[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފިތުނަ ފާޅުވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ފިތުނަތައް ފާޅުވުމަކީ ޤިޔާމަތްވުމުގެ ކުދި ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.

 

ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِنَّ بَيْنَ يَدَيِ السَّاعَةِ فِتَنًا كَقِطَعِ اللَّيْلِ الْمُظْلِمِ، يُصْبِحُ الرَّجُلُ فِيهَا مُؤْمِنًا، وَيُمْسِي كَافِرًا، وَيُمْسِي مُؤْمِنًا، وَيُصْبِحُ كَافِرًا، الْقَاعِدُ فِيهَا خَيْرٌ مِنَ الْقَائِمِ، وَالْقَائِمُ فِيهَا خَيْرٌ مِنَ الْمَاشِي، وَالْمَاشِي فِيهَا خَيْرٌ مِنَ السَّاعِي، فَكَسِّرُوا قِسِيَّكُمْ، وَقَطِّعُوا أَوْتَارَكُمْ، وَاضْرِبُوا بِسُيُوفِكُمُ الْحِجَارَةَ، فَإِنْ دُخِلَ عَلَى أَحَدِكُمْ، فَلْيَكُنْ كَخَيْرِ ابْنَيْ آدَمَ» [رواه أحمد وأبو داود وابن ماجه والحاكم وصححه الألباني]

މާނައީ: “ހަމަކަށަވަރުން ކަޅުފޮއި ރެއެއްގެ އަނދިރިގަނޑެއްފަދަ ފިތުނަތަކެއް ޤިޔާމަތުގެ ކުރިން ހިނގާނެއެވެ. (އެހިނދުގައި) މުއުމިނެއްގެ ގޮތުގައި ހެނދުނުކުރާ މީހާ ކާފިރުކަން މަތީ ހަވީރު ކުރާނެއެވެ. އަދި މުއުމިނެއްގެ ގޮތުގައި ހަވީރުކުރާ މީހާ ކާފިރުކަން މަތީ ހެނދުނު ކުރާނެއެވެ. އެހިނދުގައި އިށީނދެ އިންނަމީހާ، ކޮޅަށް ހުންނަ މީހާއަށްވުރެ ހެޔޮކަން ބޮޑެވެ. އަދި ހިނގާ މީހާއަށްވުރެ ކޮޅަށްހުންނަމީހާ ހެޔޮކަން ބޮޑެވެ. އަދި ދުވާ މީހާއަށްވުރެ ހިނގާމީހާ ހެޔޮކަން ބޮޑެވެ. ފަހެ (އެހިނދު) ތިޔަބައިމީހުންގެ ދުނިތައް ހަލާކުކޮށްލާށެވެ. އަދި ދުނިތަކުގެ ވާތައް ބުރިކޮށްލާށެވެ. އަދި ތިޔަބައިމީހުންގެ ކަނޑިތަކުން ހިލަގަނޑުގަނޑުގައި ތަޅާށެވެ. (އެބަހީ: ކަނޑިތައްވެސް ހަލާކުކުރާށެވެ.) ދެންފަހެ ތިޔަބައިމީހުންގެ ގާތަށް އެއިންކަމެއް އަތުވެއްޖެނަމަ ފަހެ އާދަމުގެފާނުގެ ދެ ދަރިންކުރެ އެންމެ ހެޔޮމީހާ ފަދައިން ވާށެވެ.”

 

الفِتَنُ އަކީ: فِتْنَة ގެ ގިނަ ގޮތެވެ. އޭގެ މާނައަކީ އިމްތިޙާނެވެ. އަދި ކުފުރުވުމާއި މީހުން މެރުން އަދި ތަންތަން އެންދުންފަދަ ނުރުހުންތެރިވާފަދަ ކަންކަމަށްވެސް ފިތުނައޭ ކިޔާ އުޅެއެވެ.

