[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ޢަޤީދާގެ އަސާސްތައް – (4)

މާތްވެގެންވާ އިސްލާމްދީނަކީ ޢަޤީދާއާއި ޢަމަލުތަކުގެ މައްޗަށް ބިނާވެގެންވާ ދީނެކެވެ. ޢަޤީދާއާއި ނުލައި ކިތަންމެ ގިނަ ޞާލިޙު ޢަމަލުތަކެއް ކުރިކަމުގައިވިޔަސް އެއިން މަންފާއެއް ނުކުރާނެއެވެ. އަދި ޢަޤީދާ ސައްޙަވިޔަސް އޭގެ މައްޗަށް ޢަމަލު ނުކުރާކަމުގައި ވަނީނަމަ އެއިން މަންފާއެއް ނުކުރާނެއެވެ. އެހެންކަމުން ޢަޤީދާއާއި ޢަމަލަކީ ވަކިނުކުރެވޭނެ ގުޅިލައިމެހިފައިވާ ދެއެއްޗެވެ.

ޢަޤީދާ މިލަފްޒަކީ އަޅުގަނޑުމެންނަށް ވަރަށް ގިނައިން އަޑުއިވޭ ލަފްޒެކެވެ. ދީނީ ދަރުސްތަކުންނާއި، ޚުތުބާތަކުންނާއި، ދީނީ ފޮތްތަކުންނެވެ. އެހެންކަމުން މިލަފްޒުގެ އަސްލުމާނައަކީ ކޮބައިކަން ދަނެގަތުމަކީ މުހިންމުކަމެކެވެ.

 

ޢަޤީދާގެ ލުޣަވީ މާނަ: “العقيدة”/”އަލްޢަޤީދާ” މިލަފްޒަކީ ޢަރަބި ބަހުގެ މަސްދަރެކެވެ. މިލަފްޒުގެ އަސްލަކީ ޢަރަބި ބަހުގެ “العَقْد” މިލަފްޒެވެ. އޭގެ މާނައަކީ ގޮށެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ﴾‏ سورة الفلق 4

މާނައީ: “އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: ސިޙުރު ހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ”.

މިއާޔަތުގައި العَقْد” މިލަފްޒު އެވަނީ އޭގެ ލުޣަވީ މާނައިގައި ބަޔާންކުރެވިފައެވެ. އެހެންކަމުން އަލްޢަޤީދާ މިލަފްޒުގެ ބަހަވީ މާނައިގެ ތެރޭގައި ހިމެނެނީ ގޮށްޖެހުމާއި ބާރުކުރުމާއި، ބަނދެލުންފަދަ މާނަތަކެވެ.

 

ޢަޤީދާގެ އިސްތިލާޙީ މާނަ: ޢަޤީދާއަކީ އިންސާނާ އެއްވެސް ޝައްކެއް ނެތް މިންވަރަށް އޭނާ ހިތުން ތެދުކޮށް ޔަޤީންކޮށް ޤަބޫލުކުރާ ކަންތައްތަކެވެ.

އެޤަބޫލުކުރުމަކީ ޙައްޤު ކަމުގައި ވިޔަސް، ނުވަތަ ބާތިލު ކަމުގައިވިޔަސް އެއީ އޭނާގެ ޢަޤީދާ ކަމުގައި ބުނެވެއެވެ. މިގޮތުން ނަސާރާއިން ޢީސާގެފާނަކީ ﷲ ގެ ދަރިކަލެއްކަމަށް ޤަބޫލުކުރުމާއި، ހިންދޫން ގެރި އަކީ އެމީހުންގެ ކަލާނގެއެއް ކަމަށް ޤަބޫލުކުރުމާއި މަޖޫސީން އަލިފާނަކީ ކަލާނގެއެއް ކަމަށް ޤަބޫލުކުރުމަކީ އެބައިމީހުންގެ ޢަޤީދާކަމުގައި ބުނެވެއެވެ.

ޢަޤީދާގެ ލުޣަވީ މާނައާއި، އިސްތިލާޙީ މާނައާއި ދެމެދުވާ ގުޅުން: ޢަޤީދާގެ ބަހަވީ މާނައަކީ ގޮށްޖެހުމާއި، ބާރުކުރުމާއި، ބަނދެލުންފަދަ މާނަތަކެއްކަން ބަޔާންވެގެން ހިގައްޖެއެވެ. އަދި އިސްތިލާޙީ މާނައަކީ އިންސާނާ އެއްވެސް ޝައްކެއް ނެތް މިންވަރަށް އޭނާ ހިތުން ތެދުކޮށް ޔަޤީންކޮށް ޤަބޫލުކުރާ ކަންތައްތައްކަން ބަޔާންވެގެން ހިގައްޖެއެވެ. މިދެމާނައިގައި ހުރި ގުޅުމަކީ އިންސާނާގެ ޢަޤީދާއަކީ އޭނާގެ ހިތުން ތެދުކޮށް ޔަޤީންކޮށް ޤަބޫލުކުރާ ކަންތައްތަކަކީ އޭނާގެ ހިތުގައި ކަނޑައި ބިންވަޅު ނެގި ބަނދެވި ގޮށްޖެހިފައި ހުންނަ ކަންތައްތަކެވެ. އެހެންކަމުން ލުޣަވީ މާނައާއި އިސްތިލާޙީ މާނަ މިގޮތުން ގުޅިގެންދާކަން ބަޔާންވެގެން އެބަދެއެވެ.

 

އިސްލާމީ ޢަޤީދާ: އިސްލާމީ ޢަޤީދާއަކީ މުސްލިމުން ﷲ ތަޢާލާއަށް އީމާންވުމާއި މަލާއިކަތްބޭކަލުންނަށް އީމާންވުމާއި، ފޮަތްތަކަށް އީމާންވުމާއި، ރަސޫލުބޭކަލުންނަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމާއި، މިކަންކަމާއި ގުޅުންހުރި ކީރިތި ޤުރުއާނާއި ސުންނަތުން ޘާބިތުވާ އެންމެހައި ކަންކަން ހިތުން ތެދުކޮށް ޔަޤީންކޮށް ޤަބޫލުކޮށް އީމާންވުމެވެ.

 

 

المصادر:

  • مدخل لدراسة العقيدة الإسلامية، د عثمان جمعة ضميرية
  • تأصيل علم العقيدة، عبد الرحيم بن صمايل العلياني السلمي
  • الموسوعة العقدية، مجموعة من الباحثين بإشراف الشيخ عَلوي بن عبد القادر السقاف