ދެވަނަ ނަޒަރިއްޔާތު: “ބިގް ބޭންގު” ނަޒަރިއްޔާތު (Big Bang Theory)
މި ނަޒަރިއްޔާތުގެ ޚުލާޞާއަކީ ޚަލްޤުތަކުގެ އަޞްލަކީ އާދައިގެ ކުޑަ މާއްދާއެއް (mass) އެއް ކަމެވެ. ‘ޕިން’ އެއްގެ ކޮޅު ވަރުގެ މި ކުޑަ މާއްދާ ފުރަތަމަވީ އެއްވެސް ޒަމާނެއް، ތަނެއް ނެތިއެވެ. ދެން ގާތްގަނޑަކަށް މީގެ 15 (ނުވަތަ 13.8) ބިލިއަން އަހަރު ކުރިން އެ ގޮވީއެވެ. އެ ގޮވުމުގެ ސަބަބުން މަޑުމަޑުން މި ކައުނު އުފެދިގެން ދިޔައީއެވެ. އެހެންކަމުން މި ބައިމީހުންގެ ގާތުގައި ކައުނު އުފެދުމުގެ އަޞްލަކީ ‘ޕިން’ އެއްގެ ކޮޅު ވަރުގެ ކުޑަ މާއްދާއެކެވެ.
މިފަދަ ނަޒަރިއްޔާތުތަކަށް ބަރޯސާވާ މުލްޙިދުންނަށް ކުރަން ޖެހޭ ސުވާލަކީ:
– ‘ޕިން’ އެއްގެ ކޮޅު ވަރުގެ ކުޑަ މާއްދާ އައީ ކޮން ތަނަކުން ހެއްޔެވެ؟
މި ސުވާލަށް އެބައިމީހުންނަށް ޖަވާބެއް ނުދެވެއެވެ. އަދި ނުވެސް ދެވޭނެއެވެ.
– ދެން މި މާއްދާ މަޑުން ހުރެފައި ކުއްލިއަކަށް ގޮވަން ނިންމީ ކީއްވެގެން ހެއްޔެވެ؟!
– އެ ގޮވުމަށް އެހެން ވަގުތުތައް ދޫކޮށްލާފައި އެ ހިނދުކޮޅު ޚިޔާރުކުރީ ކީއްވެގެން ހެއްޔެވެ؟
– ގޮވުމެއްގެ ސަބަބުން ފުރިހަމަ ނިޒާމެއް އުފަންވީ ކިހިނަކުން ހެއްޔެވެ؟ ފަހެ ގޮވުމަކީ ނިޒާމެއް އުފަންކުރުވަފާނެ ކަމެއް ހެއްޔެވެ؟
– ދިރުމެއް ނުވާ މާއްދާއަކުން ދިރުމެއްވާ ބުއްދިހުރި އިޙްސާސްތަކެއްވާ އެއްޗެއް އުފަންވެދާނެ ހެއްޔެވެ؟
ޖަވާބުގައި މުލްޙިދުމީހާ ބުނާނެއެވެ.
އެ ގޮވުމުގެ ސަބަބުން ‘ރިއެކްޝަން’ ތަކެއް އުފެދިގެން ‘ޕާރިޓިކަލް’ ތަކެއް އުފަންވެ އެ ޖަމާވެ، ހުރިހާކަމެއްގައި މިވާ ފުރިހަމަ ނިޒާމު އުފެދުނީއެވެ.
– ދެން އެ ‘ޕާރިޓިކަލް’ ތައް އެކުވީ ކިހިނެތް ހެއްޔެވެ؟
– އަދި ދިރުމެއް ނުވާ އެއްޗަކުން ދިރުން އައީ ކިހިނެތް ހެއްޔެވެ؟
ޖަވާބުގައި މުލްޙިދުމީހާ ބުނާނެއެވެ.
