[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ޒިޔާރަތް ކުރި ނަޞާރާއިންގެ ވަފުދެއް މަސްޖިދުއްނަބަވީގައި އެބައިމީހުންގެ އަޅުކަމެއް އަދާކުރިކަމަށް ބުނާ ޙާދިޘާއަކީ ޞައްޙަ ޙާދިޘާއެއް ނޫން – 1

ސުވާލު:

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ޒިޔާރަތް ކުރި ނަޞާރާއިންގެ ވަފުދަކަށް އިތުރު އެކަލޭގެފާނުންގެ މިސްކިތްކޮޅުގައި އަޅުކަމެއް އަދާކުރުމަށް އެކަލޭގެފާނު އިޒުނަ ދެއްވި ހެއްޔެވެ؟ އިޒުނަ ދެއްވިނަމަ، އެކަމުގެ ޙިކުމަތަކީ ކޮބައި ހެއްޔެވެ؟

ޖަވާބު:

 

ފުރަތަމަ: ނަޞާރާއިންގެ ވަފުދުގެ އަޅުކަމާމެދު އައިސްފައިވާ ވާހަކަ

 

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ނަޖުރާނުން ޒިޔާރަތް ކުރި ވަފުދު މަސްޖިދުއްނަބަވީގައި ނަމާދު ކުރިކަމަށް އައިސްފައިވާ ޚަބަރުގެ ސަނަދަކީ ޟަޢީފު (ބަލިކަށި) ސަނަދެކެވެ. އޭގެން ޙުއްޖަތް ޤާއިމު ނުކުރެވޭނެއެވެ.

މި ޚަބަރު ތިން މަގަކުން ރިވާވެގެން ވެއެވެ. ނަމަވެސް އޭގެ ތެރެއިން ހަމަ އެއްވެސް ރިވާޔަތަކީ ޞައްޙަ ރިވާޔަތެއް ނޫނެކެވެ.

ފުރަތަމަ ރިވާޔަތް

މި ރިވާޔަތަކީ އިބްނު އިސްޙާޤު ވިދާޅުވިކަމަށް އިބްނު ހިޝާމު އެކަލޭގެފާނުގެ ‘އައްސީރަތުއްނަބަވިއްޔާ’ (1/574) މި ފޮތުގައި ގެންނަވާފައިވާ ރިވާޔަތެކެވެ. އެ މަގުން އިބްނު ޖަރީރު އައްޠަބަރީ އެކަލޭގެފާނު ލިޔުއްވި ތަފްސީރުގައި (2/172) މި ރިވާޔަތް ނަޤުލު ކުރެއްވިއެވެ. އަދި އައްޘަޢުލަބީ އެކަލޭގެފާނުގެ ‘އަލްކަޝްފު ވަލްބަޔާން’ އޭ ކިޔުނު ތަފްސީރު ފޮތުގައި (3/6) ވެސް ހަމަ އެ މަގުން މި ރިވާޔަތް ގެންނަވާފައި ވެއެވެ.

މި ރިވާޔަތް އައިސްފައިވަނީ: އައްޒުބައިރު ބުނުލްޢައްވާމުގެ ދަރިކަލުން ޖަޢުފަރުގެ ދަރިކަލުން މުޙައްމަދުގެ ކިބައިންނެވެ. މި މުޙައްމަދު ބުން ޖަޢުފަރު ވިދާޅުވިއެވެ.

“ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް އެ މީހުން (ނަޖުރާނުގެ ވަފުދު) އައެވެ. އެ މީހުން އައިސް ވަނީ އިތުރުއެކަލޭގެފާނު ޢަޞްރު ނަމާދު ކުރެއްވި ވަގުތުގައެވެ. އެ މީހުން އަޅައިފައިވަނީ ޔަމަނުކަރައިގެ މީހުންގެ ފޭރާމެކެވެ. އެއީ ޖުއްބާއާއި ރިދާއެވެ. އެ މީހުން ޒީނަތްތެރިވެފައިވަނީ އަލްޙާރިޘު ބުން ކަޢުބުގެ ދަރީން ކުރެ ފިރިހެނުން ޒީނަތްތެރިވާ މޭރުމުންނެވެ. އެ ދުވަހު އެ ވަފުދުގެ މީހުން ދުށް ބައެއް ޞަޙާބީން ވިދާޅުވެއެވެ: “އެ މީހުންފަދަ ވަފުދެއް ތިމަންބޭކަލުން ދެކިވަޑައި ނުގަންނަވަމުއެވެ.” އެ މީހުންގެ އަޅުކަމުގެ ވަގުތު ޖެހުނެވެ. ދެން އެ މީހުން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މިސްކިތްކޮޅުގައި ތެދުވެ އަޅުކަން ކުރާން ފެށިއެވެ. އަދި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ: “އެ ބައިމީހުން ދޫ ކޮށްލާށެވެ!” ދެން އެ މީހުން އިރުމަތީ ފަރާތް (ބައިތުލްމަޤްދިސާވީ ފަޅި) އަށް ކުރިމަތިލައިގެން ތިބެ އަޅުކަން ކުރިއެވެ.”

މި ޙަދީޘް ޟަޢީފުވަނީ މުޙައްމަދު ބުން ޖަޢުފަރު ބުން އައްޒުބައިރަކީ ތަބަޢައްތާބިޢީ (ތާބިޢީ ބޭކަލުންގެ ފަހުން އައި ޤަރުނުގެ) ބޭބޭކަލުން ކުރެ ބޭކަލަކަށް ވާއިރު، މި ޙާދިޘާ އެކަލޭގެފާނު ދެކެވަޑައި ނުގަންނަވާ ޙާލު، ސީދާ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ކިބައިން މި ޙާދިޘާ ރިވާކުރައްވާފައި ވާތީއެވެ. މުޙައްމަދު ބުން ޖަޢުފަރު އެވަނީ އެކަލޭގެފާނާ ހަމައަށް މި ޙަދީޘް ފޯރުކޮށްދެއްވި ތާބިޢީއާއި ޞަޙާބީ އުނި ކުރައްވައި ޙަދީޘް ރިވާކުރައްވާފައެވެ. އެހެންކަމުން މިއީ މުޢުޟަލު ޙަދީޘެކެވެ.

ދެވަނަ ރިވާޔަތް

މި ރިވާޔަތް ގެންނަވާފައިވަނީ އައްޘަޢުލަބީ އެކަލޭގެފާނުގެ ‘އަލްކަޝްފު ވަލްބަޔާން’ އޭ ކިޔުނު ތަފްސީރު (3/6) ގައި މުޙައްމަދު ބްނު މަރްވާނު އައްސުދިއްޔު ކަލްބީގެ ފަރާތުންނެވެ.

މި ރިވާޔަތުގެ އިސްނާދަކީވެސް އެއްވެސް ބުރަދަނެއް ނުވާ އިސްނާދެކެވެ. މީގައި ހިމެނޭ މުޙައްމަދު ބުން މަރްވާނު އައްސުދިއްޔަކީ ޙަދީޘްއާމެދު ދޮގުވެރިއެއްކަމުގައި ތުހުމަތު ކުރެވިފައިވުމުން އޭނާގެ ކިބައިން ޙަދީޘް ނުނެގޭ މީހެކެވެ.

އިމާމު ބުޚާރީ މީނާއާމެދު ވިދާޅުވެފައި ވެއެވެ. “އެބޭކަލުން (އެބަހީ: މުޙައްދިޘުން) މީނާއާމެދު ބަސްފުޅެއް ވިދާޅު ނުވެއެވެ. ނަމަވެސް މީނާގެ ޙަދީޘް ދުވަހަކުވެސް ނުލިޔުއްވައެވެ.” – އައްޟުޢަފާއުއްޞުޣްރާ (ޞ 340)

އިމާމު ނަސާއީ ވިދާޅުވިއެވެ. “މީނާއަކީ އެ މީހެއްގެ ޙަދީޘްތައް ދޫކޮށްލެވޭ މީހެކެވެ.” – އައްޟުޢަފާއު ވަލްމަތުރޫކޫން (ޞ 538)

