މީގެ އިތުރުން مسلمއަކު ހަނގުރާމައިގެ މައިދާނުގައި ކާފިރެއްކަމަށް ހީކޮށް مسلمއަކު قتل ކޮށްފިނަމަ އޭނާ ހަމައެކަނި ދިނުން ވާޖިބުވަނީ كفارةއެވެ. މިކަމަށް އިޝާރާތްކުރައްވާ މާތްﷲ وحي ކުރައްވާފައިވެއެވެ.
﴿وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَأً ۚ وَمَن قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ وَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ إِلَّا أَن يَصَّدَّقُوا ۚ فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ وَإِن كَانَ مِن قَوْمٍ بَيْنَكُمْ وَبَيْنَهُم مِّيثَاقٌ فَدِيَةٌ مُّسَلَّمَةٌ إِلَىٰ أَهْلِهِ وَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ تَوْبَةً مِّنَ اللَّهِ ۗ وَكَانَ اللَّهُ عَلِيمًا حَكِيمًا﴾[1]
މާނައީ: ”ކުށަކުން، އޮޅިގެން މެނުވީ مؤمن އަކު މެރުމަކީ، مؤمن އަކަށް އޮތްކަމެއް ނޫނެވެ. އަދި ކުށަކުން އޮޅިގެން مؤمن އަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށްހުރީ، مؤمن އަޅަކު މިނިވަންކުރުމާއި، އެ މަރުވިމީހާގެ أهل ވެރިންނާ حوال ކުރެވޭގޮތުގައި، މަރުގެދިޔަ ދިނުމެވެ. އެއީ، އެއުރެން (މާފުކުރުމަކުން) އެއިން صدقات ކުރިއްޔާ މެނުވީއެވެ. އަދި، މަރުވި މީހާއީ مؤمن އަކު ކަމުގައި ވުމާއެކު، ތިޔަބައިމީހުންނާ عداوةތެރި قومއެއްގެ މީހަކު ކަމުގައިވާނަމަ ފަހެ، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ. އަދި، އެބަޔަކާ ތިޔަބައިމީހުންނާ ދެމެދުގައި عهدއެއް ކުރެވިފައިވާ ބަޔެއްގެ ތެރެއިންވާ މީހަކުނަމަ، ފަހެ، އެމީހެއްގެ أهل ވެރިންނާ حوال ކުރެވޭގޮތުގައި މަރުގެދިޔަ ދިނުމާއި، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ. ފަހެ، (މިނިވަންކުރާނެ އަޅަކު) ނުލިބުނުމީހާ ފަހެ، ވިދިވިދިގެން ދެމަސްދުވަހު ރޯދަހިފުން ހުށްޓެވެ. (އެއީ) اللَّه ގެ حضرةން توبة ލިބިގަތުމެއްގެ ގޮތުގައެވެ. މޮޅަށް ދެނެވޮޑިގެންވާ حكيمވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެންވެއެވެ.“
އެހެންކަމުން މާތްﷲ ވަނީ القتل الخطأ ގެ ދެވައްތަރެއް وحي ކުރައްވާފައެވެ. އެއީ:
ފުރަތަމަ: القتل الخطأ ގެ ފުރަތަމަ ވައްތަރުގައި كفارة އަދާކުރުން واجبވެގެންވަނީ قاتلގެ މައްޗަށެވެ. އަދި دية އަދާކުރުން حقވެގެންވަނީ ޢާޤިލާއިންގެ މައްޗަށެވެ. އެއީ ހަނގުރާމާއިގެ މައިދާނުގައި مسلمއަކު كافرއެއް ނޫންކަން އެނގިހުރެ، މަރާލުމުގެ قصدއެއް ނެތި قتلކުރުމެވެ. مسلمއުންނާއެކު صلحގެ އެއްބަސްވުމެއް ވެފައިވާ މީހެއް ކުށަކުން މަރައިފިނަމަވެސް އެމީހާގެ މައްޗަށް ކުރިން ބުނެވިދިޔަ އަދަބު ލިބޭނެއެވެ.
ދެވަނަ: القتل الخطأ ގެ ދެވަނަ ވައްތަރަކީ ހަމައެކަނި دية ދިނުން واجبވެގެންވާ ވައްތަރެވެ. އެއީ ހަނގުރާމައިގެ މައިދާނުގައި މަރާލުމުގެ قصدއެއްނެތި كافرއެއްކަމަށް ހީކޮށް مسلمއަކު قتلކުރުމެވެ.
فتح القدير[2] ގައި الشوكاني ވިދާޅުވެފައިވެއެވެ.
