ޝަރުޢީ އިޞްޠިލާޙުގައި “النسخ“:
ޢިލްމީ ފޮތްތަކަށް ނަޒަރު ހިންގައިލުމުން ނަސްޚުގެ ތަޢާރަފްގައި ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތަކުގެ ޚުލާޞާ ނަތީޖާއެއް ލިބިގެން ދެއެވެ. އެއީ:
އިސްވެދިޔަ ޢިލްމުވެރިންނާއި ފަހުގެ ޢިލްމުވެރިންގެ އަރިހުގައި ނަސްޚުގެ މާނައިގެ ތަފާތު ކުރުމެއް ވާކަމެވެ.
ފުރަތަމައީ: އިހުގެ ބައެއް ޢިލްމުވެރިންގެ އިޞްޠިލާޙުގައި ނަސްޚުގެ މުރާދަކީ: ބަޔާންކޮށްދިނުމެވެ. ޢާންމުކަން ޚާއްޞަވެފައި އޮތުމާއި، މުޠުލަޤު މުޤައްޔަދުވެފައި އޮތުމާއި، އިޖްމާލީ މާނަ ބަޔާންވެފައި އޮތުމާއި، މުޅިޙުކުމް އުފުއްލެވުންވެސް މީގައި ހިމެނެއެވެ.
ދެވަނައީ: ފަހުގެ ގިނަ ޢިލްމުވެރިންގެ އަރިހުގައި ނަސްޚުގެ މުރާދަކީ: ކުރިން ޘާބިތުވެފައިވާ ޙުކުމެއް ފަހުން ކުރެވޭ މުޚާޠަބަކުން އުފުލިގެން ދިއުމެވެ.
އުފުލިގެން ދިއުމުގެ މާނައަކީ: އެނަސްޚު ނައިނަމަ ކުރީގެ ޙުކުމް އޮތްގޮތަށް އޮތުމެވެ.
ކުރިން ޘާބިތުވެފައިވާ ޙުކުމުގެ މާނައަކީ: ޝަރުޢީ ޙުކުމެއް އިސްވެ ސާބިތުވެފައި އޮތުމެވެ.
ފަހުން ކުރެވޭ މުޚާޠަބުގެ މުރާދަކީ: ޙުކުމް އުފުއްލެވުމެވެ. އެބަހީ ފަހުން ކުރެވިފައިވާ މުޚާޠަބެއްގެ ސަބަބުން ކުރީގެ މުޚާޠަބު އުފުލިގެން ދިއުމެވެ. [1]
މި މާނަތަކަށް ބަލާއިރު ފަހުގެ ޢިލްމުވެރިންގެ އަރިހުގައި ނަސްޚުގެ މާނަ ކުރެވިފައިވާ ގޮތަށްވުރެ އިހުގެ ޢިލްމުވެރިންގެ އަރިހުގައި ނަސްޚުގެ މާނަ ކުރެވިފައިވާ ގޮތް، މާ ތަނަވަސްވެފައި ފުޅާކަން އެނގިގެން ދެއެވެ.
[1] نسخ وتخصيص وتقييد السنة النبوية للقرآن الكريم. ص: 60.