[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝެއިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ

އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ފުރިހަމަ ނަންފުޅަކީ ތަޤިއްޔުއްދީން އަބުލް ޢައްބާސް އަޙްމަދު ބުން ޢަބްދުލްޙަލީމް ބުން ޢަބްދުއްސަލާމް ބުން ޢަބްދުﷲ ބުން އަބުލްޤާސިމް އަލްޚަޟިރު ބުން މުޙައްމަދު ބުނުލް ޚަޟިރު ބުން ޢަލީ ތައިމިއްޔަތަލް ޙަރާނީއެވެ. ތައިމިއްޔާ އަކީ މުޙައްމަދު ބުނުލް ޙަޟިރުގެ މާމަކަމަށް ބުނެވިފައިވެއެވެ. އެކަނބުލޭގެއަކީ ވަޢުޡީ ދަރުސް ދެއްވާ ވާޢިޡާއެކެވެ. ތައިމިއްޔާ ކިއިފައިވަނީ އެކަނބުލޭގެއަށް ނިސްބަތްކޮށް ނިސްބަތްކޮށެވެ. މިއާއިލާ މަޝްހޫރުވެފައިވަނީ “އާލްތައިމިއްޔާ” ގެ ނަމުންނެވެ. އިބްނު ތައިމިއްޔާގެ މަންމާފުޅުގެ ނަންފުޅަކީ ސިއްތުއްނިޢަމް ބިންތި ޢަބްދުއްރަޙްމާން ބުން ޢަލީ ބުން ޢަބްދޫސުލް ޙަރާނިއްޔާއެވެ.

ޝެއިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ އުފަންވެވަޑައިގެންފައިވަނީ ހިޖުރައިން 661 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 10 ވީ ހޮނިހިރު ދުވަހު ޙަރާނަށެވެ. ރަބީޢުލްއައްވަލްމަހުގެ 12 ވަނަ ދުވަސްކަމުގައިވެސް ބުނެވިފައިވެއެވެ. ނަމަވެސް އެދުވަސްވަރަކީ ތަތާރުން ޙަރާން ހިފައި، އެތަން ފަސާދަކުރަމުން ގެންދިޔަ ދުވަސްވަރުކަމާއެކު، އިބްނު ތައިމިއްޔާގެ ބައްޕާފުޅު، އެކަލޭގެފާނުގެ އަޚުންނާއެކު ޝާމްކަރައަށް ދަތުރުފެއްޓެވިއެވެ. ދިމިޝްޤަށް ފޯރާފައިވަނީ ހިޖުރައިން 667 ވަނަ އަހަރުއެވެ. އެތަނުގައި އެއާއިލާ ދިރިއުޅުން ފެއްޓެވިއެވެ.

ޝެއިޚުލްއިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުﷲގެ އާއިލާއަކީ ޢިލްމީގޮތުން ފާހަގަކޮށްލެވޭ އާއިލާއެކެވެ. އެގޮތުން އެކަލޭގެފާނުގެ ކާފާފުޅު، މަޖުދުއްދީން އަބުލްބަރަކާތުއް ތައިމިއްޔާއަކީ އެދުވަސްވަރުގައި ޢިލްމީގޮތުން އަރާހުންނެވި ބޭކަލެކެވެ. ފިޤުހުވެރިކަމަށާއި، ޙަދީޘުގެ ޢިލްމަށް އަރާހުންނެވި ބޭކަލެކެވެ. އެކަމުގެ ހެއްކަކަށް އެކަލޭގެފާނު ލިޔުއްވާފައިވާ “المُنْتَقَى مِنْ أَحَادِيْثِ الأَحْكَامِ” އާއި “الأَحْكَامُ الْكُبْرَى” އެވެ. މިގޮތުން އަލްޢައްލާމާ މުޙައްމަދު ޢަލީ އައްޝަވްކާނީ ރަޙިމަހުﷲ ލިޔުއްވާފައިވާ މަޝްހޫރުފޮތް “ނައިލުލް އަވްޠާރު” އަކީ “المُنْتَقَى مِنْ أَحَادِيْثِ الأَحْكَامِ” މިފޮތުގެ ޝަރަޙައެކެވެ. އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ ބައްޕާފުޅު ޝިހާބުއްދީން ޢަބްދުލްޙަލީމް ދަންނައެވެ. އެކަލޭގެފާނުގެ ބައްޕާފުޅު މަޖުދުއްދީން އަބުލްބަރަކާތު ގެ އަރިހުން ޢިލްމު ޙާޞިލުކުރައްވައި، ވަރަށްކުޑައިރު ޢިލްމު ޙާޞިލުކުރެއްވުމަށްޓަކައި އެކިރަށްރަށަށް ދަތުރު ކުރެއްވިއެވެ. އިބްނު ތައިމިއްޔާގެ އަޚުންގެ ތެރޭގައި، ޝަރަފުއްދީން ޢަބްދުﷲ އާއި ޒައިނުއްދީން ޢަބްދުއްރަޙްމާން އާއި އެއްބަނޑު އަޚް ބަދުރުއްދީން މުޙައްމަދަކީ ޢިލްމާއި، އަޅުކަމުގައިއާއި، ޒާހިދުކަމުގައި ފާހަގަކޮށްލެވޭ ބޭފުޅުންނެވެ.

