މޫނު ބުރުގާއަކީ ދީނުގެ މަތިވެރި ޝިޢާރެއްކަމަށް ދަލާލަތުކުރާ ސުންނަތުގެ ދަލީލުތައް
* ފުރަތަމަ ދަލީލު:
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِذَا خَطَبَ أَحَدُكُمْ امْرَأَةً، فَلَا جُنَاحَ عَلَيْهِ أَنْ يَنْظُرَ إِلَيْهَا إِذَا كَانَ إِنَّمَا يَنْظُرُ إِلَيْهَا لِخِطْبَةٍ، وَإِنْ كَانَتْ لَا تَعْلَمُ» [رواه أحمد (23602)، وصححه الألباني في سلسلة الأحاديث الصحيحة (97)]
މާނައީ: “ތިޔަބައިމީހުންގެ މީހަކު (ކައިވެނިކުރުމަށް) ޚިޠުބާކުރާ ހިނދު އެ އަންހެންމީހާއަށް ބެލުމުގައި އޭނާގެ މައްޗަށް ކުށެއް ނެތެވެ. އެއީ ޚިޠުބާކުރުމަށްޓަކައި އޭނާއަށް ބަލާކަމުގައިވާނަމައެވެ. އަދި އެއީ އެ އަންހެންމީހާއަށް ނޭނގި ބެލިކަމުގައިވިޔަސް މެއެވެ.” [1]
އަންހެނުން ޙިޖާބުވުން ވާޖިބުކަމަށް މި ޙަދީޘުން ދަލީލުކުރާ ގޮތް:
ކައިވެނިކުރުމަށްޓަކައި، އޭނާ ކައިވެނިކުރުމަށް އެދޭ މީހާއަށް ބެލުމުގައި މައްސަލައެއް ނެތްކަން ނަބިއްޔާ صلى الله عليه وسلم މިވަނީ އަންގަވާފައެވެ. މިއިން ދޭހަކޮށްދެނީ އަންހެންމީހާއަށް ބެލުމަކީ އަޞްލުގައި ފާފައެއް ކަމެވެ. ނަމަވެސް އެކަމަށް ހުއްދަ ދެވިފައި އެވަނީ ޝަރުޠަކާއެކުއެވެ. އެއީ އެ އަންހެންމީހާއާ ކައިވެނިކުރުމަށް އެދި ހުށަހެޅުމަށްޓަކައެވެ. އެހެންކަމުން މިކަމުން ދަލީލުކޮށްދެނީ ކައިވެނިކުރުމަށް އެދޭ މީހާ ފިޔަވާ އެހެން މީހުން ހިލޭ އަންހެނަކަށް ބެލުމަކީ ފާފައެއްކަމެވެ. އަދި ހަމަ އެ ފަދައިން ކައިވެނިކުރުމަށް އެދޭ މީހާވެސް، އޭނާ ކައިވެނިކުރުމަށް އެދޭ މީހާ ނޫން މީހަކަށް ބެލުމަކީވެސް ފާފައެކެވެ.
* ދެވަނަ ދަލީލު:
ޢީދު ދުވަހު ޙައިޟުވެފައިވާ އަންހެނުންވެސް ޢީދު ނަމާދުކުރާ ތަނަށް ނުކުތުމަށް ނަބިއްޔާ صلى الله عليه وسلم އެންގެވުމުން އަންހެން ބޭކަނބަލަކު އެކަލޭގެފާނަށް ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. ތިމަންމެންގެ ތެރެއިން މީހެއްގެ އަތުގައި ޖިލްބާބެއް ނެތިދާނެއެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«لِتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا» [رواه البخاري (351) ومسلم (12 – (890))]
މާނައީ: “އޭނާގެ ޢުޚްތުގެ ޖިލްބާބު އޭނާއަށް ލައްވާ ހުށިކަމެވެ.”
އެބަހީ: އޭނާގެ އުޚްތު ބޭނުން ނުކުރާ ޖިލްބާބެއް އޮތިއްޔާ ޢީދު ނަމާދަށް ނުކުންނައިރު ލުމަށް އޭނާއަށް ދޭށެވެ.
