އިލްޙާދުގެ މަދަރުސާތައް (Atheistic Schools of thought)
ހުރިހާ މުލްޙިދުން އެ މަދަރުސާއެއްގެ ފަހަތުގައި ޖަމާކުރާ މަދަރުސާއެއް ނުވެއެވެ. އެހެނަސް ޖުމްލަ ގޮތެއްގައި އެބައިމީހުންގެ މައިގަނޑު ދެ ގޮތެއް (approach އެއް) ވެއެވެ. އެއީ:
– ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ ގޮތް
– ފަލްސަފީ ފިކުރުތަކުގެ މައްޗަށް ބިނާކޮށްފައިވާ ގޮތް
މި ދެބައި އެއްކޮށްގެން އިލްޙާދުގެ އެކި މަދަރުސާތައް ފާޅުވެފައިވެއެވެ. އޭގެ ތެރޭގައި:
– ޢަލްމާނިއްޔަތު (secularism) އަކީ: ދީނާ އެއްވެސް ގުޅުމެއް ނެތް، މާއްދީ އަސާސްތަކުގެ މަތީގައި މުޖުތަމަޢު ބިނާކުރުމެވެ.
– ވުޖޫދިއްޔާ (existentialism) އަކީ: ސާޓްރާ (Sartre) ފެތުރި ފިކުރެކެވެ. އޭގައި ގޮވާލަނީ އިންސާނާގެ އަގާއި މިނިވަންކަން ފާޅުކުރުމަށާއި އިންސާނާއަށް ކޮންމެ ކަމެއްވެސް ކުރެވޭނެކަން ފާޅުކުރުމަށެވެ.
– ވަޟްޢިއްޔާ (positivism) އަކީ: އޯގަސްޓު ކޮމްޓާއި (Auguste Comte) އޭނާގެ އެކުވެރިޔާ ފެތުރި ފިކުރެކެވެ. އޭގައި ގޮވާލަނީ ޙިއްސުތަކުން ތަޖުރިބާ ކުރެވޭ ކަންކަން ނޫން އެހެނިހެން ހުރިހާކަމެއް އިންކާރުކުރުމަށެވެ.
– ކޮމިއުނިސްމް (communism) އަކީ: ކާރލް މާރކްސް (Karl Marx) ފެތުރި ފިކުރެކެވެ. އޭގައި ގޮވާލަނީ އިލާހަކު ނުވާކަމަށާއި ޙަޔާތަކީ ހަމައެކަނި މާއްދިއްޔަތު ކަމަށެވެ.
– ޑާރވިނިސްމް (darwinism) އަކީ: އިވޮލިއުޝަން ތިޔަރީގެ މައްޗަށް ބިނާކޮށްފައިވާ ފިކުރެވެ.
ދުނިޔޭގައި މިގޮތަށް ފެތުރެމުންދާ އެހެން ފިކުރެއްވެސް މި ނުކުތާގައި ފާހަގަކޮށްލަން ޖެހެއެވެ. މިފިކުރު މިހާރު އިސްލާމީ ޤައުމުތަކަށްވެސް ފޯރާފައިވެއެވެ. އެއީ ޝައިޠާނާއަށް އަޅުކަންކުރުމުގެ (satanism) ފިކުރެވެ. އެއީ އޭގެ ފަލްސަފާއަށް ބަލާއިރު އިލްޙާދީ ޙަރަކާތެކެވެ. އަދި އޭގައި ބޭނުންކުރާ ރަމްޒުތަކަކީ ބުދުދީންތަކުގެ ރަމްޒުތަކެވެ. އެއަށް ވާގިވެރިވަނީ ޔަހޫދީންނެވެ. އެބައިމީހުން ރައްބަކު ވާކަން އިންކާރު ކުރެއެވެ. އަދި ދީންތަކާ ދެކޮޅު ހަދައެވެ. ދިރިއުޅުމުގައި ހައްދުފަހަނަ އެޅުމާއި ލައްޛަތުތައް ހޯދުން މެނުވީ އެބައިމީހުންނަކަށް ނުވެއެވެ. އަދި ލައްޛަތުގެ ތެރޭގައިވެސް އެބައިމީހުން އެދެނީ ވަރަށް ތަފާތު ވައްތަރުތަކަށެވެ. މީގެ ގެއްލުމަށް ބަލާ އިތުރު ތަފްޞީލު ބަޔާންކުރާނަމަ މިއަށް ވުރެ ތަނަވަސްކޮށް މިކަމުގައި ވާހަކަދެއްކިދާނެއެވެ.
= ނުނިމޭ =
އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް