ދެވަނަ އަޞްލު
ފަލްސަފީ ނަޒަރިއްޔާތުތައް
ފަލްސަފާގެ އަހުލުވެރިންގެ ގާތުގައި އެންމެ މުހިންމު ނަޒަރިއްޔާތުތަކުގެ ތެރޭގައި:
ފުރަތަމައީ: ބުއްދި މަތިވެރިކުރުން
އެއީ ބުއްދިން ހުރިހާކަމެއް ދެނެގަނެވޭނެކަމަށް ޤަބޫލުކުރުމެވެ. އަދި ވުޖޫދުގައިވާ ކޮންމެ އެއްޗަކީ އިޙުސާސް ކުރެވޭ އެއްޗެއްކަމަށް ދެކުމެވެ. އެމީހުން މިކަމުގައި މިވަނީ ބުއްދިއާއި ޙިއްސާވެސް ޚިލާފުވެފައެވެ. އެހެނީ އިންސާނާގެ ބުއްދިއަކީ ހުރިހާކަމެއްގެ ޙަޤީޤަތް ދެނެގަނެވޭ ވަރަށް ވުރެ މާ ބަލިކަށި އެއްޗެކެވެ.
އިބްނު ބައްޠާ رحمه الله ރިވާކުރެއްވިއެވެ.
ހަމަކަށަވަރުން އިބްނު ޢައްބާސް رضي الله عنهما ގެ އަރިހަށް މީހަކު އޭނާގެ ދަރިފުޅު ގޮވައިގެން އަތުވެއްޖެއެވެ. އަދި ދެންނެވިއެވެ.
“ޖަދަލުކުރަމުން ގޮސް މީނާގެ ސިކުނޑި މިހާރު މިވަނީ ޙައިރާންކަމެއްގެ ތެރޭގައެވެ. އަދި ދެބަސްވުމުގެ ސަބަބުން މީނާގެ ހިތްވެސް ގެއްލެނިވެއްޖެއެވެ. އަދި ތަކައްލުފު ބޮޑުވެގެން ގޮސް މިހާރު މީނާގެ ރައްބުވެސް މީނާއަށް ނޭނގެއެވެ.”
އިބްނު ޢައްބާސް رضي الله عنهما ވިދާޅުވިއެވެ.
“އޭ އަހަރެންގެ އަޚާގެ ދަރިފުޅާއެވެ! ލޯ ދިއްކޮށްގެން ރަނގަޅަށް ބަލާށެވެ. ތިބާއަށް އެ ފެންނަނީ ކޮން އަނދިރިކަމެއް ހެއްޔެވެ؟”
އެ ކުއްޖާ ބުންޏެވެ.
“އެއީ މިވެނި މީހެކެވެ.”
އެކަލޭގެފާނު ވިދާޅުވިއެވެ.
“ތިޔައީ ތެދެކެވެ.”
ދެން ވިދާޅުވިއެވެ.
“ދެން އޭނާގެ ފަހަތުގައި ހިޔަންޏެއް ހެން އެ ފެންނަނީ ކޮން އެއްޗެއް ހެއްޔެވެ؟”
އެ ކުއްޖާ ބުންޏެވެ.
“ނޭނގެއެވެ.”
ދެން އެކަލޭގެފާނު ވިދާޅުވިއެވެ.
“އޭ އަހަރެންގެ އަޚާގެ ދަރިފުޅާއެވެ! ފަހެ ލޯތަކަށްވެސް ފަހަނަ އަޅާ ނުދެވޭ، ފަރުދާ ކުރެވިގެންވާ މިންވަރެއް ލައްވާފައިވާ ފަދައިން، ހިތުގެ ފެނުމަށްވެސް ފަހަނަ އަޅާ ނުދެވޭ މިންވަރެއް ވަނީ ލައްވާފައެވެ. އެ ގިރާކޮށްފައި ނުދެވޭނެއެވެ.”