ފިތުނަތަކުން ރައްކާތެރިވުމަށް އެތައް ޙަދީޘެއްގައި ނަބިއްޔާ صلى الله عليه وسلم ވަނީ ބާރުއަޅުއްވާފައެވެ. އަދި މިއުންމަތުގެ ފަހުކޮޅުގައި ބޮޑެތި އިމްތިޙާނުތަކާއި ފިތުނަތައް ކުރިމަތިވާނެކަމަށް އެކަލޭގެފާނުވަނީ ބަޔާންކުރައްވާފައެވެ. އެކަމުގައި ސަލާމަތުގެ މަގަކީ ﷲއާއި ޤިޔާމަތްދުވަހަށް އީމާންވުމާއި މުސްލިމުންގެ ޖަމާޢަތާ އެކުގައިވުމާއި ފިތުނަތަކާއި ދުރުހެލިވުމާ އަދި އެކަމުން ރައްކާތެރިކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ގިނަގިނައިން ދުޢާދެންނެވުމެވެ.

ނަބިއްޔާ صلى الله عليه وسلم ޚަބަރުދެއްވާފައިވާ ފަދައިން، މުސްލިމުންގެ ތެރޭގައި ފާޅުވި ގިނަ ފިތުނަތައް ފާޅުވެފައިވަނީ އިރުމަތީ ފަރާތުގެ ރަށްތަކުންނެވެ. ޚަވާރިޖުންނާއި[1] ރާފިޟީންނާއި[2] ބާޠިނީންނާއި[3] ޤަދަރީންނާއި[4] ޖަހުމީންނާއި[5] މުޢުތަޒިލީންނާ[6] އަދި ކުފުރުގެ ގިނަ ފިކުރުތައް އުފަންވެފައިވަނީވެސް އިރުމަތީ ފަރާތުގެ ރަށްތަކުގައެވެ.

 


 

[1] ޚަވާރިޖުންނަކީ: މުސްލިމުންގެ ޖަމާޢަތުން ބޭރުވެ، ޙައްޤަކާ ނުލާ މުސްލިމުން ކާފިރުކޮށް، މުސްލިމުންގެ ލޭ ހުއްދަކުރާ ބަޔެކެވެ. އަދި ޢާންމު ގޮތެއްގައި މިފަދަ މީހުން ދުލުންނާއި ހަތިޔާރުން ވެރިންނާ ދެކޮޅުވެރިވާނެއެވެ. ޢަޤަދީ ފިރުޤާއެއްގެ ގޮތުގައި މިބައިމީހުން ފާޅުވެފައިވަނީ ޢަލީގެފާނުގެ ޚިލާފަތުގެ ދުވަސްވަރެވެ. (ބައްލަވާ: فتح المنان لد. طارق بن سعيد القحطاني /  ص: 103-105)

[2] ރާފިޟީން: މިނަމަކީ ވަރަށް ގިނަ ޖަމާޢަތްތަކަކަށް ނިސްބަތްކުރެވޭ ނަމެކެވެ. މި ޖަމާޢަތްތަކުގެ މައިގަނޑު ސިފަތަކަކީ ޢަލީގެފާނަކީ އިމާމެއްކަމުގައި ބުނުމާއި ޢަލީގެފާނުގެ ދަރިފަސްކޮޅުގައި އިމާމުވެރިކަން ވާނޭކަމަށް ނަބިއްޔާ صلى الله عليه وسلم ޞަރީޙަ ނައްޞުން ވަޞިއްޔަތްކުރައްވާފައިވާކަމަށް ބުނުމާއި އަހުލުބައިތުން މަތިވެރިކުރުމުގައި ހައްދުފަހަނަ އެޅުމާއި އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚަލީފާކަމަށް އިންކާރުކުރުމާ އަދި ޞަޙާބީ ބޭކަލުންނީ ކާފިރުންކަމުގައި ދެކުމެވެ. މިބައިމީހުންނަށް މިނަމުން ނަން ދެވުނީ އަބޫބަކުރުގެފާނާއި ޢުމަރުގެފާނުގެ ޚިލާފަތަށް އިންކާރުކޮށް ޞަހާބީ ބޭކަލުންނާ މިބައިމީހުން ދުރުވެގަތް ހިސާބުންނެވެ. އަދި މިބައިމީހުންނަށް ޝިޔަޢީންނޭވެސް ކިޔާ އުޅެއެވެ.  (ބައްލަވާ: فرق معاصرة لغالب العواجي (1/316)، وفتح المنان لد. طارق بن سعيد القحطاني /  ص:  141)

