[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އަހަރެމެންގެ ދަރިން ނުކިޔަމަންތެރި ނުވުމަށްޓަކައި … (26)

ދެވަނަ ކަންތައް: ނުބައި ކަންތައްތަކުގެ މައްޗަށް ހެޔޮކަންކަން ކުރި ހޯދުން

ކުއްޖާ ދުނިޔެއަށް އުފަންވުމުން، ﷲ އޭނާއަށް ދެ މަގަށް މަގު ދައްކަވައެވެ. އެއީ ހެޔޮ މަގާއި ނުބައި މަގަށެވެ. އިންސާނާ އޭނާގެ އަމިއްލަ ނަފްސަށް ދޫކޮށްފިނަމަ، އޭނާގެ މައްޗަށް ނުބައިކަމުގެ މަގު ކުރި ހޯދައެވެ. އޭނާގެ ކިބައިގައި ޢަދާވާތްތެރިކަން ބޮޑުވެއެވެ. އަދި އަމިއްލަ އެދުން ބޮޑުވެއެވެ. އަދި ކަންކަމުގައި އަވަސް އަރުވައިގަންނަ، އަނިޔާވެރި އަދި ޖާހިލު މީހަކަށްވެދެއެވެ. އެހެންކަމުން، ހެޔޮކަމުގެ މަގު، ނުބައިކަމުގެ މަގުގެ މައްޗަށް ކުރި އެރުވުމަށް މަސައްކަތްކުރުމަކީ އެންމެހައި ތަރުބިއްޔަތުގެ އަހުލުވެރިންގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި ރިވެތި އާދަތަކާއި، ރިވެތި އަޚުލާޤީ ސިފަތައް ދަރިންނަށް އުނގަންނައިދީ ދަސްކޮށް ދިނުމަކީ އެމީހުންގެ ވާޖިބެކެވެ. އަދި އެހެންމީހުންނަށް ހެޔޮގޮތް ވުމަށް އެދުމަށާއި، މީހުންގެ ކިބައިން އުނދަގުލާއި ދަތިތައް ދުރުކޮށްދިނުމަށް ދަސްކޮށްދޭންވާނެއެވެ. އަދި މީހަކު އޭނާއަށް އަނިޔާވެރިވެއްޖެނަމަ، އެ އަނިޔާއިން ސަލާމަތްވުމަށް ކުރެވުނު މަސައްކަތެއް ކުރުމަށާއި، އަނިޔާވެރިކަން ފަށައިގަންނަ މީހަކަށް ނުވުމަށްވެސް ދަސްކޮށްދޭންވާނެއެވެ.

