الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޛުލްޙިއްޖާ މަހުގެ ފުރަތަމަ 10 ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަސްތަކެވެ. މިދުވަސްތައް ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭތަކަށްވުރެވެސް މާތްވެގެންވެއެވެ. އަދި މިދުވަސްތަކުގައި ކުރާ ހެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިވެގެންވެއެވެ. އަދި ޘަވާބު އިތުރުވެގެންވެއެވެ.
(މިދިހަ ދުވަހުގެ މާތްކަމާ ބެހޭގޮތުން އިތުރަށް ވިދާޅުވުމަށް)
މިފަދަ މަތިވެރި ދުވަސްތަކެއްގައި ކުރެވޭނެ ޞާލިޙު ޢަމަލުތަކުގެ ތެރޭގައި ﷲ ހަނދުމަކުރުމާއި ތަކްބީރު ކިޔުމާއި ތަހްލީލު ކިޔުމާއި (އެބަހީ: لا إله إلا الله ކިޔުމާއި) ތަސްބީޙަ ކިޔުމާއި ޙަމްދުކުރުން ހިމެނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ﴾ [سورة الحج 28]
މާނައީ: ” އެއީ އެބައިމީހުންނަށް ހުރި (ދީނީ އަދި ދުނިޔަވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެބައިމީހުން ﷲ ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ.”
﴿أَيَّام مَّعْلُومَات﴾ އަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَاذْكُرُوا اللَّهَ فِي أَيَّامٍ مَّعْدُودَاتٍ﴾ [سورة البقرة 203]
މާނައީ: “ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ﷲ ހަނދުމަކޮށް (ތަކުބީރު ކިޔައި) އުޅޭށެވެ!”
﴿أَيَّام مَّعْدُودَات﴾ އަކީ އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ» [رواه مسلم 144 – (1141)]
މާނައީ: “އައްޔާމުއް ތަޝްރީޤަކީ ކެއިން ބުއިމުގެ ދުވަސްތަކެކެވެ.”
އަދި އެހެން ރިވާޔަތެއްގައި މީގެ އިތުރުން «وَذِكْرٍ لِلَّهِ» (މާނައީ: އަދި ﷲ ހަނދުމަކުރުން) ވެއެވެ. [رواه مسلم (1141)]
ތަކުބީރު ކިޔާނެ ގޮތާމެދު (އެބަހީ: ތަކުބީރުގެ ލަފްޒުތަކާމެދު) ޢިލްމުވެރިންގެ މެދުގައި 3 ބަސްފުޅެއްވެއެވެ.
ފުރަތަމައީ: «الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد»
ދެވަނައީ: «الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، الله أكبر، ولله الحمد»
ތިންވަނައީ: «الله أكبر، الله أكبر، الله أكبر، لا إله إلا الله، والله أكبر، الله أكبر، ولله الحمد»
މިއީ ވަރަށް ތަނަވަސްވެގެންވާ ކަމެކެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ތަކުބީރުގެ ވަކި ޚާއްޞަ ޞީޣާއެއް ވާރިދުވެގެން އައިސްފައި ނުވެއެވެ. [ބައްލަވާ: شرح الممتع للعثيمين 5 / 169 – 171]
ތަކުބީރުގެ ދެ ބައެއް ވެއެވެ. އެއީ މުޠުލަޤު ތަކުބިރާއި މުޤައްޔަދު ތަކުބީރެވެ.
މުޠުލަޤު ތަކުބީރަކީ ކަމަކާ ގުޅުމެއް ނެތި ކިޔާ ތަކުބީރެވެ. ކޮންމެ ވަގުތެއްގައިވެސް އެތަކުބީރު ކިޔޭނެއެވެ. ހެނދުނާއި ހަވީރު، ނަމާދުގެ ކުރިއާއި ފަހުގައި، ނުވަތަ އެނޫން ކޮންމެ ވަގުތެއްގައިވެސްމެއެވެ.
މުޤައްޔަދު ތަކުބީރަކީ ނަމާދުގެ ފަހުގައި ކިޔާ ތަކުބީރެވެ.
ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހާއި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައި މުޠުލަޤު ތަކުބީރު ކިޔުން ސުންނަތްވެގެންވެއެވެ. އެއީ ޛުލްޤަޢިދާ މަހުގެ ފަހު ދުވަހުގެ އިރު އޮއްސުނީއްސުރެ ޛުލްޙިއްޖާ މަހުގެ 13 ވަނަ ދުވަހުގެ އިރު އޮއްސެންދެނެވެ.
މުޤައްޔަދު ތަކުބީރު ކިޔަން ފަށާނީ ޢަރަފާތް ދުވަހުގެ ފަތިސް ވުމުންނެވެ. އަދި ނިމޭނީ އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހުގެ އިރު އޮއްސުމުންނެވެ. މިތަކުބީރު ކިޔާނީ ފަރުޟު ނަމާދުތަކުގެ ފަހުގައެވެ. ނަމާދުން ސަލާމް ދިނުމަށް ފަހު ތިން ފަހަރު އިސްތިޣްފާރު ކޮށް، اللهم أنت السلام ومنك السلام تباركت يا ذا الجلال والإكرام ކިޔުމަށް ފަހު ތަކުބީރު ކިޔަން ފަށާނީއެވެ. މިއީ ޙައްޖުވެރިން ނޫން މީހުންނަށެވެ. ޙައްޖުވެރިން މުޤައްޔަދު ތަކުބީރު ކިޔަން ފަށާނީ ޢީދު ދުވަހުގެ މެންދުރު ފަހުއެވެ.
والله أعلم.
_______________________