[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (24)

ދަރިން އުފަން ވަނީ ތަރުބިއްޔަތު ލިބިގަތުމަށް ތައްޔާރުވެފައިވާ ހާލުގައި ކަމާއި، ވަރަށް މަތިވެރި ތަރުބިއްޔަތެއްގެ މަތީގައިކަން އެނގޭތަ؟

ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ އިސްކަންދޭންޖެހޭ ކަންކަމުގެ މައްޗަށް ދަރިން ތަރުބިއްޔަތުކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. އެއީ އިސްލާމްދީނުގެ މަތީގައި އެކުދިން ތަރުބިއްޔަތުކުރުމާއި، ޞައްޙަ ޢަޤީދާގެ މައްޗަށް އެކުދިން ތަރުބިއްޔަތުކުރުމެވެ. “ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ މަތީގައި” ކަމަށްވާއިރު، ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަހަރެމެންނާ މި ބުރަ އަދި ބޮޑު މަސްއޫލިއްޔަތު ހަވާލުކުރެއްވިއިރު، އެދަރީންގެ ހިތްތަކުގައި އީމާންތެރިކަން ލައްވާފައެވެ. އަދި މާތް ﷲ ވަނީ ތައުޙީދާއި، އިސްލާމްކަމާއި، އެކަލާނގެއަށް ބޯލެނބުން، ކޮންމެ ނަފްސެއްގެ ފިތުރަތުގައި ލައްވާފައެވެ. މައިންބަފައިންގެ މައްޗަށް އޮތީ މިފިޠުރަތުގެ ސާފުކަން ކިލަނބުކޮށް ނުލައި، އެ ދަރީންގެ ފިޠުރަތުގައިވާ ކަންކަން އެގޮތުގައި ރައްކާތެރިކަމާއެކު ހިފަހައްޓައި، މަގުފުރެދުމުން އެ ދަރިން ރައްކާތެރިކުރުމަށް މަސައްކަތްކުރުމެވެ. ބައެއްފަހަރު މައިންބަފައިން އެބައިމީހުންގެ ދަރިންގެ ފިޠުރަތު ހެޔޮމަގުން ކައްސުވާލައި ކިލަނބުކޮށްލައެވެ. އޭގެ ދަލީލަކީ “ދަރިފުޅު ޔަހޫދީއަކަށްވެސް، އަދި ނަސްރާނީއަކަށްވެސް، މަޖޫސީއަކަށްވެސް ހަދަނީ މައިންބަފައިންނެވެ.” މި ޢިބާރާތުން އައިފައިވާ ޙަދީޘެވެ.

ދަރިން ތަރުބިއްޔަތުކުރުމަކީ ގިނަ ގޮތްގޮތަށް ބަލާނަމަ ވަރަށް ފަސޭހަކަމެކެވެ. އެއީ ކުޑަކުދިން ވަނީ ހަތަރު ކަމެއްގައި، ތަރުބިއްޔަތު ލިބުމަށް ތައްޔާރުވެގެންނެވެ. އެއީ:

1- ކޮންމެ ކުއްޖަކުވެސް އުފަންވަނީ ފިޠުރަތުގެ މަތީގައެވެ. އެއީ ﷲއަށް އީމާންވާ ޙާލު އެކަލާނގެ އެއްކައުވަންތަކަން ގަބޫލުކުރާ ޙާލުގައެވެ.

2- އެ ކުދިން އުފަންވަނީ ހެޔޮ ކަންތަކަށް ހިތް ލެނބުމުގެ ފުރިހަމަ ޤާބިލުކަމާއެކުގައެވެ. މިއީ އަހަރެމެންވެސް ބޭނުންވާ ގޮތެވެ. (މިއީ ނުބައި ކަންކަމަށް ހިތް ލެނބުމުގެ ޤާބިލުކަން ހުރި ކަމުގައިވިއަސްމެއެވެ.)

3- އެ ކުދިން އުފަންވަނީ ކަންކަން ހޯދާ ބެލުމުގެ ޝައުޤުވެރިކަމާއެކީގައެވެ. އަދި ކަންކަން އުނގެނި ދަސްކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ގޮތުގައެވެ.

4- އެ ކުދިން އުފަންވާއިރު، އެކުދިންގެ ޑީއެންއޭގައި، އެސިފަތައް ފޮހެލުން އުނދަގޫ ސިފަތައް ވާރުތަކޮށްފައިވާ ސިފަތައް ހުރެދާނެއެވެ. އަދި އެ ކުދިންގެ ޝަޚުޞިއްޔަތު ވަރަށް ތަފާތުވެދާނެއެވެ. އަދި އަހަރެމެން ބޭނުންވާ ގޮތަށް ބަދަލު ނުކުރެވޭނެ މިޒާޖު އެކުދިންގެ ކިބައިގައި ހުރެދާނެއެވެ.

މިހަތަރު ކަމަކީ އޭގެ ސަބަބުން ދަރިންތަރުބިއްޔަތުކުރުމުގެ ބުރަ މަސައްކަތް ކުރިއަށް ގެންދިއުމަށް މައިންބަފައިންނަށް ފަސޭހަވެގެންދާނެ ކަންތައްތަކެކެވެ. އެހެންކަމުގައިވާއިރު، ތަރުބިއްޔަތުވެވުމަށް ތައްޔާރުވެފައިވާ ގޮތުގައި މިވާ ކުދިންނަށް ތަރުބިއްޔަތު ދިނުމުގައި މަންމައާއި ބައްޕަ އަދާކުރަންޖެހޭ ދައުރަކީ ކޮބައިބާއެވެ؟!

