މޫނު ބުރުގާއާ ދެކޮޅަށް ކުރެވޭ ހަނގުރާމަ [1]
ނަބިއްޔާ صلى الله عليه وسلم ގެނެސްދެއްވި މަތިވެރި ރިސާލަތަކީ އަދުގެ ތަހުޒީބު މުޖުތަމަޢާ ނުގުޅޭ އެއްޗެއްކަމުގައި ބުނެ، ﷲ ތަޢާލާގެ ދީނާއި އެއިލާހުގެ ޝަރީޢަތާ ބެހޭގޮތުން ޢިލްމެއް ނެތި ވާހަކަދައްކާ މީހުން މިއަދު މިވަނީ ވަރަށް ގިނަވެފައެވެ. އެބައިމީހުންގެ އެންމެ ބޮޑު އެއް އަމާޒަކީ މުސްލިމު އަންހެނުންނެވެ. އަންހެނުންނަށް މިނިވަންކަން ހޯދައިދިނުމާއި އެންމެހާ ޙުކުމްތަކެއްގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމަށް ގޮވާލާ ގޮވެލިތައް މިއަދު މިވަނީ އިސްލާމީ ޤައުމުތަކާ ހަމައަށްވެސް ފޯރާފައެވެ. މިކަމުގެ ނަތީޖާއަކީ އަންހެނުންގެ ޒީނަތްތެރިކަން ފާޅުކޮށް، އަންހެނުންނާއި ފިރިހެނުން މަސްހުނިވެ އަދި އެކަނބަލުންގެ ޙިޖާބުތައް ބޭލުމެވެ. އެބައިމީހުންގެ މި ގޮވާލުމުގައިވަނީ މުސްލިމު އަންހެނުންނަށް ހުރިހާ ގޮތަކުންވެސް ގެއްލުމާއި ހަލާކެވެ.
އެބައިމީހުންވަނީ އަންހެނާގެ ޙަޔާތުގެ ހުރިހާ ކަމަކާ ބެހޭގޮތުން ލިޔުންތައް ލިޔެފައެވެ. ނަމަވެސް އަންހެނުންގެ ފިޠުރަތާއި އެބައިމީހުންނަށް ދެއްވާފައިވާ ޤަދަރަށް ރައްކާތެރިވުންވަނީ ދޫކޮށްލާފައެވެ.
އިސްލާމީ ޙިޖާބުގެ ފަރުދާއިން މުސްލިމު އަންހެނުން ނެރުމަކީ އެބައިމީހުންގެ އެންމެ މުހިންމު އެއް މަސައްކަތެވެ. މުސްލިމު އަންހެނުންގެ މޫނުތަކުން ޚިޖާބު ނެގުން ވެގެންދާނީ އެކަނބަލުންގެ ޤަދަރު ނެތިކޮށްލާ، ދީނާ ދުރުކުރުވާ، ޒީނަތްތެރިކަން ފާޅުކޮށް އަދި ޒިނޭފަދަ ފާޙިޝް ޢަމަލުތަކަށް ހުޅުވިގެންދާ ދޮރަކަށެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَاللهُ يُرِيدُ أَن يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَن تَمِيلُوا مَيْلًا عَظِيمًا﴾ [سورة النساء ٢٧]
މާނައީ: “އަދި ﷲ އިރާދަކުރައްވަނީ ތިޔަބައިމީހުންގެ މައްޗަށް ތައުބާލެއްވުމަށެވެ. އަދި އަމިއްލަ އެދުންތަކަށް ތަބާވާ މީހުން އެދެނީ (ޙައްޤުގެ މަގު ފިޔަވައި ބާޠިލުގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ.”
މި އާޔަތުގެ ތަފްސީރުގައި އިބްނު ޖަރީރު އައްޠަބަރީ رحمه الله ވިދާޅުވެފައިވެއެވެ.