ނުބައި ކަމުގެ މައްޗަށް ހެޔޮކަން ކުރިއެރުވުމުގެ މަސައްކަތް ކާމިޔާބުކުރެވޭނީ ކޮންމެ ދުވަހެއްގައި، ކުއްޖާއަށް އިރުޝާދުދީ މަގު ދެއްކުމުގައި ސާބިތުވެގެންނެވެ. ދަރިފުޅު ތެޅުމަށާއި، އަނިޔާވެރިވުމަށް ލެނބިގެންދާ ތަން ފެނިއްޖެނަމަ، މިސާލަކަށް ކުޅޭ އެއްޗެހި އުކުމާއި، ހަލާކުކުރުންފަދަ ކަންކަން ކުރާނަމަ، ކުޅޭ އެއްޗެހި ހަދާފައި ހުންނަނީ ކުޅެން ކަމަށާއި، އުކުމަށް ނޫންކަމަށް ވިސްނައިދޭށެވެ. އަދި އެ އުކައިފިނަމަ އެހަލާކުވާނީ ކަމަށާއި، އެއިން ދެން ނުކުޅެވޭނެކަން ބުނެދޭށެވެ. ދަރިފުޅު އޭނާގެ ރަޙުމަތްތެރިއަކަށް ނުވަތަ ކޮއްކޮއަށް އަނިޔާކޮށްފިނަމަ، ޢަދާވާތްތެރިވުމަކީ  ގޯސް އަދި ޙަރާމްކަމެއް ކަމަށް ބުނެދޭށެއެވެ. ވަޅި ނަގައިގެން އުޅެނިކޮށް އެއިން ދަރިފުޅަށް ގެއްލުމެއް ލިބިއްޖެނަމަ، ނުވަތަ ވަޅިއާއި ކުޅޭ ނަމަ، ވަޅި ބޭނުންކުރަނީ ކޮންކޮން ކަމަކު ކަން ބުނެދޭށެއެވެ. އަދި އެރައްކާތެރިގޮތުގައި ބޭނުންކުރާނެ ގޮތް ބުނެދޭށެވެ. އެއީ ތަކެތި ކޮށަން ގެންގުޅޭ އެއްޗެއްކަމާއި، ކުޅޭ އެއްޗެއް ނޫންކަމާއި، ފަރުވާ ކުޑަކޮށް ގެންގުޅެފިނަމަ އެއިން ގެއްލުން ލިބޭ އާލާތެއް ކަމުގައި ބުނެދޭށެވެ. ހަމަ އެފަދައިން ﷲ ޚަލްޤުކުރައްވާފައިވާ ކޮންމެ އާލާތަކާއި، އަދި އިންސާނުން އުފައްދާފައިވާ އާލާތަކަށްވެސް އެއަކާއި ގުޅޭ މުނާސަބު ބޭނުމެއްވާ ކަމުގައި ބުނެދޭށެވެ.

*********************

ކުޑަކުދިންނާ މުޢާމަލާތްކުރާއިރުގައި އެންމެ މަންފާކުރަނިވި ގޮތަކީ މަޑުމައިތިރިކަމާއެކު އިރުޝާދު ދިނުމެވެ. އަދި ޢިލްމީ މަޢުލޫމާތުތައް ބޭނުންކުރުމަކީ މިގޮތަށް ޢަމަލުކުރާއިރު ވަރަށް ފައިދާކުރާނެކަމެކެވެ. އެހެންކަމުން، އަބަދުވެސް ﷲ ޚަލްޤުކުރައްވާފައިވާ ތަކެތީގެ ވާހަކަދައްކައި، އޭގެ ބޭނުން ކުރާނެ ރަނގަޅު ގޮތް ބުނެދޭށެވެ. މިސާލަކަށް: ﷲ އަހަރެމެންގެ ލޯ ހެއްދެވީ، އަހަރެމެން ދިރިއުޅޭ ޢާލަމް އެލޮލޮގެ އެހީގައި ފެނުމަށެވެ. އަދި އަހަރެމެންގެ ޙާޖަތްތައް ފުއްދުމަށް އެހީތެރިވާނެ އެއްޗެއްގެ ގޮތުގައެވެ. އެހެންކަމުން، އެލޮލުގެ ބޭނުންކޮށްގެން މީހުންގެ އައިބުތައް ހޯދާ، ގޭގެ ދޮރުތަކުގައި ހުންނަ ބާތަކުން އެތެރެ ބަލައިގެން ނުވާނެއެވެ. އަދި އިންސާނުން ހަދާފައިވާ ތަކެތީގެ ބޭނުންކުރަންޖެހޭ ރަނގަޅު ގޮތާއި، އެއެއްޗެހީގެ ބޭނުން ނުރަނގަޅު ގޮތުގައި ހިފައިފިނަމަ ނުކުމެދާނެ ނުބައި ނަތީޖާގެ ވާހަކަ ބުނެދޭންވާނެއެވެ. މިސާލަކަށް: ބޯޅަ އުފެއްދުނީ ކުޑަކުދިން ކުޅުމަށެވެ. ގަސްތުގައި މީހެއްގެ ކުޑަދޮރާއި ދިމާއަށް ބޯޅަ އެއްލާލައިފިނަމަ، އެދޮރު ތަޅައިގެންދާނެއެވެ. އަދި އެއިން އޭރަށް ބަޔަކަށް ގެއްލުން ދެވުނީއެވެ.

