[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ޒިޔާރަތް ކުރި ނަޞާރާއިންގެ ވަފުދެއް މަސްޖިދުއްނަބަވީގައި އެބައިމީހުންގެ އަޅުކަމެއް އަދާކުރިކަމަށް ބުނާ ޙާދިޘާއަކީ ޞައްޙަ ޙާދިޘާއެއް ނޫން – 2

ދެވަނައަށް: މުސްލިމުންގެ މިސްކިތަކަށް ކާފިރުން އަތްގަދަ ކުރުމަށް މިފަދަ ރިވާޔަތްތަކުން ދަލީލު ދެއްކުން ޙުއްދަ ނުވާނެއެވެ.

 

ކާފަރުން އެ މީހުންގެ ޝިރުކުގެ ޢަމަލުތައް މުސްލިމުންގެ މިސްކިތްތަކުގައި ކުރުމަށް ފަސޭހަ ކޮށްދޭން މިފަދަ ރިވާޔަތްތަކުން ދަލީލު ނަގާން އުޅުން ޙުއްދަ ނުވާނެއެވެ. އެހެނީ ހަމަ ޔަޤީނުންވެސް ﷲގެ ގެކޮޅުތަކުގައި ޝިރުކުކުރުމަށް ދޫ ކޮށްލުން ޙުއްދަ ނުވާނެއެވެ.

ﷲ ވަޙީ ކުރައްވާފައިވެއެވެ.

﴿وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا﴾  (ޖިންނި ސޫރަތް 18)

މާނައީ: “އަދި މިސްކިތްތައް ވަނީ ﷲ އަށެވެ. ފަހެ، ތިޔަބައިމީހުން ﷲ އާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ!”

މި އާޔަތުގެ ތަފްސީރުގައި އަލްޤުރުޠުބީ ވިދާޅުވެފައި ވެއެވެ.

“ﷲއާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާށެވެ!” މި ފަދައިން ވަޙީ ކުރައްވާފައިވަނީ މައްކާގެ މުޝްރިކުން މަސްޖިދުލްޙަރާމުގައި ﷲއާއެކު އެހެން ފަރާތްފަރާތަށް ކަންކަމުގައި އެދި އަޅުކަން ކުރަމުން ދިޔުމުގެ ނުބައިކަން ބަޔާން ކުރެއްވުމަށެވެ. މުޖާހިދު ވިދާޅު ވިއެވެ. ޔަހޫދީންނާއި ނަޞާރާއިން އެ މީހުންގެ ފައްޅިތަކާއި އަޅުކަން ކުރާ ތަންތަނުގައި ﷲއަށް ޝަރީކު ކުރެއެވެ. މިހެންކަމުން ﷲ އެވަނީ އެކަލާނގެއަށް އަޅުކަން ޚާލިޞް ކުރާ ޙާލު، މިސްކިތްތަކުގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށް ނަބިއްޔާ صلى الله عليه وسلم އަށާއި މުއުމިނުންނަށް އަންގަވާފައެވެ. އެކަލާނގެ އެ ވަޙީ ކުރައްވަނީ މީސްމީހުން އަޅުކަންކޮށް އުޅޭ ބުދުތަކާއި އެ ނޫންވެސް ތަކެއްޗަށް ތިޔަބައިމީހުން އެ މިސްކިތްތަކުގައި (ޢަމުދުން) އަޅުކަން ނުކުރާށެވެ.

އަދިވެސް މި އާޔަތުގެ މާނައެއް ކަމުގައި ބުނެވެއެވެ. ﷲގެ ޒިކުރު ކުރުމަށް މިސްކިތްތައް އެކަހެރި ކުރާށެވެ. އަދި މިސްކިތްތަކަކީ ވިޔަފާރިގެއެއް ކަމުގައި ނުވަތަ މަޖިލިސް ކުރާ ތަނެއްކަމުގައި ނުވަތަ އެއްފަރާތުން އަނެއް ފަރާތަށް ހުރަސް ކުރާ މަގެއްކަމުގައި ނުހަދާށެވެ. އަދި އެ މިސްކިތްތަކުގައި ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަމެއްގެ އެއްވެސް މިންވަރެއް ނުކުރާށެވެ.” – އަލްޖާމިޢު ލިއަޙްކާމިލްޤުރްއާން (ތަފްސީރުލްޤުރުޠުބީ) (19 / 22)

އިބްނު ރަޖަބު ފަތުޙުލްބާރީގައި ވިދާޅުވިއެވެ.

