[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – 13

ފުރަތަމަ އަޞްލު

 ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ ޢިލްމީ ނަޒަރިއްޔާތުތައް

މުލްޙިދުންގެ ފޮތްތައް ދިރާސާކުރުމުން އެނގިގެން ދަނީ އެބައިމީހުން އޭގެ މައްޗަށް ބަރޯސާވާ، ތަޖުރިބާގެ މައްޗަށް ބިނާކޮށްފައިވާ ޢިލްމީ ނަޒަރިއްޔާތުގައިވަނީ ދެ ބާވަތެއްގެ ނަޒަރިއްޔާތުތަކެއްކަމެވެ.

ފުރަތަމައީ: ޢިލްމީ ގޮތުން ބަލާއިރު ޞައްޙަ ނޫން ނަޒަރިއްޔާތުތަކެވެ. އެންމެ ފަހު ދެ ޤަރުނުގައި މިފަދައިން އަޑުގަދަވެފައިވާ ވަރަށް ގިނަ ނަޒަރިއްޔާތުތައް މިހާރު މަޑު ޖެހެން ފަށައިފިއެވެ. އޭގެ ބަދަލުގައި މިހާރު ފެންނަނީ ދީނާއި އީމާންކަމާއި ފުށު ނާރާ ނަޒަރިއްޔާތުތަކެވެ. ފެންނަން އޮތް ޙަޤީޤަތަކީ ފަހުގެ ޢިލްމީ ނަޒަރިއްޔާތުތައް އިލްޙާދާއި ދުރުވެފައި އީމާންކަމާ ގާތްކަމެވެ. މިއާ ޚިލާފަށް އިސްލާމް ދީނަކީ ޘާބިތުކަމާއެކުވާ، ބަދަލެއް ނުވާ އެއްޗެކެވެ. އެހެނީ އެއީ އިލާހީ ވަޙީއެވެ.

ދެން އެއަށް ފަހުގައި އެއިން އެއްވެސް ނަޒަރިއްޔާތެއް ޞައްޙަކަމަށް ދެކުނަސް (assume ކުރިޔަސް) އެ ނަޒަރިއްޔާތުތައް ވާނީ އެއްކޮށް ބަޔާންކޮށްދީފައި ނުވާ، ހިތުގައިވާ ސުވާލުތަކަށް ޖަވާބު ނުލިބޭ ވަރުގެ ނަޒަރިއްޔާތުތަކަކަށެވެ. – އޭގެ ބައެއް މިސާލުތައް ވަރަށް އަވަހަށް ގެނެސްދޭނަމެވެ. إن شاء الله –

ދެވަނައީ: ޞައްޙަ ނަޒަރިއްޔާތުތަކެވެ. އެހެނަސް އޭގައިވަނީ އެބައިމީހުންގެ އޮޅުވާލުންތައް ހިމަނާފައެވެ. އެއީ އެކި މަޚްލޫޤާތުތަކުގެ މެދުގައިވާ ވައްތަރުކަން ބަޔާންކުރާ ބައެއް ނަޒަރިއްޔާތުތަކެވެ. އެހެނަސް އެއީ ކައުނު މި އުފެދިފައިވާ ގޮތަށް، އުފެދުނު ސަބަބެއް ނޫނެވެ. އެ ބޭނުން ކޮށްގެން އެބައިމީހުން ދަޢުވާ ކުރަނީ މި ފުރިހަމަ ޤާނޫނުތަކުގެ މައްޗަށް ކައުނު އުފެދިފައިވަނީ ޙިކުމަތްތެރިވެވޮޑިގެންވާ، ޢިލްމުލިބިވޮޑިގެންވާ، ތަދުބީރުކުރައްވާ ޚާލިޤަކު ނުވާ ކަމުގައެވެ.

މިބައިމީހުންނަށް އަރާފައިވާ މައިގަނޑު އޮޅުމަކީ ސަބަބުތަކުގައި ހިފާފައި އެ ސަބަބުތައް މެދުވެރިކުރެއްވި ފަރާތް ދޫކޮށްލުމެވެ. އަދި ޚާލިޤުވަންތަ ﷲ ދޫކޮށްފައި މަޚްލޫޤާތުތަކަށް ރުޖާޢަވުމެވެ.


= ނުނިމޭ =

 

އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް