ހަތްވަނަ އާޔަތް:
މާތް ﷲ ވަޙީކުރެއްވިއެވެ. (فَإِن جَاءُوكَ فَاحْكُم بَيْنَهُمْ أَوْ أَعْرِضْ عَنْهُمْ)[1] މާނައީ: “ފަހެ، އެއުރެން ކަލޭގެފާނުގެ އަރިހަށް އަތުވެއްޖެނަމަ އެއުރެންގެ މެދުގައި ޙުކުމްކުރައްވާށެވެ! ނުވަތަ އެއުރެންގެ ކިބައިން އެނބުރިވަޑައިގަންނަވާށެވެ!” މިއާޔަތް ވަނީ ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުން މަންސޫޚު ކުރެވިފައިކަމުގައި ބުނެވެއެވެ. (وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّهُ)[2] މާނައީ: “އަދި اللَّه ބާވައިލައްވާފައިވާ ޙުކުމުން އެއުރެންގެ މެދުގައި ކަލޭގެފާނު ޙުކުމްކުރައްވާށެވެ!”
މި މައްސަލާގައި ރާޖިޙު ގޮތަކީ މި ދެ އާތަކީވެސް މުޙުކަމް ދެ އާޔަތްކަމުގައި ވުމެވެ. އެހެނީ ﷲ ތަޢާލާ އެވަނީ ޔަހޫދީންގެ މެދުގައި ޙުކުމް ކުރެއްވުމަށްޓަކައި ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އަތުވެއްޖެނަމަ ޙުކުމް ކުރެއްވުމާއި އަދި ޙުކުމް ކުރެއްވުމަކާ ނުލައި ފޮނުވައިލެއްވުމުގެ އިޚްތިޔާރު ދެއްވައިފައެވެ. ނަމަވެސް ދެވަނަ އާޔަތުގައި ބަޔާންކުރައްވާފައި އެވަނީ ޙުކުމް ކުރެއްވުމަށް އެކަލޭގެފާނަށް ފެނިވަޑައިގަންނަވައިފިނަމަ ޙުކުމްކުރައްވަން ވާނީ ﷲ ތަޢާލާ ބާވައިލައްވާފައިވާ ޙުކުމުން ކަމުގައެވެ.
[1] سورة المائدة: 42.
[2] سورة المائدة: 49.