އިބްނު ތައިމިއްޔާ ރަޙިމަހުﷲ ޢިލްމު ޙާޞިލުކުރެއްވުމަށްޓަކައި ވަރަށް ތުއްޕުޅު އިރު ފައްޓަވައިފިއެވެ. މިގޮތުން، ވަރަށް ކުޑައިރު ޤުރުއާން ހިތުދަސްކުރައްވައި، އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ޢިލްމު ޙާޟިލުކުރައްވަން ފެއްޓެވިއެވެ. ހަމައެއާއެކު، އެޒަމާނުގައި ޢިލްމީގޮތުން މަޝްހޫރު އެތައް ބޭކަލުންނެއްގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އެކަލޭގެފާނު ޙަދީޘްގެ ޢިލްމުން ފަށްޓަވައި، މުސްނަދުތަކާއި، ކުތުބުއްސިއްތާ އާއި، ބައެއް މުޢުޖަމުތައް އަޑުއެއްސެވުމަށްފަހު އެހެން ޢިލްމުތަކަށް މިސްރާބު ޖެއްސެވިއެވެ. މިގޮތުން ތަފްސީރު ޢިލްމާއި، އުޞޫލުލް ފިޤުހުގެ ޢިލްމާއި، ފިޤުހާއި، ހަމައެއާއެކު ޢަރަބިބަސް އުނގެނިވަޑައިގެންނެވިއެވެ.

އެކަލޭގެފާނުގެ އުމުރުފުޅުން ނަވާރަ އަހަރުގައި ފަތުވާ ދެއްވަން ފެއްޓެވިއެވެ. މިއީ އެކަލޭގެފާނުގެ ޢިލްމުވެރިކަން ރަމްޒުކޮށްދޭ ވަރުގަދަ ދަލީލެކެވެ. ހިޖުރައިން 682 ވަނަ އަހަރު އެކަލޭގެފާނުގެ ބައްޕާފުޅު އަވަހާރަވުމަށްފަހު، ހިޖުރައިން 683 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ދެވަނަ ދުވަހު ކިޔަވާދެއްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ އެންމެ ފުރަތަމަ ދަރުސަށް ދިމިޝްޤުގެ ބޮޑެތި އެތައް ޢިލްމުވެރިންނެއް ޙާޟިރުވެވަޑައިގަތެވެ. އިބްނު ކަޘީރު ރަޙިމަހުﷲ “އަލްބިދާޔާ ވަންނިހާޔާ” ގައި ވިދާޅުވެފައިވެއެވެ. “…އެކަލޭގެފާނުގެ (އެބަހީ އިބްނު ތައިމިއްޔާގެ) އަރިހަށް ޤާޟިލްޤުޟާ ބަހާއުއްދީން އިބްނުއް ޒިއްކީ އައްޝާފިޢީ އާއި ތާޖުއްދީން އަލްޣަޒާވީ އައްޝާފިޢީ އާއި ޒައިނުއްދީން އިބްނުލް މުރައްޙިލް އާއި ޒައިނުއްދީން އިބްނުލް މަންޖާ އަލްޙަންބަލީ ޙާޟިރުވެވަޑައިގެންނެވިއެވެ… އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 22 އަހަރުފުޅެވެ…”.