ލޯތްބާއި، އޯގާތެރިކަމާއެކު ކުދިންނަށް ކަންކަމުން ދުރުހެލިވުމަށް ބުނާށެވެ. ގޯސްކޮށް ކަމެއް ކުރެވުމުން ވަގުތުން ރަނގަޅު ގޮތް ބުނެދީ، އެކުދިންގެ އެގޯސް ސިފަ ބަދަލުކޮށްލެވޭތޯ މަސައްކަތްކުރާށެވެ. ނުވަތަ ވާހަކަތައް ކިޔައިދީގެން އެކަންކަން ރަނގަޅުކުރެވޭތޯ މަސައްކަތްކުރާށެވެ. ނުވަތަ ޞާލިޙު އެކުވެރިޔަކާ ގުޅުވައިގެން އެކުދިންގެ އުޅުން ރަނގަޅުކުރެވޭތޯ މަސައްކަތްކުރާށެވެ. އަދި އެކުދިންނާ ވާހަކަތައް ދައްކައި، އެންމެ ކުޑައިރުއްސުރެ ފެށިގެން އެކުދިންގެ ހިތްތަކުގައި، ހުރިހާ ނުބައި ކަމަކަށް ނުރުހުންތެރިކުރުވާށެވެ. މިސާލަކަށް، ސިގިރެޓު ބޯ މީހުންނަށް ނުރުހުންތެރިކަމާއެކު ބަލާށެވެ. އަދި ސިނގިރެޓު ބުއިމުން ލިބޭ ގެއްލުންތަކުގެ ތަފްސީލު އެކުދިންނަށް ދޭށެވެ.

ނުބައި ކަންކަމުގެ މައްޗަށް ހެޔޮކަންތައް ކުރިއެރުވުމަށް އޮތް ހަމައެކަނި މަގަކީ ވާހަކަ ދެއްކުމާއި، ވާހަކަތައް ތަކުރާރުކޮށް ބުނެދީ ހަދަމުން ގެންދިއުމެވެ. މިގޮތަށް ބުނެދިނުމުގައި އެކި އެކި އުސްލޫބުތައް ބޭނުންކުރަންވާނެއެވެ. އަޅުގަނޑުވަނީ، ދަރިން ތަރުބިއްޔަތުކުރުމުގައި އެންމެ އަސަރުކުރަނިވި، ރަގަޅު ނަތީޖާ ނެރުވަނިވި ގޮތަކީ ކޮބައިތޯ ބެލުމަށްޓަކައި، ތަރުބިއްޔަތުކުރުމާމެދު ވަރަށް ފުންކޮށް ވިސްނައި، އަދި އެތައް ދިރާސާތައް ކިޔައި ހަދާފައެވެ. މިހުރިހާ ކަމަކުން އަޅުގަނޑަށް އެނގުނު ގޮތުގައި އެންމެ ފައިދާހުރި ގޮތަކީ “ވާހަކަދެއްކުން” ކަމެވެ. އެހެންކަމުން، ކުރީގެ އުއްމަތްތަކުގެ މީހުންގެ ވާހަކަތައް ބަޔާންކުރުމަކީ ކީރިތި ޤުރުއާނުގައިވެސް އެކުލެވޭ އުސްލޫބެކެވެ. މިއީ މީސްތަކުންނަށް އެއިން އަސަރުކުރުވުމަށް ބޭނުންކުރެވޭނެ ވަސީލަތެއްކަމެވެ. މިމެތަޑަކީ ބޮޑެތި މީހުންނަށްވެސް އޭގެއިން އަސަރުކުރުވުމުގައި ކާމިޔާބު މެތަޑަކަށްވާއިރު، ކުޑަކުދިންނަސް އިރުޝާދުދީ އިސްލާޙުކުރުމުގައި މިމެތަޑު ބޭނުންކޮށްފިނަމަ ކާމިޔާބުވާނެއެވެ. (ނުނިމޭ)

_________________________________

މި ލިޔުމުގެ އިތުރު ލިޔުންތައް ބެއްލެވުމަށް ފިއްތަވާލައްވާ!