[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

‌‌ އިސްލާމީ ޢަޤީދާގެ އަސާސްތައް – (3)

بسم الله، الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه ومن والاه. أما بعد:

މިސިލްސިލާގެ ފުރަތަމަ ފިލާވަޅުގައި އަލިއަޅުވާލައިފައިވާނީ އިސްލާމްދީނުގެ ޢިލްމާއި މަޢުރިފާ ލިބިގަތުމުގެ މައްޗަށެވެ. ދެވަނަ ފިލާވަޅުގައި އަލިއަޅުވާލައިފައިވާނީ ޢިލްމާއި މަޢުރިފާއަށް ޢަމަލުކުރުމުގެ މައްޗަށެވެ. މިފިލާވަޅުގައި އަލިއަޅުވާލާނީ އިސްލާމްދީނުގެ މަޢުލޫމާތު ލިބި، އެޔާއި އެއްގޮތަށް ޢަމަލުކުރުމަށްފަހު، އިސްލާމްދީނަށް ގޮވާލައި، ދަޢުވަތު ދިނުމުގެ މައްޗަށެވެ.

މީސްތަކުންނަށް އިސްލާމްދީނަށް ދަޢުވަތު ދިނުމަކީ ކޮންމެ މުސްލިމަކުވެސް އެމީހެއްގެ ފެންވަރުން ކުރަންޖެހޭނެ ކަމެކެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: «بلِّغُوا عَنِّي ولَوْ آيَةً»([1])

މާނައީ: “ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ކިބައިން އެންމެ އާޔަތެއް ނަމަވެސް މީސްތަކުންނަށް ފޯރުކޮށްދޭށެވެ”.

އިސްލާމްދީނަށް ގޮވާލުމަކީ ރަސޫލުންނާއި ނަބިއްޔުންގެ ވަޒީފާއެވެ. އަދި އެއީ ގިނަގުނަ ޘަވާބާއި ދަރުމަ ލިބޭ އަޅުކަމެކެވެ. މާތް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: «مَنْ دَلَّ عَلَى خَيْرٍ فَلهُ مثلُ أَجْرِ فَاعِلِهِ»([2])

މާނައީ: “ހެޔޮކަމަކަށް މަގުދައްކައިފިމީހާ އެމީހަކަށް، އެކަންކުޅަ މީހަކަށް ދެއްވާ ދަރުމަ ލިބިގެންވެއެވެ”.

އަދިވެސް ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ: «منْ دَعَا إِلَى هُدًى كَانَ لَهُ مِنَ الأَجْرِ مِثْلُ أُجُورِ منْ تَبِعَهُ لاَ ينْقُصُ ذلِكَ مِنْ أُجُورِهِم شَيْئاً»([3])

މާނައީ: “ތެދުމަގަށް ގޮވައިލައިފި މީހާ، ދަރުމައާއި ޘަވާބުގެ ތެރެއިން، އެމީހަކަށް ތަބާވީހައި ބަޔަކަށްދެއްވާ ދަރުމައާއި ޘަވާބު އެއްފަދަ ޘަވާބު، އޭނާއަށް ލިބިގެންވެއެވެ. އެކަމަކު އެއީ އޭނާއަށް ތަބާވީ މީހުންނަށް ދެއްވާ ޘަވާބުން އުނިވުމަކާނުލައެވެ”.

އަދިވެސް ނަބިއްޔާ ﷺ ޢަލީގެފާނާއި މުޚާތަބު ކުރައްވައި ޙަދީޘްކުރައްވާފައިވެއެވެ: «فَواللَّه لأَنْ يَهْدِيَ اللَّه بِكَ رَجُلاً وَاحِداً خَيْرٌ لَكَ مِنْ حُمْرِ النَّعَمَ»([4])

ﷲ ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ކަލޭގެފާނުގެ އަތްޕުޅުމަތީގައި އެންމެ މީހަކަށް މާތް ﷲ ތެދުމަގު ދެއްކެވުން އެއީ، ކަލޭގެފާނަށް ރަތްކުލައިގެ ޖަމަލުތަކެއް މިލްކުވެގެންވުމަށްވުރެ ކަލޭގެފާނަށް ހެޔޮކަންބޮޑުކަމެކެވެ”.

