ފުރަތަމަ ނުކުތާ
އިލްޙާދުވުމަށް މެދުވެރިވާ ސަބަބުތައް
އިލްޙާދަކީ ފިޠުރަތާއި ހަމަބުއްދިއާވެސް ދެކޮޅު ފިކުރެކެވެ. އެއާއެކުވެސް މުޅި ދުނިޔޭގައި މި ފިކުރުވަނީ ފެތުރިފައެވެ. އަދި އިސްލާމީ ޤައުމުތަކުގައިވެސް މިފިކުރުވަނީ ފެތުރިފައެވެ. މިކަމުގެ މުހިންމު ސަބަބުތަކަކީ:
ފުރަތަމައީ: ޙަޟާރީ ގޮތުން މުސްލިމުން ބަލިކަށިވެފައިވާކަން ޒުވާނުންގެ ހިތްތަކަށް ވެރިވެފައިވުން. މިކަމުގެ ސަބަބުން މުސްލިމުންގެ ތަރިކައާއި ޢަޤީދާއާ މެދު ކުޑައިމީސް ގޮތަކަށް އެބައިމީހުން ދެކެއެވެ. އަދި ހުޅަނގުގެ އަހުލުވެރިންނާއި އެބައިމީހުން ހޯދާފައިވާ ޙަޟާރީ ކުރިއެރުންތަކާ ދިމާއަށް އާޝޯޚުވެފައި ބެލެއެވެ. އަދި ހީކުރެވެނީ އެބައިމީހުން މާއްދީ ގޮތުން ކުރި އެރުމުގެ ސަބަބަކީ އެބައިމީހުންގެ އިލްޙާދުގެ ފިކުރުކަމުގައެވެ.
ދެވަނައީ: ބައެއް ޒުވާނުންނަށް ރަނގަޅު ގޮތުގައި ޤަޟާޤަދަރުގެ މައްސަލަތައް ސާފު ނުވުން. ވަކިން ޚާއްޞަކޮށް ﷲ ތަޢާލާގެ ޙިކުމަތްވަންތަކަމާއި އެއިލާހު ކަންކަން ކުރައްވާ ސަބަބާ ގުޅުން ހުރި މައްސަލަތައް އޮޅުން ފިލާފައި ނުވުމެވެ. – މިއީ ވަރަށް މުހިންމު ސަބަބެކެވެ. –
ތިންވަނައީ: ކާފިރުންގެ ތެރޭގައި ދިރިއުޅޭ މީހުންނާއި ޒިޔާރަތްކުރަންދާ މީހުންނާއި ކިޔަވަންދާ ކުދިންގެ ސިކުނޑިތައް ދޮވެލުން. އެހެނީ ދާއިމީ ގޮތެއްގައި އެބައިމީހުންނަށް (ދީނާމެދު) އޮޅުން އަރާފަދަ ވާހަކަތައް (ޝުބުހަތައް) ހުށަހެޅެއެވެ.
އެބައިމީހުން އެ ރާވާ ރޭވުންތަކާމެދު އެއީ ކުޑަކަމެއްކަމުގައި ދެކިގެން ނުވާނެއެވެ.
﴿وَقَدْ مَكَرُوا مَكْرَهُمْ وَعِندَ اللَّهِ مَكْرُهُمْ وَإِن كَانَ مَكْرُهُمْ لِتَزُولَ مِنْهُ الْجِبَالُ﴾ [سورة إبراهيم ٤٦]
މާނައީ: “ހަމަކަށަވަރުން އެބައިމީހުން ރޭވުންތައް ރޭވިއެވެ. އަދި އެބައިމީހުންގެ ރޭވުންތައްވަނީ ﷲގެ ޙަޟްރަތުގައެވެ. އަދި އެބައިމީހުންގެ ރޭވުންތަކުން ފަރުބަދަތައް ނައްތައި ނުލެވޭ ހުށްޓެވެ.”
= ނުނިމޭ =
އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް