[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ޙުކުމް ނަސްޚުވުމާއި ޖަމްޢުކުރުން – 8

ދެ ޙުކުމެއް ތަޢާރުޟްވާ ކޮންމެ ޙާލަތެއްގައި އެއިން ޙުކުމެއް މަންސޫޚުވީކަމުގައި ނުބެލުން

 

ނަސްޚުވުމުގެ ޝަރުޠުތަކުގެ ތެރޭގައި، “މަންސޫޚުކުރެވުނު ޙުކުމުގެ ޚިޠާބަށް ވުރެ ނާސިޚުގެ ޚިޠާބު ފަސްވެފައި އޮތުން” އިސްވެ ބަޔާންވެ ހިނގައްޖެއެވެ. އެހެންކަމުން ނަސްޚުވުމަކީ ކުރީގެ ޙުކުމެއް އުފުއްލެވުންކަން އެބަ އެނގިގެން ދެއެވެ. ހަމަ އެ ފަދައިން އުޞޫލީ ޤާޢިދާއަކީ ހުރިހާ ދަލީލެއް ތަޢާރުޟުވާ ޙާލަތުގައި މެނުވީ އެއިން ދަލީލެއް ނަސްޚުވެފައިވާ ކަމުގައި ނު ބެލުމެވެ. ނަސްޚުވުމުގައި މިފަދަ އެތައް ޝަރުޠުތަކެއް ކަނޑައަޅާފައި ވީހިނދު މި މަބްޙަޘްގައި މި ބަލައިލަނީ މަންސޫޚުވެފައިވާ ކަމުގައި ބުނެވިފައިވާ ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކާމެދުގައި ކަންހިނގާފައިވާ ގޮތާ މެދުގައެވެ.

 

ފުރަތަމަ އާޔަތް:

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِلَّهِ الْمَشْرِقُ وَالْمَغْرِبُ ۚ فَأَيْنَمَا تُوَلُّوا فَثَمَّ وَجْهُ اللَّهِ ۚ إِنَّ اللَّهَ وَاسِعٌ عَلِيمٌ)[1] މާނައީ: “މަޝްރިޤާއި މަޣްރިބް މިލްކުވެގެންވަނީ، ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން ކޮންމެ ފަރާތަކަށް އެނބުރުނަސް، އެތަނެއްގައި ﷲ ވޮޑިގެންވެއެވެ. ހަމަކަށަވަރުން، ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.” ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުން، އިސްވެދިޔަ އާޔަތް މަންސޫޚު ކުރެވިފައިވާކަމުގައި ބުނެއެވެ. (فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ)[2] މާނައީ: “ފަހެ، ޙުރުމަތެރިވެގެންވާ މިސްކިތާ (އެބަހީ: ކަޢްބަތުﷲ ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ!”

މިމައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮތް މައްސަލައެކެވެ. މިއާޔަތުގައި ބަޔާންވެގެން މިވަނީ ކޮންމެ ދިމާއަކަށް މޫނު ކުރިމަތި ކުރެވުނު ކަމުގައި ވިޔަސް ﷲ ތަޢާލާ އެކަން ދެނެވޮޑިގެންވާކަމުގައެވެ. މަޝްރިޤާއި މަޣްރިބް މިލްކުވެ ވޮޑިގެންވަނީ ﷲ ތަޢާލާއަށް ކަމާއި ކޮންމެ ދިމާއަކަށް މޫނު ކުރިމަތި ކުރިޔަސް، އެ ކުރިމަތި ލެވުނީ އެކަލާނގެއާ ދިމާއަށް ކަމުގައި ބަޔާން ކުރައްވައިފައެވެ.

ދެން ފަހެ މި އާޔަތް ބާވައިލެއްވުނީ ޔަހޫދީންނަށް ރައްދުދެއްވުމުގެ ގޮތުންނެވެ. އެހެނީ އެ ޔަހޫދީން ބުންޏެވެ. (مَا وَلَّاهُمْ عَن قِبْلَتِهِمُ الَّتِي كَانُوا عَلَيْهَا)[3] މާނައީ: “އެއުރެން (އެބަހީ: މުސްލިމުން) އިހު ތިބި ޤިބްލަ ފިޔަވައި އެހެން ފަރާތަކަށް އަނބުރައިލީ ކޮން އެއްޗެއް ހެއްޔެވެ؟” އެ ހިނދު ﷲ ތަޢާލާ މިއާޔަތް ބާވައިލެއްވިއެވެ. (قُل لِّلَّهِ الْمَشْرِقُ وَالْمَغْرِبُ)[4] މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! މަޝްރިޤާއި މަޣްރިބް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ.”


[1]  سورة البقرة: 115.

[2]  سورة البقرة: 144.

[3]  سورة البقرة: 142.

[4]  سورة البقرة: 142.

 

މިލިޔުމުގެ އެހެން ބައިތައް