މި ޙަދީޘުން ދަލީލުކޮށްދެނީ ޞަޙާބީންގެ ތެރެއިން އަންހެން ބޭކަނބަލުން ޖިލްބާބާއެކު މެނުވީ ބޭރަށް ނުކުމެވަޑައި ނުގަންނަވާކަމެވެ. އަދި އެއިން ބޭކަނބަލެއްގެ އަތުގައި ޖިލްބާބެއް ނެތްނަމަ ނުކުމެވަޑައިނުގަންނަވައެވެ. ޖިލްބާބު ލުމަށް އަމުރުކުރައްވާފައިވުމުން ނިވާމުން ލާޒިމުކަން ދަލީލުކޮށްދެއެވެ.
* ތިންވަނަ ދަލީލު:
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
«كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي الفَجْرَ، فَيَشْهَدُ مَعَهُ نِسَاءٌ مِنَ المُؤْمِنَاتِ مُتَلَفِّعَاتٍ فِي مُرُوطِهِنَّ، ثُمَّ يَرْجِعْنَ إِلَى بُيُوتِهِنَّ مَا يَعْرِفُهُنَّ أَحَدٌ» [رواه البخاري (372) ومسلم (230 – (645))]
މާނައީ: ” ރަސޫލުﷲ صلى الله عليه وسلم ފަތިސް ނަމާދު ކުރައްވާއިރު، މުއުމިނުންގެ އަންހެން ކަނބަލުންގެ ތެރެއިން ބަޔަކު އެބައިމީހުންގެ ފޭރާމުން ނިވާވެ ތިބެ އެކަލޭގެފާނާއެކު ނަމާދު ކުރައްވައެވެ. ދެން އެކަނބަލުންގެ ގެތަކަށް އެނބުރި ވަޑައިގަންނަވައެވެ. އެއްވެސް މީހަކަށް އެއީ ކޮން ބޭކަނބަލުންނެއްކަން ނޭނގެއެވެ.”
އަދިވެސް އެކަމަނާގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
«لَوْ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ رَأَى مَا أَحْدَثَ النِّسَاءُ لَمَنَعَهُنَّ الْمَسْجِدَ كَمَا مُنِعَتْ نِسَاءُ بَنِي إِسْرَائِيلَ» [رواه البخاري (869) ومسلم (144 – (445)) واللفظ له.]
މާނައީ: “ރަސޫލުﷲ صلى الله عليه وسلم އަށް، އަންހެނުން އަލަށް ކުރަން ފެށި ކަންތައްތައް (އެބަހީ: އެބައިމީހުން ލާ ހެދުމާއި އޭގައިވާ ޒީނަތާއި މީރުވަސް) ފެނިވަޑައިގެންނެވިނަމަ، ބަނޫ އިސްރާއީލުގެ އަންހެނުންނަށް މަނާކުރެއްވި ފަދައިން، އެބައިމީހުންވެސް މިސްކިތަށް ދިއުން މަނާކުރެއްވީހެވެ.”
އަދި ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ އަރިހުންވެސް މިފަދައިން ރިވާވެގެން އައިސްފައިވެއެވެ.
މި ޙަދީޘުން އަންހެނުން ޙިޖާބުވުން ވާޖިބުކަމަށް ދެ ގޮތަކަށް ދަލީލު ލިބެއެވެ.
- ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވާ އެންމެ ހެޔޮ ޤަރުނުގެ އަންހެން ކަނބަލުންގެ އާދައަކީ ގެއިން ނުކުމެ ވަޑައިގަންނަވާނަމަ ފަރުދާވުމެވެ.
- އުންމުލް މުއުމިނީން ޢާއިޝާ އަދި އިބްނު މަސްޢޫދު رضي الله عنهما އަކީ ޢިލްމުވެރިކާއި ފިޤުހުވެރިކަމުގައި އަރާ ތިއްބެވި ދެ ބޭކަލުންނެވެ. އެ ދެ ބޭކަލުން ޚަބަރު ދެއްވާފައި އެވަނީ އެބޭކަލުންނަށް އެ ފެނިވަޑައިގަންނަވާ ކަންކަން ނަބިއްޔާ صلى الله عليه وسلم އަށް ފެނިވަޑައިގެންނެވިނަމަ އަންހެނުން މިސްކިތަށް ދިއުން މަނާކުރެއްވީސްކަމުގައެވެ. އެއީ އެންމެ ހެޔޮ ޤަރުނުގެ ޙާލަތެވެ. އެހެންކަމަށްވާނަމަ މިއަދު އަޅުގަނޑުމެންގެ ޒަމާނުގެ ޙާލަތަކީ ކޮބާ ހެއްޔެވެ!!