މާތް ﷲ وحي ކުރައްވާފައިވެއެވެ. ﴿فَإِن كَانَ مِن قَوْمٍ عَدُوٍّ لَّكُمْ وَهُوَ مُؤْمِنٌ فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ ۖ﴾[3] މާނައީ: ”އަދި، މަރުވި މީހާއީ مؤمن އަކުކަމުގައި ވުމާއެކު، ތިޔަބައިމީހުންނާ عداوةތެރި قومއެއްގެ މީހަކު ކަމުގައިވާނަމަ ފަހެ، مؤمن އަޅަކު މިނިވަންކުރުން ހުށްޓެވެ.“ މި އާޔަތުން ދޭހަވާ ގޮތުގައި މަރާލެވުނުމީހަކީ مسلمންއާއި عداوةތެރި، مسلمއުންނާއި ހަގުރާމަ ކުރަމުންދާ، كافرބައެއްގެ ތެރޭގައިވާ مؤمنއެއްނަމަ، އެބަހީ كافر ޤައުމެއްގައިވާ مسلمއަކީ އަދިވެސް كافرއެއްކަމަށް ހީކޮށް قتل ކޮށްފިނަމަ، قاتلގެ ފަރާތުން دية ދިނުމެއް ނުވެއެވެ. އެހެންނަމަވެސް قاتلގެ މައްޗަށް مؤمنއަޅަކު މިނިވަން ކުރުން واجبވެގެންވެއެވެ.”
މިގޮތަށް كافرއެއް ކަމަށް ހީކޮށް مسلمއަކު قتلކުރުމުން ديةދިނުން واجبވެގެން ނުވާކަމުގައި مسلم علمވެރިންގެ ތެރޭގައި ޚިޔާލު ތަފާތުވެގެންވެއެވެ. ބައެއް علمވެރިން ދެކޭގޮތުގައި މަރުވި މީހާގެ ޢާއިލާއަކީ كافرންގެ ތެރެއިންވާ ބައެއްކަމުން އެމީހުނަށް މަރުގެ دية حقވެގެން ނުވާނެކަމަށެވެ. އަނެއްބައި علمވެރިން ދެކޭގޮތުގައި އިސްލާމްދީން قبولކޮށް، كافر ޤައުމަކުން هجرةނުކޮށް ތިބި مسلمންގެ ލޭ އެހެން مسلمންގެ ލެޔެކޭ އެއްދަރަޖައަށް މާތް ވެގެނެއް ނުވެއެވެ. އެއީ މާތް ﷲ وحي ކުރައްވާފައިވެއެވެ. ﴿وَالَّذِينَ آمَنُوا وَلَمْ يُهَاجِرُوا مَا لَكُم مِّن وَلَايَتِهِم مِّن شَيْءٍ حَتَّىٰ يُهَاجِرُوا﴾[4] މާނައީ: ”އަދި إيمانވެ هجرة ނުކޮށްތިބި މީހުން (ދަންނާށެވެ!) އެއުރެން هجرة ކޮށްފުމަށްދާނދެން، އެއުރެންނަށް އެހީތެރިވުމުގެ އެއްވެސްކަމެއް ތިޔަބައިމީހުންނަކަށް ނެތެވެ.“ އެހެންނަމަވެސް ބައެއް علمވެރިން ދެކިލައްވާ ގޮތުގައި މި ޙާލަތުގައި دية ދިނުން واجبވެގެންވެއެވެ. އަދި އެ دية ދިނުން حقވެގެންވަނީ بيت المال އިންނެވެ.
شيخ الإسلام ابن تيمية ވިދާޅުވެފައިވެއެވެ.
”كافرންގެ ތެރެއިންވާ مسلمއަކު ކުށަކުން قتل ކުރެވިއްޖެނަމަ دية ދިނުން واجبވާނެއެވެ. އެއީ އޭނާއަކީ هجرة ކުރެވޭނެ ގޮތެއް ނެތި ނުވަތަ ބަންދު ކުރެވިފައިވާ މީހުންގެ ތެރޭގައިވާ މީހަކަށް ވާނަމައެވެ. މިއާ ޚިލާފަށް مسلمންގެ عدوން ތެރޭގައި ފުރިހަމަ އިޚްތިޔާރާއެކު އުޅެ، އެމީހުންނާއި އެއްޞަފެއްގައި ހަނގުރާމަ ކުރުމުގައި ބައިވެރިވުމުގެ ސަބަބުން قتلވެއްޖެނަމަ دية ދިނުމެއް ނުވެއެވެ. އެއީ އޭނާ އަމިއްލައަށް އެއްވެސް عذرކާއި ނުލައި އޭނަގެ نفس ނުރައްކަލުގެ ތެރެއަށް ހުށައެޅީތީއެވެ.“
[1] سورة النساء: 92.
[2] فتح القدير الجامع بين فني الرواية والدراية من علم التفسير لمحمد بن علي بن محمد بن عبد الله الشوكاني: [1/792].
[3] سورة النساء: 92.
[4] سورة الأنفال: 72.