އިސްވެ ބަޔާންވެ ދިޔަ މުލްޙިދުންގެ ފަލްސަފާވެރިންނާ ގާތް ފިކުރެއްގެ އެހެން ބަޔަކުވެސް ވެއެވެ. މި ކައުނުގައި ޚާލިޤެއްވާކަން އެބައިމީހުން ޤަބޫލުކުރެއެވެ. އެހެނަސް އެބައިމީހުން ދަޢުވާ ކުރާ ގޮތުގައި ކައުނު ޚަލްޤުކުރައްވާފައި އެއިލާހު ކައުނު ދޫކޮށްލީއެވެ. ނުވަތަ ކައުނު ޚަލްޤުކުރައްވާފައި އިލާހު ފަނާވީއެވެ. އަދި ކައުނު އޭގެ އަމިއްލަ ޙާލައިގެން ކުރިއަށް ދިޔުމަށް ދޫކޮށްލީއެވެ. – މިބައިމީހުންގެ މި ބަސްތަކުން ﷲ ތަޢާލާ ހުސްޠާހިރުވަންވަވެވޮޑިގެންވެއެވެ. – މިއީ ކޮންފަދަ ޖަރީމާއެއް ހެއްޔެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا ﴿٨٨﴾ لَّقَدْ جِئْتُمْ شَيْئًا إِدًّا ﴿٨٩﴾ تَكَادُ السَّمَاوَاتُ يَتَفَطَّرْنَ مِنْهُ وَتَنشَقُّ الْأَرْضُ وَتَخِرُّ الْجِبَالُ هَدًّا ﴿٩٠﴾ أَن دَعَوْا لِلرَّحْمَٰنِ وَلَدًا ﴿٩١﴾ [سورة مريم]
މާނައީ: ” ރަޙުމާނުވަންތަ އިލާހު ދަރިކަލަކު ހިއްޕެވިކަމަށް އެބައިމީހުން (އެބަހީ: ކާފިރުން) ބުންޏެވެ. (88) ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަ ގެނައީ ވަރަށްވެސް ނުބައިވެގެންވާ ބަހެކެވެ. (89) އެކަމުގެ ސަބަބުން އުޑުތައް ފަޅަފަޅައިގެންގޮސް، ބިންގަނޑު އިރައިރައިގެންގޮސް، ފަރުބަދަތައް ކުދިކުދިވެ، ވެއްޓިގެން ދިއުން ކައިރިވެގެންވެއެވެ. (90) އެއީ ރަޙުމާނުވަންތަ އިލާހަށް ދަރިކަލަކުވާކަމަށް އެއުރެން ބުނުމުގެ ސަބަބުންނެވެ. (91)”
ދެން ފަހެ އެކުއެކީގައި އިލާހަކު ވޮޑިގެންވާކަން ނަފީކުރާ މީހެއްގެ ޙާލަކީ ކޮބާ ހެއްޔެވެ!
ރަނގަޅަށް އެނގެން އޮތްކަމަކީ އިހު ޒަމާނުގައި މީސްތަކުންގެ މެދުގައި އިލްޙާދުގެ ފިކުރު (ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު) އޮތީ ވަރަށް ކުޑަކޮށެވެ. އެހެނީ އޭރު އެފިކުރުގައި ވަރަށް މަދު ބަޔަކު މެނުވީ ނުވެއެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރު އެކަކީ ފިރުޢައުނެވެ. އޭނާ ބުންޏެވެ.
﴿وَمَا رَبُّ الْعَالَمِينَ﴾ [سورة الشعراء ٢٣]
މާނައީ: “ޢާލަމުތަކުގެ ރައްބަކީ ކޮބާ ހެއްޔެވެ؟”
އަދި އެ ފިކުރުގައި ފަލްސަފާގެ އަހުލުވެރިންގެ ތެރެއިން (އެބަހީ: ހަމައެކަނި ބުއްދީގެ އަލީގައި ﷲ ތަޢާލާގެ ޛާތުފުޅާމެދު ވާހަކަދައްކާ އުޅުނު މީހުންގެ ތެރެއިން) ބަޔަކާއި ޢަރަބި މުޝްރިކުންގެ ތެރޭގައި އުޅުނު ‘އައްދަހްރިއްޔާ’ ގެ ނަމުން ނަން މަޝްހޫރުވެފައިވާ ބަޔަކު އުޅުނެއެވެ. އެބައިމީހުންނަކީ ޚާލިޤަކުވާކަން އިންކާރުކޮށް އުޅުނު ބަޔެކެވެ. އަދި ކައުނަކީ އިސްވުމެއް ނެތި ފެށިފައިވާ އެއްޗެއްކަމުގައި އެބައިމީހުން ބުނެއެވެ.
އެހެންކަމުން އިހު ޒަމާނުގައި މިފިކުރަކީ މީސްތަކުންގެ މެދުގައި މާ ބޮޑު ތާއީދެއް ލިބިފައިވާ ފިކުރެއް ނޫނެވެ.
ޔޫނާނުގެ ( Greeceގެ) ފަލްސަފާވެރިއަކު ކަމުގައިވާ ޕުލޫޓާރކު (Plutarch) ބުނެފައިވެއެވެ.
“ތާރީޚީ ގޮތުން ބަލާއިރު ކިއްލާތަކެއް ނުވާ ރަށްތަކާއި ގަނޑުވަރުތައް ނުވާ ރަށްތަކާއި މަދަރުސާތައް ނުވާ ރަށްތައްވަނީ ހޯދިފައެވެ. އެހެނަސް އަޅުކަންކުރާ ތަންތަން ނުވާ ރަށެއް ނުހޯދެއެވެ.”
= ނުނިމޭ =
އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް