ނަސްޚުގެ ޙުކުމް
ޝަރުޢީ ގޮތުން ނަސްޚުވުމަކީ ހިނގާފައިވާ ކަމެއްކަމަށާއި ބުއްދީގެ ގޮތުން ބަލާއިރު ނަސްޚު ކުރެވުމަކީ ހުއްދަ ކަމެއް ކަމުގައި މުސްލިމު ޢިލްމުވެރިންވަނީ އިޖުމާޢުވެފައެވެ. ދަލީލަކީ:
- މާތް ވަޙީ ކުރައްވާފައި ވެއެވެ. (مَا نَنسَخْ مِنْ آيَةٍ أَوْ نُنسِهَا نَأْتِ بِخَيْرٍ مِّنْهَا أَوْ مِثْلِهَا ۗ أَلَمْ تَعْلَمْ أَنَّ اللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ)[1] މާނައީ: “ތިމަން އިލާހު ނަސްޚުކުރައްވައިފި އާޔަތެއް ނުވަތަ ހަނދުމަނައްތަވައިފި އާޔަތެއްގެ ބަދަލުގައި، އެއަށްވުރެ ހެޔޮ ނުވަތަ ހަމަ އެފަދަ އާޔަތެއް ގެނެސްދެއްވާ ހުށީމެވެ. ހަމަކަށަވަރުން، ކޮންމެ ކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވާކަން ކަލޭގެފާނު ދެނެވަޑައި ނުގަންނަވަމުތޯއެވެ؟”
ﷲ ތަޢާލާ މިއާޔަތުގައި މިވަނީ އެކަލާނގެއީ އެއްޔާތަކުން އަނެއް އާޔަތެއްގެ ޙުކުމް ބަދަލުކުރެއްވުމަށް ކުޅަދުންވަންތަ އިލާހުކަން ބަޔާންކޮށްދެއްވައިފައެވެ. އެހެންކަމުން އާޔަތެއްގެ ޙުކުމް އެހެން ޙުކުމަކަށް ބަދަލު ކުރެއްވުމާއި، އެޙުކުމަށް ބަދަލުގެނައުން، އެއީ ޙަރާމް ކަމެއް ޙަލާލް ކުރެއްވުމުން ނުވަތަ ޙަރާމް ކަމެއް ޙަލާލް ކުރެއްވުން ނުވަތަ ހުއްދަކަމެއް މަނާކުރެއްވުން ނުވަތަ މަނާކަމެއް ހުއްދަކުރެއްވުން ކަމުގައި ވިޔަސް އެއީ ހިނގައިފާނެ ކަމެއްކަން މިއާޔަތުން އެނގިގެންދެއެވެ.
- އެހެން އާޔަތެއްގައި މާތް ﷲ ވަޙީ ކުރައްވާފައި ވަނީ (وَإِذَا بَدَّلْنَا آيَةً مَّكَانَ آيَةٍ ۙ وَاللَّهُ أَعْلَمُ بِمَا يُنَزِّلُ قَالُوا إِنَّمَا أَنتَ مُفْتَرٍ ۚ بَلْ أَكْثَرُهُمْ لَا يَعْلَمُونَ)[2] މާނައީ: “އެއް އާޔަތެއްގެ ތަނަށް، އެހެން އާޔަތެއް ތިމަން އިލާހު ބަދަލުކުރައްވައި ގެންނަވައިފި ހިނދު، ﷲ އެކަލާނގެ ބާވައިލައްވާ ތަކެތި މޮޅަށް ދެނެވޮޑިގެންވެތެވެ. އެއުރެން ބުނެތެވެ. ކަލޭގެފާނު ވާކަން ކަށަވަރީ، ދޮގުހަދާ މީހެއްކަމުގައެވެ. އަދި ކިއެއްތަ! އެއުރެންކުރެ ގިނަމީހުން ނުދަނެތެވެ.”
ﷲ ތަޢާލާ އެކަލާނގެ ޙުކުމްފުޅުތަކަށް ބަދަލު ގެނައުމާއި އެހެން ޙުކުމަކަށް ބަދަލު ކުރައްވާކަން މިއާޔަތުން އެނގިގެން ދެއެވެ. އަދި އެޙުކުމުގެ މަޤާމަށް އެހެން ޙުކުމެއް ގެންނަވާކަމާ އަދި އެހެން ޙުކުމެއް ގެންނަވާ ކުރީގެ ޙުކުމް އުފުއްލަވާކަން މިއާޔަތުން އެނގިގެން ދެއެވެ.
- ނަސްޚުވުމަކީ ޝަރުޢީގޮތުން ހިނގާފައިވާ ކަމެކެވެ. އެގޮތުން:
(ހ) ބައިތުލްމަޤްދިސްއާ ދިމާއަށް ކުރިމަތިލައިގެން ނަމާދުކުރުން މަންސޫޚު ކުރައްވައި ކަޢުބަތުﷲ ގެފުޅާ ދިމާއަށް ކުރިމަތިލައްވައިގެން ނަމާދުކުރެއްވުން ވާޖިބުކުރައްވާފައިވެއެވެ.
(ށ) ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އާ މުޚާޠަބްކޮށް އެއްޗެއް ވިދާޅުވުމުގެ ކުރިން ޞަދަޤާތެއް ކުރުމަށް އޮތް އޮތުން މަންސޫޚު ކުރައްވައި އެކަން އުފުއްލެވިއެވެ.
(ނ) ފިރިމީހާ މަރުވުމުން 01 (އެކެއް) އަހަރު ހިތާމާގައި (ޙިދާދުގައި) އިނުމަށް އަނބިމީހާގެ މައްޗަށް އޮތް އޮތުން މަންސޫޚު ކުރައްވައި 04 (ހަތަރެއް) މަހާ 10 (ދިހައެއް) ދުވަހަށް އެކަން ބަދަލުވެގެން ދިޔައެވެ.
(ރ) ހަނގުރާމާގައި މުސްލިމުންގެ 20 (ދިހައެއް) މީހުންނަށް ކާފަރުންގެ 200 (ދުއިސައްތަ) މީހުންނާ ހަނގުރާމަ ކުރެވުމަށް އޮތް އޮތުން މަންސޫޚޫ ކުރައްވައި އެޢަދަދު 100 (ސަތޭކަ) އަށް އިތުރު ކުރެވިގެން ގޮސްފައި ވެއެވެ.
[1] سورة اليقرة: 106.
[2] سورة النحل: 101.