“ކާފަރަކަށް އެ މީހުންގެ އަޅުކަމެއް މިސްކިތެއްގައި ކުރުމަށް ދޫ ނުކޮށްލެވޭ ފަދައިން، އެ މީހުންގެ ކުފުރުގެ ފައްޅިއެއްގައި ނަމާދެއް ކުރުމަކީ އެއްވެސް މުސްލިމަކަށް ލާއިގުވެގެންވާ ކަމެއް ނޫނެކެވެ.

މީހަކު ބުނެފާނެއެވެ. ކާފިރުން މުސްލިމުންގެ މިސްކިތެއްގައި ނަމާދު ކުރުމަކީ ޙުއްދަކަމެއް ކަމުގައި ދަލީލުކޮށްދޭ ދަލީލު އައިސްފައި ވެއެވެ. ކަން އޮތީ މި ފަދައިންކަމުގައި ވާއިރު، މުސްލިމަކު އެ މީހުންގެ ފައްޅިއެއްގައި މުސްލިމުންގެ ނަމާދު ކުރުން ޙުއްދަވެގެންވުން މާ އައުލާވެގެން ވެއެވެ.

އިބްނު އިސްޙާޤު ރިވާ ކުރައްވާފައި އެވަނީއެވެ. ތިމަންކަލޭގެފާނަށް މުޙައްމަދު ބުން ޖަޢުފަރު ވިދާޅު ވެ ދެއްވިއެވެ. “ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް މަދީނާއަށް އެ މީހުން – ނަޖުރާނުގެ ވަފުދު – އައެވެ. އެ މީހުން އައިސް އިތުރުއެކަލޭގެފާނުންގެ އަރިހަށް އެކަލޭގެފާނުގެ މިސްކިތްކޮޅުގެ ތެރެއަށް ވަނީ އިތުރުއެކަލޭގެފާނުން ޢަޞްރު ނަމާދު ކުރެއްވި ވަގުތުއެވެ. އެ މީހުން އަޅައިފައިވަނީ ޔަމަނުކަރައިގެ މީހުންގެ ފޭރާމެކެވެ. އެއީ ޖުއްބާއާއި ރިދާއެވެ. އެ ދުވަހު އެ ވަފުދުގެ މީހުން ދުށް ބައެއް ޞަޙާބީން ވިދާޅު ވެއެވެ. “އެ މީހުންގެ ފަހުން އެ މީހުންފަދަ ވަފުދެއް ތިމަންބޭކަލުން ދެކިވަޑައި ނުގަންނަވަމެވެ.” އެ މީހުންގެ އަޅުކަމުގެ ވަގުތު ޖެހުނެވެ. ދެން އެ މީހުން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މިސްކިތްކޮޅުގައި ތެދުވެ އަޅުކަން ކުރަން ފެށިއެވެ. އަދި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ: “އެ ބައިމީހުން ދޫ ކޮށްލާށެވެ.” ދެން އެ މީހުން އިރުމަތީ ފަރާތަށް {ބައިތުލްމަޤްދިސާ ވީ ފަޅި} ކުރިމަތިލައިގެން ތިބެ އަޅުކަން ކުރިއެވެ.”

މިފަދައިން ބުނެ ވާހަކަ ދައްކާ މީހަކަށް ބުނެވޭނެއެވެ. މި ޙަދީޘަކީ އެ ޙަދީޘަކުން ދަލީލު ދެއްކޭނޭ ޙަދީޘެއް ނޫނެވެ. އެހެނީ މިއީ އޭގެ ސަނަދުގެ ސިލްސިލާ ކެނޑިފައިވާ ޟަޢީފު ޙަދީޘެކެވެ.