ހިޖުރައިން 699 ވަނަ އަހަރު ތަތާރުންގެ ވެރިޔާ ޤާޒާން ޝާމްކަރައިގެ ރަށްތައް ހިފުމަށް ޤަޞްތުކުރިއެވެ. އެގޮތުން ހިޖުރައިން 702 ވަނަ އަހަރުގެ ރަޖަބުމަހު މިޚަބަރު ޝާމްކަރައިގައި ފެތުރިގެން ދިޔުމާއެކު، އެކަރައިގެ ރަށްތަކުގައިވާ މީހުން ބިރުން އެރަށްތަކުން ނުކުމެ މިޞްރުގެ ރަށްތަކަށް ހިޖުރަކުރަމުން ގެންދިޔައެވެ. މިގޮތުން އިބްނުތައިމިއްޔާ ރަޙިމަހުﷲވެސް ޝާމްކަރަ ދޫކުރައްވައި މިޞްރަށް ހިޖުރަކުރެއްވިއެވެ. އެތަނުގައި ޢިލްމު އުގަންނަވައިދެއްވައި، ތަތާރުންނާ ދެކޮޅަށް ޖިހާދުކުރުމަށް މީސްތަކުން ތަރުބިއްޔަތުކުރައްވަމުން ގެންދެވިއެވެ. މިގޮތުން ތަތާރުންނާ ދެކޮޅަށް މަޝްހޫރު ހަނގުރާމަ “މަޢްރަކަތުލް ޝަޤްޙަބު” ހިނގާދިޔައެވެ. މިހަނގުރާމަ ރޭއްވުމުގައްޔާއި، ހަނގުރާމައިގެ މައިދާނުގައި އިބްނު ތައިމިއްޔާ ރަޙިމަހުﷲ އިސްދައުރެއް އަދާކުރެއްވިއެވެ. މިކަމުގެ ނަތީޖާއަކަށްވެގެން ދިޔައީ އެކަލޭގެފާނުގެ ޤަދަރު މީސްތަކުންގެ ހިތްތަކުގައި އުފުލިގެން ދިޔުމެވެ.

އިބްނު ތައިމިއްޔާ ރަޙިމަހުﷲ އަށް ތަފާތު ދުއްތުރާތަކާއި މުޞީބަތްތައް ކުރިމަތިވިއެވެ. މިގޮތުން، އެކަލޭގެފާނުގެ ޙަޔާތުގެ ގިނަދުވަސްތަކެއް ޖަލުގައި ހޭދަކުރަންޖެހުނެވެ. މިމުޞީބާތްތަކުގެ އެންމެ ބޮޑު ސަބަބަކީ ބައެއް ޢިލްމުވެރިންނާއި ގާޒީން އެކަލޭގެފާނާމެދު ޙަސަދަވެރިވުމާއި ޢަދާވާތްތެރިވުމެވެ. އެކަލޭގެފާނާ ދެކޮޅުވި ގިނަ މީހުންނަކީ ބިދުޢައިގެ ތެރެއަށް ޣަރަޤުވެފައިވާ މީހުންނެވެ. އޭގެތެރޭގައި ފަލްސަފާވެރިންނާއި، އަހުލުލްކަލާމް ނުވަތަ ޤުބޫރިއްޔާއިންނާއި، ޞޫފީން ހިމެނެއެވެ.

އެކަލޭގެފާނުގެ ޢިލްމުވެރިކަމާއި، ހައިބަތު ހާމަކޮށްދޭ އަނެއްހެއްކަކީ އެކަލޭގެފާނުގެ ދަރިވަރުންނެވެ. އެކަލޭގެފާނުގެ ދަރިވަރުން ވެގެންދިޔައީ ޢިލްމުވެރިކަމުގައި އަރާހުންނެވި ބޭކަލުންގެ ތެރެއިންނެވެ. ޢިލްމުގެ ހުރިހާ މައިދާނެއްގައިވެސް އެކަލޭގެފާނެކޭ އެއްފަދައިން އެކަލޭގެފާނުގެ ދަރިވަރުންތައް ފާހަގަކޮށްލެވެއެވެ. އެކަލޭގެފާނުގެ ދަރިވަރިންގެ ތެރޭގައި، އިބްނުލް ޤައްޔިމް އަލްޖަވްޒިއްޔާ، އަލްޙާފިޡް އައްޛަހަބީ، އަލްޙާފިޡް އިބްނު ކަޘީރު، އިބްނު ޢަބްދުލްހާދީ، ޢުމަރު ބުން ޢަލީ އަލްބައްޒާރު ފަދަ އެތައް ބޭކަލުންނެއް ހިމެނެއެވެ. ހަމައެފަދައިން އިބްނު ތައިމިއްޔާ ލިޔުއްވާފައިވާ ފޮތްތަކަކީވެސް ފާހަގަކޮށްލެވޭ ފޮތްތަކެކެވެ. އެކިމަޢުލޫތަކުގައި ޚާއްޞަކޮށް ޢަޤީދާއާބެހޭ މައްސަލަތަކުގައި އެތައް ފޮތްތަކެއް ވަނީ ލިޔުއްވަފައެވެ.