ފަހެ ﷲ އޭނާގެ ބުއްދިއަށް ލިބިފައިވާ ބީރައްޓެހިކަން ރައްދުކޮށްދެއްވިއެވެ. އަދި އޭނާއާ ނުބެހޭ ކަންކަމުގައި ސުވާލުކުރުން އެކުއްޖާ ހުއްޓާލިއެވެ. އަދި ފައިދާ ނުވާ ކަންކަމާ މެދު ވިސްނުންވެސް ހުއްޓާލިއެވެ. އަދި ޙައިރާންވެ އަންތަރީސްވާ ކަންކަމާ މެދު ވިސްނުންވެސް ދޫކޮށްލިއެވެ. [1]
ހަމަ އެފަދައިން ޙިއްސަކީވެސް މިންވަރު ކަނޑައެޅިފައިވާ އެއްޗެކެވެ. އެހެނީ ވުޖޫދުގައިވާ ހުރިހާ އެއްޗެއް އިޙްސާސެއް ނުވެއެވެ. ފަހެ ޙިއްސުވާ އެއްޗެއް ވުޖޫދުގައިވާކަމަށް އަޅުގަނޑުމެން ޤަބޫލު ކުރަމެވެ. އެހެނަސް ޙިއްސު ނުވާ އެއްޗެއް ވުޖޫދުގައި ނުވާކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
ވުޖޫދުގައިވާ އެއްޗެހި ހަމައެކަނި ޙިއްސުތަކުން ދެނެގަތުމަކީ ރަނގަޅު މިންގަނޑެއް ނޫނެވެ. ޙިއްސުތައް އެއަށް ވުރެ މާ ބަލިކަށްޓެވެ. އެކަމަށް ދަލާލަތުކުރާ ކަމަކީ ޙިއްސަކީ ބައެއް ފަހަރު އޮޅޭ އެއްޗެކެވެ. ބައެއް ފަހަރު އެއްޗެއްގެ އަޞްލާ ޚިލާފަށް އިޙުސާސް ވެދާނެއެވެ. އެހެންކަމުން މެންދުރުގެ ވަގުތުގައި މަގުމަތީގައި ފެނުމުގެ ޙިއްސުން ތިބާއަށް ފެންގަނޑެއް ނުފެނޭ ހެއްޔެވެ؟ އެހެނަސް ޙަޤީޤަތުގައި އެއީ އަވާ މެންދުރެކެވެ.
އަދި ފެނުގެ ތެރެއަށް ލާ ގަލަން އަރިވެފައިވާ ތަން ފެނެއެވެ. އަޞްލު ޙަޤީޤަތުގައި އެ އެވަނީ އަރިވެފައެއް ނޫނެވެ.
އެހެންކަމުން ޙިއްސުތަކުގެ މައްޗަށް އެވަރަށް ބަރޯސާވާކަށް ނުވާނެއެވެ. އެހެންކަމުން މުލްޙިދުން މިކަމުގައި އަވަސް އަރުވާ ނުލާށެވެ.
ބުއްދިއާއި ޙިއްސުން ހުރިހާކަމެއް ޝަރަޙަކުރުމަކީ ހަމަ ބުއްދި ޤަބޫލުކުރާ ގޮތުގައި ވާނޭ ކަމެއް ނޫނެވެ. އަދި ކޮންމެ ކަމެއްގެ އެންމެ ފުން މިނަށް އެއިން ވާސިލެއް ނުވެވޭނެއެވެ. އަދި ހުރިހާކަމެއްގެ މައްޗަށް އެއިން ޙުކުމެއް ނުކުރެވޭނެއެވެ.
ފަހެ ތިބާއާ އެންމެ ގާތުގައިވާ ތިބާގެ ރޫޙަކީ ބުއްދިއާއި ޙިއްސުން އޭގެ ޙަޤީޤަތް ދެނެގަތުމަށް ނުކުޅެދިފައިވާ އެއްޗެކެވެ. އަދި ބުއްދިއާއި ޙިއްސުގެ ޛަރީޢާއިން ބުއްދީގެ ޙަޤީޤަތް ދެނެގަތުމަށްވެސް ވަނީ ނުކުޅެދިފައެވެ. އަދި ހުވަފެންތަކާ ބެހޭގޮތުންވެސް އެފަދައިން ބުނާށެވެ. އަދި ބިމަށް ދަމާ ބާރު (Gravity) ގެ ޙަޤީޤަތާ މެދުގައިވެސް މެއެވެ. އަދި އެ ނޫން އެތައް ކަމަކާ ބެހޭގޮތުންވެސް މެއެވެ. މުލްޙިދަކަށް މިކަންކަން އިންކާރެއް ނުކުރެވޭނެއެވެ. އެހެނީ އޭނާގެ ސިކުނޑިވެސް ވަނީ މިކަންކަމުގެ ޙަޤީޤަތަށް ވާސިލުވުމަށް ނުކުޅެދިފައެވެ.
އެހެންކަމުން މުލްޙިދަކު: “އަހަރެންނަށް ﷲ ނުފެންނާތީ އެއިލާހު ވޮޑިގެން ނުވެއޭ” ބުނެފިނަމަ ދަންނައެވެ. އެއީ ބުއްދިއާއި ޙިއްސުގެ މައްޗަށްވެސް ވެވޭ ބޮޑާވެރިކަމެކެވެ.
އެހެނީ އަޅުގަނޑުމެން މި ޤަވާޢިދުގެ މައްޗަށް ބަރޯސާވެއްޖެނަމަ ތަޖުރިބާގެ ޢިލްމު (Science) ގެ ހުރިހާ އަސާސްތަކެއް ހަލާކުވެގެން ދާނެއެވެ. އެއާ އެކުވެސް މުލްޙިދުން ދަޢުވާ ކުރަނީ އެބައިމީހުން ބަރޯސާވަނީ ޢިލްމީ ނަޒަރިއްޔާތުތަކުގެ މައްޗަށެވެ.
ފަހެ އެއްވެސް ޢިލްމުވެރިއަކު ބިމަށް ދަމާ ބާރު (Gravity) ނުވަތަ Electron ނުވަތަ ބައެއް Light Waves ނުވަތަ Atoms ފެނުނު ކަމަށް ނުބުނެއެވެ.
ފަހެ އަޅުގަނޑުމެންނަށް ﷲ ތަޢާލާ ނުފެންނަނީ އެއިލާހު ވުޖޫދުގައި ނުވާތީއެއް ނޫނެވެ. އެއިލާހު ވުޖޫދުގައިވާކަމުގެ ދަލީލަކަށް އެއިލާހު ވޮޑިގެންވާކަމުގެ އަޘަރުތައް ދެއްކުމުން ބުއްދިއަށް ފުދެއެވެ. އަދި (ޚަލްޤުކުރައްވާފައިވާ) ފުރިހަމަ ނިޒާމުތައްވެސް އެކަމަށް ފުދެއެވެ.
އެއިލާހުގެ ޛާތުފުޅުގެ ޙަޤީޤަތާއި ޞިފަފުޅުތަކުގެ ޙަޤީޤަތާ މެދު ދަންނައެވެ. ބުއްދިއަށް އެކަން ދެނެ ނުގަނެވޭނެއެވެ.
ޤުދުރަތީ ކަންކަން ދިރާސާ ކުރާ ޢިލްމުވެރިއަކަށް މެއްސެއްގެ ފުރިހަމަ ޙަޤީޤަތް ނޭނގޭއިރުގައި ފަހެ ﷲ ތަޢާލާގެ މަތިވެރި ޛާތުފުޅުގެ ޙަޤީޤަތާއި ފޮރުވިފައިވާ ކަންކަން ދެނެގަންނާނީ ކިހިނަކުން ހެއްޔެވެ؟
ފަހެ އަޅުތަކުންނަށް ﷲ ތަޢާލާ ވަންހަނާވެ ވޮޑިގެންވުމަކީ އެއިލާހު ވުޖޫދުގައި ނުވާކަމުގެ ދަލީލެއް ނޫނެވެ. އެހެންނަމަ ވިހެއުމުގެ ކުރިން ބައްޕަ ގެއްލިފައިވާ އަދި ދުވަހަކުވެސް އޭނާގެ ބައްޕައާ ބައްދަލުވެފައި ނުވާ ކުއްޖަކާ ބެހޭގޮތުން މުލްޙިދުން ބުނާނީ އޭނާގެ ބައްޕައެއް ނުވޭ އޭ ހެއްޔެވެ؟ އެއީ އޭނާއާ އޭނާގެ ބައްޕައާ ބައްދަލުވެފައި ނުވަތަ ފެނިފައިވެސް ނުވާތީއެވެ.
