީއެއްގެ ނަޒަރު ބަހައްޓަން ޖެހޭތީއެވެ. ޤާޟީ ޝުރައިޙަކީ އެކަލޭގެފާނުގެ ޤަޟާއީ ޙަޔާތުގައްޔާއި އެކަލޭގެފާނު ދޫކޮށްފައި ވަޑައިގެންނެވި ފިޤުހީ ރައުޔުތަކުގައި އިސްލާމީ ތާރީޚުގައިވެސް އެފަދަ ދެވަނައެއް ނެތް ލާމަސީލު ނަމޫނާ ބޭފުޅެކެވެ. އިސްވެދިޔަ ފަދައިން އެކަލޭގެފާނުވަނީ ޢުމަރުގެފާނުގެ ވެރިކަމުން ފެށިގެން ޢަބްދުލްމަލިކު ބުން މަރުވާނުގެ ވެރިކަމާ ހަމައަށް، 60 (ފަސްދޮޅަސް) އަހަރު ވަންދެން ޤާޟީކަން ކުރައްވައިފައެވެ. އަދި އޭރު ކޫފާގައި ތިއްބެވި ޞަޙާބީންނާއި، އަމީރުލް މުއުމިނީން ޢަލީ رضي الله عنه ގެ ކުރިފުޅުމަތީގައި އެކަލޭގެފާނު ޤާޟީކަން ކުރެއްވި ކުރެއްވުމުން އެނގިގެންދަނީ އެކަލޭގެފާނަކީ އެކަމަށް ލާއިޤު ބޭކަލެއް ކަމެވެ. އެހެންކަމުން ޢަލީގެފާނުވަނީ ޢިލްމާއި ފިޤުހުވެރިކަމުގައި ޤާޟީ ޝުރައިޙުގެ މަތިވެރިކަމަށް ހެކިވެ ވަޑައިގެންފައެވެ.
ޤާޟީ ޝުރައިޙު އެންމެ ފުރަތަމަ ޤާޟީއެއްގެ ގޮތުގައި ޢައްޔަނު ކުރެވިގެން ދިޔައީ ހިޖުރީ ސަނަތުން އަށާރަ ވަނައަށް ވީއަހަރު އަމީރުލް މުއުމިނީން ޢުމަރު رضي الله عنه ގެ ޚިލާފަތުގައެވެ. [1] އެއީ ކޫފާގެ ޤާޟީއެއްކަމުގައެވެ. އެކަމުގެ ސަބަބަކީ ޢުމަރުގެފާނު މީހެއްގެ އަތުން ނީލަމަކުން އަހެއް ބައްލަވައިގެންނެވިއެވެ. ދެން އެއަށް ފަހު މާ ދުވަހެއް ނުވެ އެެ އަސް ބަލިވެއްޖެއެވެ. ފަހެ ޢުމަރުގެފާނު ދެންނެވިއެވެ. ތިމަންމެންގެ މެދުގައި މިކަން ޙައްލު ކުރުމަށް މީހަކު ޢައްޔަންކުރަމާ ހިނގާށެވެ. ދެން އޭނާ ދެންނެވިއެވެ. ތިމަންމެންގެ މެދުގައި މިކަމަށް ޝުރައިޙު ޢައްޔަންކުރަމާ ހިނގާށެވެ. ދެން ޝުރައިޙު ވަޑައިގެން ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީނެވެ. ކަލޭގެފާނު އެ އަސް ބައްލަވައިގެންނެވިއިރު އެވަނީ ފުރިހަމަ ޞިއްޙަތެއްގައި ހެޔޮ ޙާލުގައި ނޫންތޯއެވެ؟ ކަލޭގެފާނުވެސް އެއަސް ރައްދުކުރައްވަންވާނީ އެ ބައްލަވައިގެންނެވި އިރު ހުރި ގޮތަށެވެ. ދެން ފަހެ ޢުމަރުގެފާނު، ޝުރައިޙުގެ ބަސްތަކާމެދު ނުހަނު ހިތްޕުޅާ ވެއްޖެއެވެ. އަދި ޤާޟީކަމަށް ޢައްޔަން ކުރައްވައިފިއެވެ. [2]
[1] ابن الأثير، محمد بن محمد بن عبد الكريم بن عبد الواحد الشيباني، الكامل في التاريخ، (ليبيا، دار الكتب العلمية، ط:1، 1407هـ – 197م)، ج:2، ص: 403.
[2] وكيع محمد بن خلف بن حيان، أخبار القضاة، (مصر، عالم الكتب)، ص: 357.
ޤާޟީ ޝުރައިޙް – އެހެންބައިތައް