- ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ. އެއީ ދެ ގޮތަކުންނެވެ.
ހ. ޢާއިޝާ رضي الله عنها އާއި ޚާލިދު ބުން ދުރައިކުގެ ދެމެދުގައި މެދުކެނޑުމެއް ވެއެވެ. އަބޫ ދާއޫދުވެސް މި ޙަދީޘް ރިވާކުރެއްވިއިރު އެފަދައިން ވިދާޅުވެފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“خَالِدُ بْنُ دُرَيْكٍ لَمْ يُدْرِكْ عَائِشَةَ رَضِيَ اللَّهُ عَنْهَا”. [سنن أبي داود (4 / 62)]
މާނައީ: “ޚާލިދު ބުން ދުރައިކާ ޢާއިޝާ رضي الله عنها އާ ބައްދަލުވެފައި ނުވެއެވެ.”
ށ. މި ޙަދީޘްގެ ސަނަދުގައި سعيد بن بشير النصري ވެއެވެ. މިއީ އިބްނު މަހްދީ ދޫކޮށްލާފައިވާ ރާވީއެކެވެ. އަދި އިމާމު އަޙްމަދާއި ابن معين އާއި ابن المديني އާއި އަންނަސާއީ ޟަޢީފު ރާވީއެއްކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން މިއީ ޟަޢީފު ޙަދީޘެކެވެ. އަދި މޫނު ނިވާކުރުން ވާޖިބުކަމަށް ދަލީލުކުރާ ޞައްޙަ ޙަދީޘްތައް ހުއްޓާ މި ޙަދީޘުން މޫނު ކަޝްފުކުރުމަށް ބާރެއް ނުދެވޭނެއެވެ.
އަދި އަސްމާ ބިންތު އަބޫބަކްރު رضي الله عنها އާމެދު ދަންނައެވެ. ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ހިޖުރަކުރެއްވިއިރު އެކަމަނާގެ ޢުމުރަކީ 27 އަހަރެވެ. އެހެންކަމުން މޫނާ ދެ އަތްތިލަ ނޫން އެހެން ތަންތަންވެސް ފެންނަފަދަ ތުނި ފޭރާމެއް ތުރުކުރައްވައިގެން އެކަމަނާ ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ވަދެވަޑައިގަތުމަކީ ދުރުކަމެކެވެ. والله أعلم. އަދި އެ ޙަދީޘް ޞައްޙަކަމަށް ބަލާނަމަވެސް، އެކަން ވާނީ ޙިޖާބުގެ އާޔަތް ބާވާލެއްވުމުގެ ކުރިންކަމުގައެވެ. އެހެނީ އެ އާޔަތުގެ ސަބަބުން ކުރިން އެކަމުގައިވާ ޙުކުމްވަނީ ބަދަލުވެފައެވެ.
- އިބްނު ޢައްބާސް رضي الله عنهما ގެ ޙަދީޘުން، ހިލޭ އަންހެނުންނަށް ބެލުން ހުއްދަކަން ދަލީލުކޮށް ނުދެއެވެ. އެއީ އަލްފަޟްލުގެ ޢަމަލުފުޅާމެދު ނަބިއްޔާ صلى الله عليه وسلم ރުހިވަޑައިނުގަންނަވައެވެ. އެކަލޭގެފާނު އަލްފަޟްލުގެ މޫނު އަނެއް ފަރާތަށް އަނބުރާލެއްވިއެވެ. މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި ހިލޭ އަންހެނުންނަށް ބެލުން ޙަރާމްކަން ޞަޙީޙު މުސްލިމުގެ ޝަރަޙައިގައި އަންނަވަވީ رحمه الله ޛިކުރުކުރައްވާފައިވެއެވެ. އަދި މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި އަލްޙާފިޡު އިބްނު ޙަޖަރު رحمه الله ފަތުޙުލް ބާރީގައި ވިދާޅުވެފައިވެއެވެ.
