ހަތަރުވަނައީ: ޝަހުވަތްތަކަށް ލޯބިކުރުމާއި އެއްވެސް ހިފެހެއްޓުމެއް ނެތް މިނިވަންކަމަށް ލޯބިކުރުން. މިއަށް ކިޔަނީ ‘ލާ އަޚުލާޤީ’ މިނިވަންކަމެވެ. މިއީ އިލްޙާދާއި ގުޅުން ހުރި ކަމެކެވެ. އެހެނީ އިލްޙާދުގެ ފިކުރުގައި ޙަރާމް ޙަލާލަށް ބެލުމެއް ނުވެއެވެ. އަދި ބެހެލެހެއްޓުންތެރިއެއް ނުވަތަ ޖަވާބުދާރީވާން ޖެހޭ ފަރާތެއް އަދި ޖަޒާއެއްވެސް ނުވެއެވެ. އަދި އަދުގެ އިޞްތިލާޙުތަކުގައި ބުނެ އުޅޭ ‘guilty conscience ‘ އެއްވެސް ނުވެއެވެ. ނުވަތަ ކަމެއް ކުރުމުން ހިތާމަކުރުމެއްވެސް ނުވެއެވެ. އެއީ މުސްލިމަކަށް ހަޑި ހުތުރުކަމެއް ކުރެވުމުން އެކަމާ މެދު ހިތާމަކުރުމަށް މުސްލިމު އަޅާއަށް މެދުވެރިކުރުވާ ސަބަބެވެ.
އެހެންކަމުން އިލްޙާދަށް ލެނބޭ ގިނަ ބައެއްގެ މައިގަނޑު ސަބަބަކަށްވެފައިވަނީ ޝަހުވަތްތަކެވެ.
ޢިލްމުވެރިން ވިދާޅުވެއެވެ. “ޝުބުހަތަކުގެ (ދީނުގައި ހުރި ސާފުނުވާ އޮޅުން އަރާ ކަންކަމުގެ) ސައިބޯންޏަކީ ޝަހުވަތްތަކެވެ.” އެބަހީ: ނަފްސަށް ޝުބުހަތައް ވާސިލުވުމަށް މަގު ފަސޭޙަކޮށްދެނީ ޝަހުވަތްތަކެވެ.
ފަސްވަނައީ: ދީނުގައި އޮޅުން އަރާ އުނދަގޫ ކަންތައްތަކެއް ހުރިކަމަށް ހީވުން. މިއީ ވަރަށް ގިނަ ޒުވާނުންނަށް ދިމާވާ މައްސަލައެކެވެ. މިއީ ނަޞާރާ ދީނާމެދު ވިސްނާ ފިކުރުކުރާނަމަ ވެދާނެކަމެކެވެ. އެހެނަސް އިސްލާމްދީނުގައި (ދެކޮޅު ނުޖެހޭ ކަންތައްތަކެން ނުވާއިރު) މިފަދައިން ދިމާވާ މައިގަނޑު ސަބަބަކީ ދީނުގައި ނުވާ އާކަންތައްތައް (ބިދުޢަތައް) ހަދައިގެން އުޅޭ މީހުންގެ ސަބަބުންނެވެ. އެމީހުން ކުރާ ޚުރާފީ، ތާކުންތަކު ނުޖެހޭ ކަންކަން ދީނަށް ނިސްބަތްކުރެވިގެން ދެއެވެ.
ހަވަނައީ: އިސްލާމްދީނާއި އެދީނުގެ ރިވެތިކަމާމެދު ޖާހިލުވުން. އެހެނީ މިބައިމީހުން އިސްލާމްދީން ފުރިހަމަގޮތުގައި ބަލައިގެންފިނަމަ، އެންމެހާ ނަޒަރިއްޔާތުތަކާއި ފިކުރުތަކާއި ފަލްސަފާތަކެއްގެ ބަދަލުގައި އެބައިމީހުންނަށް މަތިވެރި އިސްލާމްދީން ފުދުނީހެވެ. އެހެނަސް އެބައިމީހުންވަނީ ޅެންވެރިޔާ ވިދާޅުވެފައިވާ ޙާލަތުގައެވެ.
كالعِيسِ فِي البَيدَاءَ يَقْتُلُهَا الظَمَا *** والمَاءُ فَوقَ ظُهُورِهَا مَحْمُول
މާނައީ: “ފެންބޮވައިގަނެގެން ހުސްބިމެއްގައި މަރުވާ ޖަމަލުތަކެއް ފަދައިންނެވެ.
އޭރު އެސޮރުމެންގެ ބުރަކަށިމަތީގައި ފެން ހުއްޓެވެ.”
ހަތްވަނައީ: – މިއީ މިކަމުގެ އެންމެ މުހިންމު ސަބަބެވެ. – މިއީ މުލްޙިދުންގެ ނަފްސަށް ރުޖޫޢަވާކަމެކެވެ. ކިބުވެރިކަމެއް ނުވާނަމަ އެއްވެސް މީހަކު އިލްޙާދުގެ ފިކުރުގައި ޖެހި، ދީނަށް ފުރަގަސްދީފައި ނުދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ بِغَيْرِ سُلْطَانٍ أَتَاهُمْ ۙ إِن فِي صُدُورِهِمْ إِلَّا كِبْرٌ مَّا هُم بِبَالِغِيهِ ۚ ﴾ [سورة غافر ٥٦]
މާނައީ: “ހަމަކަށަވަރުން ﷲގެ އާޔަތްތަކާ މެދުގައި އެބައިމީހުންނަށް ލިބިފައވާ އެއްވެސް ދަލީލަކާ ނުލައި ޖަދަލުކުރާ މީހުން (ދަންނާށެވެ!) އެބައިމީހުންގެ ހިތްތަކުގައި ބޮޑާކަން މެނުވީ ނުވެއެވެ. އެބައިމީހުން އެދޭ ކަންތަކަކަށް އެބައިމީހުން ނުފޯރާނެއެވެ.”
= ނުނިމޭ =
އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް