[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޝަރުޠުތަކުގެ ތެރެއިން … (5)

ހަތަރުވަނައީ: ޤިބުލަޔަށް ކުރިމަތިލުން :

ނަމާދުގެ ޝަރުޠުތަކުގެ ތެރޭގައި ޤިބުލަޔަށް ކުރިމަތިލުން ވެއެވެ. ޤިބުލަޔަކީ ކަޢުބަތު ﷲ ގެފުޅެވެ. ޤިބުލައިގެ ނަންދެވިފައިވާ ސަބަބަކީ މީސްތަކުން ކަޢުބަތު ﷲ ގެފުޅާވީ ފަރާތަށް ކުރިމަތިލާތީއެވެ. އެބަހީ ނަމާދުކުރާމީހާ އެފަރާތަށް ކުރިމަތިލާތީއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ)) البقرة: 144 މާނައީ: “ފަހެ، ޙުރުމަތްތެރިވެގެންވާ މިސްކިތާ (އެބަހީ ކަޢުބަތުﷲ ގެފުޅާ) ދިމާއަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ. އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެފަރާތައް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ.”

ކަޢުބަތު ﷲ ގެފުޅު ފެންނަ ހިސާބުކައިރީގައިވާ މީހާ، އޭނާގެ މުޅި ހަށިގަނޑު ގެފުޅަށް ކުރިމަތިކުރުން ވާޖިބުވެގެންވެއެވެ. އެއީ އެފަދަމީހަކަށް ގެފުޅަށް މުޅި ހަށިގަނޑު ކުރިމަތިކުރުމުގެ ކުޅަދާނަކަން ލިބިފައިވާކަމަށްޓަކައެވެ. އެހެން ފަރާތައް ކުރިމަތިލައިގެން ނަމާދު ޞައްޙަ ނުވާހުއްޓެވެ. ގެފުޅުކައިރީހުރެ، ނަމަވެސް ގެފުޅު ނުފެންނަކަމުގައިވާނަމަ، ގެފުޅުވީކަން އެންމެ ބޮޑަށް ޔަޤީންކުރެވޭ ދިމާލަށް، ކުޅަދާނަކަން ލިބިގެންވާވަރަކަށް ކުރިމަތިލާނީއެވެ. ގެފުޅާއި ދުރުގައި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވާ މީހުން ކުރިމަތިލާނީ ގެފުޅުވީ ފަރާތަށެވެ. ކުޑަކޮށް ކަނާތްފަރާތައް ނުވަތަ ވާތްފަރާތައް ޖެހިލެވިފައިވުމަކުން މައްސަލައެއްނެތެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ފަދައިންނެވެ. ((مَا بَينَ الْمَشْرِقِ وَالْمَغْرِبِ قِبْلَةٌ)) މާނައީ: “އިރުމަތީ ފަރާތާއި ހުޅަނގުފަރާތާ ދެމެދަކީ ޤިބުލައެވެ.” {ތިރުމިޛީ: 342، ނަސާއީ: 2243، އިބްނުމާޖާ: 1011، އިރުވާއުލް ޣަލީލު (292) ގައި ޝެއިޚް އަލްބާނީ ޞައްޙަކަމަށް ވިދާޅުވެފައިވެއެވެ.}