އިމާމު އަބޫ ޙާތިމު ވިދާޅުވިއެވެ. “މީނާއަކީ އެ މީހެއްގެ ޙަދީޘް އެއްވެސް ވަރަކަށް ބަލައިގަނެވޭނޭ މީހެއް ނޫނެވެ. މީނާގެ ޙަދީޘް ދޫކޮށްލެވެއެވެ. ދުވަހަކުވެސް މީނާގެ ޙަދީޘެއް ޙުއްޖަތަކަށްޓަކައި ނުލިޔެވެއެވެ.” – އަލްޖަރްޙު ވައްތަޢުދީލު (8/86)

އިމާމު އިބްނު ޙިއްބާނު ވިދާޅު ވިއެވެ: “އިތުބާރު ކުރެވޭ ބޭކަލުންނަށް ނިސްބަތްކޮށް މީނާ ދޮގު ޙަދީޘް ރިވާކުރެއެވެ. އެއްވެސް ޙާލެއްގައި ދަލީލެއް ދެއްކުމަށް މީނާގެ ޙަދީޘެއް ލިޔުން ޙުއްދަ ނުވާނެއެވެ. މީނާގެ ޙަދީޘެއް ލިޔެވޭނީ ހަމައެކަނި އަޅައި ކިޔުމަށެވެ.” – ‘އަލްމަޖުރޫޙީން (2/286)

ތިންވަނަ ރިވާޔަތް

މި ރިވާޔަތް ގެންނެވީވެސް އައްޘަޢުލަބީ އެކަލޭގެފާނުގެ ތަފްސީރުގައެވެ. މި ރިވާޔަތަކީ ޢަބްދުﷲ ބުން އަބީ ޖަޢުފަރު އައްރާޒީ އޭނާގެ ބައްޕާގެ ކިބައިން އައްރައްބީޢު ބުން އަނަސްގެ ކިބައިން ގެންނަވާފައިވާ ރިވާޔަތެކެވެ. – އަލްކަޝްފު ވަލްބަޔާން (3/6)

މި ޙަދީޘަކީ ސަނަދުން ރާވީއެއް މެދުކެނޑިފައިވާ ޟަޢީފު ޙަދީޘެކެވެ. އެހެނީ މި ޙަދީޘުގައި ހިމެނޭ އައްރަބީޢު ބުން އަނަސް މިއީ ތެދުވެރި ތާބިޢީ ބޭކަލެއް ނަމަވެސް އޭގެ މައްޗަށް ޞަޙާބީ ބޭކަލެއް ނެތުމުން ޙަދީޘްގެ ރާވީންގެ ސިލްސިލާ ފުރިހަމަވެފައި ނުވެއެވެ. އެހެންކަމުން މިއީ މުރުސަލު ޙަދީޘެކެވެ. ހަމައެއާއެކު މި ޙަދީޘް އައްރަބީޢު ބުން އަނަސްގެ ކިބައިން ރިވާ ކުރައްވަނީ އަބޫ ޖަޢުފަރު އައްރާޒީއެވެ. މި އަބޫ ޖަޢުފަރު، އައްރަބީޢު ބުން އަނަސްގެ ކިބައިން ރިވާކުރައްވާ ރިވާޔަތްތަކަކީ އޮޅުންބޮޅުން އެ ރިވާޔަތްތަކެއްގައި ހިމެނޭ ބަލިކަށި ރިވާޔަތްތަކެކެވެ.

އިމާމު އިބްނު ޙިއްބާނު އައްރަބީޢު ބުން ސުލައިމާނުގެ ތަޢާރަފުގައި ވިދާޅުވެފައި ވެއެވެ. “އަބޫ ޖަޢުފަރު، އައްރަބީޢު ބުން އަނަސްގެ ކިބައިން ރިވާކުރައްރާ ރިވާޔަތްތަކާ މެދު މީސްތަކުން ރައްކާތެރިވެއެވެ. އެއީ އެ ރިވާޔަތްތަކުގައި އޮޅުންބޮޅު ގިނަކަމުންނެވެ.” – އައްޘިޤާތު (2/228)


 

މަޞްދަރު

 

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ޒިޔާރަތް ކުރި ނަޞާރާއިންގެ ވަފުދެއް މަސްޖިދުއްނަބަވީގައި އެބައިމީހުންގެ އަޅުކަމެއް އަދާކުރިކަމަށް ބުނާ ޙާދިޘާއަކީ ޞައްޙަ ޙާދިޘާއެއް ނޫން – 2