މިގޮތުން އިސްލާމްދީނުގެ ދާޢީން ﷲ ތަޢާލާ އެއްކައުވަންތަކުރުމަށާއި، ނަމާދުކުރުމަށާއި، ޒަކާތް ދިނުމަށާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމަށާއި، ހެޔޮލަފާ ޞާލިޙުޢަމަލުތައް ކުރުމަށް މީސްތަކުންނަށް ގޮވާލަންޖެހޭނެއެވެ. އަދި ފާފަތަކުން ދުރުހެލިވުމަށާއި، އުރެދުންތަކުން އެއްކިބާވުމަށް ދާޢީން ގޮވާލަންޖެހޭނެއެވެ. ނަބިއްޔާ ﷺ ގެނެސްދެއްވި ޝަރީޢަތުގެ ކަންކަމަށް ރައްކާތެރިވުމަށާއި، އެކަލޭގެފާނުގެ ގެނެސްދެއްވި ޝަރީޢަތް ނަހީކުރާ ކަންކަމުން އެއްކިބާވުމަށް ގޮވާލަން ޖެހޭނެއެވެ.

އިސްލާމްދީނުގެ ދަޢުވަތު ވާންޖެހޭނީ ޝަރީޢަތުގެ ޢިލްމުގެ މައްޗަށް ދެވޭ ދަޢުވަތަކަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

{قُلْ هَذِهِ سَبِيلِي أَدْعُو إِلَى اللَّهِ عَلَى بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ})[5](

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބާވި މީހުން، اللَّه ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ ދަލީލާއެކުގައެވެ. އަދި اللَّه ގެ ހުސްތާހިރު ވަންތަކަމާއެވެ! އަދި ޝަރީކުކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ”.

އަލިވެގެންވާ ދަލީލާއެކު އިސްލާމްދީނަށް ގޮވާލުމަކީ އިސްލާމްދީނުގެ ސައްޙަ ދަލީލުތައް،  ސަލަފުއްސާލިޙުންގެ ދޭހައިގެ މައްޗަށް ފަހުމްވެ، އޭގެ އަލީގައި އިސްލާމްދީނަށް ގޮވާލުމެވެ. ޢިލްމެއް ނެތި ދީނުގެ ދަޢުވަތުގެ މައިދާނަށް ފައިބައިފި މީހެއްގެ ފަރާތުން ފައިދާއެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި މީސްތަކުން މަގު އޮޅި، ބިދުޢަތަކާއި ޚުރާފީ ކަންކަމުގެ ތެރެއަށް ވެއްޓިގެންދާނެއެވެ. އިސްލާމްދީނުގެ ތެރެއަށް ބިދުޢަވެރި ކަންކަން ވަދެގެން ދިޔައީ ޢިލްމެއް ނެތް ބަޔަކު، ދަލީލުތަކަށް ރިޢާޔަތް ނުކޮށް، އަމިއްލަ ސިކުނޑިތަކުން ކަންކަން މާތް ކަންތައްތަކެއް ކަމުގައި ދެކި ދީނުގެ ތެރެއަށް ވެއްދުމުންނެވެ.

އިސްލާމްދީނަށް ގޮވާލުމުގައި ގެންގުޅެންޖެހޭނެ އުސޫލުތައް ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

{ادْعُ إِلَى سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ وَجَادِلْهُمْ بِالَّتِي هِيَ أَحْسَنُ}([6])

މާނައީ: “ޙިކްމަތާއި، ރިވެތި ވަޢުޡާއިއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި ރިވެތި ގޮތުގައި އެއުރެންނާއި ޖަދަލު ކުރައްވާށެވެ!”.

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

{وَلا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْ}([7])

މާނައީ: “ރިވެތިވެގެންވާ ގޮތުގައި މެނުވީ ތިޔަބައިމީހުން ފޮތުގެ އަހުލުވެރިންނާ ޖަދަލު ނުކުރާށެވެ! އެއުރެންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވައި އެހެން މީހުންނަށެވެ”.

އެހެންކަމުން ދަޢުވަތު ދިނުމުގައި ޙިކްމަތްތެރިކަން ބޭނުންކުރުމާއި، ރިވެތި ވަޢުޡު ނަސޭޙަތުގެ އުސްލޫބުތައް ޚިޔާރުކުރުމާއި، ޖަދަލުކުރުމުގައި ޢަޞަބިއްޔަތާއި ހަޑިހުތުރު ބަހުން އެއްކިބާވެ އިސްލާމީ ދަޢުވަތު ދިނުމަކީ ކީރިތި ޤުރުއާން އުނގަންނައިދޭ ދަޢުވަތުގެ އުސޫލުތަކެވެ.

