ޖަމްޢުގެ ތަޢާރަފް
ޢަރަބި ބަހުގައި “الجمع“:
ޢަރަބި ބަހުގައި “الجمع” ގެ އެތައް މާނައެއް ވެއެވެ. އެގޮތުން “ލިސާނުލްޢަރަބި” އޭ ކިޔުނު ރަދީފުގައި މި ލަފްޒުގެ ގިނަ މާނަތަކެއް ބަޔާންކޮށްފައިވެއެވެ. މި މަޢުޟޫގައި ޖަމްޢުގެ އެންމެ ފުރިހަމަ މާނައަކަށް ފެނިފައިވަނީ، އެއީ ވަކިވެފައިވާ ދެ އެއްޗެއް ގުޅުވައިލުން ކަމުގައެވެ.[1]
ޝަރުޢީ އިޞްޠިލާޙުގައި “الجمع“:
އެއީ ޝަރުޢީ ދަލީލުތަކެއް އެއްތަންކޮށް އެއްބަސްކުރުވައި ގުޅުވައިލުމެވެ. އެއީ ޝަރުޢީ ނުވަތަ ބުއްދީގެ ދަލީލުތަކެއް ކަމުގައި ވިޔަސް މެއެވެ.[2]
ޖަމްޢުގެ ޝަރުޠުތައް
ޖަމްޢުކުރުމުގެ ޝަރުޠުތަކެއް ޢިލްމުވެރިން ކަނޑައަޅުއްވާފައިވެއެވެ. އޭގެ ތެރޭގައި:
- ތަޢާރުޟްވެފައިވާ ދެ ދަލީކަކީ އޭގެ ޙުއްޖިއްޔަތު ޘާބިތުވެފައިވާ ދެ ދަލީލުކަމުގައިވުން.
އެއީ އޭގެ ދެލަލީގު ސަނަދު ޞައްޙަވެފައިވުމެވެ. އެހެނީ އެއް ދަލީލު ޞައްޙަވެފައި އަނެއް ދަލީލަކީ އޭގެ ޞައްޙަ ކަމުގައި ބަލިކަށިކަމެއް އެކުލެވޭ ދަލީލެއްކަމުގައި ވާނަމަ އެއީ ތަޢާރުޟުވުން އުފެދޭނެ ކަމެއް ނޫންކަމުގައި ވާތީއެވެ. އެހިނދުގައި ޖަމްޢު ކުރުމުގެ ބޭނުމެއް ނުވެއެވެ.
- ޖަމްޢުކުރުމަކީ ޝަރުޢީ ނައްޞެއް ނުވަތަ ނައްޞަކުން ބައެއް ބާޠިލުވެގެން ހިނގައިދާނެ ސަބަބެއްކަމުގައި ނުވުން.
ޖަމްޢުގެ ސަބަބުން ނައްޞެއް ނުވަތަ ނައްޞަކުން ބަޔަކީ ޢަމަލު ނުކުރެވޭ ބާޠިލު އެއްޗެއް ކަމުގައި ވެގެން ދާކަމުގައިވާނަމަ އެކަމުގެ މައްޗަށް ޝަރުޢީ ޙުކުމްތައް ބިނާވެގެން ނުދާ ހުއްޓެވެ.
- ދެ ދަލީލަކީވެސް ތަޢާރުޟުވުމުގައި އެއްވަރު ދެ ދަލީލު ކަމުގައިވުން.
މިއީ ދެ ލަލީލު ޖަމްޢުކުރުން ޞައްޙަވުމަށްޓަކައި މުހިންމު ޝަރުޠެކެވެ. އެހެނީ އެއިން އެއް ދަލީލަކީ ވަރުގަދަ ދަލީލެއް ކަމުގައި ވާނަމަ ޢަމަލުކުރަން ޖެހޭނީ ވަރުގަދަ ދަލީލުގެ މައްޗަށެވެ. އެ ހިނދުގައި ބަލިކަށި ދަލީލަކީ ދޫކޮށްލަން ޖެހޭ އެއްޗެއް ކަމުގައި ވާތީ ޖަމްޢުކުރުމުގެ ބޭނުން ކެނޑިގެންދެއެވެ. (މިއީ ޙަނަފީންނާއި ޝާފިޢީންގެ ޢިލްމުވެރިންގެ އަރިހުގައި ޝަރުޠެކެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިންގެ އަރިހުގައި މިއީ ޝަރުޠެއްކަމުގައި ނުބައްލަވައެވެ.)
- ޞައްޙަ ނައްޞެއްގެ ސަބަބުން ވީރާނާވެގެންދާ ޖަމްޢެއްކަމުގައި ނުވުން.
އެހެންކަމުން ތަޢާރުޟްވެފައިވާ ދެ ދަލީލު ޖަމްޢު ކުރުމުގެ ނަތީޖާއާ ޚިލާފަށް އޮތް ޞައްޙަ ދަލީލެއް އޮތްކަމުގައި ވާނަމަ އެޖަމްޢަކީ އެއީ މުޢުތަބަރު ޖަމްޢެއްކަމުގައި ބެލެވިގެން ނުދާނެއެވެ.
- ތަޢާރުޟްވެފައިވާ ދެ ދަލީލުން ކުރެ އެއް ދަލީލަކީ އެކަތި އަނެކައްޗަށް ވުރެ ފަސްވެފައިވާ ދަލީލެއްކަމުގައި ކަށަވަރުވެ އެނގެން ނެތުން.
އެހެނީ ދަލީލުތަކުގެ ތާރީޚު ނުވަތަ އެހެން ޢިބާރާތަކުން ބުނަނީނަމަ އެކަތި އަނެކައްޗަށް ވުރެ އިސްފަސްވެފައިވާކަން އެނގެން އޮތްނަމަ އެކަން ވަދެގެންދާ ހުށީ ނަސްޚުގެ ތެރެއަށެވެ.
[1] لسان العرب، فصل الجيم، ص 679.
[2] التعارض والترجيح عند الأصوليين وأثرهما في الفقه الإسلامي، ص: 259.