އަދި މި ޙަދީޘު ޞައްޙަ ވީ ނަމަވެސް، ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެ މީހުން އެ ވަގުތު މިސްކިތްކޮޅުގައި ނަމާދު ކުރުމަށް ދޫ ކޮށްލެއްވީ އެކަމުގެ ސަބަބުން އެ މީހުންގެ ހިތްތައް އިސްލާމު ދީނަށް ލެންބެވުމަށެވެ. އަދި އެ މީހުންނަށް އެ ކަންތައް މަނާ ކުރެވުނުނަމަ އެ މީހުން ދީނާ ދުރުވެގެން ހިނގައިދާނޭ ކަމުގެ ބިރަށްޓަކައެވެ. ދެން މިހާރު އެފަދަ ޙާޖަތެއް ނެތްއިރު، ކާފިރުން އެ މީހުންގެ އަޅުކަމެއް މުސްލިމުންގެ މިސްކިތެއްގައި ކުރުމަށް ދޫކޮށްލުން ޙުއްދަ ނުވާނެއެވެ.

ޢުމަރުގެފާނުގެ ޚިލާފަތުގައި އެ ކަލޭގެފާނު ޛިންމީންނާއެކު ވެވަޑައިގެންނެވި އެއްބަސްވުމުގައި އެ މީހުންގެ ދީނުގެ ކަންކަން ފާޅުނުކުރުމަށް ޝަރުޠު ކުރެއްވީ މި ސަބަބަށްޓަކައެވެ. އޭގެ ތެރޭގައި އެ މީހުން އަޅުކަމުގައި އަޑުހަރު ނުކުރުމަށާއި މުސްލިމަކު ޙާޟިރު ވެ ހުރިނަމަ، އެ މީހުން އަޅުކަމުގައި ކިޔެވުން މަނާ ކުރެއްވުން ހިމެނެއެވެ.” – ފަތުޙުލްބާރީ ލިބްނި ރަޖަބް (3 / 243-244)

ކާފިރަކު މުސްލިމެއްގެ ޙުއްދައާއެކު ޝަރުޢީ މަޞްލަޙަތަކަށްޓަކައި (މަސްޖިދުލްޙަރާމު ނޫންހައި) މިސްކިތަކަށް ވަނުން ޙުއްދައެވެ.

މިއާއި ޚިލާފަށް އެ މީހުންގެ ކުފުރީ ޢަމަލުތަކުގެ ތެރެއިން އެއްވެސް ކަމެއް ﷲގެ ގެކޮޅެއްގައި ކުރުމަށް ދޫ ކޮށްލުމަކީ ހަމަކަނޑައެޅިގެން ޙަރާމު ކަމެކެވެ.

އިބްނު ޤުދާމާ ވިދާޅުވިއެވެ.

“ޙަރަމުކަމުގައި ނުވާ ސަރަޙައްދެއްގެ މިސްކިތަކަށް މުސްލިމެއްގެ އިޒުނައާއެކު މެނުވީ ކާފިރުންނަށް ވަނުމެއް ނުވެއެވެ. މުސްލިމެއްގެ ޙުއްދައާ ނުލައި ކާފިރަކު މިސްކިތަކަށް ވަދެއްޖެނަމަ، އެ ކާފިރަކު ތަޢުޒީރު ކުރެވޭނެއެވެ. އެއީ އުއްމު ޣުރާބުގެ އަރިހުން އައިސްފައިވާ އަންނަނިވި ރިވާޔަތުގެ މައްޗަށް ބިނާ ކުރެވިގެންނެވެ. އެ ކަމަނާ ވިދާޅު ވިއެވެ. ޢަލީގެފާނު ކޫފާގެ މިސްކިތްކޮޅުގެ މިންބަރު މަތީގައި ހުންނަވަނިކޮށް ތިމަންކަމަނާ ދުށީމެވެ. އެ ކަލޭގެފާނަށް މަޖޫސީއަކު (މިސްކިތުން) ފެނިވަޑައިގަތެވެ. ދެން ޢަލީގެފާނު މިންބަރުކޮޅުން ފައިބައިވަޑައިގެން އެ މީހާގެ ގައިގައި ޖެއްސެވުމަށްފަހު ކިންދާއާ ވީ ފަޅީގެ ދޮރުކޮޅުތަކުގެ ތެރެއިން ދޮރުކޮޅަކުން މިސްކިތުން ބޭރު ކުރެއްވިއެވެ.