އިސްލާމްދީނުގެ ދަޢުވަތު އެކިއެކި މައިދާންތަކުގައި އެކިއެކި ވަސީލަތްތަކުގެ ޒަރީޢާއިން ދެވިދާނެއެވެ. ޚުތުބާތަކާއި، ދަރުސްތަކާއި، ލިޔުންތަކާއި، ސޯޝަލް މީޑިއާގެ މަންސާތައްވެސް ދަޢުވަތަށް ބޭނުންކުރެވިދާނެއެވެ. އިސްލާމްދީނުގެ ދަޢުވަތު މީސްތަކުންނަށް ފޯރުކޮށްދިނުމަށް ފައިބަން ޖެހިއްޖެ ކޮންމެ މައިދާނަކަށް ދީނުގެ ދާޢީން ފައިބަންޖެހޭނެއެވެ.

ﷲ ތަޢާލާގެ މަގަށް ގޮވާލާ ދާޢީންގެ ކިބައިގައި ފުރިހަމަވާންޖެހޭ ސިފަތަކެއްވެސް ވެއެވެ:

  • އިޚްލާޞްތެރިކަން: ﷲ ގެ މަގަށް ގޮވާލާ ދާޢީ ދީނަށް ގޮވާލަންވާނީ، ހަމައެކަނި ﷲ ގެ ވަޖުހުފުޅު އަދައިގެންނެވެ. ދުނިޔަވީ އެދުމާއި، ޒާތީ މަސްލަޙަތަށްޓަކައި ދެވޭ ދަޢުވަތަކުން ޘަވާބެއް ނުލިބޭނެއެވެ.
  • ތަޤްވާވެރިކަން: ﷲ ގެ މަގަށް ގޮވާލާ ދާޢީ ވާންޖެހޭނީ ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވާ، ނަހީތަކުން ދުރުވެގެންވާ، ދީނަށް ޢަމަލުކުރާ މީހަކަށެވެ.
  • ޙިލްމުވެރިކަމާއި ޙިކްމަތްތެރިކަމާއި ކެތްތެރިކަން: ﷲ ގެ މަގަށް ގޮވާލާ ދާޢީ ވާންޖެހޭނީ ދަޢުވަތުގެ މައިދާން ރަނގަޅަށް އެނގޭ، އެމައިދާނުން ދިމާވާނެ އެކިއެކި ގިންތިތަކާއި ފަންތިތަކާއި، މިޒާޖުގެ މީހުންނާއި މުޢާމަލާތްކުރަން ދަންނަ، މީހުންގެ ފަރާތުން ކުރިމަތިވާ ހުރަސްތަކާއި ރުޅި އިސްކުރުމެއް ނެތި ކުރިމަތިލާ، ފުރައްސާރައާއި ޖާހިލުކަމާއި ކުރިމަތިލުމުގައި ކެތްތެރިވާން ދަންނަ މީހަކަށެވެ.
  • އުސޫލުއް ދަޢުވާ އެނގުން: ﷲ ގެ މަގަށް ގޮވާލާ ދާޢީ ވާންޖެހޭނީ ދަޢުވަތުގައި އަހަންމިއްޔަތުކަން ދޭންޖެހޭ ބައިތަކާއި، ތަރުތީބު އެނގޭ މީހަކަށެވެ. މިގޮތުން އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ ޢަޤީދާގެ މައްސަލަތަކަށެވެ. ދީނުގެ ޢަމަލީ ބައިތަކަށް ގޮވާލާނީ އޭގެފަހުގައެވެ.

 

ލިޔުމުގެ މަޢުލޫމާތުގެ މަޞްދަރުތައް:

  • شرح ثلاثة الأصول- عبد العزيز بن عبد الله بن باز
  • شرح ثلاثة الأصول- محمد بن صالح بن محمد العثيمين
  • شرح الأصول الثلاثة- صالح بن فوزان بن عبد الله الفوزان

([1]) صحيح البخاري 3461

([2]) صحيح مسلم 133- (1893)

([3]) صحيح مسلم 16- (2674)

([4]) متفق عليه، صحيح البخاري 3701، صحيح مسلم 34-(2406)

سورة يوسف، الآية: 108 ([5])

([6]) سورة النحل، الآية: 125

([7]) سورة العنكبوت، الآية: 46