ނަސްޚުގެ ޝަރުޠުތައް
ނަސްޚުވުމުގެ ޝަރުޠުތަކެއް ޢިލްމުވެރިން ކަނޑައަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި:
- މަންސޫޚުވެފައިވާ ކަމަކީ ޝަރުޢީ ޙުކުމެއް ކަމުގައިވުން.
އެކަން ޘާބިތުވާން ޖެހޭނީ ޝަރުޢީ ގޮތުންނެވެ. ބުއްދީގެ ގޮތުން ބުރަވެވޭ ބުރަވުމަކަށް މަންސޫޚުވުން ކަމުގައި ނުބެލެވޭނެއެވެ. މިސާލަކަށް އަޅުކަމުގެ އަޞްލަކީ ޝަރުޢީ ދަލީލެއް ނުވާނަމަ އެކަމުން ބަރީއަވެގެންވުމެވެ. އަދި އެކަމުގެ ތަކުލީފުޖެހިފައި ނުވުމެވެ. އެއަށްފަހު އަޅުކަމެއް ވާޖިބުވުމުން، ކުރީގައި ތަކުލީފު ޖެހިފައި ނުވުމުގެ ޙުކުމް މަންސޫޚުވީކަމުގައި ނުވާނެއެވެ.
- މަންސޫޚުކުރެވުނު ޙުކުމުގެ ޚިޠާބަށްވުރެ ނާސިޚުގެ ޚިޠާބު ފަސްވެފައި އޮތުން.
ގުޅިލާމެހިފައިވާ ޚިޠާބަކީ ނާސިޚެއް ކަމުގައި ނުބެލެވޭނެއެވެ. އަދި ޝަރުޠާއި ޞިފައާއި އިސްތިޘްނާ އަކީ ނަސްޚު ކަމުގައި ނުބުނެވެއެވެ. އެއީ ޚާއްޞަވުމެވެ.
އެހެންކަމުން ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅުގައި މިވަނީ ނަސްޚެއް ކަމުގައި ނުވާނެއެވެ: (حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ)[1] މާނައީ: ” (އެއީ) އެއުރެން ނިކަމެތިވެ، ދެރަވެގެންވާ ޙާލު، އަމިއްލައަތުން ޖިޒްޔަދީފުމަށް ދާނދެނެވެ.”
- މަންސޫޚު ކުރެވުނު ކަމަކީ ވަކި ވަޤުތަކަށް ކަނޑައެޅިފައިވާ ކަމެއް ކަމުގައި ނުވުން.
ވަކި ވަޤުތަކަށް ކަނޑައެޅިފައިވާނަމަ އެއީ ނަސްޚެއް ކަމުގައި ނުބެލެވޭހުއްޓެވެ.
- ނަސްޚު ކުރެވުނު ޙުކުމް މަޝްރޫޢުވެފައި އޮތުން
މަރުވުމާ ގުޅިގެން ޙުކުމް އުފުލިގެން ދިއުމަށް ނަސްޚުވުމޭ ނުކިޔެއެވެ. އެއީ ތަކްލީފް ކެނޑިގެން ދިއުމެވެ.
- ނާސިޚާއި މަންސޫޚު އަކީ ޖަމްޢުކުރެވޭ ދެ ކަންތައްކަމުގައި ނުވުން.
އެއީ އެއްވަގުތެއްގައި ޢަމަލުކުރެވޭ ދެ ކަންތައް ކަމުގައި ވާނަމަ އޭގެ އެއްކަންތައް އަނެއްކަމުގެ މައްޗަށް ނަސްޚުކުރެވުނީ ކަމުގައި ނުބެލެވޭނެއެވެ.
- މަންސޫޚު ކުރެވުނު ކަމަކީ ޚަބަރެއްކަމުގައި ނުވުމާއި، އެއީ ޙުކުމެއް ކަމުގައިވުން.
ޚަބަރުތަކަކީ އޭގައި ނަސްޚު އެކުލެވިގެންވާ ކަމެއް ނޫނެވެ. އެއީ މިސާލަކަށް ސުވަރުގޭގެ ޚަބަރުތަކާއި ނަރަކައިގެ ޚަބަރުތައް ނުވަތަ ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކާ ބެހޭ ޚަބަރުތަކެވެ.
- ނާސިޚަކީ ވަޙީކަމުގައި (އެބަހީ: ޤުރުއާން ނުވަތަ ސުންނަތް ކަމުގައި) ވުން.
އިޖުމާޢުންނާއި ޤިޔާސްއިން ނަސްޚެއް ނުވާނެއެވެ.[2]
[1] سورة التوبة: 29.
[2] البحر المحيط. ص: 131.