މިކަންވީ ބޭ އިޚްތިޔާރުން (coincidence) އަކުންނެވެ. އެބައިމީހުންގެ ގާތުގައި ހުރިހާ އެއްޗެއް އުފެދިފައިވަނީވެސް އެ ގޮތަށެވެ. އުޑާއި އުޑުގެ ފަށަލަތަކާއި އުޑުގެ ‘ޕްރެޝާރ’ އާއި ‘ގޭސް’ ތަކާއި ވިލާތަކާއި ދިރުންވާ ބިމަކާއި ކޯރުތަކާއި ކަނޑުތަކާއި މަސްތަކާއި އިންސާނުންނާއި އޭނާއަށް ބޭނުންވާ އެކަށީގެންވާ ގުނަވަންތަކަކާއި އިވުމާއި ފެނުމާއި ވިންދު ޖަހާ ހިތަކާއި ލޭގައި އެކަށީގެންވާ މިންވަރަކަށް ރަތް ‘ސެލް’ތަކާއި ހުދު ‘ސެލް’ތައް އުފެދުނީވެސް (coincidence) އަކުންނެވެ. އަދި މުލްޙިދުން ޤަބޫލުކުރާ ގޮތުގައި ބުއްދިއާއި އިޙްސާސްތަކާއި މި ހުރިހާ އެއްޗެއްވެސް އުފެދުނީ (coincidence) އަކުންނެވެ.
– (coincidence) ގެ މި ޤާނޫނަކީ ބާޠިލު އެއްޗެއްކަމާމެދު ބުއްދިވެރިއަކު ޝައްކެތް ނުކުރާނެއެވެ. ބުއްދިތަކުން ދެނެގަނެވޭ އެންމެ އާދައިގެ އެއްކަމަކީ (coincidence) އެއްގެ ސަބަބުން އިންތިޒާމުތަކެއް ހަމަޖެހިގެން ނުދާނެކަމެވެ.
މިކަމުގެ މިސާލަކީ: ކޮޓަރިއަކަށް ރާމާމަކުނުތަކެއް ވައްދާފައި އެތަނަށް ލިޔާނެ އާލާތްތަކަކާއި ގަނޑުތަކެއްލާފައި ދެން އިރުގަނޑެއް ފަހުން އައިސް ބަލާއިރު ކޮންމެ އާލާތަކުން އެންމެ މޮޅެތި ޅެންވެރިންނަށްވެސް ނުލިޔެވޭ ވަރުގެ ފުރިހަމަ ޅެންތަކެއް ލިޔެފައި ހުރިތަން ފެނިދާނެ ހެއްޔެވެ؟
ދެވަނަ މިސާލު: ވަރަށް ކުޑަކުއްޖެއްގެ ކުރިމަތީގައި ލިޔާނެ އާލާތެއް ބަހައްޓާފައި އެއާ ކުޅެން ދީފައި، އިރުގަނޑެއް ފަހުން ބަލާއިރު ވަރަށް މަތީ ދަރަޖައިގެ ޙިސާބު ‘ސަމް’ ތަކެއް ލިޔެފައި އޭގެ ޖަވާބުތައްވެސް ލިޔެފައި ހުރުމަކީ ބުއްދި ޤަބޫލުކުރާނެކަމެއް ހެއްޔެވެ؟
ތިންވަނަ މިސާލު: ގަނޑުކޮޅުތަކެއްގައި ލިޔެފައިވާ އަކުރުތަކެއް ކަފާފައި ފޮށްޓެއްގެ ތެރެއަށް އަޅާފައި ވަރަށް ބާރަށް ތަޅުވާލާފައި ދެން ހުޅުވާލާއިރު ވަރުގަދަ ޚުޠުބާއެއް ތައްޔާރުވެފައި އޮވެދާނެކަމަށް ބުއްދިވެރިއަކު ޤަބޫލުކުރާނެ ހެއްޔެވެ؟
ހަތަރުވަނަ މިސާލު: ގާތަކެއް ބަހައްޓައިގެން އެއް ގަލަށް ފަހު އަނެއް ގައި އުކާފައި ދެން ބަލާލާއިރު އޭގެން ރީތި ގެއެއް ތައްޔާރުވެފައި ހުރެދާނެ ހެއްޔެވެ؟
އިސްވެ ބަޔާންވެ ދިޔަ ހުރިހާ މިސާލެއްގައިވެސް ބުއްދިވެރިން ބުނާނީ ނޫނެކެވެ. އަދި މުލްޙިދުން ބުނާނީ އާނއެކެވެ.