ދަރިފުޅު އުފަންވަނީ، އިންދުމަށް ރަނގަޅަށް ތައްޔާރުކުރެވިފައިވާ އޮށެއް ފަދައިންނެވެ. އެހެންކަމުން މައިންބަފައިންނަށް އޮތީ އެއޮށް އިންދުމަށް އެންމެ ފުރިހަމަ ބިން އިޚްތިޔާރުކޮށް އެތަނެއްގައި އިންދުމެވެ. (މާނައަކީ: އެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދިނުމަށްޓަކައި، އެދެމީހުންގެ ނަފްސު އިޞްލާޙުކުރުމެވެ.) އެކި ވައްތަރުގެ ގަސްތަކަށް، އެންމެ ރަނގަޅު ގޮތުގައި ހެދި ބޮޑުވުމަށް ތަފާތު ކަންކަމުގައި ހިފަހައްޓަންޖެހެއެވެ. (މިސާލަކަށް؛ އެގަހަށް ލިބެންޖެހޭ ފިނިހޫނުމިނާއި، ގަހަށް ލިބެންޖެހޭ ފެނުގެ މިންވަރާއި، އަވީގެ މިންވަރުވެސް އެކި ގަސްގަހަށް ތަފާތެވެ.) އެހެންކަމުން، މައިންބަފައިން ޖެހޭނީ އެގަހަށް ބޭނުންވާ މިންވަރަށާއި ގޮތްތަކަށް އެގަހަށް އަޅާލައި ބެލެހެއްޓުމެވެ. (ކޮންމެ ކުއްޖަކީވެސް އެކި މިންވަރަށް އެކުދިންގެ ޤާބިލުކަމާއި، ކަންކަން ދަސްކޮށް ނަގައިގަތުމުގެ ބާރު ލިބިފައިވާ ކުދިންނެވެ. އެހެންކަމުން، އެކި ކުދިންނަށް މަގު ދައްކައި އިރުޝާދު ދިނުމަށް ބޭނުންވާނީ އެކި އުސްލޫބުތަކެވެ.)

މިސާލަކަށް؛ ބައެއް ގަސްގަހަކީ އެގަސް ހެދިބޮޑުވުމަށްޓަކައި ގަވާއިދުން ފެން ދޭންޖެހޭ ގަސްތަކެވެ. (މާނައަކީ: ބައެއް ކުދިންނަށް ތަކުރާރުކޮށް ހަނދުމަކޮށްދީ، އިރުޝާދު ދޭންޖެހޭނެއެވެ. އަދި މިފަދައިން ކަންތައްކުރާއިރު އެކިއެކި އުސްލޫބުތައް ބޭނުންކުރަންޖެހޭނެއެވެ.) ގަހުގެ ފަތްތައް ރީނދޫވާން ފަށައިފިނަމަ، މައިންބަފައިންޖެހޭނީ ގަސްކާނާ އެގަހަށް އަޅާށެވެ. (ދަރިން ތަރުބިއްޔަތުކުރުމުގައި ތިންވަނަ ފަރާތެއްގެ އެހީތެރިކަން ހޯދަންވީއެވެ. މިސާލަކަށް؛ ބޮޑުބޭބެ ނުވަތަ މުދައްރިސެއްގެއެވެ.) ގަސް ލެނބިގެން ވެއްޓެން އުޅޭނަމަ ދަނޑިކޮޅެއްގެ އެހީގައިވެސް އެގަސް ސީދާކުރަންވާނެއެވެ. (ހެޔޮ ސާލިހު ރަޙުމަތްތެރިއެއްގެ އެހީގައިވެސްމެއެވެ.) ގަހުގައި ފަނި އަޅައިފިނަމަ، ބޭސްޖަހައިގެން އެފަނި ފިލުވަންޖެހޭނެއެވެ. (ބޭނުންވާ ކަންކަމުން މަޙުރޫމުކޮށްގެން ނުވަތަ އަދަބުދީގެން ފަސާދައަށް މަގުފަހިކުރާ ސަބަބުތައް ހުއްޓުވައިގެންނެވެ.)

ދަރިން ތަރުބިއްޔަތުކުރުމުގައި މަންމައާއި ބައްޕަގެ ދައުރަކީ ވަރަށް އާދައިގެ ކުޑަކުޑަ ދައުރެކެވެ. އެހެނަސް މިއީ ދާއިމީ، އަދި އެކަމަށްޓަކައި ވަރަށް ހުޝިޔާރުވެ ތިބެންޖެހޭ އަދި އިސްކަންދޭންޖެހޭ ދައުރެކެވެ. އަދި އެދައުރު އަދާކުރުމަށް ބުއްދިވެރިކަމާއި، އޮބްޒާވްކުރުމާއި، ކަންކަން އަވަހަށް ނަގައިގަތުމުގެ ބާރާއި، ކަންކަން ފަސޭހައިން ދެނެގަތުމުގެ ކުޅަދާނަކަމާއި، ރޭވުންތެރިކަން މައިންބަފައިންގެ ކިބައިގައި ހުންނަން ޖެހޭނެއެވެ. އެހެންކަމުގައިވާނަމަ ތަރުބިއްޔަތުކުރުމަކީ ކޮބައި ހެއްޔެވެ؟ ތަރުބިއްޔަތުކުރުމަށް ތައްޔާރުވެފައިވާ ޙާލުގައި އުފަންވެފައިވާ ކުއްޖާއާ މެދު ކަންކުރުމުގައި މައިންބަފައިންގެ ކިބައިން އެދެވިގެންވަނީ ކޮންކޮން ކަންތައްތަކަކަށް ހެއްޔެވެ؟ (ނުނިމޭ)

_________________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!