އެހެންކަމުން ޙަޤީޤަތަކީ މުލްޙިދުން މިކަމުގައި ގެންގުޅޭ މަންހަޖަކީ ހަމަޖެހޭ މަންހަޖެއް ނޫނެވެ.
މިކަމުގައި އެބައިމީހުން ގެންގުޅޭ މަންހަޖުގެ އެއް މައްސަލައަކީ: އެބައިމީހުން ކަންކަން ދެނެގަތުމަށް ހަމައެކަނި ޙިއްސުތައް ބޭނުންކޮށްފައި ތެދު ޚަބަރުތައް ރައްދުކުރެއެވެ. އެ ޚަބަރުތައް ގެންނެވި ބޭކަލުންގެ ތެދުވެރިކަން އެވަނީ ޔަޤީންވަނިވި ބުރުހާނުން ޘާބިތުވެފައެވެ. ފަހެ މިކަން ޤަބޫލު ނުކުރުމަކީ ކިބުރުވެރިކަމެވެ. އެހެނީ ކޮންމެ ބުއްދިވެރިއަކަށްވެސް އެނގޭނޭ ފަދައިން ޢިލްމުތަކަކީ ޙިއްސުންނާއި ބުއްދިންނާއި ތެދު ޚަބަރުތަކުން ދެނެގަނެވޭނެ އެއްޗެކެވެ.
ފަހެ މިކަމުގައި އެންމެ ޢަޖައިބުކަމަކީ އެބައިމީހުންގެ (އެބަހީ: މުލްޙިދުންގެ) ދެކޮޅު ނުޖެހޭ ކަމެކެވެ. އެހެނީ އެއް ވަގުތެއްގައި ބައެއް ޚަބަރުތައް ޤަބޫލުކޮށްފައި އަނެއްބައި ޚަބަރުތައް އެބައިމީހުން އިންކާރުކުރެއެވެ. ފަހެ އެއިން މީހަކާ ވާހަކަދެއްކުމުން ކޮންމެވެސް ނަޒަރިއްޔާއެއް އޭނާ ގެނެއެވެ. ދެން އޭނާ ގާތުގައި މި އަހަނީ “ތިޔައީ އަމިއްލައަށް ހޯދި، އަމިއްލައަށް ދެނެގަތް ކަމެއް ހެއްޔެވެ؟” މިފަދައިންނެވެ. އޭނާ ޖަވާބުގައި ބުނާނެއެވެ. “ނޫނެކެވެ. އެކަން ކުރީ މިވެނި މީހެކެވެ. އަދި އެކަން ބަޔާންކުރީ މިވެނި މީހެކެވެ.” ފަހެ މިއީ އޭނާ އެ ދަޢުވާ ކުރާ މަންހަޖާ މުޅިން ޚިލާފުކަމެކެވެ. އެހެނީ އޭނާ އެ ޤަބޫލުކުރާ ޤަބޫލުކުރުމަށް ވާސިލުވެފައި އެވަނީ ޚަބަރެއް ތެދުކޮށްގެންނެވެ. އެއީ އޭނާގެ ޙިއްސުން ދެނެގަތް ކަމެއް ނޫނެވެ.