އަދި މުލްޙިދުންގެ ތެރެއިން މީހެއްކަމުގައިވާ ‘އިސްމާޢީލު އަދުހަމު’ (މަރުވީ 1940 މ) ވަނީ لماذا أنا ملحد؟ (އަހަރެން މުލްޙިދަކަށްވީ ކީއްވެ؟) މި ނަމުގައި ފޮތެއް ލިޔެފައެވެ. ވަރަށް ޖޯޝާއެކު އޭނާ ބަޔާންކޮށްފައިވަނީ މި ނަޒަރިއްޔާތެވެ. އޭނާ އެ ފޮތުގައި މި ޢާލަމުގެ މިސާލު ޖަހާފައިވަނީ ޗާޕުޚާނާއެއްގެ މިސާލެވެ. އެތަނުގައި އަކުރުތަކުގެ ތެރެއިން ހުރިހާ އަކުރެއްގެ މިލިޔަނަށް ވުރެ ގިނަ އަކުރު ވެއެވެ. އަދި އެ އަކުރުތައް އެއް އަކުރު އަނެއް އަކުރާ ޖެހި، އެކުވެ ތަރުތީބުވެގެން ދެއެވެ. މިގޮތުން ނިމުމެއް ނުވާ ގޮތެއްގައި މިކަން ކުރިއަށް ދެއެވެ. މި ގޮތަށް ކުރިއަށް ދިޔުމުން ޑާރވިންގެ “ދިރޭތަކެތީގެ އަޞްލު” (On the Origin of Species) އެ ފޮތް ލިޔެވިގެން ނުކުމެދާނެއެވެ. އަދި ހުރިހާ ފޮތެއްވެސް އެ ގޮތަށް ތައްޔާރުވުމުގެ ފުރުޞަތު އޮންނާނެއެވެ. މިހާ ފަސޭހަ ގޮތެއްގައި އޭނާ ބަޔާންކޮށްފައި އެވަނީ އެ ހުރިހާ ފޮތެއް ލިޔެ ތައްޔާރުވެދާނެ ކަމެވެ.
މިއީ މޮޔައެއް ނުވަތަ ބުއްދި ފިލާފައިވާ މީހެއްގެ ބަހެއް ނޫނެވެ. މިއީ ޙިސާބު ރޮނގުން ޕީއެޗްޑީ ޙާޞިލުކޮށްފައިވާ، އަށް ބަހުން ވާހަކަ ދައްކަން އެނގޭ މީހެއް ބުނި ވާހަކައެކެވެ.
މި ބަހަކީ ބުއްދިވެރިއެއް ވިޔަސް މޮޔައެއް ވިޔަސް ޤަބޫލުކުރާނެ ބަހެއް ނޫނެވެ. އެހެނަސް އިލްޙާދުގެ ފިކުރުގެ ސަބަބުން މީސްތަކުން މިފަދަ ވާހަކަ ދައްކަނީއެވެ.
އެއަށް ފަހު ދަންނަވާލަމެވެ. ހަމައެކަނި އޭނާގެ މި ވާހަކަވެސް، އޭނާގެ ހުރި އިލްޙާދުގެ ފިކުރުގެ ބާޠިލުކަން ބަޔާންކޮށްދިނުމަށް ފުދެއެވެ. އެހެނީ އޭނާ ދަޢުވާކޮށްފައި އެވަނީ އަކުރުތައް ޙަރަކާތްކުރުމުން އޭގެން ފޮތްތައް އުފެދިގެން ދާނެކަމެވެ. މައްސަލައެއް ނެތެވެ. އެހެންވެއްޖެއްޔާ އެ އަކުރުތައް ޙަރަކާތް ކުރުވާނީ ކޮން އެއްޗެއް ހެއްޔެވެ؟ ބުއްދީގެ ހަމަތަކުން ބަލާއިރު އެ ޙަރަކާތްކުރުވާނެ އެއްޗަކަށް ބޭނުން ވާނެއެވެ. އަދި އެއަށް ދެލި ފޯރުކޮށްދޭނެ ފަރާތެއްވެސް ބޭނުންވާނެއެވެ. އަދި އަކުރުތަކަށް އެއްވެވޭނެ ތަނެއްވެސް ބޭނުންވާނެއެވެ. އަދި ކަރުދާސްތައް އެއްވަރަކަށް ހުރުމަށް، އެ ތަރުތީބުކުރާނެ ފަރާތަކަށްވެސް ބޭނުން ވާނެއެވެ. އަދި މި ފޮތްތައް ފޮތްތަކެއްގެ ސިފައިގައި ތައްޔާރުކުރާނެ ފަރާތަކަށްވެސް ބޭނުންވާނެއެވެ. އަދި އެއް ފޮތް އަނެއް ފޮތާ ވަކިކުރާނެ ފަރާތަކަށްވެސް ބޭނުންވާނެއެވެ.
