ޝާފިޢިއްޔަ ޢިލްމުވެރިއެއްކަމުގައިވާ ޢަބްދުލްޙަމީދު އައްޝިރުވާނިއްޔު ވިދާޅުވިއެވެ.
“ޙަދީޘުގައި މި އައިސްފައިވާ ބަސްފުޅުގެ މުރާދަކީ: އެއީ އޭތި އުފެއްދެވިފައިވާ އަޞްލަކީ އެއީކަމުގައެވެ. އަދި “އެ ސޮރު އަލިފާނަށް ފުމުން…” މި ކަމުން އިބްރާހީމުގެފާނަށް މާތްކޮށް ހިތުމުގެ ގޮތުން މި ސޮރަށް ނުރުހުންތެރިވާން ޖެހޭކަން އެނގެއެވެ.” [حَاشِيَةِ تُحْفَةُ الْمُحْتَاج (9 / 383)]
ދަންނަބޭކަލުން މީގެ ގެއްލުންތަކުގެ ތެރެއިން ބަޔާން ކުރައްވައިފައި ވެއެވެ.
“އޭތި (ކާއެއްޗެއް ހުރި) ކަންވާރެއްގެ ތެރެއަށް ފުންމާލައެވެ. ދެން އޭގެން އިންސާނާ ކެއުމުން އިންސާނާއަށް ވަރަށް ބޮޑެތި ގެއްލުންތައް ކުރިމަތި ވެއެވެ.” – މި ފަދައިން عُمْدَةُ الْقَارِي (15 / 250) ގައި ބަޔާން ވެގެންވެއެވެ.
އެއީ (އޭގެ ބައެއް ވައްތަރަކީ) ވިހަ ބޭރުކުރާ ސޫތްޕެކެވެ. އެ އުޅޭ ތަންތަނުގައި އުޅޭ މީހުންނަށް ނުރައްކާތެރި ބަލިތައް އޭތީގެ ސަބަބުން ޖެހެއެވެ.
މި ސޮރު ޤަތުލު ކުރާން އަންގަވައިފައިވާ ޢިއްލަތް ބަޔާން ކުރައްވަމުން އިމާމު ނަވަވީ ވިދާޅު ވެފައި ވެއެވެ. “ދަންނަބޭކަލުން އިއްތިފާޤުވާ ގޮތުގައި “އަލްވަޒަޣު” އެއީ ސޫފާސޫފީގެ ތެރެއިން ގެއްލުން ދެނިވި އެއްޗެކެވެ… އަދި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمވަނީ އެ އެތި ޤަތުލުކުރުމަށް އަމުރުކުރައްވައި އެކަމަށް ބާރު އަޅުއްވާފައެވެ. އެއީ އެ އެއްޗަކީ ގެއްލުން ދެނިވި އެއްޗެއްކަމުގައި ވާތީއެވެ.” [شَرْح مُسْلِم (14 / 236)]
މި ހުރިހާ ވާހަކައަކުން އެނގޭކަމަކީ:
ހޯނު ޤަތުލު ކުރެވެނީ އެ ނަސްލުގެ އެއްޗެހީގެ ތެރެއިން އިބްރާހީމުގެފާނުގެ ޒަމާނުގައި އުޅުނު އެއްޗެއް ކުޅަ ކަމަކުން ނޫން ކަމެވެ. އެހެނެއްކަމަކު އެއީ އެ އެއްޗަކީ އޭގެ ޒާތުގައި ނުރައްކާތެރި އަދި އިންސާނުންނަށް ގެއްލުން ދެނިވި އެއްޗެއްކަމުގައި ވާތީއެވެ. މީގައި ގެތަކާއި އެހެން ތަންތާންގައި އުޅޭ އެއްޗެހި ހަމަހަމަވެގެން ވެއެވެ.
މި ފުވައިސިޤު ޤަތުލު ކުރުމުގެ އަޖުރު ބަޔާން ކުރައްވައި އައިސްފައި ވެއެވެ.
މުސްލިމުގެ 2240ވަނަ ނަންބަރު ޙަދީޘުގައި އަބޫ ހުރައިރަތުގެފާނުގެ ކިބައިން ރިވާވެފައި ވެއެވެ. އެ ކަލޭގެފާނު ވިދާޅު ވިއެވެ. ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘް ކުރެއްވިއެވެ.
((مَنْ قَتَلَ وَزَغَةً فِي أَوَّلِ ضَرْبَةٍ فَلَهُ كَذَا وَكَذَا حَسَنَةً، وَمَنْ قَتَلَهَا فِي الضَّرْبَةِ الثَّانِيَةِ فَلَهُ كَذَا وَكَذَا حَسَنَةً، لِدُونِ الْأُولَى، وَإِنْ قَتَلَهَا فِي الضَّرْبَةِ الثَّالِثَةِ فَلَهُ كَذَا وَكَذَا حَسَنَةً، لِدُونِ الثَّانِيَةِ))
މާނައީ: “އެއް ފަހަރުން ޖަހައި ހޯނެއް މަރައިފި މީހަކަށް އެވެނި މިވެނި ހެޔޮކަމެއް ވެއެވެ. ދެ ފަހަރުން ޖަހައި މަރައިލިނަމަ އެ މީހަކަށް، އެކަތިފަހަރުން ޖަހައި މަރައިލި މީހާއަށް ވުރެ މަދުން، އެވެނި މިވެނި ހެޔޮކަމެއް ވެއެވެ. އަދި ތިން ފަހަރުން ޖަހައި މަރައިލި މީހާއަށް، ދެ އެތި ފަހަރުން ޖަހައި މަރައި ލީ މީހާއަށް ވުރެ މަދުން، އެވެނި މިވެނި ހެޔޮކަމެއް ވެއެވެ.”
وَاللهُ أَعْلَم.
ޖަވާބުގެ ޚުލާޞާ
ހޯނު ޤަތުލު ކުރެވެނީ އެ އެއްޗެހީގެ ތެރެއިން އިބްރާހީމުގެފާނުގެ ޒަމާނުގައި އުޅުނު އެއްޗެއް ކުޅަ ކަމަކުން ނޫނެވެ. އެހެނެއްކަމަކު އެއީ އެ އެއްޗަކީ އޭގެ ޒާތުގައި ނުރައްކާތެރި އަދި އިންސާނުންނަށް ގެއްލުން ދެނިވި އެއްޗެއްކަމުގައި ވާތީއެވެ. މިކަމުގައި ގެތަކާއި އެހެން ތަންތަނުގައި އުޅޭ ހޯނު ހަމަހަމަވެގެން ވެއެވެ.
= ނިމުނީ =