- ޖާބިރު رضي الله عنه ޙަދީޘާމެދު ދަންނައެވެ. މި ޙަދީޘްގައި އެއީ ކޮން އަހަރަކު ހިނގި ކަމެއްކަން ޛިކުރުކޮށްފައެއް ނުވެއެވެ. އެ އަންހެންމީހާއަކީ ކައިވެންޏަށް އެދުންވެރި ނުވާ އުމުރުގެ މީހެއްނަމަ އޭނާގެ މޫނު ކަޝްފުކުރުން ހުއްދަވާނެއެވެ. ނުވަތަ އެއީ ޙިޖާބުގެ އާޔަތް ބާވައިލެއްވުމުގެ ކުރިންކަމުގައިވެސް ވެދާނެއެވެ. އަޙްޒާބު ސޫރަތުގައިވާ ޙިޖާބުގެ އާޔަތް ބާވައިލެއްވުނީ ހިޖުރައިން ފަސްވަނަ ނުވަތަ ހަވަނަ އަހަރުގައެވެ. އަދި ޢީދު ނަމާދު ޝަރުޢުކުރެއްވުނީ ހިޖުރައިން ދެވަނަ އަހަރުގައެވެ.
މީސްތަކުންވަނީ މިކަމުގެ ޙުކުމް ދެނެގަތުމަށް ބޭނުންޖެހިފައެވެ. ފަހެ އަހަރެމެން މިކަން ބަޔާންކޮށްދޭ އިރު ފަރުވާކުޑަކޮށްލައިފިނަމަ މިއީ އިޖުތިމާޢީ ބޮޑު މައްސަލައަކަށް ވެދާނެއެވެ. އެހެނީ ގިނަ ބަޔަކު މޫނު ކަޝްފުކުރަން ބޭނުންވެއެވެ. ދިރާސާކުރާ ކޮންމެ މީހަކުވެސް ޢަދުލުވެރިކަމާއި އިންޞާފާއެކު މައްސަލަ ދިރާސާކުރުން ވާޖިބުވެގެންވެއެވެ. އަދި ރަނގަޅަށް ދިރާސާކޮށް އަމިއްލައަށް ދެނެގަތުމުގެ ކުރިން އެކަމާ ބެހޭގޮތުން ވާހަކަ ނުދެއްކުން ހުއްޓެވެ. އަދި ޚިލާފުހުރި ދަލީލުތަކާމެދު ޢަމަލުކުރަންވާނީ ޙާކިމަކު ދެ ޚަޞްމާމެދު ޢަމަލުކުރާ ފަދައިން ޢަދުލުވެރި ލޮލަކުން ބެލުމަށް ފަހުގައެވެ. އަދި ޙުކުމް ކުރަންވާނީ ޢިލްމީ މަންހަޖަކުންނެވެ.
ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަންހެނާ އަޅާ ހެދުމުގައި ހުންނަން ޖެހޭ ޝަރުޠުތައް
އަންހެނުން ގެއިން ނުކުންނައިރު ނުވަތަ ހިލޭ ފިރިހެނުންގެ ކުރިމަތީގައި އަޅާ ހެދުމުގައި ޚާއްޞަ ޝަރުޠުތަކެއް ފުރިހަމަވާން ޖެހޭ ކަމުގައި މޫނު ކަޝްފުކުރުން ހުއްދަކަމަށް ވިދާޅުވާ ބޭފުޅުންވެސް ވިދާޅުވެއެވެ. އެގޮތުން އައްޝައިޚް އަލްއަލްބާނީ ވަނީ 8 ޝަރުޠެއް ބަޔާންކުރައްވާފައެވެ. [1] އެ ޝަރުޠުތަކަކީ:
- މުޅި ހަށިގަނޑު ނިވާވާ ހެދުމެއް ކަމުގައިވުން.
- އެ ހެދުމަކީ އޭގެ ޒާތުގައި ޒީނަތެއްކަމުގައި ނުވުން.
- ތުނި ހެދުމެއްކަމުގައި ނުވުން.
- ދޫ ހެދުމެއްކަމުގައިވުން. ގަޔަށް ބާރު ހެދުމަކަށް ނުވުން.
- ބޭރަށް ދާއިރު އެހެން މީހުންނަށް ވަސް ދުވާނޭހެން، ސެންޓު ނުވަތަ އެ ނޫންވެސް އެފަދަ މީރުވަސްދުވާ އެއްޗެއް ބޭނުން ނުކުރުން.
- ފިރިހެނުންގެ ހެދުމާ އެއް ގޮތް ހެދުމެއްކަމުގައި ނުވުން.
- ކާފިރު އަންހެނުންގެ ހެދުމާ ވައްތަރުނުވުން.
- ދެއްކުންތެރިކަންވާ ހެދުމެއްކަމުގައި ނުވުން.
=ނުނިމޭ=
[1] ބައްލަވާ: جلباب المرأة المسلمة في الكتاب والسنة للشيخ محمد ناصر الدين الألباني (ص: 37).