* ހަތަރުވަނަ ދަލީލު:
އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«مَنْ جَرَّ ثَوْبَهُ خُيَلَاءَ لَمْ يَنْظُرِ اللَّهُ إِلَيْهِ يَوْمَ القِيَامَةِ»، فَقَالَتْ أُمُّ سَلَمَةَ: فَكَيْفَ يَصْنَعْنَ النِّسَاءُ بِذُيُولِهِنَّ؟ قَالَ: «يُرْخِينَ شِبْرًا»، فَقَالَتْ: إِذًا تَنْكَشِفُ أَقْدَامُهُنَّ، قَالَ: «فَيُرْخِينَهُ ذِرَاعًا، لَا يَزِدْنَ عَلَيْهِ» [رواه الترمذي (1731)، وصححه الألباني في صحيح وضعيف سنن الترمذي]
މާނައީ: “ބޮޑާވެރިކަމާއެކު އެމީހެއްގެ ހެދުން ދަމައިފި މީހަކާ ދިމާއަށް ﷲ ތަޢާލާ ޤިޔާމަތް ދުވަހު ނުބައްލަވާނެއެވެ.”
ފަހެ، އުންމު ސަލަމާ ދެންނެވިއެވެ. “ފަހެ، އަންހެނުން އެބައިމީހުންގެ ހެދުމުގެ ފަސްބަޔާމެދު ކަންތައްކުރާނީ ކިހިނެތް ހެއްޔެވެ؟”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ކައިވަތެއްގެ މިންވަރު ދިގުކޮށްލާށެވެ.”
ފަހެ، އެކަމަނާ ދެންނެވިއެވެ. “އޭރުން އެބައިމީހުންގެ ފައިތިލަތައް ކަޝްފުވާނެއެވެ.”
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ފަހެ، މުށެއްގެ މިންވަރު ދިގުކޮށްލާށެވެ. އެއަށްވުރެ ދިގު ނުކުރާށެވެ.”
އަންހެނުންގެ ފައިތިލަ ފޮރުވުން ވާޖިބުކަމަށް މި ޙަދީޘުން ދަލީލުކޮށްދެއެވެ. އަދި މިއީ ޞަޙާބީންގެ އަންހެން ބޭކަނބަލުން ދެނެވަޑާއިގަންނަވާކަމެއްކަންވެސް މި ޙަދީޘުން އެނގެއެވެ. ޝައްކެއް ނެތް ގޮތުގައި ފައިތިލައިގެ ފިތުނަ މޫނާ ދެ އަތްދިލައަށް ވުރެ ކުޑަވާނެއެވެ. އެހެންކަމުން ފިތުނަ ކުޑަ ތަނެއް ފޮރުވުމަށް ބާރުއެޅުއްވުމަކީ އެއަށްވުރެ ބޮޑު ފިތުނައަކަށް ހުށަހެޅޭ ތަނެއް ފޮރުވުމުގެ ޙުކުމަށް ބާރުލިބޭ ކަމެކެވެ. ފިތުނަ ކުޑަ ތަނެއް ފޮރުވުން ވާޖިބުވެފައި އެއަށްވުރެ ބޮޑު ފިތުނައަކަށް ހުށަހެޅޭ ތަނެއް ކަޝްފުކުރުން ހުއްދަކުރުމަކީ ޝަރީޢަތުގެ ޙިކުމަކަތާ ދެކޮޅު ކަމެކެވެ.
* ފަސްވަނަ ދަލީލު:
ޢާއިޝާ رضي الله عنما ވިދާޅުވިއެވެ.