އެހެންކަމުން ހަމައެކަނި (coincidence) އަކީ މި ފޮތްތައް ތައްޔާރުކުރުމަށް ފުދޭނެ އެއްޗެއް ނޫނެވެ. އަދި ކިއެއް ހެއްޔެވެ. މި ތަކެއްޗަށް ބާރުވެރި ފަރާތަކާއި އިރާދަކުރާނެ ފަރާތަކާއި ޙިކުމަތަށް ބޭނުންވާނެއެވެ. އެބަހީ: ޙަކީމުވަންތަ ކުޅަދުންވަންތަ ފަރާތަކަށް ބޭނުންވާނެއެވެ.
އަދި އިސްވެ ބަޔާންވެ ދިޔަ ގާ އުކާ މީހާގެ މިސާލާމެދު ވިސްނާލާށެވެ. ގާ އުކުމުގެ ބަދަލުގައި ބިސްތަކެއް އުކައިފިނަމަ ދެންވެސް ގެއެއް އުފެދިދާނެ ހެއްޔެވެ؟
ޝައްކެތްވެސް ނެތް ގޮތުގައި އެހެނެއް ނުވާނެއެވެ. އެހެންކަމުން ރޭވުންތެރިކަމާއި ޙިކުމަތަށް ބޭނުންވާނެއެވެ.
ކައުނުގައިވާ ޛައްރާތައް (atom ތައް) އެކަތި އަނެކައްޗާ އެކުވެފައިވަނީ ވަކި ގޮތަކަށެވެ. އެގޮތުން ވަކި ގޮތަކަށް އެއްވުމުން އެވާނީ ރަނަށެވެ. އަދި އެހެން ގޮތަކަށް އެއްވުމުން އެ ވާނީ ފެނަށެވެ. ދެން ހުރި މާއްދާތައްވެސް އެ ގޮތަށެވެ.
ހުރިހާ ބުއްދިވެރިންވެސް އިއްތިފާޤުވެފައިވާ ގޮތުގައި (coincidence)ގެ ސަބަބުން އިންތިޒާމެއް ހަމަޖެހިގެން ނުދާނެއެވެ. އަދި އެއްގޮތެއްގައި ނުހިފެހެއްޓޭނެއެވެ. އަދި ދާއިމީ ގޮތެއްގައި ޤަޞްދެއް އޮވެގެން ކުރާކަމެއްގެ ގޮތުގައި ނުވާނެއެވެ.
އެހެންކަމުން އިންކާރު ނުކުރެވޭނެ ޙަޤީޤަތަކީ އެންމެ މުހިންމު މައްސަލައިގައި މުލްޙިދުންވަނީ ޖާހިލުވެފައެވެ. އެއީ އެހެންކަންކަމުގައި އެބައިމީހުން ކިތަންމެ ތޫނުފިލި ވިޔަސްމެއެވެ.
ތޫނުފިލިކަމުގެ މަތީ ފަންތިއެއް ލިބިފައިފި މުލްޙިދެއްކަމުގައިވާ އިބްނުއް ރާވަންދީގެ ވަނަވަރު ނިންމާލައްވަމުން އައްޛަހަބީ رحمه الله ވިދާޅުވިއެވެ.
“އީމާންކަމެއް ނުވާ ތޫނުފިލިކަމަށް ﷲ ލަޢުނަތް ލެއްވިއެވެ. އަދި ތަޤްވާވެރިކަމާ އެކުގައިވާ ގަބުކަމަށް ﷲ ރުހިވޮޑިގެންވެއެވެ.” [1]
އަދި މިކަމާ ދުރަށް ޖެހިލަމާ ހިނގާށެވެ. ފަހެ ޤުރުއާނުގައި މިކަމުގެ ޙަޤީޤަތް މަދު ކަލިމަތަކަކުން ބަޔާންކުރައްވާފައި ވެއެވެ.
أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ ﴿٣٥﴾ أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ ۚ بَل لَّا يُوقِنُونَ ﴿٣٦﴾ [سورة الطور]
މާނައީ: “އަދި ކިއެއް ހެއްޔެވެ. ހެއްދެވިފަރާތެއް ނެތި އެބައިމީހުން ހެދިގަތީ ހެއްޔެވެ؟ ނުވަތަ ހެއްދެވި ފަރާތްތަކަކީ އެބައިމީހުން ހެއްޔެވެ؟ (35) އަދި ކިއެއް ހެއްޔެވެ. އުޑުތަކާއި ބިން ހެދީ އެބައިމީހުން ހެއްޔެވެ؟ އަދި ކިއެއް ހެއްޔެވެ. އެބައިމީހުންނީ އީމާން ނުވާ ބަޔެކެވެ. (36)”
ޙިސާބު ރޮނގުން ފާހެއް ލިބިފައި ނުވިޔަސް އަދި ޑާރވިން (Darwin) އާއި ނީޗާ (Nietzsche) އަދި އެނޫން މީހުންގެ ނަޒަރިއްޔާތުތައް ކިޔަވާފައި ނެތަސް ބަދަވީއަކަށް މިއަށް ވުރެ ރަނގަޅަށް ވިސްނުނެވެ. އޭނާއާ ސުވާލުކުރެވުމުން އޭނާ ޖަވާބު ދިނީ އޭނާގެ ސަލާމަތް ފިޠުރަތުގެ ޛަރިއްޔާއިންނެވެ.
އޭނާއާ ސުވާލު ކުރެވުނެވެ. ތިބާއަށް ތިބާގެ ރައްބު އެނގުނީ ކިހިނެތް ހެއްޔެވެ؟
ޖަވާބުގައި ބުންޏެވެ. ބިމުގައިވާ ފިޔަވަޅުތައް ދަލީލުކުރަނީ އެތަން ހުރަސްކޮށްފައި މީހަކު ދިޔަކަމެވެ. ފަހެ އުޑާއި އެތަނުގައިވާ ރިވެތި ތަރިތަކާއި ކަނޑާއި އެތަނުގައިވާ ރާޅުތަކުން، ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާ ކުޅަދުންވަންތަ ފަރާތަށް ދަލީލު ނުކުރޭ ހެއްޔެވެ؟! [2]
ފިޠުރަތުން ދަލީލުކުރަނީ ކޮންމެ ކަމެއްވެސް ކުރި ފަރާތެއް ވާނެކަމެވެ. އަދި ކޮންމެ މަޚްލޫޤަކަށް ޚާލިޤަކު ވާނެ ކަމެވެ. އެހެންކަމުން ކުޑަކުއްޖެއްގެ ގައިގައި މީހަކު ސިއްރުން ޖަހާފައި ފިލައިފިނަމަ، އެ ދިމާލަށް ބަލާފައި އެކުއްޖާ ރޯނެއެވެ. އަދި ތިމަން ގައިގައި ޖެހީ ކާކުތޯ އަހާނެއެވެ. އެހެނީ އިންސާނުންގެ ފިޠުރަތުގައި ލައްވާފައިވާ ކަމަކީ ކޮންމެ ކަމެއްވެސް މެދުވެރިކުރުވާ ފަރާތެއް ވާނެ ކަމެވެ. އެ ކުއްޖާ މިފަދަ ނަޒަރިއްޔާތުތައް އުނގެނިފައި ނުވިޔަސް މިއީ ފިޠުރަތެވެ.
﴿فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ﴾ [سورة الروم ٣٠]
މާނައީ: “އެއީ މީސްތަކުން އެ ފިޠުރަތެއްގެ މައްޗަށް އުފެއްދެވި، ﷲގެ ފިޠުރަތެވެ. ﷲ އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ.”
ފަހެ މުލްޙިދުންނާ މެދު ދަންނައެވެ. އެބައިމީހުން އެވަނީ އެބައިމީހުންގެ ފިޠުރަތަށް ފުރަގަސްދީފައެވެ.
﴿وَمَن يُرِدِ اللَّهُ فِتْنَتَهُ فَلَن تَمْلِكَ لَهُ مِنَ اللَّهِ شَيْئًا ۚ﴾ [سورة المائدة ٤١]
މާނައީ: “ﷲ އެ މީހަކު މަގުފުރެއްދެވުމަށް އިރާދަކުރައްވާ މީހާ (ދަންނައެވެ!) ފަހެ ﷲގެ ޙަޟްރަތުގައި އެމީހަކު ދިފާޢުކޮށްދެއްވުން ކަލޭގެފާނަކަށް މިލްކުވެގެން ނުވެއެވެ.”
= ނުނިމޭ =
އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް
[1] سير أعلام النبلاء (14 / 62).
[2] نفح الطيب (5 / 289).