“وَفِيهِ مَنْعُ النَّظَرِ إِلَى الْأَجْنَبِيَّاتِ وَغَضُّ الْبَصَرِ قَالَ عِيَاضٌ وَزَعَمَ بَعْضُهُمْ أَنَّهُ غَيْرُ وَاجِبٍ إِلَّا عِنْدَ خَشْيَةِ الْفِتْنَةِ قَالَ وَعِنْدِي أَنَّ فِعْلَهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذْ غَطَّى وَجْهَ الْفَضْلِ”. [فتح الباري لابن حجر (4 / 70)]
މާނައީ: “އޭގައި ހިމެނެނީ ހިލޭ އަންހެނުންނަށް ބެލުން މަނާވުމާއި ބެލުން ތިރިކުރުމެވެ. ޢިޔާޟު ވިދާޅުވިއެވެ. ފިތުނަވެރިކަމުގެ ބިރު އޮތް ހިނދެއްގައި މެނުވީ އެއީ ވާޖިބެއް ނޫންކަމުގައި ބައެއް މީހުން ދަޢުވާކުރެއެވެ. އަދި ވިދާޅުވިއެވެ. ތިމަންގެ ގާތުގައި އޮތީ ނަބިއްޔާ صلى الله عليه وسلم ގެ ޢަމަލުފުޅެވެ. އެއީ އަލްފަޟްލުގެ މޫނު އަނބުރާލެއްވި ކަމެވެ.”
ފަހެ މީހަކު ބުނެފާނެއެވެ. ނަބިއްޔާ صلى الله عليه وسلم އެ އަންހެން މީހާއަށް މޫނު ނިވާކުރުމަށް އަމުރުނުކުރެއްވީ ކީއްވެ ހެއްޔެވެ؟ ފަހެ، މީގެ ޖަވާބަކީ މިކަމުގައި ބޭރުފުށަށް ފެންނަން އޮތް ކަމަކީ އެ އަންހެންމީހާ ހުރީ އިޙުރާމުގައި ކަމެވެ. އެ ޙާލަތުގައި އެމީހާގެ މައްޗަށް ޝަރުޢުކުރައްވާފައި އޮތް ގޮތަކީ ހިލޭ ފިރިހެނަކު ފެންނަ ހިސާބުގައި ނެތްނަމަ މޫނު ނިވާ ނުކުރުމެވެ. ނުވަތަ ނަބިއްޔާ صلى الله عليه وسلم އެ އަންހެންމީހާއަށް މޫނު ނިވާކުރުމަށް އަމުރުކުރައްވާފައިވެސް އޮވެދާނެއެވެ. ނުވަތަ ފަހުން ވެސް އަމުރުކުރައްވަފާނެއެވެ. ފަހެ، އެކަލޭގެފާނު އެ އަންހެންމީހާއަށް އަމުރުކުރެއްވިކަން ނަޤުލުވެގެން އައިސްފައި ނެތުމަކީ އެކަލޭގެފާނު އަމުރުނުކުރައްވާކަމުގެ ހެއްކެއް ނޫނެވެ.
ޖަރީރު ބުން ޢަބްދުﷲ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
«سَأَلْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ نَظَرِ الْفُجَاءَةِ فَأَمَرَنِي أَنْ أَصْرِفَ بَصَرِي». [رواه مسلم (45 – (2159))]
މާނައީ: “ކުއްލިއަކަށް (ހިލޭ އަންހެނަކާ ދިމާލަށް) ބަލައިލެވުމުން ހަދަންވީ ގޮތާ ބެހޭގޮތުން، ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ތިމަން ސުވާލު ދެންނެވީމެވެ. ފަހެ، އެކަލޭގެފާނު ތިމަންކަލޭގެފާނަށް އަމުރުކުރެއްވީ އަނެއް ފަރާތަށް ބެލުމަށެވެ.”
=ނުނިމޭ=
_____________