ތިންވަނައީ: ނަޖިހުން ޠާހިތުވެހުރުން :
ނަމާދުގެ ޝަރުޠުތަކުގެ ތެރޭގައި ނަޖިހުން ޠާހިރުވެހުރުން ވެއެވެ. އެއީ ނަމާދުކުރާމީހާ ނަޖިހުން ދުރުވެ ރައްކާތެރިވުމަށްޓަކައެވެ. އެއީ އެމީހާގެ ހަށިގަނޑާއި ފޭރާމާއި އަދި ނަމާކުރާތަން ނަޖިހުން ފުރިހަމައަށް ޠާހިރުކުރުމެވެ. ނަޖިހަކީ ނަމާދުކުރުން މަނާކުރާ ޚާއްޞަތަކެއްޗެވެ. އޭގެ ތެރޭގައި މުޅަތަކެއްޗާއި، ކުޑަކަމުދާ ތަކެއްޗާއި، ބޮޑުކަމުދާތަކެތި ހިމެނެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَثِيَابَكَ فَطَهِّرْ)) المدثر: 4 މާނައީ: “އަދި ކަލޭގެފާނުގެ ހެދުންކޮޅު ޠާހިރުކުރައްވާހުށިކަމެވެ.” އިބުން ސީރީން ރަޙިމަހުﷲ (މިއާޔަތާއި ގުޅޭގޮތުން) ވިދާޅުވެފައިވެއެވެ. “(އެބަހީ) ހެދުންކޮޅު ފެނުން ދޮންނާށެވެ.” އަދި އެކަލާގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. ((تَنَزَّهُوا مِنَ الْبَوْلِ، فَإِنَّ عَامَّةَ عَذَابِ الْقَبْرِ مِنَ الْبَوْلِ)) މާނައީ: “ކުޑަކަމުދާތަކެތިން ރައްކާތެރިވާށެވެ. ފަހެ، ހަމަކަށަވަރުން އާއްމުކޮށް ކަށްވަޅުގައި ޢަޒާބުދެވޭކަމަކީ ކުޑަކަމުދާ ތަކެތީގެ ސަބަބުންނެވެ. (އެބަހީ، ކުޑަކަމުދާތަކެތީގެ ތިކިތަކުން ރައްކާތެރިނުވުމުގެ ސަބަބުންނެވެ.)” {ދާރަޤުޠުނީ: 2، އިރުވާއުލް ޣަލީލު (280) ގައި ޝެއިޚް އަލްބާނީ ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.} އަދި ޙައިޟުގެ ލޭ ހެދުމުގައި ޖެހިއްޖެނަމަ، އެހެދުން ދޮވުމަށްފަހު، އެހެދުމުގައި ނަމާދުކުރުމަށް ރަސޫލާﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަންހެނަކަށް އިރުޝާދުދެއްވިއެވެ. އަދި (ފައިވާނުގައި ނަޖިހެއްވާނަމަ) ފައިވާން ބިންމަތީގައި ރަނގަޅަށް އުނގުޅުމަށްފަހު އެއާއިއެކު ނަމާދުކުރުމަށް އިރުޝާދުދެއްވިއެވެ. އަދި މިސްކިތުގައި ކުޑަކަމު ގޮސްފައިވާ ތަނަކަށް ފެން އެޅުމަށްވެސް އަމުރުކުރެއްވިއެވެ. މިފަދަ އެތައް ދަލީލުތަކެއް ނަޖިހުން ޠާހިރުވުމަށް ދަލީލުކުރެއެވެ. ނަމާދުކުރާމީހާގެ ހަށިގަނޑުގައި ނުވަތަ ފޭރާމުގައި ނުވަތަ ނަމާދުކުރާތަނުގައި ނަޖިހެއް ހުއްޓައި ނަމާދުކޮށްފިނަމަ އެނަމާދު ޞައްޙައެއް ނުވާނެއެވެ. ހަމައެފަދައިން ނަޖިސް ހުރިއެއްޗެއް އުފުލައިގެންހުރެ ނަމާދު ކުރިކަމުގައިވީނަމަވެސް އެނަމާދު ޞައްޙައެއް ނުވާނެއެވެ.
ނަމާދުކޮށް އަވަދިވުމަށްފަހު ނަޖިހެއް ފެނި، އެނަޖިސް ޖެހުނީ ކޮންވަގުތަކު ކަމެއް ނޭނގޭނަމަ އެނަމާދު ޞައްޙަވެގެންވެއެވެ. ހަމައެފަދައިން ނަމާދުކުރުމުގެ ކުރިން ނަޖިހެއްހުރިކަން ދެނެހުރެ، ނަމަވެސް އެނަޖިސް ފިލުވައިލާން ހަނދާންނެތިއްޖެމީހާގެ ނަމާދު ދަންނައެވެ. ޢިލްމުވެރިންގެ ބަސްތަކުގެ ތެރެއިން ޞައްޙަވެގެންވާ ބަހަކީ އެނަމާދު ޞައްޙަވާނޭކަމަށް އޮތް ބަސްފުޅެވެ.
ނަމާދުގެ ތެރޭގައި ނަޖިހެއްހުރިކަން އެނގިއްޖެކަމުގައިވާނަމަ، އަދި ފައިވާން ފަގުޑި ފަދައެއްޗެއް ބޭލުންފަދަ ގިނަ ޙަރަކާތްތަކަކާއިނުލައި އެނަޖިސް ފިލުވައިލެވޭނަމަ، ނަމާދުގައި ހުރެގެން އެނަޖިހެއް ފިލުވައިލާނީއެވެ. ނަމަވެސް ފަސޭހައިން ފިލުވައި ނުލެވޭކަމުގައިވަނީނަމަ ނަމާދު ބާޠިލުވާނެއެވެ. އަބޫ ސަޢީދުލް ޚުދްރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ އަޞްޙާބުންނާއެކު ނަމާދުކުރައްވަނިކޮށް، އެކަލޭގެފާނުގެ ފައިވާންޖޯޑުކޮޅު ބާލުއްވައި، އެކަލޭގެފާނުގެ ވާތްފަރާތުގައި ބެހެއްޓެވިއެވެ. ފަހެ، ޞަޙާބީންނަށް މިތަންފެނިވަޑައިގެން އެބޭކަލުންގެ ފައިވާންތައްވެސް އެއްލަވާލެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ނަމާދުން އަވަދިވަޑައިގެން ޙަދީޘްކުރެއްވިއެވެ. ((ތިޔަބައިމީހުންގެ ފައިވާންތައް އެއްލާލުމަށް މެދުވެރިކުރުވީ ކޮންކަމެއްހެއްޔެވެ؟)) އެބޭކަލުން ދެންނެވިއެވެ. ތިމަންމެނަށް ކަލޭގެފާނު ފައިވާންޖޯޑުކޮޅު އެއްލަވާލެއްވިތަން ފެނުމުން، ތިމަންމެންވެސް އެއްލާލީއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((ހަމަކަށަވަރުން ޖިބްރީލުގެފާނު ވަޑައިގެން އެދެފައިވާންޖޯޑުކޮޅުގައި ހަޑިއެއްޗެއް ހުރިކަމުގެ ޚަބަރު ދެއްވިއެވެ.)) {އަބޫދާވުދު: 650، އިރުވާއުލް ޣަލީލު (284) ގައި ޝެއިޚް އަލްބާނީ ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.}