“މުޖާހިދު ވިދާޅުވިއެވެ. ﴿وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ﴾ އެއީ ޒިނޭއެވެ. ﴿أَن تَمِيلُوا مَيْلًا عَظِيمًا﴾ ގެ މުރާދަކީ އެބައިމީހުން ޒިނޭކުރާ ފަދައިން މުސްލިމުންވެސް ޒިނޭކުރުމެވެ. އެއީ މިފަދައިންނެވެ. ﴿وَدُّوا لَوْ تُدْهِنُ فَيُدْهِنُونَ﴾ [سورة القلم ٩] މާނައީ: “ކަލޭގެފާނު އެބައިމީހުންނަށް ދުލެއް ދެއްވާނެނަމަ ކޮންފަދަހޭ ހިތައި، އެކަމަށް އެބައިމީހުން އެދުނެވެ. އެއީ އެބައިމީހުންވެސް ކަލޭގެފާނަށް ދުލެއް ދިނުމަށްޓަކައެވެ.” “ [تفسير الطبري (6 / 622)]
ހިޖުރީ ގޮތުން 14 ވަނަ ޤަރުނުގައި އަންހުނުންނަށް މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ފެށުނު މަސައްކަތް
ހިޖުރީ ގޮތުން ސާދަވަނަ ޤަރުނުގައި، މުސްލިމު ޤައުމުތަކުގެ ތެރެއަށް ހުޅަނގުގެ ގޮތްތައް ވައްދާ، އެބައިމީހުންގެ އިސްލާމީވަންތަކަން ކަނޑުވާލުމުގެ މަސައްކަތް ފަށާފައިވަނީ އިސްތިޢުމާރުގެ ތެރެއިންލާފައެވެ. އެގޮތުން އެބައިމީހުންގެ އެންމެ މުހިންމު އެއް މަސައްކަތަކަށްވީ މުސްލިމު އަންހެނުންގެ ޙިޖާބު ނެގުމެވެ.
ފުރަތަމަ ފަހަރަށް މިޞްރުގެ ކިނާނާއިން ފަރަންސޭސި ވިލާތަށް ކިޔަވަން ފޮނުވި މީހުންގެ ތެރެއިން އެކަކީ ރިފާޢަތު ރާފިޢު އަލްޠަހްޠާވީ (މަރުވީ: 1290 ހ ގައި)އެވެ. އޭނާ އެނބުރި މިޞްރަށް އައުމަށް ފަހު، އަންހެނުންނަށް މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ނަޞާރާއިންނާ ގުޅިގެން މަސައްކަތް ފެށިއެވެ.
މިޞްރުގައި ފުރަތަމަ ފަހަރަށް ޖާމިޢާތަކުގައި އަންހެންކުދިންނާއި ފިރިހެންކުދިން އެއްކޮށް ކިޔަވައިދިނުމަށް އެންގި މީހަކީ އަޙްމަދު ލުޠުފީ އައްސައްޔިދު (މަރުވީ: 1374 ހ ގައި)އެވެ. އަދި އަންހެން ކުދިން ޙިޖާބު ނެގުމަށްވެސް އޭނާ އެންގިއެވެ. އަދި މިކަމުގައި އޭނާއަށް ނަޞްރު ދިނީ ޠާހާ ޙުސައިން (މަރުވީ: 1393 ހ ގައި)އެވެ.
މި ފިތުނައިގެ އެންމެ އިސް އެކަކީ ޤާސިމް އަމީން (މަރުވީ: 1326 ހ ގައި)އެވެ. އޭނާ “تحرير المرأة” ގެ ނަމުގައި ފޮތެއް ލިޔުނެވެ. އޭރުގެ ބޮޑެތި އެތަށް ޢިލްމުވެރިންނެއް މި ފޮތާ ދެކޮޅުހެއްދެވިއެވެ. އެއަށް ފަހު، “المرأة الجديدة” ގެ ނަމުގައި ފޮތެއް ނެރުނެވެ. މިކަމުގައި އޭނާއަށް އެހީތެރިވެދިނީ އޭރުގެ މިޞްރުގެ ރާނީ ނާޒްލީ ޢަބްދުއްރަޙީމް ޞަބްރީއެވެ. ނާޒްލީ އިސްލާމްދީން ދޫކޮށް، މުރުތައްދުވެ ނަޞާރާ ދީނަށް ވަނެވެ. އެއަށްފަހު، ޤާސިމް އަމީންގެ ފިކުރު ފަތުރަން މަސައްކަތްކުރީ ސަޢުދު ޒަޣުލޫލު (މަރުވީ: 1346 ހ ގައި) އާއި އޭނާގެ އަޚު އަޙްމަދު ފަތުޙީ ޒަޣުލޫލް (މަރުވީ: 1332 ހ ގައި)އެވެ.