ކާފިރަކަށް މިސްކިތަށް ވަނުމަށް މުސްލިމަކު ޙުއްދަ ދިންނަމަ، (ޙަންބަލީ) މަޛްހަބުގައި ޞައްޙަ ގޮތަކީ ޙުއްދަވުމެވެ. އެއީ ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ޠާއިފުން ޒިޔާރަތް ކުރި ވަފުދުގެ މީހުން އިސްލާމުވުމުގެ ކުރިއަށް، އެ މީހުން ބޭތިއްބީ އިތުރުއެކަލޭގެފާނުގެ މިސްކިތްކޮޅަށްކަމުގައި ވާތީއެވެ.

އިމާމު އަޙްމަދުގެ ކިބައިން އައިސްފައިވާ އެހެން ރިވާޔަތެއްގައި ވެއެވެ: މުސްލިމެއްގެ ޙުއްދައާއެކުވެސް ކާފިރަކަށް މިސްކިތަކަށް ވަނުން ޙުއްދަ ނުވާނެއެވެ. އެއީ ޢިޔާޟް އަލްއަޝްޢަރީގެ ރިވާޔަތުގެ މައްޗަށް ބިނާ ކުރެވިގެންނެވެ. “އަބޫ މޫސާ ޢުމަރުގެފާނުގެ އަރިހަށް މަދީނާއަށް ވަޑައިގަތެވެ. އަބޫ މޫސާގެ އަރިހުގައި ނަޞާރާއެއް ހުއްޓެވެ. ޢުމަރުގެފާނަށް އެ މީހާގެ އަތުލިޔުން ރީތި ވެވަޑައިގެންނެވިއެވެ. އަދި އަބޫ މޫސާއަށް ވިދާޅު ވިއެވެ. “ކަލޭގެފާނުގެ ކާތިބަށް އޭނާގެ މި ލިޔުން ވިދާޅުވާން އަންގަވާށެވެ!” ޖަވާބުގައި އަބޫ މޫސާ ވިދާޅު ވިއެވެ. “އޭނާ މިސްކިތަށް ނުވަންނާނެއެވެ.” ޢުމަރުގެފާނު ވިދާޅު ވިއެވެ. “އެއީ ކީއްވެގެން ތޯއެވެ؟ އޭނާއީ ޖުނުބުވެރިއަކީ ތޯއެވެ؟” ޖަވާބުގައި އަބޫ މޫސާ ވިދާޅު ވިއެވެ. “އެއީ ނަޞާރާއެކެވެ.” އެއީ ނަޞާރާއެއްކަން އެނގިވަޑައިގަތުމުން ޢުމަރުގެފާނު އެކަމާމެދު ކޯފާ އިސްކުރައްވައި އެފަދައިން ނަޞާރާއިން މާތްކޮށްގެން އުޅުން މަނާ ކުރެއްވިއެވެ.

ޖުނުބުވެރީން މިސްކިތަށް ވަނުން މަނާ ކުރެވޭ އިރު، މުޝްރިކުން މިސްކިތްތަކަށް ވަނުން މަނާ ކުރުމުގެ އައުލާކަން ބޮޑު ވެގެންވެއެވެ.” – އަލްކާފީ ފީ ފިޤްހިލްއިމާމި އަޙްމަދު (4 / 180

)

މި މައްސަލައިގެ ޚުލާޞާ:

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ޒިޔާރަތް ކުރި ނަޖުރާނުގެ ވަފުދު އިތުރުއެކަލޭގެފާނުންގެ މިސްކިތްކޮޅުގައި އަޅުކަން ކުރި ވާހަކަ ބަޔާން ކޮށް އައިސްފައިވާ ޚަބަރަކީ ސަނަދުގެ ގޮތުން ޞައްޙަ ޚަބަރެއް ނޫނެކެވެ. އެހެންކަމުން މި ފިޤުހީ މައްސަލައިގައި ދަލީލު ނަގަން އެ ޙަދީޘް ބޭނުން ނުކުރެވޭނެއެވެ.

واللهُ أَعْلَمُ.

 


 

މަޞްދަރު

 

ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ އަރިހަށް ޒިޔާރަތް ކުރި ނަޞާރާއިންގެ ވަފުދެއް މަސްޖިދުއްނަބަވީގައި އެބައިމީހުންގެ އަޅުކަމެއް އަދާކުރިކަމަށް ބުނާ ޙާދިޘާއަކީ ޞައްޙަ ޙާދިޘާއެއް ނޫން – 1