ޤަބުރުސްތާނުގައި ޖަނާޒާ ނަމާދު ފިޔަވައި އެހެން ނަމާދެއްކުރުން ޞައްޙަވެގެންނުވެއެވެ. ރަސޫލާﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރައްވާފައިވެއެވެ. ((الأَرْضُ كُلُّهَا مَسْجِدٌ إِلاَّ الْحَمَّامَ وَالْمَقْبُرَةَ)) މާނައީ: ” ޤަބްރުސްތާނާއި ފާޚާނާތައް ފިޔަވައި ބިމުގެ ހުރިހާ ތަނަކީ މިސްކިތެވެ.” {އަބޫދާވުދު: 492، ތިރުމިޛީ: 317، އިބްނުމާޖާ: 745، ޞަޙީޙް އަބީދާވުދު (507) ގައި ޝެއިޚް އަލްބާނީ ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.} ޤަބުރުސްތާނުގައި ނުވަތަ ޤަބުރުކައިރީ ނަމާދުކުރުން ނަހީ ކުރައްވާފައި ވަނީ އެތަނުގައި ނަޖިހެއް ހުރެދާނެކަމުގެ ބިރަށްޓަކައެއްނޫނެވެ. އެހެނެއްކަމަކު، އެޤަބުރުތަކަށް މަތިވެރިކުރެވިގެން، އެޤަބުރުތަކަށް އަޅުކަންކުރެވިދާނެކަމުގެ ބިރަށްޓަކައެވެ. ފަހެ، އެއީ ޤަބުރަށް އަޅުކަންކުރެވިދާނެކަމުގެ ބިރަށްޓަކައި، ކުރިއާލައި އެކަން މަނާކުރުމުގެ ގޮތުންނެވެ. ކަށުނަމާދު މީގެ ތެރެއިން އިސްތިޘްނާވެގެންވެއެވެ. ކަށުނަމާދު ޤަބުރުސްތާނުގައި ކުރުމަކީ ހުއްދަކަމެކެވެ. އެހެނީ، ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެފަދައިން ޢަމަލުކުރައްވާފައިވެއެވެ. އެހެންކަމުން، ޤަބުރުސްތާނުގެ ނަންކިޔޭ އެންމެހާ ހިސާބެއް މިނަހީގެ ތެރެއަށް ވަންނަހުއްޓެވެ. ހަމައެފަދައިން މިސްކިތުގެ ތެރޭގައި ޤިބުލަ ޤަބުރަކަށްވާގޮތަށް ބިނާކުރެވިފައިވާ މިސްކިތެއްގައި ނަމާދުކުރުން ޞައްޙައެއް ނުވާނެއެވެ.
ޤަޟާޙާޖާކުރުމަށް ހަދާފައިވާ ފާޚާނާތަކުގައި ނަމާދުކުރުން ޞައްޙައެއް ނުވާނެއެވެ. އަދި އެފަދަ ފާޚާނާތަކުގައި ނަމާދުކުރުން މަނާވެގެންވެއެވެ. އެހެނީ، އެތަންތަނަކީ ނަޖިސް ބޭރުކުރުމަށް ޚާއްޞަވެގެންވާ ތަންތަނެވެ. އަދި ޝަރުޢުގައި އެތަންތަނުގައި ﷲ ގެ ޛިކުރުކުރުން މަނާވެގެންވާއިރު، އެތަންތަނުގައި ނަމާދުކުރުން މަނާވެގެންވުން އައުލާވެގެންވެއެވެ. އެހެނީ، ފާޚާނާތަކަކީ އެތަންތަނުގައި ޝައިޠާނުން އުޅޭނެ ތަންތަނެވެ.
އަދި ހަމައެކަނި ފެންވެރުމަށް ޚާއްޞަކޮށްފައިވާ ފެންވަރާތަންތަނުގައިވެސް ނަމާދުކުރުން ޞައްޙައެއް ނުވާނެއެވެ. އެހެނީ، އެތަންތަނަކީ ފެންވެރުމަށް ޚާއްޞަވެގެންވާ ތަންތަނެވެ. އަދި އެތަންތަނަކީ ޢަވްރަ ކަޝްފުކޮށް ހަދާ ތަންތަނެވެ. އަދި ޝައިތާނުންގެ ޖަގަހަވެސްމެއެވެ. ފެންވަރާތަނުގެ ދޮރު ލެއްޕުމުން ބަންދުވާ އެންމެހާ ހިސާބެއް މީގެ ތެރެއަށް ވަންނާނެއެވެ.
ޖަމަލު ގެންގުޅޭ ކޮށިތަކުގައިވެސް ނަމާދުކުރުން ޞައްޙައެއް ނުވާނެއެވެ. ޝެއިޚް ތަޤިއްޔުއްދީން (އިބުނު ތައިމިއްޔާ) ވިދާޅުވެފައިވެއެވެ. “ޖަމަލު ގެންގުޅޭ ކޮށިތަކުގައި ނަމާދުކުރުންވަނީ ނަހީކުރައްވާފައެވެ. އެހެނީ، އެތަންތަނަކީ ޝައިތާނުންގެ ޖަގަހައެވެ. ފާޚާނާތަކުގައި ނަމާދުކުރުން ޞައްޙަވެގެންނުވާ ފަދައިންނެވެ. އެތަންތަނަކީވެސް ޝައިތާނުންގެ ޖަގަހައެވެ. ވުމާއިއެކު، ނުބައިވެގެންވާ ރޫޙުތައް އުޅޭތަންތަނުގައި ނަމާދުކުރުމުން ދުރުހެލިވުން ޙައްޤުކަންބޮޑެވެ.” (މަޖުމޫޢުލް ފަތާވާ: 25/240)
އަދި ތަޞްވީރު ހުންނަ ތަންތަނުގައި ނަމާދުކުރުން މަކުރޫޙަވެގެންވެއެވެ. އަލްއިމާމް އިބުން ޤައްޔިމް ވިދާޅުވެފައިވެއެވެ. “ފާޚާނާތަކުގައި ނަމާދުކުރުމަށްވުރެ، މިފަދަ ތަންތަނުގައި (އެބަހީ ތަޞްވީރު ހުންނަ ތަންތަނުގައި) ނަމާދުކުރުން މަނާވެގެންވުން ޙައްޤުކަން ބޮޑެވެ. އެހެނީ، އެތަންތަނުގައި ނަމާދުކުރުން ހުއްދަވެގެންނުވަނީ، އެތަންތަނުގައި ނަޖިސް އެކުލެވިގެންވާތީއެވެ. ނުވަތަ ޝައިތާނުންގެ ގެއަކަށްވާތީއެވެ. އަދި ތަޞްވީރު ހުރި ތަންތަނުގެ ވާހަކަ ދަންނައެވެ. އެފަދަ ތަންތަނަކީ (އެބަހީ ތަޞްވީރު ހުންނަ ތަންތަނަކީ) ޝިރުކުގެ ތަންތަނެވެ. ކުރީގެ ގިނަ އުއްމަތްތައް ޝިރުކުގެ ތެރެއަށް ވަދެގެންދިޔައީ ތަޞްވީރުގެ ސަބަބުންނާއި ޤަބުރުތަކުގެ ސަބަބުންނެވެ.” (ޒާދުލްމަޢާދު: 3/458)
އޭ މުސްލިމް އަޚާއެވެ! ތިބާގެ މައްޗަށްވަނީ، ތިބާގެ ނަމާދުތަކާމެދު ފަރުވާތެރިވުމެވެ. ފަހެ، ނަމާދުކުރަން ފެށުމުގެކުރިން ނަޖިހުން ޠާހިރުވާށެވެ. އަދި ނަމާދުކުރުން ނަހީކުރައްވާފައިވާ ތަންތަނުގައި ނަމާދުކުރުމުން އެއްކިބާވާށެވެ. އެއީ ތިބާގެ ނަމާދަކީ ﷲ ޝަރުޢުކުރައްވާފައިވާގޮތާއި އެއްގޮތަށްކުރެވޭ ޞައްޙަ ނަމާދެއްކަމުގައި ހެދުމަށްޓަކައެވެ. ނަމާދުގެ ޙުކުމްތަކާމެދު ފަރުވާކުޑަކޮށް އަޅާނުލާ ދޫކޮށްނުލާށެވެ. އެހެނީ، ނަމާދަކީ ތިބާގެ ދީނުގެ ތަނބެވެ. ނަމާދުފުރިހަމަކޮށްފިނަމަ ދީން ފުރިހަމަކޮށްފިއެވެ. އަދި ނަމާދާއިމެދު ފަރުވާކުޑަކޮށްފިނަމަ ދީން މުގުރާލައިފިއެވެ. (ނުނިމޭ)
__________________________
މަރުޖިޢު:
* އަލްމުލައްޚަޞުލް ފިޤުހީ – ޞާލިޙު ބިން ފަވްޒާން އާލްފަވްޒާން. (ކުދި ބަދަލުތަކާއެކު)