ޤިބުލަޔަށް ކުރިމަތިލުމަކާ ނުލައި ނަމާދު ޞައްޙަވެގެންނުވެއެވެ. އެހެނީ، އެކަލާނގެ ވަޙީކުރެއްވިއެވެ. ((وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ)) البقرة: 144 މާނައީ: “އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެފަރާތައް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ.” އެބަހީ، ބިމުގައި ނުވަތަ ޖައްވުގައި ނުވަތަ ކަނޑުގައި ނުވަތަ އިރުމަތީ ފަރާތުގައި ނުވަތަ ހުޅަނގު ފަރާތުގައި ވީނަމަވެހެވެ. ބަނދެވިފައިވާމީހާ ނުވަތަ ޞަލީބަށް އެރުވިފައިވާމީހުންފަދަ، ޤިބުލަޔަށް ކުރިމަތިލުމަށް ކުޅަދާނަކަން ލިބިގެންނުވާމީހާ މެނުވީއެވެ. އެފަދަމީހަކު ކުޅަދާންކަން ލިބިގެންވީގޮތަކަށް ނަމާދުކުރާނީއެވެ. ޤިބުލަޔަށް ކުރިމަތިނުލެވުނުނަމަވެހެވެ. އެހެނީ، ޢިލްމުވެރިންގެ އިޖުމާޢުގައި ކުޅަދާނަކަން ލިބިގެންނުވާ މީހާގެ ކިބައިން މި ޝަރުޠު އުފުލިގެންވެއެވެ. ހަނގުރާމަ ގަދަވެގެންދާޙާލުގަޔާއި، ސައިލަކުން ނުވަތަ އަލިފާނުން ނުވަތަ މިނިކާޖަނަވާރެއްގެ ކިބައިން ނުވަތަ ޢަދުއްވެއްގެ ކިބައިން ފިލަންދުވާމީހާއާއި، ބައްޔެއްގެ ސަބަބުން ޤިބުލަޔަށް ކުރިމަތިނުލެވޭ ޙާލުގައިވާމީހާގެ ކިބައިންވެސް މި ޝަރުޠު އުފުލިގެންވެއެވެ. މިއިންކޮންމެ މީހަކުވެސް ކުޅަދާންކަން ލިބިގެންވީގޮތަކަށް ނަމާދުކުރާނީއެވެ. ޤިބުލަޔަށް ކުރިމަތިނުލެވުނުކަމުގައި ވީނަމަވެސް ނަމާދު ޞައްޙަވާހުއްޓެވެ. އެހެނީ، އެފަދަމީހެއްގެ ކިބައިން ޝަރުޠު ވަނީ އުފުލިގެންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ)) التغابن: 16 މާނައީ: “ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ﷲއަށް ތިޔަބައިމީހުން ތަޤުވާވެރިވާށެވެ.” އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. ((وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ)) މާނައީ: “ތިމަންކަލޭގެފާނު ކަމަކަށް އަމުރުކުރައްވައިފިކަމުގައިވާނަމަ، ތިޔަބައިމީހުނަށް ކެރިކުޅަދާނަވީ މިންވަރަކުން އެކަންކުރާށެވެ.” (ބުޚާރީ: 7288، މުސްލިމް: 1337). އަދި ޙަދީޘްތަކުގައި ވާރިދުވެފައިވާގޮތުގައި، ޞަޙާބީން ހަނގުރާމައިގެ ތެރޭގައި ނަމާދުކުރައްވާއިރު ޤިބުލައަށް ކުރިމަތިލައްވައިގެންނާއި ކުރިމަތިނުލައްވައި ނަމާދުކުރައްވައެވެ. (ބައްލަވާ: ބުޚާރީ: 4535)

ޤިބުލަވީފަރާތް ދެނެގަންނާނެ ވަރަށް ގިނަ ގޮތްތައްވެއެވެ. އޭގެތެރޭގައި ތަކުލީފުލިބިގެންވާ ޢަދުލުވެރިޔަކު ޤިބުލަވީފަރާތް ޔަޤީންވެހުރެ ބުނެދީފިކަމުގައިވާނަމަ، އެމީހާގެ އެޚަބަރަށް ޢަމަލުކުރަންޖެހޭނެއެވެ. އަދި މުސްލިމުންގެ މިޙުރާބުގެއެއް ފެނިއްޖެނަމަ، އެމިޙުރާބުގެ ހުރި ފަރާތަކަށް ކުރިމަތިލައިގެން ނަމާދުކުރާނީއެވެ. އެހެނީ، އެފަދަ މުސްލިމުންގެ މިޙުރާބުގެއަކުން ދަލީލުކޮށްދެނީ ޤިބުލަވީ ފަރާތަށެވެ. ހަމައެފަދައިން ތަރިތަކަށް ބަލައިގެންވެސް ޤިބުލަވީ ފަރާތް ހޯދިދާނެއެވެ. الله تعالى ވަޙީކުރެއްވިއެވެ. ((وَبِالنَّجْمِ هُمْ يَهْتَدُونَ)) النحل: 16 މާނައީ: “އަދި ތަރިތަކުން އެބައިމީހުން މަގުހޯދައިގަނެތެވެ.”

(ނުނިމޭ)

 __________________________

މަރުޖިޢު:

* އަލްމުލައްޚަޞުލް ފިޤުހީ – ޞާލިޙު ބިން ފަވްޒާން އާލްފަވްޒާން. (ކުދި ބަދަލުތަކާއެކު)

 ކުރީގެ ބައިތައް