الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އެއްދުވަހަކު ޢަލީގެފާނު މިންބަރަށް އަރައިވަޑައިގަތެވެ. އަދި ޙަމްދު ޘަނާއަށް ފަހު، މަރާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ވިދާޅުވިއެވެ.
“މަރަކުން ނުފިލޭނެއެވެ. އެއާ ދެކޮޅު ހެދިޔަސް އެމީހަކު ގެންދާނެއެވެ. ފިލަން އުޅުނަސް އަރާ ހަމަކުރާނެއެވެ. ފަހެ، ނަޖާވާށެވެ! ނަޖާވާށެވެ! ފަހެ، އަވަސްވެ ގަންނާށެވެ! އަވަސްވެ ގަންނާށެވެ!
ހަމަކަށަވަރުން ތިޔަބައިމީހުންގެ ފަހަތުގައި ބާރު ދުވެލީގައި އަންނަ އެއްޗެއް ވެއެވެ. އެއީ ކަށްވަޅެވެ. ފަހެ އޭގެ ފިއްތާލުމާއި އަނދިރިކަމާއި އެކަނިވެރިކަމަށް ބިރުވެތިވާށެވެ. ދަންނާށެވެ! ކަށްވަޅު ވާ ހުށީ ނަރަކައިގެ ވަޅުތަކުގެ ތެރެއިން ވަޅަކަށެވެ. ނުވަތަ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއަކަށެވެ. ދަންނާށެވެ! ކޮންމެ ދުވަހަކު ތިން ފަހަރު އެ ބުނާކަހަލައެވެ. އަހަންނަކީ އަނދިރިކަމުގެ ގޮވައްޗެވެ. އަހަންނަކީ ފަނިފަކްސާގެ ގޮވައްޗެވެ. އަހަންނަކީ އެކަނިވެރިކަމުގެ ގޮވައްޗެވެ.
ދަންނާށެވެ! އޭގެ ފަހަތުގައިވަނީ ބޮޑެތި މީހުން މަސްތުކުރުވާ ވަރުގެ ދުވަހެކެވެ. އަދި ކުޑަކުދިން ނުރަކުރުވާ ވަރުގެ ދުވަހެކެވެ. އެއީ މާބަނޑު އަންހެނުން ބިރުން އެބައިމީހުންގެ ދަރި ވިހާނޭ ދުވަހެވެ. އެދުވަހުގައި މީސްތަކުން މަސްތެއްގައިވާ ފަދައިން ފެންނާނެއެވެ. އެހެނަސް އެބައިމީހުން ވާނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު، ﷲ ގެ ޢަޛާބު ގަދަފަދައީއެވެ.
ދަންނާށެވެ! ދެން އެއަށް ފަހުގައިވަނީ އެއަށް ވުރެވެސް ނުރައްކާތެރިކަމެވެ. ހޫނުގަދަ އަލިފާން ގަނޑެކެވެ. އެހާ ފުން ވަޅުގަނޑެކެވެ. އެތަނުގެ ގަހަނާއާއި ޗާބޫކުވަނީ ދަގަނޑުންނެވެ. އަދި އެތަނުގެ ފެނަކީ ދޮހެވެ. އަދި ބެލެހެއްޓުން ތެރިއަކީ މާލިކެވެ. އެކަލޭގެފާނުގެ ހިތްފުޅުންވާނީ ރަޙްމަތް ނެންގެވިފައެވެ.”
ދެން ޢަލީގެފާނު ކީރިތި ކުރެއްވިއެވެ. އަދި މީސްތަކުންވެސް ވަރަށް ރުޔެވެ. އެއަށްފަހުގައި ވިދާޅުވިއެވެ.
“ދަންނާށެވެ! އޭގެ ފަހަތުގައި ވަނީ ސުވަރުގެއެވެ. އެތަނަކީ އުޑުތަކާއި ބިންފަދަ ތަނަވަސްކަން ހުރި ތަނެކެވެ. ތައްޔާރުކުރެވިފައިވަނީ ތަޤްވާވެރިންނަށެވެ. އަޅަމެންނާއި ތިޔަބައިމީހުންނީ ސުވަރުގެވަންތަވެރިންކަމުގައި ލައްވާށިއެވެ! އަދި އަޅަމެންނާއި ތިޔަބައިމީހުން ވޭންދެނެވި ޢަޛާބުން ރައްކާތެރިކުރައްވާނދޭވެ!” [1]
_______________________
[1] تهذيب البداية والنهاية لابن كثير (3 / 283).