ﷲ އެބޭކަލަކަށް ރުއްސުން ލެއްވި ޢަބްދުﷲ ބްނު މަސްޢޫދުގެފާނު ވިދާޅުވިއެވެ.
“ޙައްޤަށް ނިޔާ ކަނޑައެޅުމުގައި ހޭދަކުރުން، ހަތްދިހަ އަހަރު އަޅުކަމުގައި ހޭދަ ކުރުމަށް ވުރެ ތިމަންކަލޭގެފާނަށް ލޮބުވެތިކަން ބޮޑުވެގެން ވެއެވެ.”
އެކަލޭގެފާނުގެ މި ބަސްފުޅުގެ މުރާދަކީ އެކަލޭގެފާނު ޙައްޤަށް ނިޔާ ކަނޑައެޅުއްވުމުގައި ހޭދަ ކުރެއްވެވި ހަތްދިހަ އަހަރު އަޅުކަމުގައި ހޭދަ ކުރެއްވުމަށްވުރެ މޮޅު އިތުރުވެގެން ވާކަމެވެ. ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލެއްކަމުގައި އަދި އެންމެ މަތީ ދަރަޖައިގެ އަޖުރު ލިބޭނެ ކަމެއްކަމުގައި މީސްތަކުންގެ މެދުގައި ޢަދުލުވެރިވުން ހިމެނެނީ މިހެންވެގެންނެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿وَإِنْ حَكَمْتَ فَاحْكُم بَيْنَهُم بِالْقِسْطِ ۚ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ﴾َ [سورة المائدة 42]
މާނައީ: “އަދި ކަލޭގެފާނު ޙުކުމްކުރައްވާނަމަ އެއުރެންގެ މެދުގައި ޢަދުލުވެރިކަމާއެކު ޙުކުމްކުރައްވާށެވެ! ހަމަކަށަވަރުން ޢަދުލުވެރިންވާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”
ﷲގެ ލޯބި ލިބުމަށް ވުރެ މަތިވެރި ޝަރަފަކީ ދެން ކޮބާ ހެއްޔެވެ!؟
ދަންނާށެވެ! ޤަޟާގެ މަންޞިބާމެދު އައިސްފައިވާ ވަޢީދުގެ ޙަދީޘްތަކާއި އެފަދަ މަޤާމުތަކާމެދު މީސްތަކުން ބިރުވެތިކުރުވަނިވި މޭރުމުން އައިސްފައިވާ ޙަދީޘްތަކަކީ މި ދާއިރާއަށް ވަންނަ ޢަދުލުވެރިކަން ނެތް ޢިލްމުވެރީންނަށް، ނުވަތަ މި މަންޞިބަށް އަމިއްލައަށް ކުރިމަތިލާ ޢިލްމެއް ނެތް ޖާހިލުންނަށް އައިސްފައިވާ ވަޢީދުގެ ބަސްފުޅުތަކެކެވެ. ދެން ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވައިފައިވާ:
((مَنْ وَلِيَ الْقَضَاءَ فَقَدْ ذُبِحَ بِغَيْرِ سِكِّينٍ)) [ސުނަން އަބީ ދާވޫދު 3571 އަދި ޞަޙީޙުލް ޖާމިޢުއް ޞަޣީރު 6594]
މާނައީ: “ޤަޟާ އެ މީހާކާ މަތިކުރެވިއްޖެ މީހާ ވަޅިއަކާ ނުލައި ކަތިލެވިއްޖެއެވެ.” މިބަސްފުޅާމެދު ދަންނައެވެ.
މި ބަސްފުޅާ މެދު ގިނަ ޢިލްމުވެރިން ދެކިލައްވަނީ މިއީ ޤަޟާއާމެދު މީސްތަކުން ޚަބަރުދާރު ކުރުވުމަށްޓަކައިވާ ބަސްފުޅެއްކަމުގައެވެ.
އެހެން ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި: މި ޙަދީޘްއަކީ ޤަޟާގެ ޝަރަފުވެރި މަޤާމާއި އޭގެ މަތިވެރި މަކާނަތަށް ދަލީލުކޮށްދޭ ޙަދީޘެކެވެ. އަދި ޤަޟާގެ މަންޞިބު އެމީހަކާ މަތިކުރެވިއްޖެ މީހަކީ އެމީހެއްގެ އަމިއްލަ ހަވާނަފުސާއި ދެކޮޅަށް ހަނގުރާމަ ކުރާ މުޖާހިދެކެވެ. މިއީ ޙައްޤަށް ޤަޟާ ކުރާ މީހާގެ ފަޟީލަތުގެ މައްޗަށްވާ ދަލީލެކެވެ. އެހެނީ އެއީ އޭނާގެ އަމިއްލަ ނަފުސު، ޙައްޤަށްޓަކައި ޛަބަޙަ ކުރާކަމަށްޓަކައެވެ. އެއީ އޭނާއަށް ހުރި މަތިވެރި ޘަވާބު ލިބުމަށްޓަކައިވާ އިމްތިޙާނެކެވެ.
ދަންނާށެވެ! ޤާޟީ އޭނާއަށް މީހަކު ބުނެފާނޭ އެއްޗަކަށް ބެލުމެއް ނެތި، އަދި ޚުޞޫމާތުގައި އޭނާގެ ގާތް މީހުން ނުވަތަ ދުރު މީހުންނާ ޚިލާފުވުމުގެ މައްޗަށް ކެތްތެރިވެ، އެމީހުންނާއިގެން ޙައްޤުގެ ހިތިކަމާއި ޢަދުލުވެރި ކަލިމައާ ހަމައަށް ގޮސް، އެ އެންމެންމެ އުރެދުމާއި އެމީހުންގެ ހަވާނަފުސުގެ ގޮވާލުންތަކުން ރައްކާތެރި ކޮށް، ﷲގެ ޙުކުމަށް ޙުކުމު ކުރާ ހިނދު، އެ ޤާޟީ ވެގެން އެ ދިޔައީ ﷲގެ މަގުގައި ޙައްޤުގެ ސަބަބުން ޛަބަޙަ ކުރެވޭ ފަރާތަށެވެ. މިއާއެކު އޭނާ އެ ވާޞިލުވީ އެބަޔަކަށް ސުވަރުގެ ލިބިގެންވާ ޝަހީދުވެރި ބޭބޭކަލުންގެ މަޤާމަށެވެ.
ރަސޫލާ صَلَّىٰ اللَّهُ عَلَيْهِ وَسَلَّمَ ޢަލީ ބްނު އަބީ ޠާލިބާއި މުޢާޛު ބްނު ޖަބަލާއި މުޢުޤިލް ބްނު ޔަސާރު – رَضِيَ اللَّهُ عَنْهُمْ – ޤަޟާއަށް އިސް ކުރެއްވިއެވެ. ޛަބަޙަ ކުރެއްވި އަދި ޛަބަޙަ މި ކުރެވުނު ބޭކަލުންގެ މާތްކަމާއެވެ! އެހެންކަމުން ޤަޟާއާމެދު މީސްތަކުން ޚަބަރުދާރު ކުރުވާފައިވާ ވުމަކީ ޤަޟާގެ މަންޞިބުގެ ބޭނުންކޮށް އަނިޔާވެރިވުމާމެދު އައިސްފައިވާ ވަޢީދުގެ ބަސްފުޅުތަކެވެ. ޙުކުމުތަކުގައި ހަވާނަފުސަށް ތަބާވެ އަނިޔާވެރިވުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ކަންތަކެވެ.
މަޞްދަރު: تبصرة الحكام لابن فرحون