އެކަލޭގެފާނު އަވަހާރަވެފައިވަނީ ހިޖުރައިން 728 ވަނަ އަހަރު ޛުލްޤަޢިދާމަހުގެ ބާވީސް ވަނަވިލޭރޭ ދިމިޝްޤުގެ ޖަލުގައެވެ. އެކަލޭގެފާނު ހިނަވައި، ކަށުނަމާދުކޮށްފައިވަނީ ‘އަލްޖާމިޢުލް އުމަވީ’ ގައެވެ. އެކަލޭގެފާނުގެ ޖަނާޒާއަށް މީސްތަކުންގެ އެތައް ބަޔަކު ޙާޟިރުވެފައިވެއެވެ. މިގޮތުން އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ “އަލްބިދާޔާ ވަންނިހާޔާ” ގައި ވިދާޅުވެފައިގޮތުން ޢިލްމުވެރިންގެ ތެރެއިން ތިންބޭކަލަކު ފިޔަވައި އެހެން ހުރިހާ ބޭކަލުން ޖަނާޒާއަށް ޙާޟިރުވިއެވެ. އެތިން ބޭކަލުންނަކީ، އިބްނު ޖަމީލާ އާއި އައްޞަދުރުއާއި އަލްޤަފްޖާޤީ އެވެ. މިތިން ބޭކަލުންނަކީ އިބްނު ތައިމިއްޔާއާ ދެކޮޅަށް ޢަދާވަތްތެރިވުމުގައި މަޝްހޫރުވި ތިން ބޭކަލުންނެވެ. އެބޭކަލުން ޖަނާޒާއަށް ވަޑައިނުގެންނެވީ މީސްތަކުންގެ ފަރާތުން އަތުވެދާނެ ނުރައްކަލަކަށް ބިރުފުޅުންނެވެ. އެކަލޭގެފާނުގެ މައްޗަށް ކަށުނަމާދުކުރެވުނީ މެންދުރުވަގުތުއެވެ. ނަމަވެސް މީސްތަކުން ބައިބޯކަމުން ފަސްދާނުލެވުނީ ޢަޞްރުވަޤުތު ޖެހެން ވަރަށް ކައިރިވެފައި ވަނިކޮށެވެ. އެކަލޭގެފާނު ފަސްދާނުލެވިފައިވަނީ އެކަލޭގެފާނުގެ އަޚް ޝަރަފުއްދީން ޢަބްދުﷲގެ އަރިހުގައެވެ.

އަލްއިމާމް އަޙްމަދު ބުން ޙަންބަލް ރަޙިމަހުﷲ ގެ ކިބައިން އިބްނު ކަޘީރު ރަޙިމަހުﷲ “އަލްބިދާޔާ ވަންނިހާޔާ” ގައި ގެންނަވާފައިވާ ބަސްފުޅަކީ ލާމަސީލު ބަސްފުޅެކެވެ. އިމާމް އަޙްމަދު ވިދާޅުވެފައިވެއެވެ. “ބިދުޢައިގެ އަހުލުވެރިންނަށް ބުނާށެވެ. ތިމަންމެނާ ކަލޭމެންނާ ދެމެދުގައި ވަނީ ޖަނާޒާތަކެވެ.” އެއީ ތެދުފުޅެކެވެ. ބިދުޢަވެރިން އަބަދުވެސް މަސައްކަތްކޮށްފައިވަނީ، އަދި މަސައްކަތްކުރަމުން ގެންދާނީ މީސްތަކުންގެ މެދުގައި ޢިލްމުވެރިންގެ އަގު ނަގާލުމަށެވެ. އެބޭކަލުންގެ ގޮވާލައްވާ ޙައްޤުމަގަށް ހުރަސްއެޅުމަށެވެ. ނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ އާޚިރުގައި އެބޭކަލުންގެ ޤަދަރު މީސްތަކުންގެ ކުރިމަތީގައި ޢިއްޒަތްތެރިކުރައްވައި، އެބޭކަލުންނާ ދެކޮޅު ހަދައިގެން އުޅުނު މީހުންގެ ޤަދަރު މީސްތަކުންގެ ކުރިމަތީ ދައްކުރައްވައެވެ. ޝެއިޚުލްއިސްލާމް އިބްނު ތައިމިއްޔާއަށް ﷲ ރަޙްމަތް ލައްވާށިއެވެ!

______________________________________

މަރުޖިޢުތައް:

1. من كتاب الفتوى الحموية الكبرى لابن تيمية – تحقيق: حمد بن عبد المحسن التويجري.

2. من كتاب الاستغاثة في الرد على البكري لابن تيمية – تحقيق: عبدالله بن دجين السهلي.

3. من كتاب الفرقان بين أولياء الرحمن وأولياء الشيطان لابن تيمية – تحقيق: عبدالرحمن بن عبدالكريم اليحيى.