ދެން ފަހެ މުލްޙިދުން އީމާންކަމުގެ އަހުލުވެރިން ޣައިބަށް އީމާންވުމުން، އެކަމަށް ޢައިބުކިޔަންވީ ކީއްވެގެން ހެއްޔެވެ! ފަހެ މުލްޙިދުން ގެންނަ ޚަބަރުތަކުގައި އިޙުސާސްކުރެވޭ ކަންތައްތަކެއް ވާނަމަ، ރަސޫލުބޭކަލުން ގެންނެވި ޣައިބުގެ ޚަބަރުތަކުގައިވެސް ވަނީ އިޙުސާސްކުރެވޭ ކަންތައްތަކެކެވެ. އެހެނަސް އޭގެ ބައެއް ކަންކަން އިޙުސާސްވާނީ މަރުވުމަށް ފަހުގައެވެ. ފަހެ އެއީވެސް ޚަބަރެވެ. އަދި މިއީވެސް ޚަބަރެވެ. ފަހެ ރަސޫލުބޭކަލުން ގެންނެވި ޚަބަރުތައް ޤަބޫލުކުރުން މާ އައުލާވެގެންވެއެވެ. އެހެނީ ޤަޠުޢީ ބުރުހާނުތަކުން އެބޭކަލުންގެ ތެދުވެރިކަން އެނގެއެވެ.
އެހެންކަމުން ޚުލާޞާއަކީ: މުލްޙިދުންގެ މަންހަޖަކީ ދެކޮޅު ނުޖެހޭ މަންހަޖެކެވެ. އެއްޗެއް ދޮގުކޮށްފައި ހަމަ އެމޭރުމުން އެހެން އެއްޗެއް ތެދުކުރެއެވެ.
މިސާލަކަށް: އާދަމު عليه السلام މަށިން ހެއްދެވުނުކަމާއި އެއަށްފަހު އެކަލޭގެފާނުގެ ދަރިފަސްކޮޅު އިތުރުވެގެން ދިޔަކަން އޭނާ (އެބަހީ: މުލްޙިދުން) ދޮގު ކުރެއެވެ. އޭނާ ދަޢުވާ ކުރަނީ އެއީ އޭނާއަށް އިޙުސާސު ނުކުރޭ ޣައިބުގެ ކަމެކެވެ. އެހެނަސް އެއާއެކު އޭނާ ޤަބޫލުކުރަނީ އިންސާނާ އެންމެ ފުރަމަތަ އުފެދުނީ އެތައް މިލިއަން އަހަރުތަކެއްގެ ކުރިން “އެންމެ ސެލް” (Single Cell) އަކުންނެވެ. ދެން އެއަށްފަހު Natural Selection ގެ ދަށުން އޭނާ Evolve ވީއެވެ. އެހެނަސް މިހެން ބުނާ މީހާއަށް ބަލާއިރު މިއީ އޭނާއަށް ޣައިބުވެފައިވާ ކަމެކެވެ. ފަހެ އިލްޙާދުގެ މަޞްދަރަކުން މިކަން އައުމުން އޭނާ ޤަބޫލުކުރެއެވެ. ކީރިތި ޤުރުއާނުގައިވާ ވަޙީގެ ޛަރީޢާއިން އައިސްފައިވާ ޣައިބުގެ ޚަބަރު އޭނާ ދޮގުކުރެއެވެ.
އެހެންކަމުން މިއީ ދެކޮޅު ނުޖެހޭ މަންހަޖެކެވެ. މިކަމުގައި މިބައިމީހުން ގޮތް ނިންމަނީ ހަވާ ނަފްސު އެދޭ ގޮތަކަށެވެ.
= ނުނިމޭ =
އިލްޙާދު: ﷲ ތަޢާލާ ވޮޑިގެންވާކަން އިންކާރުކުރުމުގެ ފިކުރު – އެހެންބައިތައް
[1] الإبانة لابن بطة ( 1 / 422). މި އަޘަރާ ބެހޭގޮތުން ޝައިޚު ޢަބްދުރައްޒާޤު حفظ الله ވިދާޅުވެފައިވަނީ މި އަޘަރުގެ ސަނަދު އިބްނު ޢައްބާސްގެ އަރިހުން ޞައްޙަ ނުވިކަމުގައި ވިޔަސް މިއީ މާނަ ރަނގަޅު ބަސްފުޅެކެވެ. (ބައްލަވާ: الأثر المشهور لعبدالرزاق (ص: 38)).