ދެން ހިޖުރައިން 1337 ވަނަ އަހަރު ޤާހިރާގައި ފާޅުވީ އަންހެނުންނަށް މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި ފެށި އަންހެނުންގެ ހަރަކާތެކެވެ. މި ހަރަކާތުގައި އިސްކޮށް ހުރީ ހުދާ ޝަޢުރާވީ (މަރުވީ: 1367 ހ ގައި)އެވެ. މިބައިމީހުންގެ ފުރަތަމަ އިޖުތިމާޢު އޮތީ ހިޖުރައިން 1338 ވަނަ އަހަރު މިޞްރުގެ ކަނީސާއެއްގައެވެ. ހުދާ ޝަޢުރާވީއަކީ ޢާންމުންގެ ތެރޭގައި ޙިޖާބު ނަގާ އެއްލައިލި ފުރަތަމަ މީހާއެވެ. ސަޢުދު ޒަޣުލޫލު އިނގިރޭސިވިލާތުން އެނބުރި އައުމުން އޭނާއަށް އިސްތިޤުބާލުކުރުމަށް ދެ ޓެންޓު ހެދިއެވެ. އެއީ އަންހެނުންނަށް ޓެންޓަކާއި ފިރިހެނުންނަށް ޓެންޓެކެވެ. ސަޢުދު މަތިންދާބޯޓުން ފައިބައިގެން ދިޔައީ އަންހެނުންގެ ޓެންޓާ ދިމާލަށެވެ. އެތަނުގައި ތިބީ ޙިޖާބު އަޅައިގެން ތިބި އަންހެނުންނެވެ. އަދި އޭނާގެ އިސްތިޤުބާލުގައި ހުރީ ހުދާ ޝަޢުރާވީއެވެ. އޭނާވެސް ހުރީ ޙިޖާބު އަޅައިގެންނެވެ. ސަޢުދު އައުމުން ހުދާ އޭނާގެ ޙިޖާބު ނަގާ އެއްލައިލިއެވެ. ދެން، އެތަނުގައި ތިބި އަންހެނުންތައް އަތް ޖަހާ، އެމީހުންގެ ޙިޖާބުތައްވެސް ނަގައި އެއްލައިލިއެވެ.
މިފަދަ ދެވަނަ ދުވަހަކީ ސަޢުދު ޒަޣުލޫލުގެ އަންހެނުން ޙިޖާބު ނަގައި އެއްލައިލި ދުވަހެވެ. އޭނާގެ ނަމަކީ ޞަފިއްޔާ ބިންތު މުޞްޠަފާ ފަހުމީއެވެ. ކައިވެނި ކުރުމަށްފަހު އޭނާގެ ނަން، ޞަފިއްޔާ ހާނިމް ސަޢުދު ޒަޣުލޫލަށް ބަދަލުކުރިއެވެ. އެއީ ޔޫރަޕު މީހުން އެމީހުންގެ އަނބިން އެމީހުންނަށް ނިސްބަތްކުރާ ފަދައިންނެވެ. ޤާހިރާގެ އައްނީލު ގަނޑުވަރު ކުރިމަތީގައި ބޭއްވި އަންހެނުންގެ މުޒާހަރާއެއްގައި ޞަފިއްޔާ، އޭނާއާއެކު ތިބި މީހުންނާއެކު ޙިޖާބު ނެގިއެވެ. އަދި އެ ފައިދަށަށް އެއްލައިލުމަށް ފަހު އަންދާލިއެވެ. އޭގެ ފަހުން އެ ތަނަށް “ميدان التحرير” ގެ ނަން ދެވުނެވެ.