[3] ބާޠިނީން: މިނަމަކީ ވަރަށް ގިނަ ޖަމާޢަތްތަކަކަށް ނިސްބަތްކުރެވޭ ނަމެކެވެ. މި ޖަމާޢަތްތަކުގެ މައިގަނޑު ސިފަތަކަކީ ޝަރުޢީ ނައްޞުތަކުގައި އެތެރެފުށުގެ މާނައަކާއި ބޭރެފުށުގެ މާނައެއް ވާކަމަށް ބުނުމާއި އޭގެ ތެރެއިން ބޭރުފުށުގެ މާނަ ދޫކޮށްލާފައި އެތެރެފުށުގެ މާނައިގައި ހިފުމަކީ ވާޖިބެއްކަމުގައި ބުނުމާއި އެތެރެފުށުގެ މާނަ އެނގިއްޖެމީހެއްގެ ކިބައިން ތަކުލީފު ކެނޑިގެންދާކަމަށް ބުނުމާއި ﷲ ތަޢާލާގެ ޞިފަފުޅުތައް އެކުއެކީ ނަފީކުރުމާއި އެބައިމީހުންގެ އިމާމުންނަކީ އިލާހުންކަމުގައި ބުނުމާ އަދި އިސްލާމީ ޝަރީޢަތް ބާޠިލުވެއްޖަކަމަށް ބުނުމެވެ. މިބައިމީހުން ފާޅުވެފައިވަނީ ހިޖުރައިން 200-300 ދެމެދުގައެވެ. މިޢަޤީދާއަށް ނިސްބަތްވާ ބައެއް ފިރުޤާތަކުގެ ތެރޭގައި އިސްމާޢީލިއްޔާއިންނާއި ނުޞައިރިއްޔާއާއި ދުރޫޒާއި ޤާދިޔާނިއްޔާ އަދި ބަހާއިއްޔާ (ނުވަތަ ބާބިއްޔާ) އިން ހިމެނެއެވެ. (ބައްލަވާ: فتح المنان لد. طارق بن سعيد القحطاني /  ص: 187)

[4]  ޤަދަރީން: މިއީ ޤަޟާ ޤަދަރާ ގުޅުންހުރި ބައެއް ކަންކަމުގައި މަގު ފުރެދިފައިވާ ފިރުޤާއެކެވެ. މިފަދަ ވާހަކަތަކެއް ބަޞްރާގައި އެންމެ ފުރަތަމަ ޢާންމުކުރި މީހަކީ މަޢުބަދު އަލްޖުހަނީ ކިޔާ މީހެކެވެ. (ބައްލަވާ: مجلة البحوث الإسلامية /  (34/235))

[5] ޖަހުމީން: މި ފިރުޤާ ނިސްބަތްކުރެވެނީ ޖަހުމު ބުން ޞަފްވާނު ކިޔާ މީހަކަށެވެ. އޭނާއަކީ ކުފުރުގެ ވަރަށް ގިނަ ޢަޤީދާތައް އާލާކޮށްފައިވާ މީހެކެވެ. އެގޮތުން ﷲ ތަޢާލާގެ ހުރިހާ އިސްމުފުޅުތަކާއި ޞިފަފުޅުތައް ނަފީކުރުމާއި ޤިޔާމަތްދުވަހު ހިނގާނޭ ވަރަށް ގިނަ ކަންތައްތަކަށް އިންކާރުކުރުމާއި ޤުރުއާނަކީ މަޚްލޫޤެކޭ ބުނުމާ އަދިވެސް މިފަދަ އެތައް ޢަޤީދާއެއް ހިމެނެއެވެ. (ބައްލަވާ: فتح المنان لد. طارق بن سعيد القحطاني /  ص: 211)

[6] މުޢުތަޒިލީންނަކީ: ހިޖުރައިން ދެވަނަ ޤަރުނުގައި ފާޅުވި ފިރުޤާއެކެވެ. މިފިރުޤާގެ ޒަޢީމަކީ ވާޞިލު ބުން ޢަޠާއެވެ. ޢަޤީދާގައި މިބައިމީހުންގެ ގިނަ ރައުޔުތަކަކީ ޖަހުމީންގެ ފުށުން ކުރި ފަޅައިގެން އައިސްފައިވާ ރައުޔުތަކެކެވެ. (ބައްލަވާ: فتح المنان لد. طارق بن سعيد القحطاني /  ص: 214)