«كَانَ الرُّكْبَانُ يَمُرُّونَ بِنَا وَنَحْنُ مَعَ رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مُحْرِمَاتٌ، فَإِذَا حَاذَوْا بِنَا سَدَلَتْ إِحْدَانَا جِلْبَابَهَا مِنْ رَأْسِهَا عَلَى وَجْهِهَا فَإِذَا جَاوَزُونَا كَشَفْنَاهُ» [رواه أبو داود (1833) وحسن الألباني في جلباب المرأة (ص: 107)]
މާނައީ: “ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ތިމަން ކަނބަލުން އިޙްރާމުގައި ވަނިކޮށް، ސަވާރީތަކުގައި ހުރަސްކޮށްފައި މީސްތަކުން ދެއެވެ. އެބައިމީހުން އަރާ ހަމަވުމުން ތިމަން ކަނބަލުންގެ ތެރެއިން ކަނބަލަކު ޖިލްބާބުން މޫނު ފޮރުވައެވެ. ފަހެ އެބައިމީހުން ހުރަސްކޮށްފައި ދިޔުމުން ކަޝްފުކުރެއެވެ.”
މީގެން ދަލީލުކުރަނީ މޫނު ފޮރުވުމުގެ ވާޖިބުކަމަށެވެ. އެހެނީ އިޙްރާމުގައި ހުންނަ އިރުގައި ޝަރުޢުވެގެންވަނީ މޫނު ކަޝްފުކޮށްގެން ހުރުމަށެވެ. އެހެނަސް އެކަމަށް ހުރަސް އަޅާ ވަރުގަދަ ޢުޛުރެއް އޮތުމުން އިޙުރާމުގައި ހުންނަ ޙާލަތުގައިވެސް މޫނު ފޮރުވަން ޖެހެއެވެ. އެއީ ހިލޭ ފިރިހެނުން އެތަނުގައި ތިބި ނަމައެވެ. ނަމާދުގައިވެސް ހަމައެފަދައެވެ. ހިލޭ ފިރިހެނުންނަށް ފެންނަން ހުންނަ ތަނެއްގައި ނަމާދުކުރަން ޖެހިއްޖެނަމަ ނަމާދުކުރާނީ މޫނު ފޮރުވައިގެންނެވެ.
ހިލޭ ފިރިހެނުން ތިބޭ ތަނެއްގައި ޙިޖާބުވުން ވާޖިބު ނޫންނަމަ އިޙުރާމުގެ ޙާލަތުގައި މޫނު ނިވާނުކުރެވުނީހެވެ. ޞަޙީޙުލް ބުޚާރީއާއި މުސްލިމުގައި އައިސްފައިވަނީ އިޙުރާމުގައި ހުންނަ އިރު މޫނަށް ޚާއްޞަ ފޮތިގަނޑުން ނުވަތަ މޫނުގެ ބައްޓަމަށް ހަދާފައި ހުންނަ ފޮތިގަނޑަކުން މޫނު ނިވާ ނުކުރުމަށެވެ. އަދި އަންގި ނުލެއްވުމަށެވެ. އެހެނަސް ހިލޭ ފިރިހެނުން ތިބި ތަނެއްގައި ހެދުމުގެ ނުވަތަ ބުރުގާގެ ބަޔަކުން މޫނާއި ދެ އަތްތިލަ ފޮރުވިދާނެއެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ.
“އިޙުރާމުގައި ހުންނަ އަންހެނާ ފިޔަވާ އެހެން އަންހެނުން، މޫނު ފޮތިގަނޑުން މޫނު ނިވާކުރުމާއި އަންގި ލެއްވުމަކީ އެބޭކަނބަލުން ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމެއް ކަމަށް މިއިން އެނގެއެވެ. އޭގެން ލާޒިމުވަނީ އެކަނބަލުންގެ މޫނާއި އަތްތައް ނިވާކޮށްގެން އުޅުއްވިކަމެވެ.”
=ނުނިމޭ=
_____________
[1] ޚިތުބާ ކުރަން ބޭނުންވާ އަންހެން މީހާގެ މޫނާއި ދެއަތް ތިލައަށް އެފަދައިން ބެލުމަކީ ހުއްދަކަމެކެވެ. (ބައްލަވާ: الحاوي الكبير (9 / 34)).