މި ހަރަކާތްތަކަށް ފަހު، އަލިފާންގަނޑެއް ފެތުރިގެންދާ ފަދައިން އެބައިމީހުންނަށް ތަބާވާ މީހުންގެ ޢަދަދު އިތުރުވެ، އެބައިމީހުންގެ ހަރަކާތްތައްވެސް އިތުރަށް ފެތުރިގެން ދިޔައެވެ. އެގޮތުން ހިޖުރައިން 1338 ގައި މުޞްޠަފާ ކަމާލް އަތާތުރުކު (މަރުވީ: 1357 ހ ގައި)ގެ ވެރިކަމުގައި ތުރުކީގައި ޙިޖާބު މަނާކުރާ ޤާނޫނެއް ހެދިއެވެ. އަދި ހިޖުރީ ގޮތުން 1348 ގައި ސްވިޒާލޭންޑްގެ ޤާނޫނާ އެއްގޮތަށް، އެއް އަނތްބަށް ވުރެ ގިނަ އަނބިންނާ ކައިވެނިކުރުން މަނާކުރާ މަދަނީ ޤާނޫނެއް ތުރުކީގައި ހެދިއެވެ. އަދި 1344 ގައި ރާފިޟީއެއްކަމުގައިވާ ރިޟާ ބަހްލަވީ، އީރާނުގައި ޙިޖާބު މަނާކުރާ ޤާނޫނެއް ހެދިއެވެ. އަދި އަފްޣާނިސްތާނުގައި މުޙައްމަދު އަމާންވެސް ޙިޖާބު މަނާކުރާ ޤަރާރެއް ނެރުނެވެ. އަދި ތޫނިސްގައި އަބޫ ރުޤައިބާ (މަރުވީ: 1421 ހ ގައި)ވެސް ޙިޖާބާއި އެއް އަނތްބަށް ވުރެ ގިނަ އަނބިންނާ ކައިވެނިކުރުން މަނާކުރާ ޤާނޫނެއް ހެދިއެވެ. މި ޤާނޫނާ ޚިލާފުވާ މީހުންގެ އަދަބަކީ ޖަލަށްލުމެވެ. ނުވަތަ ޖޫރިމަނާކުރުމެވެ. އިސްލާމީ ޝަރީޢަތުގެ ޢަދާވާތްތެރިން ނޫން ބަޔަކު މިފަދަކަމެއް ކޮށްފާނެ ހެއްޔެވެ؟
ފަރަންސޭސީންގެ އިސްތިޢުމާރުގެ ދަށުގައި ޖަޒާއިރު އޮތް އިރު އެތަނުގައިވެސް ކަންތައް ވެގެންދިޔައީ މިފަދަ ގޮތަކަށެވެ. ޙިޖާބު ބޭލުމަށް ހުކުރު ޚުޠުބާތަކުގައި ގޮވާލަން މިސްކިތްތަކުގެ އިމާމުންނަށް މަޖުބޫރުކުރިއެވެ. އަދި މީލާދީ ގޮތުން 1958 (ހިޖުރީ ގޮތުން 1377) ވަނަ އަހަރުގެ މެއި މަހު ބޭއްވި އެއްވުމެއްގައި ޒުވާން އަންހެނަކު ތެދުވެ ޙިޖާބު ބޭލުމަށް އަޑުގަދަކުރާއިން ގޮވާލިއެވެ. އަދި އޭނާ ޙިޖާބު ނަގާ އެއްލައިލިއެވެ. ދެން އެތަނުގައި ތިބި އަންހެނުންވެސް އޭނާއަށް ތަބާވެ އެބައިމީހުން ޙިޖާބުތައް ނެގިއެވެ.
ލުބުނާނާއި ސޫރިޔާއާއި އުރުދުންއާއި ފަލަސްޠީނުގައިވެސް މޫނު ބުރުގާއާ ދެކޮޅަށް މިފަދަ ހަރަކާތްތައް ހިންގުނެވެ. އެދުވަސްވަރު އިންޑިއާ އާއި ޕާކިސްތާނުގައި މުސްލިމު އަންހެނުން ތިބީ އިސްލާމީ ޙިޖާބުގެ ޢިއްފަތްތެރި ފޭރާމުގައެވެ. އެހެނަސް ހިޖުރައިން 1370 ގެ އަހަރުތަކުގައި އެތަނުގައިވެސް އަންހެނުންނަށް މިނިވަންކަން ހޯދައިދިނުމާއި އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމުގެ ނަމުގައި ހަރަކާތްތައް ފެއްޓިއެވެ. އަދި ޤާސިމް އަމީންގެ “تحرير المرأة” ފޮތްވެސް އެމީހުންގެ ބަސްބަހަށް ތަރުޖަމާކުރިއެވެ. ދެން އެ ބައްރުގެ ޤައުމުތަކުގެ ޙާލުވެސް މަޑުމަޑުން ބަދަލުވާން ފަށައިފިއެވެ. އަދި ކެހިވެރިންގެ މަކަރުވެރި ރޭވުންތަކުގައި ބަނދެވި، އެތަނުގައި އޮތް އިސްލާމީ މުޖުތަމަޢުތައްވެސް ފަސާދަވެއްޖެއެވެ.
=ނުނިމޭ=
[1] ބައްލަވާ: حراسة الفضيلة للشيخ بكر بن عبد الله أبو زيد (ص: 87 – 111).